ޑިޕްރެޝަން ތަހަމަލްކުރަމުންދާ އުމުރުން ދުވަސްވީ މީހެއް
ޑިޕްރެޝަން ތަހަމަލްކުރަމުންދާ އުމުރުން ދުވަސްވީ މީހެއް
ވަކި އުމުރަކަށް ދިޔުމަށްފަހު އާ ހުނަރުތައް ދަސްކުރުމާއި، އާ ކަންތައްތައް ތަޖުރިބާކުރުމާއި، ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ނުގެނެވޭނެ ކަމަށް ދެކުމަކީ ކުށްހީއެކެވެ. ހަގީގަތަކީ އިންސާނާގެ ސިކުނޑިއަށް ބަދަލުތައް އައުން ދުވަހަކުވެސް ހުއްޓުމެއް ނާންނަ ކަމެވެ. އެހެންކަމުން، އުމުރުން ދުވަސްވީ މީހަކަށް ވީ ނަމަވެސް، ޒުވާނުންނެކޭ އެއްފަދައިން އާ ކަންތައްތައް ދަސްކޮށް، ނަފްސާނީ ބަލިބަލިން އަރައިގަތުމަށް އެހީތެރިވެދޭ އާ ވިސްނުންތަކަށް ހޭނުމުގެ ގާބިލުކަން ތިޔަބޭފުޅުންގެ ކިބައިގައި ވެސް ވެއެވެ.

ނަފްސާނީ ބަލިން އަރައިގަތުމަށްޓަކައި، ތިމާ ކުރާހިތްވާ އާ ކަންތައްތައް ހޯދުމާއި، އަންނަ ބަދަލުތަކަށް ހޭނުމާއި، ހަށިގަނޑާއި އިޖުތިމާއީ ގޮތުން ހަރަކާތްތެރިވެ އުޅުމުގެ އިތުރުން އާއިލާއާއި މުޖުތަމައާ ގާތް ގުޅުމެއް ބޭއްވުން މުހިންމެވެ.

ނަފްސާނީ ބަލިކަމެއްގައި ހުންނައިރު، އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. ބައެއް ފަހަރު ހަމައެކަނި އެކަންކަމާ މެދު ވިސްނާލުމަކީ ވެސް ބޮޑު ބުރައަކަށް ވެދާނެއެވެ. ނަމަވެސް، ކުދިކުދި ފިޔަވަޅުތަކުން ތިމާގެ އިހުސާސްތަކަށް ބޮޑު ބަދަލެއް ގެނެވިދާނެއެވެ. މިސާލަކަށް ކުޑަ ވަގުތުކޮޅަކަށް ހިނގާލުމަކީ މިހާރުން މިހާރަށް ވެސް ކުރެވިދާނެ ކަމެކެވެ. މީގެ ސަބަބުން ކުރިއަށް އޮތް ދެ ގަޑިއިރެއްހާއިރު ތިމާގެ މޫޑު ރަނގަޅުވެގެންދާނެއެވެ. ދުވަހަކަށް ފަހު ދުވަހެއް މިފަދަ ކުދިކުދި ކަންތައްތައް ކުރަމުން ދިއުމުން، ބަލީގެ އަލާމާތްތައް ކުޑަވެ، ހަށިގަނޑަށް ހަކަތަ ލިބި، އުންމީދު އާވާން ފަށާނެއެވެ.

1 ވަނަ ނަސޭހަތް: މީހުންނާ ގުޅުން ބަދަހިކުރުން

ނަފްސާނީ ބަލިކަމެއްގައި ހުންނައިރު، އެއްވެސް ކަމެއް ކުރާހިތްނުވުމާއި މީހުންނާ ބައްދަލުކުރަން ބޭނުންނުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަހެރިވެ އުޅުމަކީ ބަލި އިތުރަށް ގޯސްވާނެ ކަމެކެވެ. އެކަނި ހުންނައިރު ކަންކަމާ މެދު ރަނގަޅު ގޮތުގައި ވިސްނުމަށާއި ބަލިން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތް ދެމެހެއްޓުމަށް އުނދަގޫވާނެއެވެ. އެހެންކަމުން އެހެން މީހުންގެ އެހީތެރިކަން ހޯދައި، އެކަނި ހުންނަ ވަގުތު މަދުކުރުމަށް މަސައްކަތް ކުރާށެވެ. ބޭރަށް ނިކުމެ އުޅެވެން ނެތް ނަމަ، ގާތް މީހުންނަށް ޒިޔާރަތްކުރުމަށް ދައުވަތު ދިނުމާއި، ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް ގުޅުން ބަދަހިކުރާށެވެ.

ނަމަވެސް ހަނދާން ބަހައްޓަންވީ ކަމަކީ، ޑިޖިޓަލް ވަސީލަތްތަކުން ކުރާ މުއާމަލާތަކީ މީހުންނާ ސީދާ ބައްދަލުވުމުގެ ބަދަލުގައި ކުރެވޭނެ ކަމެއް ނޫން ކަމެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެކަކާ ނަމަވެސް ސީދާ ބައްދަލުކުރުމަށް މަސައްކަތް ކުރާށެވެ. މީގެ ސަބަބުން ތިމާގެ މޫޑަށް ރަނގަޅު ބަދަލެއް އަންނާނެއެވެ. އަދި އާ އެކުވެރިން ހޯދުމަކީ ދުވަހަކުވެސް ލަސްވެފައިވާ ކަމެއް ނޫންކަން ހަނދާނުގައި ބަހައްޓާށެވެ.

ބޭރަށް ނިކުމެ އުޅުން: މުޅި ދުވަހު ގޭގެ ހަތަރު ފާރުގެ ތެރޭގައި ބަންދުވެފައި ނުހުންނާށެވެ. ޕާކުތަކަށް ދިއުމާއި، ބޯކޮށާ ތަނަކަށް ދިއުމާއި، އެކުވެރިއަކާއެކު މެންދުރުގެ ކެއުމަކަށް ދިއުން ނުވަތަ މިއުޒިއަމް ފަދަ ތަންތަނަށް ޒިޔާރަތްކުރުން ފަދަ ކަންކަން ކުރާށެވެ.

ހިލޭސާބަހަށް މަސައްކަތް ކުރުން: އެހެން މީހުންނަށް އެހީތެރިވުމަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ، އިޖުތިމާއީ ދާއިރާ ފުޅާކުރުމަށް އޮތް އެންމެ ރަނގަޅު އެއް ގޮތެވެ.

އެހީތެރިކަން ފޯރުކޮށްދޭ ގްރޫޕްތަކާ ގުޅުން: ތިމާއަށް ކުރިމަތިވެފައިވާ ފަދަ މައްސަލަތައް ހުރި މީހުންނާއެކު ވަގުތު ހޭދަކުރުމުން އެކަނިވެރިކަމުގެ އިހުސާސް ކުޑަވެގެންދާނެއެވެ. އަދި އެހެން މީހުން އެ މައްސަލަތަކުން އަރައިގަންނަ ގޮތް އަޑުއެހުމަކީ ތިމާއަށް ލިބޭނެ ހިތްވަރެކެވެ.

ސިކުނޑިއަށް ލުއިކަން ގެނެސްދޭ ކަންކަން ކުރުން: އަމިއްލަ ނަފްސު އުފާކޮށްދޭ ކަންކަމުގައި މަޝްއޫލުވާށެވެ. ހިނިތުންވުން ގެނެސްދޭ ވާހަކަތައް ދެއްކުމާއި، މަޖާ ފިލްމު ބެލުން ނުވަތަ ފޮތް ކިޔުމަކީ މޫޑު ރަނގަޅުކޮށްދޭނެ ކަންކަމެވެ.

2 ވަނަ ނަސޭހަތް: ދިރިއުޅުމުގެ މަގުސަދާއި މާނަ ހޯދުން

ނަފްސާނީ ބަލިން އަރައިގަތުމަށާއި، އަލުން އެ ބަލި ތަހައްމަލު ކުރަން ނުޖެހޭނެ ގޮތް ހެދުމަށްޓަކައި، ދިރިއުޅުމުގައި މުހިންމު މަގުސަދެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އުމުރުން ދުވަސްވަމުންދާ ވަރަކަށް، ދިރިއުޅުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިން ކުރަމުން އައި ކަންކަމާއި ތިމާއަށް މާނަ ހޯދައިދިން ކަންކަން ގެއްލިދާނެއެވެ. ވަޒީފާއިން ރިޓަޔަރވުމާއި، ގާތް އެކުވެރިން ނުވަތަ އާއިލާގެ މީހުން ވަކިވެދިއުމާއި، ދިރިއުޅޭ ތަން ބަދަލުވުން ފަދަ ކަންކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެދާނެއެވެ. ނަމަވެސް، ދިރިއުޅުމުގައި އާ މާނައެއް ހޯދުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުއްޓެވެ.

ކުރިން ކުރެވުނު ކަންކަމުގެ ބަދަލުގައި، މިހާރު ކުރެވޭނެ ކަންކަމަށް ސަމާލުކަން ދޭށެވެ. ކުރިން ކުރި ކަންކަން ނުކުރެވޭތީ މާޔޫސްވުމުގެ ބަދަލުގައި، ތިމާގެ ކިބައިގައި އަދިވެސް ހުރި ހުނަރުތަކާއި ކުރެވޭނެ ކަންކަމަށް ބަލާށެވެ.

އާ ހުނަރެއް ދަސްކުރާށެވެ. އަބަދުވެސް ދަސްކުރަން ބޭނުންވެފައިވާ ކަމެއް ނުވަތަ ޝައުގުވެރިވާ ކަމެއް ދަސްކުރަން ފަށާށެވެ. މިއީ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭނެ ކަމެއްގެ އިތުރުން ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ.

މުޖުތަމައުގެ ކަންކަމުގައި ބައިވެރިވާށެވެ. ރަށުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމާއި، ކުޑަކުދިންނަށް ކިޔަވައިދިނުން ފަދަ ކަންކަމަކީ ތިމާގެ ތަޖުރިބާ އެހެން މީހުންނަށް ފޯރުކޮށްދެވޭނެ ރަނގަޅު ގޮތްތަކެވެ.

އަމިއްލަ ސާފުތާހިރުކަމާއި ފެންނަ ފެނުމަށް ސަމާލުކަން ދޭށެވެ. ކޮންމެ ދުވަހަކުވެސް ތިމާގެ ސާފުތާހިރުކަމަށާއި ހެދުން އެޅުމަށް ސަމާލުކަން ދިނުމަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެ ކަމެކެވެ.

ދަތުރުފަތުރު ކުރުން: ވަގުތު ލިބިފައިވާ މިންވަރަކުން އާ ތަންތަނަށް ޒިޔާރަތްކޮށް، ގުދުރަތީ ރީތި މާހައުލުތަކުގައި ވަގުތު ހޭދަކުރުމަކީ ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.

3 ވަނަ ނަސޭހަތް: ދުޅަހެޔޮ އާދަތައް އަށަގެންނެވުން

ނަފްސާނީ ބަލިކަމެއްގައި ހުންނައިރު، އަމިއްލަ ސިއްހަތަށް ބެލުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް، ތިމާގެ ހަށިގަނޑަށް ދޭ ސަމާލުކަމުގެ ސަބަބުން ބަލީގެ އަލާމާތްތަކަށް ބޮޑު ބަދަލެއް އަންނާނެއެވެ.

ހަރަކާތްތެރިވެ އުޅުން: ކަސްރަތަކީ ނަފްސާނީ ބަލިތަކަށް އޮތް ވަރަށް ވަރުގަދަ ފަރުވާއެކެވެ. މާ ބުރަ ކަސްރަތުތަކެއް ނޫނަސް، ކުޑަކޮށް ހިނގާލުން ނުވަތަ ގޭތެރޭގެ އާދައިގެ މަސައްކަތްތަކުގައި ބައިވެރިވުމަކީ ވެސް ފައިދާ ކުރާނެ ކަމެކެވެ. ބަލިހާލަތުގެ ސަބަބުން ބޭރަށް ނިކުމެ ނޫޅެވޭ ނަމަ، ގޮނޑީގައި އިނދެގެން ކުރެވޭނެ ކަސްރަތުތައް ވެސް ކުރެވިދާނެއެވެ.

ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުން: ހަކުރާއި ފުށުގެ ބާވަތަކުން ތައްޔާރުކޮށްފައިވާ ކާނާ މަދުކޮށް، ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރާށެވެ. މާ ގިނައިރު ނުކައި ހުރުމަކީ މޫޑު ގޯސްވެ، ރުޅިގަދަވާން މެދުވެރިވާ ކަމަކަށްވާތީ، ކޮންމެ 3 ނުވަތަ 4 ގަޑިއިރަކުން ކޮންމެވެސް އެއްޗެއް ކެއުމަށް އާދަކުރާށެވެ.

ނިދި ހަމަކުރުން: އުމުރުން ދުވަސްވީ މީހުންނަށް ނިދުމުގެ މައްސަލަތައް ކުރިމަތިވުމަކީ އާންމު ކަމެކެވެ. ނަމަވެސް ނިދި މަދުވުމަކީ ނަފްސާނީ ބަލި އިތުރަށް ގޯސްކުރާ ކަމެކެވެ. ކޮންމެ ރެއަކު 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދި ހަމަކުރުމަށް މަސައްކަތް ކުރާށެވެ.

އަވީގައި ވަގުތު ހޭދަކުރުން: އިރުގެ އަލީގެ ސަބަބުން ހަށިގަނޑުގެ ސެރަޓޯނިންގެ މިންވަރު މަތިވެ، މޫޑު ރަނގަޅުކޮށްދެއެވެ. ކޮންމެ ދުވަހަކު މަދުވެގެން 15 މިނެޓު އަވީގައި ހޭދަކުރުމަށް އާދަކުރާށެވެ.

ދުންފަތާއި މަސްތުވާތަކެތިން ދުރުހެލިވުން: ބައެއް މީހުން ހިތާމަތަކާއި ތަދުތަކުން ދުރުވުމަށް މިފަދަ ތަކެތި ބޭނުންކުރި ނަމަވެސް، މީގެ ސަބަބުން ދިގު މުއްދަތުގައި ނަފްސާނީ ބަލި އިތުރަށް ގޯސްވެ، ބޭނުންކުރާ ބޭސްތަކާ ނޭދެވޭ ގޮތްގޮތަށް މުއާމަލާތް ކުރެއެވެ.

4 ވަނަ ނަސޭހަތް: ފަންނީ އެހީތެރިކަން ހޯދަންވީ ވަގުތު ދެނެގަތުން

ޒުވާނުންނެކޭ އެއްފަދައިން އުމުރުން ދުވަސްވީ މީހުންނަށް ވެސް ނަފްސާނީ ބަލީގެ ފަރުވާ ވަރަށް ކާމިޔާބުކަމާއެކު ދެވިދާނެއެވެ. ނަމަވެސް، އުމުރުން ދުވަސްވީ މީހުންގެ ނަފްސާނީ ބަލި ގިނަފަހަރަށް ގުޅިފައި ހުންނަނީ ދިރިއުޅުމުގެ އުނދަގޫ ހާލަތްތަކާ ކަމަށްވާތީ، ފަރުވާ ދިނުމުގައި އެކަންކަމަށް ވެސް ރިއާޔަތްކުރަން ޖެހެއެވެ. މިސާލަކަށް އެކަނިވެރިކަމުގެ ސަބަބުން ބަލިމަޑުކަން ކުރިމަތިވެފައިވާ ނަމަ، ހަމައެކަނި ބޭސް ބޭނުންކުރުމަކުން އެކަން ހައްލެއް ނުވާނެއެވެ.

ބޭސް ބޭނުންކުރުމުގައި ސަމާލުވުން: އުމުރުން ދުވަސްވީ މީހުން ބޭހުގެ ނޭދެވޭ އަސަރުތަކަށް މާ ބޮޑަށް ހުށަހެޅިގެންދެއެވެ. އެހެންކަމުން، ބޭސް ބޭނުންކުރާ ނަމަ ޑޮކްޓަރުންގެ ބެލުމުގެ ދަށުން އެކަން ކުރިއަށް ގެންދިއުން މުހިންމެވެ. ގިނަ ހާލަތްތަކުގައި، ދިރިއުޅުމުގެ އާދަކާދައަށް ގެނެވޭ ބަދަލުތަކުން ބޭހާ ނުލައި ވެސް ބޮޑެތި ކުރިއެރުންތައް ލިބެއެވެ.

ކައުންސިލިންގ އަދި ތެރަޕީ:މިއީ ބަލީގެ އަސްލު ސަބަބުތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށް އެހީތެރިވެދޭ ކަމެކެވެ.

އެހީތެރިކަން ފޯރުކޮށްދޭ ކައުންސިލިންގ: މީގެ ސަބަބުން އެކަނިވެރިކަމާއި އުންމީދު ކެނޑުން ފަދަ އިހުސާސްތައް ކުޑަކޮށްދީ، ދިރިއުޅުމުގެ އާ މާނައެއް ހޯދުމަށް އެހީވެދެއެވެ.

ތެރަޕީ: ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކާއި، ލިބޭ ހިތާމަތަކުން އަރައިގަތުމަށާއި، ނޭދެވޭ ވިސްނުންތައް ބަދަލުކުރުމަށް ތެރަޕީގެ އެހީތެރިކަން ވަރަށް ބޮޑެވެ.

އެހީތެރިކަން ފޯރުކޮށްދޭ ގްރޫޕްތައް: އެއްފަދަ ގޮންޖެހުންތަކާ ކުރިމަތިލާ މީހުންނާ ބައްދަލުވުމަކީ ތަޖުރިބާ ހިއްސާކޮށް، އެކަކު އަނެކަކަށް ހިތްވަރު ދިނުމަށް އޮތް ރައްކާތެރި މާހައުލެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް