ށ. މިލަންދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ މަގުތަކުގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ކޮންޓްރެކްޓު އުސޫލުން މިލަންދޫ މަގުހެދުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް އާރުޑީސީ އާއި ހަވާލުކޮށްފައިވަނީ 12 މަރިޗު 2020 ގައެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 6.3 ކިލޯމީޓަރ ސަރަހައްދުގެ 9 މަގަކާއި 3 ގޯޅިއެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.

އާރުޑީސީން ބުނީ މިމަޝްރޫޢުގެ ދަށުން މަގުތަކުގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާކަމަށެވެ. އަދި ކާރބް ސްޓޯން ޖެހުމާއި ދުވާރުގެ މަސައްކަތްތަކުގެ 98 އިންސައްތަ ނިމިފައިވާކަމަށެވެ. މިމަޝްރޫޢުގެ ދަށުން މަގު ބައްތި ޖެހުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، އެންމެ ގޯޅިއެއްފިޔަވައި ތާރު އެޅުމުގެ މަސައްކަތްތައްވެސް މިހާރު ނިމިފައިވާކަމަށް އާރުޑީސީން ހާމަކޮށްފައިވެއެވެ. އަދި މިހާރު ކުރިއަށްދަނީ ސްޕީޑް ބްރޭކަރތައް ހެދުމާއި މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްތައްކަމަށް އާރުޑީސީން ބުނެއެވެ.

އަދި މިހާރު ކުރިއަށްދަނީ ފިނިޝިންގ ގެ މަސައްކަތްކަމަށް އާރުޑީސީން ހާމަކޮށްފައިވެއެވެ.

މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނު ދުވަހަކީ ދުނިޔެއަށް ކުރިމަތި އާލަމީ ވަބާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރި ދުވަސްކަމުން، ށ. މިލަންދޫ ހިމެނޭހެން އާރުޑީސީން ހިންގަމުން އައި މަޝްރޫޢުތައް މަޑުޖައްސާލަން މަޖުބޫރުވެގެންދިޔައެވެ. އަދި ކޮވިޑާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވި ގޮންޖެހުންތަކާއެކު މަޝްރޫޢުތައް ހިންގުމަށް ރަށްރަށަށް ދަތުރު ކުރުން ހުއްޓާލަން މަޖުބޫރުވެ، ރަށްރަށަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުމުގެ އިތުރުން، މަޝްރޫޢުތަކަށް ބޭރުން ގެންނަ އެކިހަލަ ސާމާނާ ވަސީލަތްތައް ރާއްޖެ ނުގެނެވި ލަސްވެގެންދިޔައެވެ. ނަމަވެސް މިހާރު މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަގަކީ 156,477,632.23 ދިވެހި ރުފިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން