[އެމީހުން ބައްޕަ ގައިގައި އަލިފާން ރޯކުރަނީ...ދަރިފުޅު ގޮސް އެމަސައްކަތް ހުއްޓުވާ...އެހެން ނޫނީ ބައްޕަ ސަލާމަތެއް ނުވާނެ.] އަރުފާން އެކުއްޖާގެ ގައިން ދޫކޮށްލިއެވެ.

[އާނ...ބައްޕާ...އަހަރެން މިދަނީ...] އެހާ ހިސާބުން އެކުއްޖާ ގެއްލުނެވެ. ހީވީ މައްޗަށް އަރައިގެން ދިޔަހެންނެވެ.

މިހާރު ރެކިމަނިކު މަސައްކަތް ކުރަމުންދަނީ ހޫނުގެ އަސަރު ފޯރުވައިގެން ޖިންނި އޭނާގެ ބާރުގެދަށަށް ގެންނާށެވެ. އަރުފާން އޭނާގެ ދަރިފުޅު އޭނާ ސަލާމަތް ކުރުމަށް އެފޮނުވީވެސް އޭނާ އަމިއްލައަށްވެސް ބާރުދަށްވަމުންދާކަން އެނގުނީމައެވެ.

[މިހާރު އޭތި އަހުރެމެންނާ...މިގެޔާ ވަރަށް ކައިރިއަށް އެބަ އާދޭ. މިހާރު މިކުރެވޭ މަސައްކަތުން އޭނަޔަކަށް ކެތެއް ނުކުރެވޭނެ.] ރެކިމަނިކު ބުންޏެވެ.

އޭރު އެގާރަޖަހާ ބޮޑުވެ، މެންދަމުގެ ވަގުތު ފެށެން އުޅެނީއެވެ. ރެކިމަނިކު އަތުކުރީގައި އޮންނަ ގަޑިއަށްވެސް ދޭތެރެ ދޭތެރެއިން ބަލައިލައެވެ.

ޤަބޫލުކުރެވޭ ގޮތުގައި، މަސައްކަތް ފުރިހަމަ ކުރުމަށް އޭނާވަނީ ވަގުތުތަކެއް ކަނޑައަޅާފައެވެ. އޭނާ ގަޑި ބަލަމުން ތަރުތީބުން މަސައްކަތް ކުރިއަށް ގެންދަނީ އެހެންވެގެންނެވެ.

ވީނުވީއެއް ނޭނގި މުޅި އެސަރަޙައްދުން ކަރަންޓް ކަނޑައިގެންދިޔައީ ބާރަޖެހި ވަގުތެވެ. ވަގުތުން ކިޔެވެލީގެ އަޑު ކެނޑުނެވެ. ހަމައެޔާއެކު އެގޭތެރެއިން ފިސާރި ނާމާން އަނިޔާވެރި އަޑެއް އިވިގެން ދިޔައެވެ. އޭރު އެތަނުގައި ހުރި އަލިފާން މުށިގަނޑުވެސް ވަނީ ނިވިފައެވެ.

ކަރަންޓް ކަނޑައިގެން ދިޔުމާއެކު، ހުރިހާ މީހުންވެސް ތެޅިގަތެވެ. ބައެއް މީހުން ބިރުވެސްގަތެވެ. ކިޔެވެލި ކިޔަވަން ތިބި މީހުންގެ ތެރެއިންވެސް އެއްބަޔަކު ޚަތިމު ދޫކޮށްލުމަށްފަހު އެތަނުން ތެދުވިއެވެ. ބައެއް މީހުން މޯބައިލް ފޯނު ބޭނުންކޮށްގެން އަލިކުރެވޭތޯ މަސައްކަތް ކުރިއެވެ.

ނަމަވެސް އެއްވެސް ފޯނަކުން އަލިކަމެއް ނުފެތުރުނެވެ. އެވަގުތު ކުއްލިއަކަށް އެންމެނަށް ޙައިރާންކަން ލިބިގެންދިޔައީ އަނދިރީގެ ތެރެއިން އިވުނު ނާމާން އަޑަކުންނެވެ.

މީހަކު ސަލާމަތަށް އެދި ގޮވަމުން ދަނީއެވެ. ލަފާކުރެވޭގޮތުން އެއީ އެތަނުގައި ކިޔެވެލި ކިޔަވަން ތިބި މީހުންގެ ތެރެއިން މީހެއްގެ އަޑެކެވެ. އެހާ ހިސާބުން ރެކިމަނިކުވެސް ވަރަށް ބޮޑަށް ހާސްވެއްޖެއެވެ.

[އަހަރެން ސަލާމަތްކުރޭ...ސަލާމަތްކުރޭ....] އެމީހަކު ގޮވިއަޑު އިވުނެވެ. އެވަގުތު އެއްބަޔަކު ބޭރަށް ނިކުމެ އަލިކަމެއް ލިބޭތޯ މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް މުޅި ސަރަޙައްދުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. ބައެއް މީހުން ބިރުން ބިރުން ދުއްވައިގެންފިއެވެ.

[ކާކުތަ؟] ރެކިމަނިކު މައިތިރި ކިޔަވަމުން ގޭތެރޭގައި ހިނގަން ފެށިއެވެ. ނަމަވެސް އޭނާއަށް ސީދާ އެދިމާއަކަށް ނުދެވެއެވެ.

[އަހަރެން މަރުވަނީ...ސަލާމަތްކުރޭ...ސަލާމަތްކުރޭ....] މިފަހަރު އިވުނީ ފިރިހެނެއްގެ ވޭނީ އަޑެވެ. އޭނާ ރޮމުން ސަލާމަތަށް އެދެމުން ދަނީއެވެ. ޙަޤީޤަތުގައި އެމީހަކަށް އެތަނުގައި ނުރައްކާތެރި އަނިޔާތަކެއް ކޮންމެވެސް މީހަކު ދެމުން ދަނީއެވެ.

[ކާކުތަ މިތަނަށް ވަދެގެން އުޅެނީ. އަހަރެމެންގެ މަސައްކަތަށް ހުރަސްއަޅަނީ ކާކުތަ؟] ރެކިމަނިކު ދިޔައީ އެއަޑު އަންނަ ދިމާޔަށެވެ.

[އައްދިއްޔޯއި...އަހަރެންގެ ލޯ....އަހަރެންގެ....] މިފަހަރު އިވުނީ ކުރިޔަށްވުރެންވެސް ވޭނީ އަޑެކެވެ.

ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ކަރަންޓް ނެތި އޮތުމަށްފަހު، ކަރަންޓް ލިބުނުއިރު މުޅި އެތަނުގެތެރެ ވަނީ ހާވާލެވި ތަރުތީބު ގެއްލިފައެވެ.

ހުރިހާ މީހުން ތިބީ އެއްތަނަކަށް ބޮނޑިވެގެންނެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދަނީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ނުތަނަވަސްކަމެކެވެ.

[ހުރިހާ މީހުން ހަމަޔަށް މިތާނގައި ތިބިތޯ ބަލާލަބަލަ. ޝައްކެއް އޮތް ކަމެއް ނޫން...ކުރިމަތިވި ކަންތައްގަނޑަކީ ސީދާ އެ ޖިންނީގެ ކަމެއް. އަހަރެން އޭތީގެ ކިބައިން ބަދަލުހިފާނަން.] ރެކިމަނިކު މިހެން ބުނީމާ އެއްވެސް މީހަކު މަދުތޯ އެމީހުން ބަލަން ފެށިއެވެ.

އެތަނުން މަދީ އެތަނުގައި ހުރި ޢުމުރުން އެންމެ ދުވަސްވީ މީހާއެވެ.

[އޭތް...މަންޞޫރެއް ނެތެއްނު. އަނެއްކާ މަންޞޫރު ބޭރަށް ނިކުތީކީ ނޫންބާ؟] ރެކިމަނިކު ބޭރަށް ނިކުމެއްޖެއެވެ. އޭނާގެ ފަހަތުން ދެތިން މީހުންވެސް ބޭރަށް ނިކުތެވެ.

[މަންޞޫރު....މަންޞޫރު....] ރެކިމަނިކު ބޭރަށް ނިކުންނަމުން މަންޞޫރަށް ގޮވަން ފެށިއެވެ.

އެވަގުތު އަނެއްކާވެސް މީހެއްގެ ވޭނީ އަޑު އިވެން ފެށިއެވެ. އެއަޑު އިވެން ފަށީ އެގޭ ގޯތިތެރެއިންނެވެ.

[މަންޞޫރު...ކޮންތާކުތަ ތިއުޅެނީ؟] ރެކިމަނިކު އަޑުއައި ދިމާ ފާހަގަކޮށް އެދިމާއަށް ހިނގައިގެންފިއެވެ. ހަމައެޔާއެކު ބިންމަތީގައި ތެޅިފޮޅެމުންދިޔަ މަންޞޫރު އޭނަޔަށް ފެނުނެވެ. މަންޞޫރު ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދަނީއެވެ. އެހެން މީހުންނަށް ނުފެނުނަސް މީހަކު އޭނާގެ ކަރުގައި ހިފައި ބާރުކުރަމުން ދަނީއެވެ.

ރެކިމަނިކު މަންޞޫރާ ދިމާއަށް ހިނގައިގަންނަމުން ކިޔަވަން ފެށިއެވެ. ހަމައެޔާއެކު މަންޞޫރުގެ ހަށިގަނޑަށް ލުއިވާން ފެށިއެވެ.

[ރެކިމަނިކު....ކުޑަކުޑަ ކުއްޖެކޭ އެއީ. އެކަމަކު އެއީ ހާދަ ބާރުގަދަ ކުއްޖެކޭ. ހާދަ ނުރައްކާތެރި ކުއްޖެކޭ...އަހަރެން ބިރުން ހަލާކުވެއްޖެ.] މަންޞޫރަކީ އެތާނގައި ކިޔެވެލި ކިޔެވުމުގައި ބައިވެރިވި މީހެއް ނޫނެވެ. އޭނާޔަކީ މަންޒަރު ބަލަން ދުރުގައި ހުރި މީހެކެވެ.

އޭއްޗަށް އޭނަޔަށް ބާރުފޯރުވުނީ އެހެންވެގެނެވެ. އެރޭ ކަންތައް ދިމާވިގޮތުން ރެކިމަނިކު ނިންމީ ދުވާލުގެ ވަގުތު މަސައްކަތް ކުރުމަށެވެ.

[މިހާރު އަހަރެމެން ވިސްނާވަރަށްވުރެން ބޮޑަށް އޭތި އެބަ ވިސްނާ. އެކަން މިހާރު މި ސާބިތުވީ...އެހެންވީމާ ދެން އަހަރެން މިމަސައްކަތް ކުރާނީ މާދަމާ ދުވާލު.] ރެކިމަނިކު ހުރީ ހަމަޖެހިފައެވެ.

އެވަގުތެވެ. އަރުފާން ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެ ކޮޓަރިއަށް ވަނެވެ. އޭރު އޭނާގެ އިންތިޒާރުގައި ތާރާ ހޭލާ އޮތެވެ.

[ބޭރަށް ނިކުތްގޮތަށް ހާދަ އިރެކޭދޯ....ކޮންތާކުން ތިއައީ؟] ތާރާ ކުޑަކޮށް ތެދުވެ އެނދުގެ ފަޑީގައި ލެނގިލިއެވެ.

[އަހަރެން މިއައީ ކުރިމަތީގައި ހުރި ގޭގައި އުޅޭ ހަތުރުން ކުރަނީ ކީއްތޯ ބަލާފައި.] އަރުފާން އައިސް ތާރާގެ ގާތުގައި އޮށޯވެއްޖެއެވެ.

[އެމީހުން އެއްވެސް ކަމެއް އެބަ ކުރޭތަ؟ އަހަރެންގެ ހިތަށްވެސް އެރިޔޭ...އަރުފާން ދާނީ އެގޭތެރޭގެ ޙަރަކާތްތައް ބަލާށޭ.] ތާރާ އަރުފާންގެ މޭގައި ބޯއަޅާލިއެވެ.

އެއީ އަނެއްކާވެސް އެކުއްޖާ އެކޮޓަރިއަށް އައިސް ވަން ވަގުތެވެ.

[އެމީހުންގެ މާބޮޑު ޙަރަކާތެއް ނެތް...ހީވަނީ ނިދާފައި ތިބިހެން.] ކޮޓަރިއަށް ވަން ކުޑަކުއްޖާ އަރުފާނަށް ފެނުނީ އެވަގުތެވެ.

[އެމީހުންގެ މަސައްކަތް ހުއްޓުވައިފިން. އެމީހުން ދެން މަސައްކަތް ކުރާނީ މާދަމާ.] އަރުފާން އެދިމާއަށް ބެލުމާއެކު އެކުއްޖާ ވާހަކަ ދެއްކިއެވެ. ނަމަވެސް އެކުއްޖާގެ އަޑުއިވުނީ ހަމައެކަނި އަރުފާނަށެވެ.

[އެހެންތަ...ކިހިނެއްހެދީ...ވަރަށް ހުޝިޔާރު.] އަރުފާނަށް މިހެން ބުނެވުނީ ތާރާއަށްވެސް އިވޭވަރަށެވެ. ވުމާއެކު، ކުއްލިއަކަށް ނުގުޅޭ ވާހަކަތަކެއް އަރުފާން ދެއްކުމުން ތާރާ ވަރަށް ބޮޑަށް ޙައިރާންވިއެވެ.

[ރަށުން ކަރަންޓް ކަނޑާލައިގެން ބިރުދެއްކީ. ރޭގަނޑު މަސައްކަތް ކުރާކަށް ދެން ނުކެރޭނެ އެމީހުންނަކަށް.] ކުއްޖާ އަރުފާނަށް ޖަވާބު ދިނެވެ.

[ވަރަށްމޮޅު...ތީ ހަމަ މާސްޓަރ މައިންޑެއް.] މިފަހަރުވެސް އަރުފާން ވާހަކަ ދެއްކި އަޑު ތާރާއަށް އިވުނެވެ. އެހެން ނަމަވެސް އޭނާ އަނގަޔަކުން ނުބުނެއެވެ. އަރުފާންގެ ވާހަކަ އަޑުއަހަން އޭނާ އޮތީއެވެ. އެހެންއޮވެ ކޮޓަރި ދޮރުމަތީގައި އިތުރު މީހަކު ހުރިތޯވެސް އޭނާ ބެއްޔެވެ. ނަމަވެސް އޭނަޔަކަށް އެއްވެސް މީހަކު ނުފެނުނެވެ.

[އަރުފާން...ކާކާތަ ތިވާހަކަ ދައްކަނީ...ކޮބައިތަ މާސްޓަރ މައިންޑަކީ...!] ތާރާގެ މިޖުމްލައާއެކު އަރުފާނަށް ދުވަހަކުވެސް ސިހުން ނާންނަވަރަށް ސިހުން އައެވެ. އޭނާއަށް ނިކަން ބޮޑަށް ތެޅިގަނެވުނެވެ.

[ކިހިނެއްވީ؟ އަހަންނަށް އެއްޗެކޭ ބުނެވުނީތަ؟] އަރުފާން ތެޅިގަތެވެ. އޭރުވެސް އެކުއްޖާ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ.

[އަރުފާން ދޮރާ ދިމާޔަށް ބަލަން އޮވެފައި ހާދަ ވާހަކަތަކެއް ދައްކައިފިޔޭ. އަނެއްކާ މިހާރު އަރުފާން ތިޔަހުރީ ހަމައިގަތަ؟] ތާރާ ތެދުވިއެވެ.

[އަހަރެން އެއްވެސް މީހަކާ ވާހަކައެއް ނުދައްކަން. ތީ ތާރާއަށް ހީވިގޮތެއް. އަހަރެން މާސްޓަރ މައިންޑެކޭ ބުނީ ތާރާގެ ވާހަކަ....] އަރުފާން އޮޅުވާލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް މަޑުމަޑުން އޭނާ އަމިއްލައަށް ފަޟީޙަތްވަމުން ދަނީއެވެ.

[ކުރިން ތިބުނީ އެއްވެސް ވާހަކައެއް ނުދައްކަމޭ. އެކަމަކު ފަހުން ތިބުނަނީ މާސްޓަރ މައިންޑެއްގެ ވާހަކަ ދެއްކި ކަމަށް...އަރުފާންގެ ވާހަކައިގެ ދެކޮޅު ދިމައެއްނުވެއެއްނު.] ތާރާ އެއްމިޔަކަނުން ހީލަމުން އަރުފާނާ ދިމާކުރާފަދަ ގޮތަކަށް ބުންޏެވެ.

[ވާހަކައިގެ ދެކޮޅު ދިމާވިޔަސް ނުވިޔަސް، އަހަންނަށް އެއްވެސް ވާހަކައެއް ދެއްކުނުހެނެއް ހިއެއްނުވޭ. މިބުނީ މާސްޓަރ މައިންޑްގެ ވާހަކަ ފިޔަވައި.] އަރުފާން ވާހަކަ ދައްކަނީ ވަރަށް ބޮޑަށް ހާސްވެފައި ހުރެމެއެވެ.

[އަހަރެން މާސްޓަރ މައިންޑަކަށްވީ ކިހިނެއް...އަހަރެންގެ މަންމަވެސް ކުޑައިރު އަހަންނާ ދިމާއަށް އަހަންނަކީ ޢުމުރާ އެއްކޮށް ސިކުނޑީގެ ތަޞައްރަފް ފުދުން ލަސް ކުއްޖެއް ކަމަށް ބުނޭ. އެކަމަކު އަރުފާން ތިބުނަނީ އޭގެ ދިމާ އިދިކޮޅަށް.] ތާރާ ހިނިތުންވެލިއެވެ.

[ތާރާއަށް ނޭނގޭނެ...ތަޢުރީފުގެ ބަހުން މަލާމާތް ކުރިޔަސް.] އަރުފާން ހީގަތެވެ.

[ތިބުނީ ތީ އަރުފާން ކުރި މަލާމާތކޭ...ތިޔަހެންވީއިރު ކީއްވެ އަހަންނަށް މަލާމާތް ކުރަންވީ.] ތާރާ ހިތްހަމަނުޖެހުނެވެ.

[އެއީ ދެން އެހެން ބުނި އެއްޗެއް ނޫން. މިހާރުވެސް ތާރާ ބައެއްފަހަރު ކުޑަކުއްޖެއްހެން ހީވޭވިއްޔަ.] އަރުފާން އޮޅުވާލިއެވެ.

ޙަޤީޤަތުގައި މިހާރު ތާރާގެ ދިރިއުޅުމުގައި އަރުފާނަށް އުޅެވުމުގެ ފަހު ވަގުތު އައިސް ބޯމަތިވުމުގެ ވަގުތު ކުޑަތަންވަނީއެވެ. އަރުފާނާއި އޭނާގެ ދަރިފުޅުގެ ހުރިހާވެސް ވިސްނުމަކީ އެކަމުން ސަލާމަތްވުމެވެ.

ނަމަވެސް މިހާރު ރެކިމަނިކުމެން މަސައްކަތް ކުރަން ރާވާފައިވަނީ އެމީހުންނަށް ބާރުފޯރުވޭ ވަރަށްވުރެން ރޭވުންތެރި ވިސްނުން ބޭނުންކޮށްގެންނެވެ.

މިހާރު އެމީހުން މަސައްކަތް ކުރަން ރާވާފައިވަނީ ދުވާލުގެ ވަގުތުގައެވެ. އޭރުން ދެން އަރުފާންމެނަށް ކުރެވިދާނެ މާބޮޑު ކަންތައްތަކެއް ނުހުންނާނެއެވެ.އަރުފާން އެހާވަރަށް އެ ތެޅިފޮޅެނީ އެހެންވެގެންކަން ގައިމެވެ.

[ހުރިހާ މީހުންވެސް ދުވާލު މިމަސައްކަތަށް ހުރަސްނޭޅޭގޮތަށް އަންނަންވާނެ. ބޮޑަށް ރަނގަޅީ މިރޭ ހުރިހާ އެންމެންވެސް މިގޭގައި ތިބެވޭނެ ގޮތަކަށް ތިބެން. އެހެން ނޫނީ އޭތީގެ ފަރާތުން އިތުރު ނުރައްކަލެއްވެސް ކުރިމަތިވެދާނެ. އެހެންވީމާ އެއްވެސް މީހަކު ބޭރަށް ދިޔުމަކީ ބުއްދިވެރި ކަމެއް ނޫން.] ރެކިމަނިކު ބުންޏެވެ. އެއަށްފަހު ރެކިމަނިކުގެ އަންހެނުން މުއުމިނާ ގާތު ހުރިހާ މީހުނަށް ރަނގަޅަށް ސައިހެދުމަށް ރެކިމަނިކު ބުންޏެވެ.

ޙަޤީޤަތުގައި މިހާރު އަރުފާނާއި ތާރާގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ އެންމެބޮޑު ހުރަހަކީ ޝިޔާނެވެ. ހުރިހާ ކަމެއްވެސް މެދުވެރިވަނީ ޝިޔާންގެ ސަބަބުންނެވެ. އެހެން ނަމަވެސް ޝިޔާނަކީ ސީދާ އަރުފާން އަމިއްލައަށް އެދެމީހުންގެ ދިރިއުޅުމުގެ ތެރެއަށް ވެއްދި މީހެކެވެ. ވިސްނައިފިނަމަ ޝިޔާންގެ އެއްވެސް ކުށެއް ނެތެވެ.

ކުށް ކުރެވުނީވެސް އަރުފާނަށެވެ. އެއީ ފަހަރެއްގައިވެސް މިފަދަ ވިހަ ނަތީޖާއެއް ނިކުމެދާނެ ކަމަކަށް ވިސްނާފައި އޭނާ އެޅި ފިޔަވަޅެއް ނޫނެވެ.

އޭރު އޭނާގެ ހުރިހާވެސް ވިސްނުމަކީ ތާރާއަށް ފުރިހަމަ ކުއްޖަކު ހޯދައިދިނުމެވެ. އެހެން ނޫންނަމަ ދަރިއެއްގެ ކަންތަކުގައި އެދެމެދުގައި ޚިޔާލު ތަފާތުވުން އުފެދޭނެއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނާ ރެކިމަނިކުމެންގެ މަސައްކަތް ފަށައިފިއެވެ. އެމީހުންގެ މަސައްކަތް ފެށީ އެހެން ހުރިހާ ދުވަސްތަކަށްވުރެން ވަރަށް ބޮޑަށް ރައްކާތެރި ކަމަށް ވިސްނައިގެންނެވެ.

[މިއަދު އޭއްޗަށް ދޫދީފިއްޔާ އަހަރެމެންނަށް ވަރަށް ބޮޑަށް ނުރައްކާވާނެ. އެކަން އަހަރެމެން ދަންނަންޖެހޭނެ. މީގެކުރިން މިފަދަ ކަމެއްގައި އަހަންނަށް މިހާ ހުރަސްތަކެއް މެދުވެރިއެއްނުވޭ. ޙަޤީޤަތުގައި މިކަން ވެގެން އުޅޭގޮތަކީ، ގިނަ ޒަމާންވެފައިވާ ބިޔަ ގަހެއް އުފުރައި އެއްލާލަން އުނދަގޫވާ ފަދައިން ކުރިމަތިވާ ކަންތައްތަކެއް މިއީ. ޙަޤީޤަތުގައި މާގިނަ ދުވަސްވީޔޭ. އެކަމަކުވެސް މިފަހަރު އުފުރާލާނަން. ވަރިހަމަ...މުޅި ސަރަޙައްދަށް މޫތައް ފެތުރިފައިވިޔަސް.] ރެކިމަނިކު މަސައްކަތް ފަށަމުން ބައިވެރިންނާ ވާހަކަ ދެއްކިއެވެ.

އެމީހުން މަސައްކަތް ފެށިއިރު، ކަންދިމާކުރިގޮތުން އަރުފާން ހުރީ ފެންވަރަން ފާޚާނާޔަށް ވަދެއެވެ. އޭނާގެ ހަށިގަނޑަށް ހޫނުގެ އަސަރު ކުރަން ފެށީ ފާޚާނާތެރޭގައި ހުއްޓައެވެ.

ވުމާއެކު އޭނާ މާގަނޑުން ބޮލަށް ފެން އަޅައަޅާ އެތައްއިރެއް ވަންދެން ހުއްޓެވެ. އެތައްއިރެއްގެ ފަހުން އޭނާ ފާޚާނާއިން ނިކުތީވެސް ކޮންމެހެން އެކަމަށް ޙައްލެއް ލިބިގެނެއް ނޫނެވެ.

މިހާރު ރެކިމަނިކުގެ ބާރުގައި އޭނާ ރެކިމަނިކުމެންގެ ކުރިމައްޗަށް ގެންދަނީއެވެ. ޔަޤީނުންވެސް އޭނާ ރެކިމަނިކުގެ ކުރިމައްޗަށް ގެންދެވިއްޖެނަމަ، އެކަން ވެގެންދާނީ ތާރާއާއި އަރުފާންގެ ދިރިއުޅުމުގައި ޖެހޭނޭ ނިމުމުގެ ސިއްކަޔަށެވެ.

[އަރުފާން...ކޮންތާކަށް ތިދަނީ؟] އަރުފާން ގެއިން ނިކުންނަންދިޔަ ވަގުތު ތާރާ ގޮވިއެވެ. ނަމަވެސް އޭނާ ފަސްއެނބުރި ބަލައެއްވެސްނުލިއެވެ. ވެދާނެއެވެ. ތާރާގެ އަޑު އޭނަޔަށް ނުވެސް އިވުނީއެވެ. ނޫނީ އަރުފާނަށް އޭނާގެ އަމިއްލަ ބާރެއް އެވަގުތު ނެތީއެވެ.

[އަރުފާން...މަޑުކޮށްބަލަ...ކޮންތާކަށް ތިދަނީ.] ތާރާ އަރުފާންގެ ފަހަތުން ބޭރަށް ނިކުތެވެ. ނަމަވެސް އަރުފާން ފަސްބަލައެއްނުލައެވެ.

އޭނާ ހިނގަމުންދިޔައީ އާދަޔާ ޚިލާފަށް ބާރަށްކަމުން، ކުޑަހިނދުކޮޅެއްގެ ތެރޭގައި އޭނާ ތާރާއަށް ގެއްލިއްޖެއެވެ.

އެވަގުތެވެ. ރެކިމަނިކު ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދަނީ މަންޒަރު ބަލަންވެސް އައިސްތިބި އެތައް ބައެއްގެ ޙާޟިރުގައެވެ. އޭނާގެ ކުރިމަތީގައި ލަކުޑި މަތިގަނޑުޖެހި ބިއްލޫރި ފުޅިވެސް ހުއްޓެވެ.

[މިހާރު ދެން އޭތީގެ ނިމުން އަންނާކަށް މާގިނަ ވަގުތެއް ނެތް. އިރާދަކުރެއްވިއްޔާ، މިހާރު އޭތިވަނީ ވަރަށް ކައިރީގައި....ވަރަށް ގާތުގައި.] ރެކިމަނިކު ބުންޏެވެ.

އޭނާ އެންމެފަހުގެ ތަވީދު އަލިފާނަށްލީ އެއަށްފަހުގައެވެ. ހަމައެޔާއެކު ހީވީ މުޅި އެތަނަށްވެސް ބިންހެލުމެއް އައިހެނެވެ. ގެވެސް ހީވީ ބޮލަށް ވެއްޓިދާނެހެންނެވެ. ކުއްލިއަކަށް ވައިވެސް ވަރަށް ބާރުވެއްޖެއެވެ. ފުރާޅުވެސް ހީވަނީ އެއްލާލަފާނެހެންނެވެ. ބައެއް މީހުން ދިރުން ރެކިމަނިކާ ގާތަށް ޖެހެންވެސް ފެށިއެވެ. ނަމަވެސް އެވަގުތު އަތުގެ އިޝާރާތުން ހަމަޖެހިގެން ތިބުމަށް ރެކިމަނިކު އެންމެނަށް އެންގިއެވެ.

[ބިރުނުގަންނާތި...މިހާރު ދެން އޭތި އަހަރެމެންގެ ލޯތަކަށް ފާޅުވުމުގެ އަސަރުތައް މިދަނީ ފެންނަމުން....] އޭނާޔަށް މިހެން ބުނެވުނު ވަގުތު ކުރިއަށްވުރެންވެސް ވައި ބާރުވެ، އަޑުފައްގަނޑު ގަދަވިއެވެ. ބައެއް މީހުން އެ ބާރު ވަޔާއެކު އަރިވެސްއަޅާލިއެވެ.

އެންމެންގެ ލޯތަކަށް ޖިންނި ފާޅުވީ އެ ބާރު ވައިރޯޅިއާ އެކުގައެވެ. އެއީ ޖިންނިއެއް ނޫނެވެ. އަރުފާނެވެ.

އަރުފާން ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އޭރުވެސް ރެކިމަނިކު ކިޔެވެލި ކިޔަވަމުން ދަނީއެވެ. ބައެއް މީހުން ތިބީ ވަރަށް ބޮޑަށް ބިރުގަނެފައެވެ.

[މިހާރު އަހަރެމެންގެ ލޯމަތީގައި މިހުރީ އޭއްޗަކީ. އެއްވެސް މީހަކު ބިރުނުގަންނާތި...މިހާރު އޭތި އެހުރީ ސީދާ އަހަރެންގެ ބާރުގެ ދަށުގައި.] ރެކިމަނިކު ބުންޏެވެ.

[އަހަރެން ސަލާމަތްކުރޭ...އަހަރެން ސަލާމަތްކުރޭ....] އަރުފާނުގެ ސިފައިގައި ހުރި ޖިންނި ފުރަތަމަފަހަރަށް ރެކިމަނިކުގެ ކިބައިން ސަލާމަތަށް އެދުނެވެ.

[ކަލެޔަށް ދެން އެއްވެސް ލުޔެއް ނުދޭނަން. ކަލޭގެ ސަބަބުން ކިތައް ޢާއިލާއަށް ނިކަމެތިކަން ލިބިގެންދިޔަކަން ކަލެއަކަށް އިޙްސާސެއް ނުކުރެވޭތަ؟ އަހަންނަކީ އިންސާނަކަށްވީތީ...އިންސާނުންނަށް އަނިޔާވެރިވަމުންދާ މީހަކަށް ދޫދިނުމަކީ ކުރެވޭނެ ކަމެއް ނޫން. އަހަރެން ކަލެއަކަށް ދުލެއް ނުދޭނަން.] ރެކިމަނިކު ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

[ނޫން....ވެދިޔަ ކަންތަކަށް އަހަންނަށް މަޢާފްކުރޭ. އަހަރެންގެ ފަރާތުން އެއްވެސް އިންސާނަކަށް ގޯނާއެއް ނުވާނެ. އާނ...އަހަރެން އެއްވެސް އިންސާނަކަށް ގޯނާއެއް ނުކުރާނަން. އަހަރެން ސަލާމަތްކުރޭ.] ޖިންނި ރޯންފެށިއެވެ. ޙަޤީޤަތުގައި އޭތި ކިތަންމެ ރުޔަކަސް...އެތާކު އޭއްޗަށް ހަމްދަރުދީވާނޭ އެއްވެސް މީހަކު ނެތެވެ.

[ކަލޭ އަހަރެންގެ ސުވާލުތަަކަށް ޖަވާބުދ ފުރަތަމަ...ކަލޭ ތާރާގެ ދިރިއުޅުމަށް ވަނީ ކީއްވެ؟ މިހާރު އަރުފާން ކޮބައިތަ؟] ރެކިމަނިކު އޭނާގެ ފުރަތަމަ ސުވާލުތައް ކުރިމަތިކުރިއެވެ.

[އަހަރެން ތާރާގެ ދިރިއުޅުމަށް އަންނަންޖެހުނީ ތާރާގެ ގެ، މީހުން ނޫޅޭ ފަޅަށްހުރި އަށްއަހަރު ދުވަހަށްފަހު ތާރާގެ ޢާއިލާ އެނބުރި ރަށަށް އައިސް އެގެޔަށް ބަދަލުވެ، އަށްއަހަރު ދުވަހު އަހަރެން ދިރިއުޅުނު ކޮޓަރި އަލިކޮށްގެން ދިރިއުޅެން ފެށުމުން. ޙަޤީޤަތުގައި އަހަރެންނާ އެންމެ ގުޅުން ބޮޑީ އެގޭ ގޯތިތެރޭގައި ހުންނަ ހުސްނުހީނާ ގަހާ. ކޮންމެ ރެޔަކުވެސް އަހަރެން އެގަހުގެ ވަހުން ހިތްއުފާކުރުމަށް އެކޮޓަރީގެ ކުޑަދޮރު ކައިރީ ހުންނަން.] އަރުފާންގެ ސިފައިގައި ހުރި ޖިންނި އޭތި ތާރާގެ ޙަޔާތަށް އަންނަން މެދުވެރިވި ސަބަބު، އެންމެންގެ ކުރިމަތީގައި ކިޔައިދިނެވެ.

[ތިޔަހެންވީއިރު މިހާރު އަރުފާން ކޮބައިތަ؟] ރެކިމަނިކުގެ އަޑު، ކުރިޔަށްވުރެންވެސް ބާރުވިއެވެ.

[ތާރާއާއި އަރުފާން ކައިވެނި ކުރިރޭ...އަހަރެން އޭނާ މަރާލުމަށްފަހު، އެސިފައިގައި އުޅެން ފަށައިފިން...އަހަންނަށް މަޢާފްކުރޭ....] ޖިންނި ރޯންފެށިއެވެ.

[ޚަބަރުދާރު...މީގެފަހުން ކަލޭ މަޢާފަށް ނޭދޭތި...ކަލޭ ތީ މުޖުރިމެއް...އެތައް ބައެއްގެ ދިރިއުޅުން ހަލާކުކޮށްފައިވާ އެއްޗެއް. ކަލެއަށް އިންސާނުންގެ މަޢާފް ޙައްޤެއް ނޫން. އާނ...އިންސާނުންގެ މަޢާފް ޙައްޤެއް ނޫން...އަހަރެން ބޭނުންވަނީ ކަލޭގެ ފަރާތުން ހިތްދަތިކަން ލިބުނު ޢާއިލާތަކުގެ ކުރިމަތީގައި ކަލޭ އަންދާލަން.] ރެކިމަނިކު ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

[ނޫން...ރެކިމަނިކު...ހެޔޮނުވާނެ. އަހަރެން ސަލާމަތްކުރޭ...މީގެފަހުން އެއްވެސް އިންސާނަކަށް އަހަރެން އެއްވެސް ތުރާލެއް ނުކުރާނަން. އަހަރެން ސަލާމަތްކޮށް ދޫކޮށްފިނަމަ، އަހަރެން ރެކިމަނިކު ބުނި ކޮންމެ ޝަރުޠެއް ޤަބޫލުކުރާނަން....އާދޭސްކުރަން....] އަރުފާންގެ ސިފައިގައި ހުރި ޖިންނި ބާރުބާރަށް ރޯންފެށިއެވެ.

[ކަލެޔަކީ އިންސާނެއް ނޫންކަން ކަލޭ މިތާ މިތިބަ މީހުނަށް އެންމެ ފުރަތަމަ ސާބިތުކޮށްދީ....އޭގެފަހުން ދެން ކަންތައް ކުރަންވީގޮތްވެސް އަހަރެން ބުނާނަން.] އޭރުވެސް ކިޔެވެލި ކިޔަވާ މީހުން ހުއްޓުމެއްނެތި ކިޔަވަމުން ދަނީއެވެ.

[އަހަންނަށް މަޢާފް ކުރާނަންތަ؟ އަހަރެން މުޅި މި ޤައުމުވެސް ދޫކޮށްފައި ހިނގައިދާނަން.] ޖިންނި ކުރިއަށްވުރެން ރެކިމަނިކުމެނާ ކައިރިއަށް ޖެހިލިއެވެ.

[ފުރަަތަމަ ކަލޭ....ކަލެއަކީ އިންސާނެއް ނޫންކަން މިތާނގައި މިތިބަ މީހުންނަށް ސާބިތުކޮށްދީ....އިތުރަށް އެހެން ވާހަކައެއް ދެއްކޭނީ އޭގެފަހުން.] ރެކިމަނިކު އިންޒާރު ދިނެވެ. ނިކަން ބާރަށެވެ. ހަމައެޔާއެކު ވަރުގަދަ އަޑުފައްގަނޑަކާއެކު އޭތީގެ ސިފަ ބަދަލުވެއްޖެއެވެ. އެޔާއެކު އޭތީގެ ނާމާން ބިރުވެރި ސޫރަ ފެނުމާއެކު، އެތައްބަޔަކު ބިރުން ފަހަތަށް ޖެހެން ފެށިއެވެ.

ކިޔެވެލީގައި ބައިވެރިވަމުންދިޔަ ބައެއް މީހުންވެސް ބިރުން ޚަތިމާއެކު ފަހަތަށް ޖެހުނެވެ. ޙަޤީޤަތުގައިވެސް މިހާރު އެމީހުންގެ ކުރިމަތީގައި އެހުރީ ކޮންމެ އިންސާނަކުވެސް ބިރުން ފިތްކަނޑައިގެންދާނޭފަދަ ނާމާން ސޫރައެކެވެ.

އެފަދަ ބިރުވެރި ސޫރަ، ބައެއް ބިރުވެރި އިނގިރޭސި ފިލްމްތަކުން ފެނެއެވެ. އެސޫރަޔާއެކު މުޅި ގޭތެރޭގައި ނުބައި ވަހެއްވެސް ފެތުރިއްޖެއެވެ.

ބައެއް މީހުން ނޭފަތުގައި އަތް އަޅައިގެން ތިބިއިރު، އަނެއްބަޔަކު ތިބީ ބަސްހުއްޓި އާގަމަވެފައެވެ.

[ދެން އަހަރެން ސަލާމަތް ކުރަންވީނު.] މިފަހަރު ޖިންނި ވާހަކަ ދެއްކީ ނާމާން އަޑަކުންނެވެ.

އެވަގުތެވެ. އަރުފާންގެ ޚަބަރެއް ނުވެގެން ތާރާއާއި ތާރާގެ މަންމައާއި ބައްޕަ ވަރަށް ކަންބޮޑުވެފައި ތިބެމެ، ގެއިން ނިކުތީ އަރުފާންގެ ޚަބަރެއްވޭތޯ ރަށުތެރެ ހޯދާލުމަށެވެ.

އެންމެ ފުރަތަމަ ތާރާގެ ބައްޕަ ޝަފީޤު ދިޔައީ ކުރިމަތީގައި ހުރި ގެޔަށެވެ. އެއީ އަރުފާނަށް ކޮންމެ ގޮތެއްވިޔަސް އެމީހުން ތުހުމަތު ކުރަނީ ޝިޔާނަށެވެ. އެމީހުން ދެކެނީ ޝިޔާން ތާރާ ޙާޞިލްކުރަން ބަޔަކު ލައްވާ އިސްތިރި ފަންޑިތަ ހައްދުވަނީ ކަމަށެވެ.

[ޝިޔާން....] ޝަފީޤު ސަލާމްވެސް ގޮވުމަކާނުލައި ޝިޔާންމެންގެ ގެޔަށް ވަނެވެ. އޭރު ޝިޔާނާއި އޭނާގެ ދައްތަގެ އިތުރުން ވިޝާލް ސިޓިންގރޫމްގައި ޓީ.ވީ ބަލަން ތިއްބެވެ. ޝަފީޤުގެ ހަރުކަށި އަޑުން ޝިޔާން ޓީ.ވީ ނިއްވާލުމަށްފަހު އެފަރާތަށް އެނބުރުނެވެ.

[ކިހެންވީ؟ ޝަފީޤުބޭ....] ޝިޔާން ވާހަކަ ދެއްކީ ވަރަށް މަޑުމައިތިރިކަމާ އެކުގައެވެ.

[ކިހިނެއްވީހޭ! ވީގޮތެއް ކަލެއަކަށް ނޭނގޭތަ...ތިސުވާލު ތިކުރަނީ...ހަމަ މިހާރު ބުނޭ....އަރުފާންވީ ކޮންތާކު؟] ޝަފީޤު ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

[އަހަންނަކަށް ނޭނގެ...އަހަރެމެން އަރުފާނެއް ނުދެކެން. ވެގެން އުޅޭގޮތެއް ބުނެބަލަ...ޝަފީޤުބޭ ހަމަގައިމުވެސް ހެނދުނުއްސުރެން އަހަރެމެން އަދި ގެޔަކުން ނުނިކުންނަން.] ދެންވެސް ޝިޔާން ވާހަކަ ދެއްކީ ޝަފީޤަށް އިޙްތިރާމް ކުރަމުންނެވެ.

[ކަލޭމެނަށް ހުރިހާ ކަމެއްވެސް އެނގޭނެ. ހަމަ މިހާރު އަހަރެން މިދަނީ ފުލުހުންނަށް އަންގަން. މިފަހަރު އަހަރެންގެ ޅައިރުގެ ނުލަފާކަން ކަލޭމެނަށް ދައްކާނަން.] ޝަފީޤު ގައިގެ ހުރި ބާރެއްލާފައި ދޮރު ލައްޕާލަމުން އެގެއިން ނިކުތެވެ.

އަރުފާން ގެޔަށް ނައިސް ވަގުތުކޮޅެއްވިޔަސް، އެމީހުން އެއަންނަނީ މިގޭދޮށަށް. އަހަރެމެންގެ ބޮލަށްއަރަން. އެހެންޏާ އަހަރެމެން އަދި މިއަދަކު އަރުފާނެއް ނުވެސް ދެކެމުއޭ.] ޝަފީޤު ނިކުމެގެން ދިޔައީމާ ޝިޔާން ވާހަކަ ދެއްކިއެވެ.

ޝަފީޤު އުޅުނުގޮތުން ޝިޔާން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ޝަފީޤު ފުލުހުން ގެނެސް އޭނާ ފުލުސް އޮފީހަށް ޙާޟިރުކުރުމަކީ އޭނާ ވަރަށް ބޮޑަށް ޖެހިލުންވާ ކަމެކެވެ.

އެއްވެސް މައްސަލައެއްގައި ނޫނީ ތުހުމަތެއްގައި ވިޔަސް، ޝިޔާން ފުލުހުންގެ ބެލުމުގެ ދަށަށް ދާން ޖެހުމަކީ އޭނާ ވަރަށް ކަންބޮޑުވާ ކަމެކެވެ.

[ޝަފީޤުބޭ ފުލުހުން ގެނެސްފާނެކަންނޭނގެ. ކިތަންމެވަރަކަށް އަހަރެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަސް...އަހަންނަށް އަރުފާންވީ ތަނެއް އެނގޭނެތަ؟ އަރުފާން ކިރިޔާ ގެއިން ބޭރަށް ނިކުތަސް، އެމީހުން އެކަމެއް އެޖަހަނީ މިހާރު އަހަރެންގެ ބޮލަށް.] ޝިޔާން އަނެއްކާވެސް ސޯފާގައި އިށީނެވެ.

[އަޅާނުލާ...ހުރިހާ ކަމެއް ފަޅާއަރަން...ނޫނީ ޙަޤީޤަތް ހާމަވާކަށް ދެން މާގިނަ ދުވަސްތަކެއް ނެތް...އިރާދަކުރެއްވިއްޔާ މިހާރު އެކަންތައް ނިމުމުގެ މަސައްކަތުގައި ރެކިމަނިކުބޭ ޙަރަކާތްތެރިވަމުންދާނެ.] ޝިޔާންގެ ދޮންތަ ޝިނާ ބުންޏެވެ.

ހަމަ އެވަގުތެވެ. ރެކިމަނިކު އަރުފާނާ ސުވާލުކުރަމުން ދަނީ އޭނާގެ ފުށުން ގެއްލުން ލިބިފައިވާ ޢާއިލާތަކާ މެދުގައެވެ.

[ހަމަ މިހާރު ބުނޭ....ކަލޭގެ ސަބަބުން ހިތްދަތިކަން ލިބުނު ޢާއިލާތަކަކީ ކޮބާ؟] ރެކިމަނިކު ވާހަކަ ދައްކަނީ ވަރަށް ހަރުކަށިކޮށެވެ. ޖިންނި ވަގުތުން އޭތީގެ ފަރާތުން ގެއްލުން ލިބުނު ޢާއިލާތަކާބެހޭ މަޢުލޫމާތު ދިނެވެ. ޝަހްލާ މެރީވެސް އޭތި ކަމުގައި އެއްބަސްވިއެވެ.

[އަހަންނަށް މަޢާފްކުރޭ....އަހަރެން ސަލާމަތްކުރޭ....އާދޭސްކުރަން...އަހަރެން ސަލާމަތްކުރޭ....] ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު، ޖިންނި ސަލާމަތަށް އެދި އާދޭސް ކުރަން ފެށިއެވެ. ނަމަވެސް އެއްވެސް މީހަކަށް އޭތީގެ އާދޭހާއި ރުއިމަކުން އަސަރެއް ނުކުރެއެވެ. އޭތި ހުރި ސިފަ ފެނުމުން ގިނަބަޔަކު ތިބީ ވަރަށް ބޮޑަށް ބިރުގެންފައެވެ. ބައެއް މީހުން ބިރުން އެއްބައެއްގެ ފަހަތަށްވެސް ޖެހެމުންދިޔައެވެ.

[ކަލޭގެ އިމްތިޙާން އަދި ނުނިމޭ. ކަލޭ ޖެހޭނެ، އަހަރެމެންނާއެކު ކަލޭ މަޅީގައި ޖައްސައިގެން އުޅޭ އަންހެން ކުއްޖާގެ ކުރިމައްޗަށް ދާން. އޭނައާއި އޭނާގެ ޢާއިލާގެ ކުރިމަތީގައި ކަލޭ ޖެހޭނެ...ތިހުރިހާ ވާހަކައެއްވެސް ދައްކަން.] ރެކިމަނިކު ބުންޏެވެ.

[އަހަރެން ސަލާމަތްކޮށްދެންޏާ...ތިހުރިހާ ކަމަކަށްވެސް އަހަރެން އެއްބަސްވަން.] ޖިންނި ވާހަކަ ދެއްކިއެވެ.

[ކަލެއަށް އަހަރެންގެ ކިބައިން ސަލާމަތްވެވޭނީވެސް ފުރަތަމަ އަހަރެން ބުނާގޮތަށް ކަންތައްތައް ކޮށްގެން. ހަމަ މިހާރު ކަލޭ އަހަރެންގެ އަތުގައި މިއޮތް ގަލަމާ އެއްވަރަށް ކުޑަވޭ. އިތުރަށް މާގިނަ ވާހަކަތަކެއް ދައްކާކަށްވެސް އަހަރެން ބޭނުމެއް ނޫން.] ރެކިމަނިކު ބުންޏެވެ.

ވަގުތުން އެންމެންގެ ލޯމަތީގައި ޖިންނި ކުޑަވިއެވެ. އެފުރްޞަތުގައި ރެކިމަނިކު އޭނާގެ އަތުން ޖިންނީގެ ކަންފަތުގައި ހިފައި އޭނާގެ ކުރިމަތީގައި ހުރި ބިއްލޫރި ފުޅިއަށް ލައިފިއެވެ. ފުޅިއަށްލީ ވަގުތު ގަދަ ރަންގު ކުލައެއްގެ އައްޔަކުން ފުޅި ދިއްލުނެވެ.

އެއަށްފަހު ފުޅީގެ ބޭރުގައި ކަރުދާސްޖަހައި އެތެރެ ނުފެންނާނޭހެން ބަންދުކުރުމަށްފަހު، ރެކިމަނިކު އޭނާގެ ބައިވެރިންނަށް އައްޑުއަށް ދާން ތައްޔާރުވުމަށް އެންގިއެވެ.

ނަޞީބު ދިމާކުރިގޮތުން ފްލައިޓުން ޖާގަ ހޯދުމަކަށް އުނދަގުލެއް ނުވިއެވެ.

ވުމާއެކު އެދުވަހުގެ ހަވީރު ރެކިމަނިކާއި އޭނައާއެކު އެމަސައްކަތުގައި ބައިވެރިވި ދެމީހަކާއެކު އައްޑުއަށް ދިޔައެވެ.

އެމީހުންނަށް އައްޑުއަށް ނޫނީ ތާރާގެ ރަށަށް ދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އެމީހުންނަށް އެރަށަށް އާދެވުނު ވަގުތަކީ ޝިޔާންގެ ގޭގެ ކުރިމަތީގައި ހުރެ ފުލުހުންވެސް ބައިތިއްބައިގެން އަރުފާނާ ބެހޭގޮތުން ޝަފީޤު ސުވާލު ކުރަމުންދިޔަ ވަގުތެވެ. އޭރު އެތަނުގައި ތާރާއާއި ތާރާގެ ދަރިފުޅު އަދި ތާރާގެ މަންމަ ޞަފޫރާވެސް ހުއްޓެވެ.

[ކަލޭމެނަށް އެނގޭނެ....އަރުފާންވީ ތަނެއް...ފުލުހުންނޭ މިތިބަ ތިންމީހުނާ ސުވާލުކުރޭ....އެމީހުން ގާތު އަހާ....އަރުފާނު ކޮބައިހޭ.] ރެކިމަނިކުމެން އެގެޔާ އަރާހަމަވީ ވަގުތު ޝަފީޤު ފުލުހުންނާ މުޚާޠަބުކޮށް ބުންޏެވެ.

[އަރުފާންވީތަން އަހަންނަށް އެނގޭ. އާނ...އަރުފާން މިހާރު....] އެންމެނަށް ސިހުން ލިބުނީ ރެކިމަނިކުގެ އަޑުންނެވެ. އޭރު އޭނާގެ އަތުގައި ފުޅިވެސް ހުއްޓެވެ.

[ކޮބައިތަ އަރުފާން.....ތީ ކާކު؟] ޝަފީޤު ޙައިރާންކަމާއެކު އެއްސެވެ.

[އަހަންނަށް ކިޔަނީ ރެކިމަނިކު. އަރުފާން މިފުޅީގެ ތެރޭގައި އެބަހުރި....] ރެކިމަނިކު ފުޅި ބިންމަތީގައި ބެހެއްޓިއެވެ. އެޔާއެކު އެތަނުގައި ތިބި މީހުންގެ ލޯތައް ޙައިރާންކަމާއެކު ހުޅުވުނެވެ.

[ފުޅިތެރޭގައޭ!؟] ޝަފީޤަށް އަހާލެވުނެވެ. އެޔާއެކު ފުޅީގެ މަތިގަނޑު ރެކިމަނިކު ހުޅުވާލިއެވެ. އެޔާއެކު އޭގެތެރެއިން ރަންގު ކުލައިގެ ދުންތަކަކާއެކު ބޭރަށް ނިކުމެ އަރުފާން ފާޅުވިއެވެ. އެޔާއެކު ބައެއް މީހުން ބިރުން ފަހަތަށް ޖެހެން ފެށިއެވެ.

[އަރުފާން....!؟] ތާރާއަށްވެސް ލިބުނީ ބޮޑު ޙައިރާން ކަމެކެވެ.

[ތާރާ....އަހަންނަށް މަޢާފްކުރޭ....އަހަންނަކީ އަރުފާނެއް ނޫން. އަރުފާނާއި ތާރާގެ އަލަތު ކައިވެނީގެ ރެއިން ފެށިގެން އަރުފާނުގެ ސިފައިގައި ތާރާއާއެކު އުޅެމުންދަނީ އަހަރެން.] އަރުފާންގެ ސިފައިގައި ހުރި ޖިންނި އޭނާ ތާރާގެ ޙަޔާތަށް އަންނަން މެދުވެރިވިގޮތާއި، އަރުފާން މަރާލިގޮތުގެ އިތުރުން އޭނާގެ ޙަޤީޤަތް ސިއްރު ކުރުމަށްޓަަކައި ޝަހްލާ މަރާލާފައިވާ ކަމާއި، ދަރިޔަކު އުފަން ކުރުވުމަށް ޝިޔާނާއި ތާރާގެ ގުޅުން އުފެއްދި ވާހަކަވެސް ކިޔައިދިނެވެ.

އަދި އޭނާގެ ޙަޤީޤަތް ހޯދުމަށް ޝިޔާން މަސައްކަތް ކުރަން ފެށީމާ ޝިޔާނާ ބެހޭގޮތުން ތާރާއަށް ޙަޤީޤަތް އޮޅުވާލައި، ވިސްނައިދީފައިވާ ކަމަށާއި، އެހުރިހާ ކަމަކަށްވެސް އޭނާ މަޢާފަށް އެދުނެވެ.

[ކަލޭ...ކީއްވެތަ އަހަރެންގެ ފިރިމީހާ މަރާލީ...އޭނާ މަރާލާ ބައްޕާ...އަހަރެން އޭނަޔަށް މަޢާފެއް ނުކުރާނަން.] ތާރާ ދަރިފުޅުގެ ގައިގައި ބައްދާލަމުން ބާރުބާރަށް ރޯންފެށިއެވެ.

ތާރާ އެދުނު ފަދައިން ރެކިމަނިކު އެއެންމެންގެ ކުރިމަތީގައި ޖިންނި އަންދާލިއެވެ. އޭރު ދުރުގައި މަންޒަރު ބަލަން ޖިންނީގެ ދަރި ހުއްޓެވެ. އެކުއްޖާ ރޮއިރޮއި ހުރީ ބައްޕަ ނިމިގެންދާ މަންޒަރު ބަލާށެވެ.

ޖިންނީގެ ކިބައިން ތާރާ ސަލާމަތްވުމާއެކު ޝަފީޤު ޝިޔާންމެންގެ ކިބައިން މަޢާފަށް އެދުނެވެ. އޭރު ޝިޔާން ހުރީ ތާރާގެ ގާތުގައި ހުރި އޭނާގެ ލެއިން އުފަންވެފައިވާ ދަރިފުޅަށް ބަލާށެވެ.

އެގޮތަށް އިރުކޮޅެއް ވަންދެން ހުރުމަށްފަހު، ޝިޔާން އެދަރިފުޅުގެ ގައިގައި ބައްދާލިއެވެ.

އޭގެ މަހެއްހާ ދުވަސް ފަހުން ދެފަރާތުގެ ޢާއިލާގެ ރުހުމާއެކު، ޝިޔާން ތާރާއާ ކައިވެނިކުރިއެވެ. އޭނާ ތަޢުލީމީ މަރްޙަލާ ނިންމުމަށްޓަކައި ފުރައިގެން ދިޔައީ، ތާރާއާއި ދަރިފުޅުވެސް ގޮވައިގެންނެވެ.

މިހާރު ހުސްނުހީނާ މަލުގެ ވަހަށް އައި ޖިންނީގެ ކިބައިން ތާރާ ސަލާމަތްވެ، އަމާން އައްސޭރިއަކަށް އާދެވުނީއެވެ.

(ނިމުނީ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން