މަންމައާއި ބައްޕައާއިއެކު ދަރިފުޅު ހިނގާފައިދާތަން
މަންމައާއި ބައްޕައާއިއެކު ދަރިފުޅު ހިނގާފައިދާތަން
ބެލެނިވެރިންނާއި އެމީހުންގެ ދަރިންނާއި ދެމެދު އޮންނަ ގުޅުމަކީ ވަރަށް މާތް ގުޅުމެކެވެ. އަދި މި ގުޅުން ހީނަރުވިޔަ ނުދީ، ބަދަހި ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ދަރިންނާއި މައިންބަފައިންގެ ދެމެދުގައިވާ ގުޅުން ބަދަހިވުމުގެ ސަބަބުން ބޮޑުވަމުން އަންނަ ދަރިފުޅަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. އެގޮތުން މި ގުޅުން ރަނގަޅުގޮތުގައި ބަދަހިވެވިއްޖެނަމަ ފުރާވަރަށް އަންނަ ދަރިން ނަފްސާނީގޮތުން ދުޅަހެޔޮވެ، އެ ދަރިންނަކީ މުޖުތަމައަށް ފައިދާ ހުރި ދަރިންތަކަކަށް ވެގެން ދެއެވެ.

މިހާރުގެ ގިނަ ޒުވާން ބެލެނިވެރިންނަކީ ވަޒީފާ އަދާކުރާ މީހުންނެވެ. ވަޒިފާ އަދާކުރުމާއި ދިރިއުޅުމުގެ އެހެނިހެން އެތައް ކަމެއްގައި އަވަދިނެތި އުޅުނުކަމުގައިވީނަމަވެސް ތިމާގެ ދަރިންނާއި އޮންނަ ގުޅުން ހީނަރުވިޔަނުދީ ބަދަހި ކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ.

މި ޒަމާނަކީ މުއާސަލާތީގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ޒަމާނެކެވެ. މި ޒަމާނުގައި އަޅުގަނޑުމެން އެންމެ ގިނައިން މުއާމަލާތު ކޮށް އުޅެނީ މުއާސަލާތީ ވަސީލަތްތައް ބޭނުން ކޮށްގެންނެވެ. އެހެންކަމުން ދިރިއުޅުން ބިނާ ކުރުމުގައި ކިތައްމެ ބުރަހެލިކޮށް އުޅުނު ކަމުގައި ވީނަމަވެސް މި ވަސީލަތްތައް ބޭނުންކޮށްގެން ތިމާއާއި ދަރިންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް މިހާރު ވަރަށް ފަސޭހަވެގެންދެއެވެ.

އެކަކު އަނެކަކުގެ އިހްސާސްތަކާއިމެދު ވިސްނައި އެކަމަށް އިހްތިރާމްކުރުމަކީ ކޮންމެ ގުޅުމެއްވެސް އާލާވެ ބަދަހިވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ މައިގަނޑު އެއްކަމެވެ. މައިންބަފައިން ދަރިންގެ އިހްސާސްތަކާއިމެދު ވިސްނައި، ބޮޑުވަމުން އަންނަ ދަރިންނަށް އެމީހުންގެ ހިޔާލުތަކާއި ޝުއޫރުތައް ފާޅުކުރުމަށް ފުރުސަތު ދިނުމަކީ ދަރިންނާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްދޭނެ ކަމެކެވެ.

ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް އިންސާނާ ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލާނެއެވެ. އަދި ދިރިއުޅުމުގެ ކަންތައް ބައްޓަންވެފައިވާ ގޮތުން ބައެއްފަހަރު ދަރިންނާއި މައިންބަފައިންގެ ދެމެދުގައި ކުދިކުދި ދެބަސްވުންތައް ދިމާވެ ރުޅި އިސްކުރެވޭ ވަގުތުތައްވެސް އާދެއެވެ. ނަމަވެސް މިފަދަ ދެބަސްވުންތައް މެދުވެރިވުމުން ވީހާވެސް އަވަހަށް ވާހަކަ ދައްކައި، އެ މައްސަލަތައް ހައްލު ކުރުމަކީ މައިންބަފައިންނާއި ދަރިންގެ ގުޅުން ބަދަހިކޮށް ވަރުގަދަ ކޮށްދޭ ކަމެކެވެ. އަދި މީގެ ސަބަބުން އާއިލީ މާހައުލަކީ ހަމަޖެހޭ އުފާވެރި މާހައުލަކަށްވެސް ވެގެންދެއެވެ.

ތިމާގެ ދަރިން ރަނގަޅަށް ދަސްކުރުމަކީވެސް ދަރިފުޅާއި ތިމާއާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ފަސޭހަވެގެންދާ ކަމެކެވެ. ދަރިންގެ ބޭނުންތަކާއި އިހްސާސްތައް ދެނެގަތުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ. ދަރިންނާއި ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކައި، އެމީހުންގެ ވިސްނުމާއި ޝުއޫރުތައް ދެނެގަނެވިއްޖެނަމަ ދަރިން ބެލެނިވެރިންނަށް އިތުބާރު ކުރާވަރު ބޮޑުވެގެންދެއެވެ. އަދި އެމީހުންގެ ދިރިއުޅުމުގެ އެކި ކަންކަން ނިންމުމުގައި ބެލެނިވެރިންގެ އިރުޝާދު ހޯދުމަށްވެސް އެމީހުންނަށް ފަސޭހަވެގެންދެއެވެ. މީގެ ސަބަބުން ތިމާއާއި ދަރިފުޅާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވެގެންދެއެވެ.

ކުއްޖާ ބޮޑުވަމުން އައިސް ދިރިއުޅުމުގެ އެކި މަރުހަލާތައް ކަޑައްތުކުރަމުންދާއިރު ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެއެވެ. މިފަދައިން ދަރިންނަށް ކުރިމަތިވާ ކަންތައްތަކުގެ ވާހަކަތައް ފާޅުގޮތުގައި ބަޔާންކުރުމަށް އެއްބާރުލުން ދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ. މިގޮތަށް އެއްބާރުލުން ދިނުމުގެ ސަބަބުން ދަރިންނަށް އެމީހުންގެ ހިޔާލާއި ޝުއޫރުތަކުގެ މުހިންމުކަން އެނގިގެންދެއެވެ. އަދި ބެލެނިވެރިންނާއިއެކު އެމީހުންގެ ހިޔާލުތަކާ ބެހޭގޮތުން މަޝްވަރާ ކުރަން ދަރިންނަށް ފަސޭހަވެ، ދަރިންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެން ދެއެވެ.



ހަމަޖެހޭ މާހައުލެއްގައި ދަރިން ތަރުބިއްޔަތު ކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ. ގޭތެރޭގެ މާހައުލަކީ ދަރިންނަށް ރައްކާތެރި މާހައުލަކަށް ވާންޖެހެއެވެ. އެމީހުންގެ ވިސްނުންތަކާއި ޝުއޫރުތައް ފާޅު ކުރެވޭފަދަ މާހައުލަކަށް ވާން ޖެހެއެވެ. މިފަދަ މާހައުލެއް ބިނާކުރެވޭނީ ދަރިންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެގެންނެވެ. އެގޮތުން މަންމައާއި ބައްޕަ ވާންޖެހޭނީ ދަރީންގެ އެންމެ ގާތް އެކުވެރިންނަނެވެ. މިސާލަކަށް އަންހެންކުއްޖެއް ނަމަ މަންމަ ވާންޖެހޭނީ އެކުއްޖާގެ އެންމެ ގާތް އެކުވެރިޔަށެވެ. ހަމަ އެގޮތަށް ފިރިހެންކުއްޖެއް ނަމަ ބައްޕަވާންޖެހޭނީ އެކުއްޖާގެ އެންމެ ގާތް އެކުވެރިޔާއަށެވެ. މިކަމުގައި އޮތީ އެއީ ފިރިހެންކުއްޖެވިޔަސް އަދި އަންހެން ކުއްޖެއްވިޔަސް މައިންބަފައިން އެކުދިން އެންމެ ތުއްތު އިރުންފެށިގެން އެކުދީންނާ ގުޅުން ބަހައްޓާ މިންވަރެއްގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން