ކޮވިޑް-19: ރަޝިޔާ އިން އުފެއްދި ވެކްސިން
ކޮވިޑް-19: ރަޝިޔާ އިން އުފެއްދި ވެކްސިން
ރަޝިއާއިން އުފެއްދި ކޯވިޑް-19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާކަން އެގައުމުގެ ރައީސް ވްލަޑިމިއަ ޕޫޓިން އިއުލާންކުރައްވައިފިއެވެ.

ރަޝިއާގެ ކުންފުންޏެއް ކަމަށްވާ "ގަމަލެޔާ އިންސްޓިޓިއުޓް" އިން އުފެއްދި މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެގައުމުގެ ހެލްތް މިނިސްޓްރީން ދީފައިވާކަން އިއުލާންކުރައްވަމުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވީ، މި ވެކްސިން އާއްމުންނަށް ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށެނޭ ކަމަަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ، މި ވެކްސިންގެ ތަހުލީލުތައް އިންސާނުންނަށް ކުރިއަށްގެންދާތާ ދެ މަސް ދުވަސް ނުވަނީހެވެ.

މިއީ ކޯވިޑް-19 އާ ދެކޮޅަށް ދުނިޔޭގައި އުފެއްދި ފުރަތަމަ ވެކްސިންކަން ފާހަގަކޮށްލެވެއެވެ.

ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބުމާއެކު ޕުޓިންގެ ދަރިކަނބަލުންނަށް ވެކްސިން ދެއްވާފައިވާކަން ރައީސް ޕުޓިން ވަނީ ހާމަކުރައްވާފައެވެ.

"އަހަރެންްގެ އެއް ދަރިއަކަށް ވެކްސިން ދީފައިވޭ، އޭނާ ވަނީ މި ވެކްސިން އެކްސްޕެރިމެންޓްގައި ބައިވެރިވެފައި، އޭނާ އަށް ދިން ފުރަތަމަ ވެކްސިންއަށްފަހު، އޭނާގެ ހަށިގަނޑުގެ ޓެމްޕަރޭޗަރ ހުރީ 38 ގައި، އޭގެ އަނެއް ދުވަހު ހުރީ 37 ގައި." ރައީސް ޕުޓިން ވިދާޅުވިއެވެ.

މިވެކްސިން އަކީ ރައްކާތެރި ވެކްސިނެއްކަން ވަނީ ތަހްލީލްތަކުން ކަށަވަރު ކުރެވިފައި ކަމަށް ރަޝިޔާ އިން ބުނެ އެވެ. އެންމެ ފުރަތަމަ މިވެކްސިން ދޭނީ ސިއްހީ މަސައްކަތްތެރިންނާއި، ޓީޗަރުންނާއި އަދި ހައިރިސްކު ގްރޫޕްތަކަށް ކަމަށް ރަޝިޔާ އިން ހާމަކުރެއެވެ.

ރަޝިއާނޫން އެހެން ގައުމުތަކުގެ ސައިންސްވެރިން ވަނީ މިވެކްސިންގެ ކާމިޔާބުކަމާމެދު ސުވާލު އުފައްދާފައެވެ. އަދި މިވެކްސިން ދޭން ފަށާއިރު ސައިންޓިފިލް ތަހުލީލުތައް ރަޝިޔާއިން އާންމު ނުކުރާ ކަމުގެ ޝަކުވާތައްވެސް ވަނީ ބޮޑުވެފައެވެ. ބައެއް ފަރާތްތަކުން ބުނަނީ މިއީ ވާދަވެރި ރޭހެއްގައި ރަޝިޔާ ކުރި ހޯދުމުން އެހެން ގައުމުތަކުގެ ސައިންސްވެރިންނާއި ވެކްސިން އުފައްދާ ފަރާތްތަކުން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން