ޞާދިރު ޢަލީދީދީ   11 އޯގަސްޓު 2020 - 13:34
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 13

...............

މިހާރު ވާސިލްގެ މައިންބަފައިންނާއި ޢާއިލާގެ އެންމެން ވަނީ އެހެން ކުއްޖަކާ ކައިވެނި ކުރުމަށް އެދި އެތައް ނަޞޭޙަތެއް ވާސިލަށް ދީފައެވެ. ނަމަވެސް އަދިވެސް ވާސިލް ރަނާ ނޫން އަންހެން ކުއްޖަކާމެދު ވިސްނާކަށް ބޭނުމެއް ނޫނެވެ. ވާސިލްގެ ޢާއިލާއިން މިހާރު އޭނާގެ ކައިވެންޏަށް، އެ ޢާއިލާގެ ގާތް ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާ ދަނީ މަޝްވަރާ ކުރަމުންނެވެ.

އެއީ ވާސިލްގެ މަންމަގެ ވަރަށް ގާތް ރައްޓެއްސެއް ކަމުގައިވާ ނާދިޔާގެ ދަރިފުޅު ނަޝާއެވެ. ނަޝާއަކީވެސް ވަރަށް ފުރިހަމަ ސިފަތަކެއް ލިބިފައިވާ ޖާދުވީ އަންހެން ކުއްޖެކެވެ.

[މަންމާ...ކީއްކުރަންތަ، ތިޔަހާވަރަށް އަހަރެން މީހަކާ ދެވަން ތިޔަ މަސައްކަތް ކުރަނީ. ރަނާ ނޫން މީހަކާ އިނދެގެން އަހަންނަށް އެއްވެސް އުފަލެއް ނުލިބޭނެ. އަހަރެންގެ ހުރިހާވެސް އުފަލަކީ ރަނާ.]

ވާސިލް ފޯނުން އޭނާގެ މަންމައާ ވާހަކަ ދެއްކިއެވެ. ރިޒޯޓްގައި ހުރެއެވެ. ވާސިލް އެގޮތަށް ބުނި ކަމުގައިވިޔަސް، އޭނާގެ މަންމަ ބުނަނީ ކައިވެންޏަކަށްފަހު، މާގިނަ ދުވަސްތަކެއްނުވެ ލޯބި އުފެދި، ދިރިއުޅުން ހަމައަކަށް އެޅިދާނޭ ކަމަށެވެ.

[މަންމަމެން ތިޔަވަރަށް ކިޔަންޏާ މައްސަލައެއް ނެތް، އަހަރެން ކައިވެންޏަކާމެދު ވިސްނާނަން. އެކަމަކު ސީދާ ނަޝާއާ ދޭތެރޭ ވިސްނާ ވާހަކައެއް ނޫން މިބުނީކީ. އަހަރެން ތިބުނާ ނަޝާ ނުދެކޭތާވެސް މިހާރު ވަރަށް ދުވަސްވެދާނެ. އަދި އޭނަ މިހާރު ހުރި ސިފައެއްވެސް ނޭނގެ. ދެން ބާއްވާ، އަހަރެން އަދި މިރޭ ގުޅާނަން.] ވާސިލް ފޯނު ބާއްވައިފިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، އެއްމަހުން ދެމަހުން ގޮސް ރަނާގެ ބަނޑަށް ދުވަސް ފުރިއްޖެއެވެ. ރަނާ ވިހާނޭ ކަމަށް ޑޮކްޓަރުން ބުނި ތާރީޚުވެސް މިހާރު ވަރަށް ކައިރިވެއްޖެއެވެ.

[ދަރިފުޅާ! ބަނޑުގައި ނުރިއްސާތަ؟] ރަނާގެ މަންމަ ޝަފީޤާ، ރަނާގެ ބަނޑުގައި މަޑުމަޑުން އަތް ކާއްތާލިއެވެ. ރަނާގެ ބަނޑުގައި އަތް ޖައްސާލުމާއެކު، ކުއްލިއަކަށް ޝަފީޤާ އަތް ފޮޅުވާލިއެވެ. ހީވީ ނޭނގި ހުއްޓާ ހޫނު އެއްޗެއްގައި އަތްލެވުނީހެންނެވެ.

[ކިހިނެއްވީ! މަންމާ؟] މަންމައަށް ވީގޮތުން ރަނާ ޙައިރާންވިއެވެ.

[ދަރިފުޅާ! ދަރިފުޅުގެ ބަނޑު ހާދަ ހޫނޭ. ދަރިފުޅުގެ ބަނޑުގައި ކޮންމެވެސް އާދަޔާ ޚިލާފު ކަމެއް އެބަހުރި.] މަންމަ މިހެން ބުނީމާ، ރަނާ އަމިއްލައަށް ބަނޑުގައި އަތް ކާއްތާލައިފިއެވެ. ނަމަވެސް، އޭނާއަކަށް އެއްވެސް ތަފާތެއް އިޙްސާސް ނުކުރެވުނެވެ.

[ހޫނެއް ނޫން. މިހާރު އަތް ޖައްސާލަބަލަ.] ރަނާ މަންމަގެ އަތުގައި ހިފާ، އޭނާގެ ބަނޑުގައި ޖައްސުވައިފިއެވެ. މިފަހަރަކު އެއްވެސް ތަފާތެއް ނެތެވެ.

[މިހާރަކު ހޫނެއް ނޫން. ކުރިން އެއީ މަންމައަށް ހީވި ގޮތެއްތާ!؟] އެކަމަކު އަދިވެސް ޝަފީޤާގެ ޙައިރާންކަމެއް ފިލައިގެނެއް ނުދެއެވެ.

[މަންމާ....އަޅެ ވިހެއުމަކީ ވަރަށް ވޭންއަޅާ ކަމެއްތަ؟ ކުޑަކޮށް ބިރުވެސްގަނޭ....] ރަނާ އެއްސެވެ.

[ބިރުނުގަނޭ ދަރިފުޅާ! ވިހެއުމަކީ އެއްވެސް ކަމެއް ނޫން. މިއަދު މަންމަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއަކުވެސް ވިހަން ވައްދައިފި....މަންމަ ޖެހޭނެ މިއަދު އޭނާ ދެކެލަން ހޮސްޕިޓަލަށް ދާންވެސް.]

[ކާކުތަ މަންމާ...އަހަރެންގެ ބަނޑުގައިވެސް ހިސާބަކަށް އެބަ ރިއްސާ. އެކަމަކު ރަނގަޅަށް ތަދުއެރީމާ ނޫނީ ނުބުނަން މިހުންނަނީ.] ރަނާ މިހެން ބުނެފައި ސޯފާގައި އޮށޯވެލިއެވެ.

[ދޮންމަނިކެގެ ބަދުރިއްޔާ.] ބަދުރިއްޔާ މީހަކާ އިނީވެސް ވަރަށްފަހުން. މަންމައަށް ހީވަނީ، އިން ރެއިން ފެށިގެން ބަނޑު ބޮޑުވީހެން. ދޮންމަނިކެ ބުނީ ވަރަށް ގަދައަށް ރިއްސާތީއޭ ގެންދިޔައީ.] ޝަފީޤާ ބުންޏެވެ.

އޭގެ ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ފަހުން ރަނާގެ ބަނޑުގައިވެސް ރިއްސާތީ، ރަނާ ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. ޝަފީޤާ އަމަރަށް ގުޅީ ހޮސްޕިޓަލަށް ގޮހެވެ. އެހެންވެ އަމަރް ހިސާބަކަށް ހިތްހަމަވެސްނުޖެހުނެވެ. ހީވާގޮތުން ރަނާ ވިއްސަން އޭނާ ބޭނުންވަނީ ގޭގައެވެ.

[މަންމާ ބަނޑުގައި ރިއްސަން ފެށީމާ، އަހަންނަށް ގުޅިނަމަ....އަހަރެން މިދަނީ...] އަމަރް ބުންޏެވެ. އަމަރަށް ދެވުނުއިރު، ރަނާ ވިއްސާ ކޮޓަރިއަށް ވައްދައިފިއެވެ. އޭރުވެސް އަދި ޝަފީޤާގެ ރަޙްމަތްތެރި ދޮންމަނިކެގެ ދަރިފުޅު ބަދުރިއްޔާއެއްވެސް ނުވިހައެވެ.

[މަންމާ ކީކޭތަ ޑޮކްޓަރު ބުނީ!؟] އަމަރް ތެޅިފޮޅެމުން އައިސް އެއްސެވެ.

[ޑޮކްޓަރު ބުނީ މިރޭ ވިހާނެޔޭ. ދަރިފުޅު ގެޔަށް ގޮސް ސާމާނުތައް ހިފައިގެން އަންނަންވީނު.] ޝަފީޤާ ބުންޏެވެ. ނަމަވެސް އަމަރް ބުނީ ކާރުގައި މަންމަ ގެޔަށް ގޮސް ތަކެތި ހިފައިގެން އައުމަށެވެ. އޭނާ ވިސްނާގޮތުން މިހާރު ދެން އެންމެ ހިނދުކޮޅަކަށްވެސް އޭނާއަށް އެތަނުން ދުރަށްދެވޭކަށް ނެތެވެ.

ރަނާ ވިހާއިރު އޭނާ ގާތުގައި ހުންނަން އޭނާ ބޭނުމެވެ. އޭނާ ކިތަންމެ ބޭނުންވިޔަސް، ވިއްސާ ކޮޓަރިއަކަށް އޭނާއަކަށް ނުވަދެވޭނެއެވެ. މިހާރުވެސް ވިއްސާ ކޮޓަރީގައި ހަތަރު އަންހެނުން ވިއްސަން ވައްދާފައި އެބަވެއެވެ.

އިއްތިފާޤުން ރަނާއާއި ބަދުރިއްޔާ ބާއްވާފައި އޮތީ، ޖެހިޖެހިގެން ހުރި ދެ އެނދުގައެވެ. ބަނޑުގައި އަޅަމުންދާ ވޭނަށް ކެތް ނުކުރެވިގެން ބަދުރިއްޔާ ރޮމުންދާތަން ރަނގަޅަށް ރަނާއަށް ފެންނަމުންދެއެވެ. ބައެއްފަހަރު ބަދުރިއްޔާ މަންމައަށްވެސް ގޮވައެވެ. ބަނޑުގައި ކިތަންމެ ވޭނެއް އެޅިޔަސް، ރަނާ އޮތީ ވަރަށް ބޮޑަށް ކެތްތެރިވެގެންނެވެ. އެހެން ނޫނަސް، އެންމެ ގަދައަށް އޭނާގެ ބަނޑުގައި ވޭން އަޅާ ވަގުތު، ކޮންމެވެސް މީހަކު އޭނާގެ ބަނޑުގައި އަތްކާއްތާލާ ކަމުގެ އިޙްސާސް ކުރެވެއެވެ. އެކަމަކު އޭނާގެ ހިތަކު ސުވާލެއް ނުއުފެދެއެވެ. ބައެއްފަހަރު އަމަރް އޭނާއާ ދާދި ގާތުގައި ހުރިކަމުގެ އިޙްސާސްވެސް އޭނާއަށް ކުރެވޭމެއެވެ. އޭނާއަށް ތަދު އިޙްސާސް ނުކުރެވެނީ އެހެންވެގެން ކަންނޭނގެއެވެ.

ރަނާއާއި ބަދުރިއްޔާ ވިހެއީ އެރޭގެ އެއް ވަގުތެއްގައެވެ. ދެމީހުންވެސް ވިހެއީ ލޯބިލޯބި އަންހެން ކުއްޖެކެވެ.

ރަނާ ވިހޭ ޚަބަރާއެކު، ނަރުސް ކުއްޖާ ބޭރަށް ބޯދިއްކުރި ވަގުތު އަމަރެއް ނެތެވެ. އޭނާދިޔަ ތަނެއްވެސް މަންމަމެންގެ ކައިރިއަކު ނުބުނެއެވެ. މިހާރު އެތާނގައި ދެޢާއިލާގެ ހުރިހާ މެމްބަރުންވެސް ތިބުމާއެކު، ރަނާ ވިހޭ ވަގުތު އަމަރް ނެތުމުން، އެންމެންވެސް ކަންބޮޑުވެގެން އަމަރަށް ގުޅަން ފަށައިފިއެވެ.

[އަމަރްގެ ފޯނު އޮތީ އޮފްކޮށްފަ. އެއީ ކޮންކަހަލަ މީހެއް. މިގަޑީގައި މިތަނުން ދުރަށް ގޮސްގެން ނުވާނެއެއްނު.] އަމަރްގެ މަންމަ ވާހަކަ ދެއްކީ، އަމަރްގެ ބައްޕަ ނިޔާޒާއެވެ.

އަދި މިހާތަނަށް މާލޭ ހޮސްޕިޓަލެއްގައި ހިނގާފައިނުވާ ތާރީޚީ ޙާދިޘާއެއް ހިނގީ، އޭގެ މިނިޓްތަކެއް ފަހުންނެވެ.

ރަނާއާއެކު ވިހޭ ބަދުރިއްޔާގެ ދަރިފުޅު، ވިއްސާ ކޮޓަރި ތެރެއިން ގެއްލުނީއެވެ. ވިހެއުމަށްފަހު، އެ ދަރިފުޅަށް ގާތުން ކިރުފޮދުވެސް ނުދެވިގެން އުޅެނިކޮށެވެ. ދެނަރުހަކު ރަނާގެ ދަރިފުޅާއި، ބަދުރިއްޔާގެ ދަރިފުޅު ސާފުކުރަން ގެންދިޔައީ އެކުއެކީގައެވެ.

މިހާރު ރަނާ އެއޮތީ އޭނާގެ ދަރިފުޅަށް ގާތުން ޖައްސައިގެންނެވެ. ބަދުރިއްޔާ އެއޮތީ ދެލޯ ބޮޑުވެ ޙައިރާންވެފައެވެ.

[ކޮބައިތަ އަޅުގަނޑުގެ ދަރިފުޅު....] ވިހެއުމުގެ ސަބަބުން ވަރުދެރަވެފައިވާ ބަދުރިއްޔާ، ކުޑަކޮށް ބޯހިއްލާލަމުން ނަރުސް ކުއްޖެއްގެ ގާތު އެއްސެވެ. ނަމަވެސް، އޭނާއަކަށްވެސް އެއްވެސް ޖަވާބެއް ނުދެވުނެވެ.

މާގިނައިރުތަކެއްނުވެ، ބަދުރިއްޔާ ވިހޭ ދަރިފުޅު ވިއްސާ ކޮޓަރިތެރެއިން ގެއްލުނު ޚަބަރު، މުޅި މާލެ ގުޑުވާލި ކަހަލައެވެ. ތުންތުންމަތިން ވާހަކަ ފެތުރުމާއެކު، އެކިއެކި ނޫސްވެރިންތައްވެސް ކެމެރާތައް ހިފައިގެން އައިސް، ހޮސްޕިޓަލްގެ ވިއްސާ ކޮޓަރި ކުރިމަތީ ފުރާލައިފިއެވެ. އެކި ނޫސްވެރިން ބަދުރިއްޔާގެ ޢާއިލާގެ ބައެއް މެމްބަރުންނާ ސުވާލުކޮށް، ކަމެއް އޮޅުންފިލާތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް، އެވަގުތު އެ ޢާއިލާގެ މެމްބަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައިކަމުން، އެއްވެސް މީހަކު އެވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް، އޭރު ބަދުރިއްޔާގެ ފިރިމީހާ ވަރަށް ބޮޑަށް އަޑުގަދަކޮށް، ހޮސްޕިޓަލްގެ މުވައްޒަފުންނާ ޒުވާބު ކުރަމުންދާތަން ފެނެއެވެ.

ޙަޤީޤަތުގައި ހޮސްޕިޓަލްގައި ތިބި އެއްވެސް ނަރުހަކަށް، އެކުއްޖާއަށް ވީގޮތެއް ނޭނގެއެވެ. އެންމެންވެސް ޢަޖައިބުވާ ކަމަކީ، ކުއްޖަކު ބޭރަށް ނެރުނުތަން، ބޭރުގައި ތިބި އެއްވެސް ބަޔަކަށް ފެނިފައި ނުވުމެވެ.

[އަދިވެސް އަހަރެންގެ ދަރިފުޅު އަހަންނާ ހިސާބަކަށް ގެނެވޭވަރެއް ނުވޭތަ. އަނެއްކާ އެމަންޖެ ބަލީތަ؟] ބަދުރިއްޔާ އަނެއްކާވެސް ފަނަރަވަރަކަށް މިނިޓް ފަހުން ނަރުހެއް ގާތު އެއްސެވެ.

[އެމަންޖެ ކުޑަކޮށް ބަލިކޮށް އޮތީމާ ނާސަރީގައިވީ. ބަދުރިއްޔާ ކަންބޮޑުނުވޭ.] އޭރު ވިއްސާ ކޮޓަރިތެރެ ހޯދުމަށްޓަކައި، ފުލުހުންގެ ޓީމެއް ވަދެ ޙަރަކާތްތެރިވަމުން ދިޔައެވެ.

ފުލުހުންނާއި ނަރުހުންނާއި ހޮސްޕިޓަލްގެ ބައެއް މުވައްޒަފުން ހޯދި ހޯދުމުންވެސް އެކުއްޖާ ނުފެނުމުން، ފުލުހުން ދިޔައީ އެކުއްޖާ ސާފުކުރަންދިޔަ ނަރުސް އަންހެން ކުއްޖާވެސް ގޮވައިގެނެވެ.

އޭރު ބަދުރިއްޔާއާއެކު ވިހޭ ރަނާ ވޯޑަށް ބަދަލުކޮށްފިއެވެ. އަމަރް ހޮސްޕިޓަލަށް އައީ ރަނާ ވޯޑަށްވެސް ބަދަލުކުރިފަހުންނެވެ.

[ދަރިފުޅުތީ ރަނގަޅު ފިރިހެނެއް. ދަރިފުޅު އެންމެ ހުންނަންޖެހޭ ވަގުތު، ކޮންތާކު އުޅެފައިތަ ތިއައީ؟] އަމަރްގެ ބައްޕަ ނިޔާޒް ވަރަށް ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ. އޭރު އަމަރްވަނީ އޭނާ ދައްކާނޭ ވާހަކަ ކުރިން ރާވާފައިކަމުން، އޭނާ އެއްވެސް ހާސްކަމެއްނެތި ބައްޕައަށް ޖަވާބުދިނެވެ.

[އަހަރެން ދިޔައީ ދަރިފުޅުގެ ބައެއް ސާމާނު އަދި ހަމަވެފައި ނެތީމާ، އެ ހަމަކުރަން. ސީދާ މިއަދު ވިހާނޭކަން ކުރިން އެނގުނުނަމަ، އަހަރެން ނުވެސްދާނަން. ލަނޑެއް ލިބުނީވެސް. ފާޚާނާއަށް ވަދެލަންވެގެން ގެޔަށް ވަދެ ފޯނު ބާއްވާފައި ދެވުނީވެސް.] އަމަރް އެތެރެއަށް ވަދެ ދަރިފުޅުގެ ކޮލުގައި ކޮއްޓާލިއެވެ.

ބަދުރިއްޔާގެ ދަރިފުޅު ވިއްސާ ކޮޓަރިން ގެއްލުނު ޚަބަރު ބަދުރިއްޔާއަށް ދިނީ، އޭނާގެ ފިރިމީހާ ޙަލީމެވެ. ބަދުރިއްޔާއަށް ދޮގުހަދާ އޮޅުވާލަން އޭނާ ބޭނުން ނުވީއެވެ.

[ނޫން...ތިހެން ނުބުނޭ ޙަލީމް.....ކީއްވެތަ، އެތާ ތެރެއިން އަހަރެންގެ ދަރިފުޅު ގެއްލެންވީ. އެތާ ތިބި ނަރުހުންނަށް އެނގޭނެ، އަހަރެންގެ ދަރިފުޅު ވީތަނެއް....ދަރިފުޅު ހޯދައިދީ....] ބަދުރިއްޔާ ނިކަން ބާރަށް ރޮއިގަތެވެ.

އޭރު ބަދުރިއްޔާވެސް އޮތީ ވޯޑުގައި ކަމުން އަދިވެސް ނޫސްވެރިންނާއި ފުލުހުން އެތާކުން މަދެއް ނުވެއެވެ.

މިހާރު އެމައްސަލައިގައި ދެނަރުހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވީ ކަމުގައިވިޔަސް، އަދި އެއްވެސްވަރެއްގެ ކާމިޔާބީއެއް ނުލިބެއެވެ.

ދަރިފުޅު ގެއްލުނު ޚަބަރާއެކު، ދެފަހަރަކު ބާރަށް ރުއިގޮތަށް މިހާރު ބަދުރިއްޔާ އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ޤަބޫލުކުރެވޭ ގޮތުގައި، އޭނާގެ ސިކުނޑިއަށް ވަނީ ވަރަށްބޮޑު ޝޮކެއް ލިބި، ހުއްޓުމެއް އަރާފައެވެ. އޭގެފަހުން އޭނާގެ ފިރިމީހާއާއި ޢާއިލާގެ މެމްބަރުން ވާހަކަ ދައްކަ ދައްކާވެސް އޭނާ އަނގަޔަކުންވެސް ނުބުނެއެވެ.

ޖެހިގެން އައި ދުވަހު ނުކުތް ނޫސްތަކުގެ ބޮޑު ޚަބަރަކަށްވެފައި ވަނީ، ބަދުރިއްޔާގެ ދަރިފުޅު ހޮސްޕިޓަލުން ގެއްލުނު ވާހަކައާއި، ތަޙުޤީޤަށްޓަކައި ދެނަރުހަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. މީގެއިތުރުން ބައެއް ނޫސްތަކުގައި، ބަދުރިއްޔާގެ ފިރިމީހާ ޙަލީމްގެ އިންޓަރިވޔުއާއެކު، ހޮސްޕިޓަލަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެސްވެއެވެ.

ޤަބޫލު ނުކުރެވުނަސް އެޙާދިޘާ އެވަނީ ހިނގާފައެވެ. ނުވަމަހާއި ދުވަސްކޮޅެއް ވަންދެން ވޭންތަކެއް އުފުލުމަށްފަހު، ބަދުރިއްޔާ ވިހޭ ދަރިފުޅު ގެއްލިފައިވަނީ، ބަދުރިއްޔާއަށް ދަރިފުޅުގެ މޫނުވެސް ނުފެނިއެވެ.

ރަނާ ވިހެއުމަކުންވެސް އަމަރް މާބޮޑު އުފަލެއްވާހެނެއް ހިއެއް ނުވެއެވެ. އޭނާ އަދި އެއްވެސްފަހަރަކު ދަރިފުޅު އުރާލާފައިވެސް ނުވެއެވެ. ދެޢާއިލާގެ މެމްބަރުން ކުއްޖާ މޮޑެމުންދާއިރުވެސް އޭނާ ހުންނަނީ ފިކުރެއްގެ ތެރޭގައެވެ.

[އަމަރް...ހާދަ ދުރުދުރުން ތި އިންނަނީ. ހީވަނީ ކޮންމެވެސް ފިކުރެއްގައި އިންނަހެން. އަމަރް އުފަލެއްވެސް ނުވޭތަ؟] ޝެހެނާ ދަރިފުޅުގެ ކޮލުގައި އަތް ކާއްތާލަމުން ބުންޏެވެ. ޝެހެނާ މިހެން ބުނީމާ، އަމަރް ވަރަށް ބޮޑަށް ސިހުނެވެ.

[ތިހާ ތުއްތުއިރު އުރީމާ ކުއްޖާ ގާވެދާނެ. ބޮޑެއް ނުވާނެ. އަހަރެން މިހުންނަނީ ވަރަށް އުފާވެފައި. އިރާދަކުރެއްވީތީ، ހުރިހާ ކަމެއްވެސް މިދަނީ ވަރަށް ކާމިޔާބުކަމާއެކު.] އަމަރް ކުޑަކޮށް ދަރިފުޅުގެ ކޮލުގައި ކޮއްޓާލިއެވެ.

[އަޅެ ޝެހެނާ ބުނެބަލަ....ތިމަންޖެ ކާކާތަ ވައްތަރީ؟] ރަނާ އަހާލިއެވެ. ޝެހެނާ ދަރިފުޅަށް ރަނގަޅަށް ބަލަން ފެށިއެވެ.

[ހަމަގައިމުވެސް ރަނާގެ ދެލޯ....ބޮޑަށް ވައްތަރީ އަމަރާ.....އަންހެން ކުއްޖަކު ރަނގަޅުވާނީވެސް ބައްޕައާ ވައްތަރުވީމާ.] ޝެހެނާ ކުއްޖާއަށް ބަލައިލުމަށްފަހު، އަމަރަށް ބަލައިލިއެވެ. އަމަރް ހިނިތުންވެލިއެވެ.

އާދައިގެ މަތިން ހޮސްޕިޓަލްގައި ރަނާވެސްވީ ތިން ދުވަހެވެ. ދަރިފުޅު މަސަލަސް ކުރުމުގައި، ރަނާއަށް ދަތިތަކާ ކުރިމަތިލާން ޖެހުނީ، ގެޔަށް ބަދަލުވީ ދުވަހުން ފެށިގެނެވެ.

ދަރިފުޅު ރަނާގެ ގާތުން ބުއްބޯން ބޭނުން ނުވަނީކަންނޭނގެއެވެ. އަބަދުވެސް އެކުއްޖާ ބަނޑުހައިވެގެން ރޮނީއެވެ. އަމަރް ދަރިފުޅު ގެނެސް، ރަނާގެ އަތަށްދޭ ފަހަރަކު ނޫނީ، ދަރިފުޅު ރަނާގެ ގާތުން ނުބޯކަން ރަނާ ވަރަށް ބޮޑަށް ފާހަގަކުރިއެވެ. ވުމާއެކު ރަނާ ޤަޞްދުކުރީ ދަރިފުޅަށް ބުއްފުޅިދޭށެވެ. އެއީ އަމަރްވެސް ބޭނުނވާ ގޮތެވެ.

[އަމަރް...މިކުއްޖާއަށް ބުއްފުޅި ދޭން ފަށަން މިއުޅެނީ. އަމަރް ގެނެސްދޭ ފަހަރަކު ނޫނީ ގާތަކުން ނުބޮއި. އެގޮތަކަށް ބުޔަސް އެހާވަރަށް ރޮއޭ. އަހަންނަށް ހީވަނީ ނުފުރެނީހެން.] ރަނާ ބުންޏެވެ. ތެދެކެވެ. އެދަރިފުޅު އެއްގޮތަކަށްވެސް ބަނޑު ނުފުރޭނެއެވެ. އެދުވަހަށްފަހު އެދަރިފުޅަށް ޤަވާޢިދުން ބުއްފުޅި ދޭން ފަށައިފިއެވެ.

ނަމަވެސް، ދޭތެރެ ދޭތެރެއިން އަމަރް ގެނެސްދިނީމާ، ރަނާ ދަރިފުޅަށް ގާތުންދެއެވެ.

[އަމަރް....ދަރިފުޅަށް ނަމެއް ކިޔާކަށް ނުވޭތަ؟ ބުނެބަލަ، އަމަރަށް ރީތި ނަމެއް....އަހަރެން ކިޔަން ބޭނުންވަނީ އަމަރް ބޭނުން ނަމެއް.] ރަނާ މިހެން ބުނީމާ، އަމަރް ހިނިތުންވެލުމަށްފަހު، ރަނާގެ ގާތުގައި އިށީނދެއްޖެއެވެ.

[އަހަންނަށް ވަރަށް ރީތި ނަމެއް ބާދާއަކީ....] އަމަރް ހީވީ މާކުރިންވެސް ވިސްނާފައިވާ ނަމެއް ބުނެލިހެންނެވެ. ޙަޤީޤަތުގައި ބާދާއަކީ ބަދުރިއްޔާއާއި ސަލީމް، އެމީހުންގެ ދަރިފުޅަށް ކިޔަން ޤަޞްދުކުރި ނަމެވެ. ފަހަރެއްގައި އެއީ އިއްތިފާޤަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

[އަމަރަށް ރަނގަޅިއްޔާ، މި މަންޖެއަށް ކިޔާނީ ސީދާ ތިޔަ ނަން.] ރަނާ މިހެން ބުނެފައި، ބުއްފުޅި ގެނެސް ކުޑަދަރިފުޅަށް ދޭން ފެށިއެވެ. އެއީ މިހާރު ކޮންމެ ރެޔަކުވެސް އާދައިގެ މަތިން އެމަންޖެ ނިދާފައި ހޭލީމާ ދޭ ބުއްފުޅިއެވެ.

ޢަޖައިބުވާ ކަމަކީ ދަންވަރު ރަނާ ބުއްފުޅި ދީފައި ނިދަން އޮށޯވެ، ނިދިޖެހޭތަނާހެން އެމަންޖެ ބަނޑުހައިވެގެން ރޯތީއެވެ. އެފަދަ ވަގުތުތަކުގައި ހިތް ފުރެންދެން އެމަންޖެ ގާތުން ބޮއެވެ.

އެފަދަ ރެއެކެވެ. ރަނާ ނިދީގައި އޮވެމެ ތެދުވެގެންގޮސް، ދަރިފުޅަށް ބުއްފުޅި ދިނުމަށްފަހު ކުޑައެނދުގައި ބާއްވާފައި ގޮސް އެނދުގައި އޮށޯވެލިތަނާހެން އަމަރް ތެދުވެއްޖެއެވެ. ރަނާ މާބޮޑަށް ނިދި މޫޑުގައި އޮތުމާއެކު، އޭނާ އެނދުގެ ބިއްދޮށު ފަރާތަށް އެނބުރިގެން އޮވެ ބާލީހުގައި ބައްދާލިއެވެ. އެފުރްޞަތުގައި އަމަރް ގޮސް ހުއްޓުނީ ބާދާ ބާއްވާފައި އޮތް އެނދާ ދިމާއަށެވެ. އެއަށްފަހު، އޭނާ ފަސްއެނބުރި ރަނާ އޮތް އެނދާ ދިމާއަށް ބަލައިވެސްލިއެވެ. ދެން ފެނުނީ އޭނާ ބާދާ ނަގައިގަނެގެން ކޮޓަރިން ނުކުތްތަނެވެ. އޭރުވެސް އެމަންޖެ އޮތީ އަރާމް ނިންޖެއްގައެވެ.

ދަރިފުޅު ނަގައިގެން އޭނާ ކޮޓަރިން ނުކުތްތާވީ ކުޑަވަގުތުކޮޅެކެވެ. ދެން ފެނުނީ އެނބުރި އޭނާ އައިސް ކޮޓަރިއަށް ވަންތަނެވެ. އޭރުވެސް އޭނާގެ އަތުގައި ދަރިފުޅު އޮތެވެ. ބޭރަށް ނުކުތްއިރު ނިދިފައި އޮތަސް މިހާރު ބާދާ އޮތީ ހޭލައެވެ. އެކުއްޖާ ހީވަނީ ވަރަށް ބޮޑަށް ބަނޑުހައިވެފައި އޮތްހެންނެވެ. އަމަރް ކޮޓަރިއަށް ވަދެގެން އައިގޮތަށް، ނިދާފައި އޮތް ރަނާގެ ގާތުގައި ދަރިފުޅު ބާއްވާލިއެވެ. އެއާއެކު ކުއްޖާ ނިކަން ބާރަށް ރޯން ފަށައިފިއެވެ. ކުއްޖާ ރޯން ފެށުމާއެކު ރަނާއަށް ހޭލެވުނެވެ.

[ދަރިފުޅު ބަނޑުހައިވީކަންނޭނގެ، ގާތުން ޖައްސާލަބަލަ.] ރަނާ ހޭލުމާއެކު، އަމަރް ރަނާގެ ގާތު ބުންޏެވެ. ރަނާ ދަރިފުޅަށް ގާތުން ޖައްސާލިއެވެ. އެއާއެކު އެހެން ރެޔެކޭވެސް އެއްފަދައިން، ވަރަށް ދަހިކޮށް ދަރިފުޅު ބުއްބޯން ފެށިއެވެ.

މިއާދައިގައި ދުވަސްތައް މާޒީވަމުންގޮސް މިހާރު ރަނާއާއި އަމަރްގެ ދަރިފުޅަށް އަހަރު ފުރިއްޖެއެވެ. އަމަރަކީ ކިތަންމެ ބޮޑު ފައިސާވެރިޔަކަށްވިޔަސް، އޭނާ ދަރިފުޅުގެ އުފަން ދުވަސް ފާހަގަކުރާކަށް ބޭނުމެއްނުވިއެވެ.

ދަރިފުޅާއެކު ރަނާ ނުހަނު އުފަލުގައި އުޅެމުންދާއިރު، ރަނާއާ އެއްވަގުތެއްގައި ވިހޭ ބަދުރިއްޔާއަކީ މިހާރު ހަމަޖެހޭ މީހެއް ނޫނެވެ. ބުދެއް އަބަދުވެސް އަތަށް ލައިގެން އޭނާ އުޅެނީ ރަށުތެރެއަށް ގިނަވެގެންނެވެ. ބައެއްފަހަރު އޭނާގެ ފިރިމީހާ އޭނާ ގެނެސް ހައްޔަރުވެސް ކުރެއެވެ. އެހެން ނަމަވެސް، ޙަލީމް ގެއިން ބޭރަށް ޖެހިލާތަނުން އޭނާ ބޭރަށް ނުކުމެއެވެ. ދެން ޙަލީމް އޭނާ ހޯދަންޖެހެނީ، މުޅި ރަށުގައި އަތް ފުނާ އަޅައިގެންނެވެ.

ޙަލީމާއި ބަދުރިއްޔާ ކައިވެނިކޮށްފައިވަނީ، ލޯބިވެގެން އެތައް އަހަރުތަކެއްގައި އުޅުމަށްފަހު، ބަދުރިއްޔާގެ މަދްރަސީ ދައުރު ނިމުމާއެކުހެންނެވެ. ނަމަވެސް، މިއަދު އެއުފާވެރި ކައިވެންޏަށް ކޮންމެވެސް މީހަކުވަނީ ވިހަލާފައެވެ. އެދެމަފިރިންގެ އެއްވެސް ކުށެއްނެތިއެވެ. މޮޔަނުގޮވިނަމަވެސް، ބަދުރިއްޔާ ހުންނަނީ އެޙާދިޘާއަށްފަހު ގަބުވެފައެވެ. އޭނާ އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. އޭނާގެ ފިރިމީހާ ޙަލީމް ތަކުރާރުކޮށް އޭނާއަށް ވިސްނައިދީ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް، ބަދުރިއްޔާ އެއްވެސް މީހެއްގެ ނަޞޭޙަތުގެ އަޑެއްނާހައެވެ. އެއްވެސް މީހަކާ ވާހަކައެއްވެސް ނުދައްކައެވެ. ޑޮކްޓަރުން ބުނެފައިވަނީ، އޭނާއަށް ޝޮކެއް ލިބިފައިވާ ކަމަށާއި، ރަނގަޅުވާން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. ޙަލީމް އިންތިޒާރު ކުރަމުންދަނީ އެދުވަހަކަށެވެ. އެއްވެސް ޙާލެއްގައި ބަދުރިއްޔާ އެޙާލުގައި ހުއްޓާ ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން