ޞާދިރު ޢަލީދީދީ   10 އޯގަސްޓު 2020 - 14:30
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 12

...............

[އަހަންނާ ދޭތެރޭ ޝެހެނާ ހިތްހަމަޖެހޭތަ؟ އަހަންނަށް ރަނގަޅަށް ބަލާފަ ބުނައްޗޭ.] މިހެން ބުނެފައި، ޒާއިޝް ޑްރައިވަރު ގާތު ކާރު އައިކޮޅަށް އަނބުރާލުމަށް ބުންޏެވެ.

[އާނ....ވަރަށް ހިތްހަމަޖެހޭ. އަހަރެން ޒާއިޝްއަށް އިންތިޒާރު ކުރާނަން.] ޝެހެނާ ޒާއިޝްގެ އަތުގައި ހިފިއެވެ. ލިބުނު އުފަލާއެކު، ޒާއިޝް ޝެހެނާ އޭނާގެ އެއްއަރިމައްޗަށް ކައިރިކޮށްލުމަށްފަހު، ކުޑަކޮށް ބައްދާލިއެވެ.

އެހިނދު ޝެހެނާ ލަދުގަނެ، ދުރަށް ޖެހިލަން މަސައްކަތް ކުރިއެވެ. މިހާރު ކާރު ޑްރައިވަރު ކާރު ދުއްވަމުން އެދަނީ އަނބުރާލާފައި ޝެހެނާގެ ގެޔަށް ދިޔުމަށްޓަކައެވެ. އެ ކާރުގެ ޑްރައިވަރަކަށް އިނީ ސިލޯނުގެ ފިރިހެނެކެވެ.

[ކިހާއިރަކު ފުރުން އޮތީ؟] ޝެހެނާ ޒާއިޝްއާ ދުރަށް ޖެހިލަމުން އެއްސެވެ. މިހާރު ޝެހެނާގެ ހިތުގައި ބިރުވެތިކަމެއް ނެތެވެ. މިހާރު ޒާއިޝް އެވަނީ އޭނާގެ އިތުބާރު ހޯދާފައެވެ.

[މިހާރު ދެން ޝެހެނާ ގެޔަށްލާފައި، މަންމަމެން ގޮވައިގެން އެއަރޕޯޓަށް ނައްޓާލަންވީ.]

ޒާއިޝްއަށް މިހެން ބުނެވުނު ވަގުތަކީ، ކާރު ޝެހެނާމެން އުޅޭ ގޭގެ ދޮރުމައްޗަށް މަޑުކުރި ވަގުތެވެ. އެވަގުތު ޒާއިޝް ކާރުގެ ކުރީ ސީޓްގައި އޮތް ރަތް ފިނިފެންމަލެއް ޝެހެނާއަށް ދިނެވެ. ވަގުތުން ޝެހެނާ އެ މާ ނޭފަތުކުރީގައި ޖައްސާލިއެވެ.

[ޝުކުރިއްޔާ ދަނީ. ނެޓުންވެސް ދިމާވާނެއެއްނު. އަނެއްކާ މިކަންތައްތައް ހުވަފެނަކަށް ނަހަދައްޗޭ.] ޝެހެނާ ކާރުން ފައިބަމުން ބުންޏެވެ.

[އަހަންނަށް އިތުބާރު ކުރޭ. އަހަރެންވާނެ ޝެހެނާއަށް ވަރަށްބޮޑު ސަޕްރައިޒަކަށް. ދެން ދަނީ. މިހާރު އެއޮއް ގަޑިޖެހެނީ.] ޒާއިޝް މިހެން ބުނުމާއެކު، ޑްރައިވަރު ކާރު ދުއްވާލިއެވެ. އުފަލާއި ހިތްހަމަޖެހުމާއެކު، ޝެހެނާ އެތެރެއަށް ވަނެވެ.

ޒާއިޝް އެބުނި ސަޕްރައިޒަކީ ކޮބައިތޯއެއް ޝެހެނާ އެއްވެސްވަރަކަށް ނުވިސްނައެވެ.

އެދުވަހުގެރޭ ޝެހެނާއަށް ހޭލާހުރެގެންވެސް ސިފަކުރެވެމުން ދަނީ ޒާއިޝްއެވެ. ނިދީގައިވެސް ހުވަފެނުގައިވެސް ހަމަ ޒާއިޝްއެވެ. ޒާއިޝްއާއެކު އޭނާ އުފާވެރި ދުނިޔެއެއްގައި އުފާކުރަމުން ދަނީއެވެ. އެދެލޯބިވެރިންނަށް އެއްވެސް ހުރަސްތަކެއް ކުރިމައްޗެއް ނުވެއެވެ.

ޝެހެނާއެކޭ އެއްފަދައިން، ޒާއިޝްވެސް އެރޭ ހޭދަކޮށްފައިވަނީ މިފަދަ ގޮތަކަށެވެ. އޭނާއަށްވެސް ފެންނަމުންދަނީ، ޝެހެނާއާއި އޭނާ އުފާވެރި ދުނިޔެއެއްގައި އުޅެމުންދާ މަންޒަރެވެ.

[ނޭނގެ ކުއްލިއަކަށް މިވީގޮތެއްވެސް. އަހަންނަށް ޒާއިޝްދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ. ޒާއިޝްގެ މިޒާޖާއެކު ހުރިހާ ސިފަތަކެއްވެސް ވަރަށް ހިތްގައިމު.]

ޖެހިގެން އައި ދުވަހު ހެނދުނު ޝެހެނާ ވާހަކަ ދެއްކީ ރަނާއާއެވެ. ރަނާގެ ގޭގައި ތިބެގެންނެވެ.

[ތިހެން ނުބުނޭ ޝެހެނާ. އަދި ޒާއިޝްގެ ހުރިހާ ސިފަތަކެއް ޝެހެނާއަކަށް ނުފެންނާނެ.] ރަނާ ވަރަށް ބޮޑަށް ވިސްނާލުމަށްފަހު، ޝެހެނާގެ ގައިގައި ކޮއްޓާލަމުން ބުންޏެވެ.

[ތިބުނީ؟ ކޮން ސިފަތަކެއްގެ ވާހަކަތަ؟] ޝެހެނާ ހިސާބަކަށް ޙައިރާންވެފައި އިނދެ އެއްސެވެ.

[ނޭނގޭނެ. އަހަންނަށްވުރެ ޢުމުރުން ދޮށްޓަސް، ޝެހެނާމެންގެ ސިކުނޑި އަދި ވަރަށް ޅަވާނެ. ކައިވެންޏަށްފަހު ފެންނާނޭ ސިފަތައްވެސް ހުންނާނެ.] މިހެން ބުނެފައި، ރަނާ ނިކަން ބާރަށް ހީގެންފިއެވެ. ރަނާއާ ބައިވެރިވެ ޝެހެނާވެސް ހުނެވެ.

[ތިބުނީ ރަނގަޅު ވާހަކައެއް....އަދި އަހަންނަށް ޒާއިޝް މުޅިންވެސް ފެނިފައި ވަނީ އިށީނދެގެން އިންނަތަން. ފުރަތަމަ ދުވަހު ސައިކަލެއްގެ ފަހަތުގައި. ދެވަނަ ދުވަހު ކާރެއްގެ ފަހަތު ސީޓްގައި. އެކަމަކުވެސް އަހަންނަށް މިހާރު ޒާއިޝްދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ.] ޝެހެނާ ބުންޏެވެ.

[މެލޭޝިޔާއަށް ދިޔަފަހުން ގުޅިތަ؟] ރަނާ އެއްސެވެ.

[ގުޅިހޭ! ކިތައްފަހަރު. އޭނަވެސް ބުނޭ ވަރަށް ބޮޑަށް ލޯބިވެޔޭ. މިއީ އޭނާގެ ފަހު އަހަރު. އޭނާ ބުނި، ނިމިގެން އައިސް ކައިވެނި ކުރާނެ ވާހަކަ.] އުފާވެފައި އިނދެމެ، ޝެހެނާ ބުންޏެވެ.

[ކޯއްޗެއްތަ އޭނަ ހަދަނީ؟] ރަނާ އެއްސެވެ.

[މެޑިސިން......ބުނި ދެއަހަރެއްހާ ދުވަސް ފަހުން [ސްޕެޝަލައިޒް] ވާން ފުރާނަމޭ.] ޝެހެނާ ބުންޏެވެ.

[ރަނގަޅުތާ، އަހަރެންގެ ފެމިލީ ޑޮކްޓަރެއް ލިބެނީތާ. އަހަރެން ވަރަށް އުފާވެއްޖެ، ޝެހެނާއަށް ރަނގަޅު ގޮތެއް ފެނުނީތީ.] ރަނާ ބުންޏެވެ.

[އެކަމަކު ރަނާ....އަދިވެސް އޭނާ، އޭނާގެ ޢާއިލާއާބެހޭ އެއްވެސް ވާހަކައެއް އަހަންނަކަށް ކިޔައެއްނުދޭ.]

ތެދެކެވެ. ޝެހެނާ މިހާރު ޒާއިޝްގެ ޢާއިލާއާ ބެހޭގޮތުން ވަރަށްގިނަ ސުވާލުކޮށްފިއެވެ. ނަމަވެސް، ޒާއިޝް ބުނެފައިވަނީ، އޭނާ އެހުރިހާ ސުވާލުތަކަށް އެއްފަހަރާ ޖަވާބުދޭނެ ކަމަށާއި، ޝެހެނާއަށް އެއްވެސް ކަމެއް ފޮރުވަން އޭނާ ބޭނުންނުވާ ކަމަށެވެ. އެހެން ނަމަވެސް، އޭނާ އޭގެ އެއްވެސް ސުވާލަކަށް ޖަވާބުނުދީގެން އުޅެނީ ކީއްވެގެންތޯއެއް ޝެހެނާ ނުވިސްނައެވެ.

ވެދާނެއެވެ. އޭނާއަށް މާބޮޑަށް ޒާއިޝްއަށް އިތުބާރު ކުރެވެނީއެވެ. އެހެން ނަމަވެސް، އެންމެ ފެނިލުމަކުން މީހަކުދެކެ ލޯބިވެދާނެކަން ޤަބޫލު ކުރެވުނަސް، އިތުބާރު އުފެދެންޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

[ރަނާ....އަހަންނަށް އިތުބާރު ކުރަންތަ؟] އަމަރް ބޭރުން އައިސް ވަދެ، އެނދުގައި އޮށޯވެލަމުން ރަނާއާ ވާހަކަ ދެއްކިއެވެ. ކުއްލިއަކަށް އަމަރް އިތުބާރުގެ ވާހަކަ ދެއްކީމާ، ރަނާއަށް ބޮޑު ސިހުމެއް ލިބުނެވެ.

[ކީއްވެ ކުއްލިއަކަށް ތިސުވާލުކުރީ!؟] ރަނާ ޙައިރާންވާފަދަ ގޮތަކަށް އެއްސެވެ.

[އަނެއްކާ ކުއްލިއަކަށް ޖަވާބުދޭން ނޭނގޭ ސުވާލެއްތަ މިކުރެވުނީ؟ މައްސަލައެއްނެތޭ ވިސްނާފައި ޖަވާބުދިނަސް.] މިހެން ބުނެފައި، އަމަރް ހީގަތެވެ.

[ދައްކާ ވާހަކަދޯ! އަހަރެން އިތުބާރު ނުކުރާނަމަ އަމަރާ އިންނާނެތަ؟] ރަނާ އެނދުން ތެދުވިއެވެ.

[މާނައަކީ އިތުބާރު ކުރަމޭދޯ.]

[އާނ ވަރަށް ބޮޑަށް އިތުބާރު ކުރަން.] ރަނާ އަމަރްގެ މޭގައި ބޯއަޅާލުމަށްފަހު އެނދުގައި އޮށޯވެލިއެވެ.

[ދެން ބުނެބަލަ! ކުއްލިއަކަށް އިތުބާރުގެ ވާހަކަ ދެއްކީ ކީއްވެގެންތަ؟] ރަނާ އެހިއެވެ.

[ކުރިން އަހާނުލެވި އޮތް ވާހަކައެއްވީމާ އަހާލީ. ދެން ތިވާހަކަ ހުއްޓާލަބަލަ. މިހާރު ބަނޑަކަށް އުނދަގުލެއް ނުވޭތަ؟] އަމަރް ނިކަން ލޯބިން ރަނާގެ ބަނޑުގައި އަތް ކާއްތާލިއެވެ.

[އާނ....މިހާރު މާބޮޑަށް އުނދަގުލެއްނުވޭ. އެކަމަކު ރޭގަނޑު ނިދަން އޮށޯތީމާ، ބައެއްފަހަރު ހީވޭ، ދަރިފުޅު ނުކުންނަން އުޅޭހެންވެސް. އަދި ދުވަސް ފުރުނީމަ، މާބޮޑަށް އުނދަގޫވާނެކަންނޭނގެ.] ރަނާ ބުންޏެވެ.

[ހުރިހާވެސް މައްސަލައަކީ، މާ ޅަޢުމުރުގައި ރަނާ ކުއްޖަކު ހޯދަން ބޭނުންވުން. އަޞްލު ކުއްޖަކު ވިހާ ޢުމުރަށްވުރެން އަދި ރަނާ މާ ޅަ. އެކަމަކު ދެން ކުރާނޭ ކަމެއް ނެތް.] އަމަރް ބުންޏެވެ. ހިތަށްއަރައެވެ. އަމަރް ކުއްޖަކު ބޭނުންނުވެގެން އުޅެނީ ކީއްވެބާއެވެ. އަނެއްކާ އަމަރް ރަނާއަށް ކަމެއް ސިއްރުކުރަނީބާއެވެ.

ކަންތައްތަކެއް ސިއްރުކުރި ކަމުގައިވިޔަސް، ކޮންމެވެސް ދުވަހަކުން ސިއްރުތައް ހާމަވާނޭކަމީ ޔަޤީން ކަމެކެވެ. ދުނިޔެ ޢުމުރަކަށް އެއްވެސް މީހަކަށް ސިއްރުތައް ސިއްރުގެ ގޮތުގައި ރައްކާ ކުރެވުމަކީ ވަރަށްނުވާ ކަމެކެވެ. ކޮންމެވެސް އެއްގޮތަކުން އެނގޭނެއެވެ. ހީވެއެވެ. އަމަރް ކުއްޖަކު ބޭނުންނުވެގެން އުޅެނީ، އޭނާގެ އުފާވެރި ދިރިއުޅުމަށް އެކުއްޖެއްގެ ސަބަބުން ހިޔަނިއެޅި، އަނދިރިކަން ވެރިވެދާނެތީއެވެ. އޭނާ ޤަބޫލު ކުރެއެވެ. ރަނާ އޭނާއަށް ކުއްޖަކު ވިހެއުމަކީ ރައްކާތެރި ގޮތެއް ނޫނެވެ.

އެހެން ނަމަވެސް، މިހާރު އޭނާވަނީ ހުރިހާ ގޮތަކަށްވެސް ވިސްނާފައެވެ. އޭނާގެ އުފާވެރި ދިރިއުޅުމަށް އެއްވެސް ދިމާއަކުން ހިޔަނި އެޅޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ ކިބައިގައި ހުރިހާ ގޮތަކުންވެސް ތަނަވަސްކަމާއި ބާރު ހުރިކަމަށް އޭނާ ޤަބޫލު ކުރެއެވެ. އޭނާގެ ދިރިއުޅުމަށް ކިރިޔާވެސް އަސަރެއް ކޮށްފާނެހެން ހީވެއްޖެނަމަ، އޭނާ ވަގުތުން އޭނާއަށް ލިބިފައިވާ ބާރުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރާނެ ކަމަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވެއެވެ. އެހެން ނަމަވެސް، އެއީ އޭނާ ރަނާދެކެ ލޯބި ނުވާތީއެއް ނޫނެވެ. އޭނާ ރަނާދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އޭނާއަށްވުރެން ބޮޑަށް ލޯބި ދަންނަ މީހަކުވެސް، ލޯބިދޭން ދަންނަ މީހަކުވެސް ނުހުންނާނެއެވެ. އޭނާ ބުނާގޮތުގައި، އޭނާއަށް ރަނާ ކާމިޔާބު ކުރެވުނީ، އޭނާ ރަނާދެކެވީ ތެދުވެރި ލޯބީގެ ސަބަބުންނެވެ.

ތެދެކެވެ. އަމަރް ރަނާދެކެވީ ތެދުވެރި ލޯތްބެކެވެ. އެކަމަކު އެލޯބީގެ އުފާ ޢަމަރަށް ޙާޞިލްވެއްޖެބާއެވެ. ޙަޤީޤަތުގައިވެސް އަމަރަކީ ނަމޫނާ ލޯބިވެރިއެކެވެ.

[އަޞްލު ޙަޤީޤަތުގައި އަހަރެން މުޅި ދުނިޔޭގެ ނަމޫނާ ލޯބިވެރިންގެ ލިސްޓްގައިވެސް ހިމެނެންވާނެ. ޙަޤީޤަތުގައި އަހަރެން ރަނާގެ ލޯބި ޙާޞިލް ކުރަން ހާދަ މަސައްކަތެއް، ފުރާނައެއް ދުއްވާލައިފީމޭ.] އަމަރް ފަޚުރުވެރިވެފައި ވާހަކަ ދެއްކީ، އޭނާގެ އެކުވެރި ޒަފަރްއާއެވެ.

[ފުރާނައެއް ދުއްވާލައިފީމޭ. އަނެއްކާ ލޯބި ޙާޞިލް ކުރަން ރަނާގެ ލޯބިވެރިޔާ މަރާލީތަ!؟] ޒަފަރް ޙައިރާންވެފައި އެއްސެވެ.

[ފުރާނަ ދިޔުންތާ، އޭނަ އަދިވެސް އެހުންނަނީ ރަނާގެ އިންތިޒާރުގައި. ހީވާކަހަލަ އޭނާގެ އެއްވެސް ދިރުމެއްނެތޭ.] އަމަރް ބުންޏެވެ.

[ތިދޯ ތިކިޔާ އެއްޗަކީ. ފުރާނަ ދުއްވާލީމޭ ބުނީމާ، ވަރަށް ބިރުގަތް. ކުއްޖަކު ލިބޭތީ ވަރަށް އުފަލުންދޯ ތި ހުންނަނީ....މިހާރު ނިޔާޒްބެވެސް ހުންނަނީ ވަރަށް އުފާވެފައި.] ޒަފަރް ބުނެލިއެވެ.

[ދެން އަލަށް ކުއްޖަކު ލިބޭއިރު، އެންމެންވެސް އުފާވާނޭތާ. ޙަޤީޤަތުގައި އަހަރެން އެހާވަރަކަށް އުފަލެއްނުވޭ. ކުއްޖަކު މިހޯދަނީ ސީދާ އަހަރެން ބޭނުންވެގެނެއް ނޫން. ރަނާއާއި ދެފަރާތުގެ ޢާއިލާއިން މާބޮޑަށް ކުއްޖަކު ބޭނުންވެގެން އުޅޭތީ. ދެން ލިބުނީމާ އަހަންނަށްވެސް ރަނގަޅުތާ.] އަމަރް މިހެން ބުނެފައި ގެޔަށް ދިޔުމަށްޓަކައި ނުކުތެވެ.

[ދެން މައްސަލައެއްނެތްތާ، މިހާރު އަމަރަކީވެސް ޅަކުއްޖެއް ނޫނެއްނު.] ޒަފަރްވެސް އަމަރާއެކު އޮފީހުން ނުކުތެވެ.

މި އާދައިގައި ދުވަސްތައް ފާއިތުވަމުން ގޮސް ރަނާގެ ބަނޑަށް ހަތްމަސް ފުރިއްޖެއެވެ. މިހާރު ކުރިޔާ ޚިލާފަށް ރަނާގެ ބަނޑަށް މާބޮޑަށްވެސް އުނދަގޫވަމުންދެއެވެ. މިހާރު ކޮންމެ ދެދުވަހުން އެއްދުވަހު ރަނާ ހޮސްޕިޓަލަށްވެސް ގެންދަންޖެހެއެވެ. ނަމަވެސް، ކޮންމެ ފަހަރަކުވެސް ޑޮކްޓަރު ބުނަނީ، އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ބަނޑުގައިވާ ދަރިފުޅުގެ ޞިއްޙަތުވެސް ވަރަށް ރަނގަޅު ކަމަށެވެ. ތަކުރާރުކޮށް ޑޮކްޓަރަށް ދެއްކީމާވެސް، މައްސަލައެއް ނެތް ކަމަށް ބުނާތީ، އެންމެފަހުން އަމަރް ޤަޞްދުކުރީ ދެން ކިތަންމެ އުނދަގޫވެޔޭ ރަނާ ބުނި ކަމުގައިވިޔަސް، ރަނާ ޑޮކްޓަރަށް ނުދެއްކުމަށެވެ.

[މީގެފަހުން ރަނާ ކިތަންމެ އުނދަގޫވެޔޭ ބުންޏަސް، އަހަރެން ރަނާ ހޮސްޕިޓަލަކަށް ނުގެންދާނަން.] އަމަރަށް މިހެން ބުނެވުނު ވަގުތަކީ، ކުރިއަށްވުރެންވެސް މާބޮޑަށް ރަނާގެ ބަނޑަށް އުނދަގޫވާން ފެށި ވަގުތެކެވެ.

[އައްދިއްޔޯއި.....އަމަރް....އަހަރެންގެ ބަނޑުގައި އަތް ޖައްސާލަބަލަ.] ބާރަށް ހަޅޭއްލަވައިގަނެވުމާއެކު، ރަނާ އަމަރްގެ އަތުގައި ހިފެހެއްޓިއެވެ. އަމަރް ވަގުތުން ރަނާގެ ބަނޑުގައި މަޑުމަޑުން އަތް ކާއްތަން ފެށިއެވެ. އެއާއެކު، ރަނާގެ ބަނޑަށް ލުއިވެގެންދިޔައެވެ. ވަގުތުން ތަދުވެސް ކެނޑުނުފަދައެވެ.

[މިހާރުވެސް ވޭން އަޅާތަ؟] ރަނާގެ ބަނޑުގައި އަތް ކާއްތަމުން އަމަރް އެއްސެވެ.

[ނޫން...މިހާރު އެއްވެސް ރިހުމެއްނެތް. އަމަރް އަތް ޖައްސާލީމާ، ދަރިފުޅު ބަސްއަހައިގެން ނިދައިފިހެން ހީވަނީ. ކުރިން ހީވީ ބަނޑުގައި ވިކަމުންދާހެން.] ރަނާ ބުންޏެވެ. ޙަޤީޤަތުގައި އަމަރް އަތްލުމާއެކު، ކުއްލިއަކަށް ބަނޑަށް ލުއިވެގެން ދިޔުމުން، ރަނާ ވަރަށް ބޮޑަށް ޙައިރާންވިއެވެ.

ޖެހިގެން އައި ދުވަހު ޝެހެނާ އައީމާ، ހީހީފައި ރަނާ އެވާހަކަ ކިޔައިދިނެވެ.

[ތިޔައީ ހާދަ ބައްޕަގެ ބަސްއަހާ ކުއްޖެކޭދޯ؟ ވެދާނެއެއްނު، އަމަރަކީ ތަފާތު ބާރެއްހުރި މީހަކަށްވެސް.] ޝެހެނާ ހީގަންނަމުން ސަމާސާ ކުރިއެވެ.

[އައްދޭ ތިކަހަލަ ވާހަކަ ދައްކާކަށްވެސް ނުވާނެ. އިންސާނުންނަށް އެކަހަލަ ބާރު ލިބޭތަ؟] ރަނާ އަމިއްލައަށް ބަނޑުގައި އަތް ކާއްތާލިއެވެ.

[ވެދާނެއެއްނު، އަމަރަކީ ރޫޙާނީ ބާރު ލިބިފައިވާ މީހަކަށްވެސް.] މިފަހަރު ޝެހެނާ އެހެން ބުނީ ރަނާ ބިރުގަންނަވާށެވެ. އެއީ އަމަރް ގެޔަށް އައިސް ވަން ވަގުތުވެސްމެއެވެ. އޭނާއަށް ރަނގަޅަށް ޝެހެނާގެ ވާހަކަ އަޑުއިވުނުވެސްމެއެވެ.

[ހަމަ ރަނގަޅަށް ތިޔަބުނީ. އަހަންނަކީ ރޫޙާނީ ބާރު ލިބިފައިވާ މީހެއް. ބުނެބަލަ، ކާކުގެ ސިފައަކަށްތަ، އަހަރެން ބަދަލުވާންވީ. ބޭނުމިއްޔާ ޝެހެނާގެ ސިފައަށްވެސް ބަދަލުވެދާނަން.] އަމަރް ސަމާސާއަކަށް ހަދައިގެން ބުންޏެވެ.

[އާނ އެބަދަލުވީ. މީހަކު ހަމަ މަޖަލަކަށް އެއްޗެކޭ ބުނާއިރަށްވެސް ހާދަ ހެދެޔޭ. ޖާދޫގަރުންނަކަށްވެސް، އެހެން މީހުންގެ ސިފައަކަށް ބަދަލެއްނުވެވޭ.] ޝެހެނާ އަމަރާ ދިމާކުރިއެވެ. ޝެހެނާއާ އެއްބައިވެ، ރަނާވެސް އަމަރާ ދިމާކުރިއެވެ.

[އަހަރެން އަތްލީމާ، މިހާރު އެއްވެސް އުނދަގުލެއް ނުވެއެއްނު. އަޞްލު ފޮންޏެއް ނޫން މިއީކީ....އަހަރެންގެ ތަފާތު ޤަބޫލުކުރަންޖެހޭނެ.] އަނެއްކާވެސް އަމަރް ބޮޑާވެލިއެވެ.

މިހާރު ރަނާ އެއްވެސްވަރަކަށް އޭނާގެ އެންމެ ފުރަތަމަ ލޯބިވެރިޔާއާމެދު ނުވިސްނި ކަމުގައިވިޔަސް، އެ ލޯބިވެރިޔާ އާދެ! ވާސިލް އަދިވެސް ހުރީ ރަނާގެ އިންތިޒާރުގައެވެ. ތަކުރާރުކޮށް ވާސިލްގެ ޢާއިލާއިން ކައިވެންޏެއް ކުރުމަށް އިރުޝާދު ދިން ނަމަވެސް، އޭނާގެ ވިސްނުން ބަދަލެއްނުވެއެވެ. އެހެން ނަމަވެސް، ވާސިލް، އޭނާގެ މަންމަމެން ގާތު މިހާރަކު އޭނާ ރަނާއަށް އިންތިޒާރުކުރާ ވާހަކައެއް ނުބުނެއެވެ. އެހެން ނަމަވެސް، އޭނާގެ ރިޒޯޓްގެ ރައްޓެހިންނަށް މާރަނގަޅަށްވެސް އޭނާގެ ޙާލަތު އެނގެއެވެ.

ބައެއް ރައްޓެހިން އޭނާއަށް ވިސްނައިދޭންވެސް މަސައްކަތް ކުރެއެވެ. އަދި އޭނާގެ ލޯބި ބޭކާރުކޮށް ދޫކޮށްލީވެސް ރަނާ ކަމުގައި ބުނެއެވެ.

[ކިހިނެއްތަ އަހަރެން ރަނާގެ ހަނދާންތަކާ ދުރަށްދާނީ....ތަޤްދީރު ކަލެޔަށް އެނގޭތަ؟ އަދިވެސް އަހަރެންގެ ހިތް ބުނެޔޭ، ރަނާ އަހަންނަށް ކާމިޔާބު ކުރެވޭނޭ. އަހަރެން ބޭނުންވަނީ ރަނާ ބޭނުންވެއްޖެ ޙާލަތެއްގައި، ރަނާގެ ޙަޔާތަށް ދެވޭގޮތަށް ހުހަށް ހުންނަން.] ކިތަންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް، އޭނާގެ ޚިޔާލު އަދި ބަދަލެއްނުވެއެވެ.

[އަހަރެން ހަމަ ޢަޖައިބުވެއްޖެ. ކަލެޔަށް ތިނޫން އަންހެނަކު މިދުނިޔެއިންވެސް ނުފެނުނީތަ؟ އަހަރެން މިހާރު ކަލެޔަށް ކިޔަން ބޭނުންވަނީ ލޯތްބަށްޓަކައި ސައިކޯވެފައިވާ މީހެކޭ. މިހާރު އެބަޖެހޭ ކައުންސެލިންގ ހޯދަން.] ޤާދިރުގެ ގާތަށް ރުޅިއައެވެ. ކުރިން ވާސިލް ރަނާއޭ ކިޔާފައި ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވިޔަސް، ޤާދިރު ރުޅިއެއް ނާދެއެވެ.

[ހެވޭ ސައިކޯއޭ ކިޔަސް. ރަނާގެ ލޯތްބަށްޓަކައި، އަހަންނަށް ކޮންމެފަދަ ނަމެއްކިޔަސް ފަރުވާލެއްނެތް. އަހަންނަށް އެނގޭހާވެސް ކަމަކީ....އަހަންނަށް އެހެން މީހަކުދެކެ ލޯބިނުވެވޭނެކަން.] ވާސިލް މިހެން ބުނެފައި، ސްޓާފް އޭރިޔާއިން ނުކުމެގެން ހިނގައިގެންފިއެވެ.

ރައްޓެހިން ނަޞޭޙަތްދޭން ފެށީމާ، އަބަދުވެސް އޭނާ ކަންތައްކުރާ ގޮތަކީ އެއީއެވެ.

އޭނާ ފަހަކަށްއައިސް، ދޭތެރެ ދޭތެރެއިން ރަނާއަށް ގުޅައެވެ. ނަމަވެސް، ރަނާގެ އަޑު ކަންފަތުގައި ޖެހުމާއެކު، އޭނާ ފޯނު ބާއްވާލައެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ ހަމައެކަނި ރަނާގެ އަޑު ކަންފަތުގައި ޖައްސާލާށެވެ. އެވަރުންވެސް އޭނާއަށް ހިތްހަމަޖެހުން ލިބެނީކަންނޭނގެއެވެ.

[މިހާރުވެސް ވާސިލް ގުޅާ. އެކަމަކު ދުވަހަކުވެސް އޭނާ ވާހަކައެއް ނުދައްކާ. އަހަރެން ހަލޯ ކިޔާއިރަށް ފޯނު ކަނޑާލާ....] ރަނާއާއި ޝެހެނާ ވާހަކަ ދައްކަން ތިބީ ރަނާމެންގޭގެ ސިޓިންގރޫމްގައެވެ.

[އަހަންނަށް ހީވަނީ ރަނާއަށް މާ ނަޞީބުވެރި ގޮތެއްހެން މިދިމާވީ. އަމަރަކީ މާލޭގެ ގެދޮރު ހުރި ބޮޑު މުއްސަންޖެއް. މީގެއިތުރުން، އޭނާ ރަނާދެކެ އިންތިހާއަށް ލޯބިވޭ.] ރަނާގެ އުފާވެރި ދިރިއުޅުމަށް އިޝާރާތްކޮށްފައި ޝެހެނާ ބުންޏެވެ.

[އަހަންނަކަށް ނޭނގެ ވީގޮތެއްވެސް، އަމަރްގެ ކައިވެންޏާއެކު، އަހަރެންގެ ހަނދާނުން އެކަށްހެން ވާސިލް ފިލައިގެން ހިނގައްޖެ ކަހަލަ.] ރަނާ ބުންޏެވެ. ޚުދު ރަނާވެސް ހުންނަނީ ޢަޖައިބުވެފައެވެ. އޭނާއަށް ވާސިލްގެ ހަނދާންތަކާ ދުރަށް ދެވުނީ، އޭނާ އުއްމީދުވެސް ނުކުރާފަދަ ގޮތަކަށެވެ.

[އަހަރެންވެސް ވަރަށް ޙައިރާންވޭ. ރަނާ އެހާވަރަށް ލޯބިވީ ބައިވެރިއެއްގެ ހަނދާންތަކާ ދުރަށް ދިޔައިމާ.] ޝެހެނާ ބުންޏެވެ.

[އަހަރެން ފަންޑިތަ ހެއްދީ. މިހާރު ރަނާ ހިތުން އޭނާގެ ހަނދާންތައް އެކަށްހެންވާނީ ފިލައިގެން ގޮސްފައި.] ވާހަކައާ ގުޅުވައިގެން ބުންޏެވެ. ކުއްލިއަކަށް އަމަރް އައިސް ވަނީމާ، ރަނާއަށް ވަރަށްބޮޑު ސިހުމެއް ލިބުނެވެ.

[އަހަރެމެން ދައްކާ ވާހަކަ އަޑުއަހަން ފިލައިގެންދޯ ތިހުރީ؟] ކުއްލިއަކަށް އަމަރް އައިސްވަނީމާ، ރަނާ ބުނެލިއެވެ.

[އަހަރެން ނެތަސް، ރަނާމެން ދައްކާ ވާހަކަ އަހަންނަށް އަޑުއިވޭ.] މިހެން ބުނެފައި އަމަރް ހީގެންފިއެވެ.

މިހާރު ވާސިލްގެ މައިންބަފައިންނާއި ޢާއިލާގެ އެންމެން ވަނީ އެހެން ކުއްޖަކާ ކައިވެނި ކުރުމަށް އެދި އެތައް ނަޞޭޙަތެއް ވާސިލަށް ދީފައެވެ. ނަމަވެސް އަދިވެސް ވާސިލް ރަނާ ނޫން އަންހެން ކުއްޖަކާމެދު ވިސްނާކަށް ބޭނުމެއް ނޫނެވެ. ވާސިލްގެ ޢާއިލާއިން މިހާރު އޭނާގެ ކައިވެންޏަށް، އެ ޢާއިލާގެ ގާތް ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާ ދަނީ މަޝްވަރާ ކުރަމުންނެވެ.

އެއީ ވާސިލްގެ މަންމަގެ ވަރަށް ގާތް ރައްޓެއްސެއް ކަމުގައިވާ ނާދިޔާގެ ދަރިފުޅު ނަޝާއެވެ. ނަޝާއަކީވެސް ވަރަށް ފުރިހަމަ ސިފަތަކެއް ލިބިފައިވާ ޖާދުވީ އަންހެން ކުއްޖެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން