ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް-
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް-
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ފަސޭހައިން އަދި ރައްކާތެރިކަމާއެކު އެ ގައުމަށް ފައިސާ ފޮނުވޭނެ ރަސްމީ ނިޒާމެއް ގާއިމުކުރުމަށްޓަކައި، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު، ރާއްޖޭގައި ހިންގާ ބޭރުގެ ތިން ބޭންކެއްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރަށްވައިފިއެވެ.

ބަންގްލަދޭޝް ހައިކޮމިޝަނުން ބުނީ މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، ސްރީލަންކާގެ ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި ޕާކިސްތާނުގެ ހަބީބް ބޭންކުގެ އިސްވެރިންނާއެކުގައި ކަމަށެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖޭގައި މިހާރު އޮތް ބޭރު ފައިސާގެ ތާށިކަމާއި، ފައިސާ ފޮނުވުމުގެ ނިޒާމުތަކާއި، ބޭންކިން ޗެނަލްތަކުގެ އިތުރުން އެހެން ގައުމުތަކުގެ މަސައްކަތްތެރިންނަށް ފައިސާ ފޮނުވުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށެވެ. ރާއްޖޭގައި ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިކަން އުޅޭކަން ވޯލްޑް ބޭންކުން ވެސް ފާހަގަކޮށްފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދަނީ ކޮމާޝަލް ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.

ހަމައެއާއެކު ހައިކޮމިޝަނުން ބުނެފައިވަނީ، ޑޮލަރުގެ ދަތިކަމާ ހުރެ އިންޑިއާ މީހުންނަށް ކުރިން 700 ޑޮލަރާ ހަމައަށް ފައިސާ ފޮނުވުމުގެ ފުރުސަތު އޮތް ނަމަވެސް، މިހާރު ފޮނުވެނީ ގާތްގަނޑަކަށް 150 ޑޮލަރު ކަމަށެވެ. އަދި ހަބީބް ބޭންކުން ޕާކިސްތާނު މީހުންނަށް ކުރިން 1،000 ޑޮލަރު ފޮނުވުނު ނަމަވެސް، އެ އަދަދު މިހާރު 300 ޑޮލަރަށް ވަނީ ދަށްކޮށްފައެވެ. ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރަށް ކުޑަކުރުން އެކަށީގެންވާ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ. މީގެއިތުރުން، ބޭންކް އޮފް ސިލޯނުން ފާހަގަކުރި ގޮތުގައި ޑޮލަރުގެ ތާށިކަމާ ހުރެ ދިވެހި ރުފިޔާއިން ލަންކާ ރުޕީސްއަށް ފައިސާ ފޮނުވުމަށްޓަކައި އާ އެކައުންޓުތައް ހުޅުވުމުގައި ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ.

އޭގެ އިތުރުން ރާއްޖޭގައި ގާތްގަނޑަކަށް ލައްކައަކަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން އުޅޭއިރު، ބަންގްލަދޭޝް މީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ މީހުން އަދާކުރާ ވަޒީފާތަކުގެ ބާވަތް ކަމަށް ހައިކޮމިޝަނުން ފާހަގަ ކޮށްފައިވެއެވެ. އިންޑިއާ، ލަންކާ އަދި ޕާކިސްތާނުގެ ގިނަ މީހުންނަކީ ޕްރޮފެޝަނަލް ވަޒީފާތަކުގައި އުޅޭ، ޑޮލަރުން މުސާރަ ލިބޭ މީހުން ކަމަށް ވިޔަސް، ބަންގްލަދޭޝްގެ ގިނަ މީހުންނަކީ އާދައިގެ ވަޒީފާތަކުގައި އުޅޭ އަދި ދިވެހި ރުފިޔާއިން މުސާރަ ލިބޭ މީހުންނެވެ. އެހެންކަމުން، ރުފިޔާ ޑޮލަރަށް މާރުކޮށްގެން ގައުމަށް ފައިސާ ފޮނުވުމަށް އޮންނަ ޑިމާންޑު އެ މީހުންގެ މެދުގައި މާ ބޮޑެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ބަންގްލަދޭޝް މީހުންނަށް ޚާއްސަ އިމްތިޔާޒުތަކެއް ދިނުމުގެ ބަދަލުގައި، މިހާރު ހުރި ބޭންކިން ނިޒާމުގެ ތެރެއިން މަހަކު 50 ޑޮލަރާއި 100 ޑޮލަރާ ދެމެދުގެ ކުދި އަދަދުތައް ރަސްމީކޮށް ފޮނުވޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ބެލުމަށް ބަންގްލަދޭޝް ހައިކޮމިޝަނަރު ވަނީ ބޭންކުތަކުގައި އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި ދިވެހި ސަރުކާރުން މިހާރު ގެންދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ކަޅު ބާޒާރުގައި ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރާ މީހުން އަތުލައިގަނެ ހައްޔަރުކުރުން ހިމެނޭއިރު، އެގޮތަށް އަތުލައިގަންނަ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ބަންގްލަދޭޝް މީހުން ހިމެނޭކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް