ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާއިރު، އެއްވެސް މުވައްޒަފަކަށް މިހާރު ލިބެމުންދާ މުސާރަ ކުޑަވެގެން ނުދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން ސިއްޙީ ދާއިރާގެ މުވައްޒަފަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޕޭ ފްރޭމްވޯކް ތަންފީޒުކުރުމުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ އެއްޗެއް ކުރިއަށްވުރެ ބޮޑުކޮށްދިނުން ކަމަށާއި، މިފަދަ މައްސަލަތައް ކުރިމަތިވެފައިވާ ހުރިހާ މުވައްޒަފުންނަށް އެކަމުގެ ހައްލު ހޯދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" އަޅުގަނޑު ބޭނުން ހަމަ ހުރިހާ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ އެއްޗެއް ކުރިއަށްވުރެ ބޮޑުވާން، އެއީ އޭގެ މަޤްސަދަކީ ވެސް ވަަޢުދުވީ ގޮތަކީ ވެސް އެހެންވީމާ އެގޮތަށް ހައްލުނުވެ ތިބި ހުރިހާ އެންމެންނަށް އެމައްސަލަ ހައްލުކުރަން ފިނޭސް މިނިސްޓްރީ އަދި ޕޭ ކޮމިޝަންގައި އަދިވެސް ދަންނަވައިގެން އިރާދަކުރެއްވިއްޔާ އެކަން ހައްލުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ސީދާ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް ކުރިއަށް ގެންދަވާ މި ސިލްސިލާ ޕްރޮގްރާމްގައި، އިތުރު ދާއިރާތަކާއި އިންތިޚާބީ ބައެއް ދާއިރާތަކުގެ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު