މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް
މިފްކޯއަށް ކިރާ މަހަށް މީގެފަހުން 2 ހަފުތާ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ މިފްކޯއިން މަސްގަތުމަށް އަލަށް ކަނޑައަޅާފައިވާ އަގާއެކު މަސްވެރިން ކިރާ މަހަށް 2 ހަފުތާ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށެވެ.

ޝިޔާމު މިއަދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރުން ކަމަށާއި އެގޮތުން މަސް ކާރުޚާނާތައް ތަރައްޤީކުރެވި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި އެއަމާޒަށް ވާސިލުވެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

“އަމާޒަކީ މިވަގުތު މި ގެނެވޭ ބަދަލުގައި 2 ހަފްތާތެރޭގައި ފައިސާ ދިނުން.” ޝިޔާމް ވިދާޅުވިއެވެ.

ހަމައެއާއެކު މިފްކޯއަށް މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށްވެސް ކުރިއެރުންތައް ލިބޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިފްކޯއިން ވަނީ ޖުލައި ފުރަތަމަ ދުވަހުން ފެށިގެން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށް ކަމަށް ނިންމާފައެވެ.

މިފްކޯއިން ބުނީ ޖުލައި އެކަކުން 5 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުތަކުން އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށް ކަމަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން އައިސް އަޅާފައިވާ 1.5 ކިލޯއަށްވުރެ ދަށް ކަނޑުމަހާއި ކަންނެލި 7 ރުފިޔާއަށް ގަންނަން ނިންމާފައިވާއިރު، އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަތުމަށް ހަމަޖެހިފައިވަނީ 5 ރުފިޔާއަށް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

އޭގެއިތުރުން މިފްކޯއިން ބުނީ އެކުންފުނިން ޤާއިމްކުރާ ފެސިލިޓީތައް ނިމޭއިރު މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 15،000 ޓަނަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި ފެލިވަރުގެ ދަޅުގައި މަސް ބަންދުކުރުމުގެ ކެޕޭސިޓީ ދުވާލަކު 100 ޓަނަށް އުފުލިގެންދާނެ ކަމަށްވެސް މިފްކޯއިން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން