ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ،
ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ،
ސ.ހުޅުދޫގައި އަލަށް ތަރައްޤީކުރާ ބަނދަރުގެ ޢަމަލީ މަސައްކަތް ފަށައި މި ސަރުކާރުގެ ތަރައްޤީ މެކުހަށް ޖަހައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވަނީ ނިމުނު ޖުލައިމަހުގެ 28ވަނަ ދުވަހުއެވެ.

ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. އެގޮތުން 88000 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.



އައްޑޫ ސިޓީގެ ހުޅުދޫގައި ހަދާ ބަނދަރަކީ 742 މީޓަރު ދިގު ބަނދަރެކެވެ. ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 624 މިޓަރު ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި އެއްގަމުތޮއްޓާއި ބޭރު ތޮށި ގުޅާލުމަށް 9 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް އެޅުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތްތަކުގެ އިތުރަށް ބަނދަރުގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތިއާއި، ނެރު ބައްތިޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީއާއި ދެމެދު ސޮއިކޮށްފައިވަނީ މިއަހަރުގެ މަރޗްމަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ސަރުކާރުން 61.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ބަނދަރުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރާއި ދިހަދުވަހުގެ މުއްދަތެކެވެ.

ހުޅުދޫ ބަނދަރު ހެދުމުގެ މަޝްރުޢުގެ އިތުރުން ގދ. ތިނަދޫ އައިސްޕްލާންޓް ސަރަހައްދުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީ އަށް ޙަވާލުކޮށްފައިވާ އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށައިފައި ވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން 9،245 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 1،859.01 އަކަ މީޓަރު ސަރަހައްދެއްގެ ފަޅު ފުންކުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާލައިފަ އެވެ. މީގެ އިތުރުން 161 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި، 10 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރާ އިންވެގެން ޕޭވްމަންޓް ހެދުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓުގެ ދަށުން އެމްޓީސީސީން ވަނީ ކުރިއަށްގެންގޮސްފަ އެވެ.



މި ޕްރޮޖެކްޓަށް 21.04 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހަމައެއާއެކު، ށ. ކޮމަންޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 73 އިންސައްތަ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ގައު އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މި މަސައްކަތުގައި މިހާރު ކުރިއަށް ދަނީ އެއްގަމުތޮށީގެ އިންފާރު ލުމާއި ކެޕް ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.



މި މަޝްރޫއުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އެމްޓީސީސީ އިން ފަށާފައިވާއިރު، މި މަޝްރޫއަށް 29.41 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ކޮމަންޑޫ ބަނދަރުގެ ބޮޑު ބައެއް މިހާރު ނިމިފައި ވާއިރު، އެމްޓީސީސީ އިން ވަނީ އެކުންފުނިން ގދ. ތިނަދޫގައި ހުރި އައިސްޕްލާންޓް ސަރަހައްދުގެ އެއްގަމު ތޮށިލުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުވެސް މިހާރު ނިންމާލާފަ އެވެ. އަދި ސ. ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް އެކުންފުނިން ވަނީ މިހާރު ފަށާފަ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ އާ މަޝްރޫއުތައް ފަށައިފަ އެވެ. މީގެ ތެރެއިން 17 ރަށެއްގެ 19 މަޝްރޫއު މިހާތަނަށް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން