ވީ.އައި.އޭ އެއަރޕޯޓް
ވީ.އައި.އޭ އެއަރޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލާގައި ދެމީހެއްގެ މައްޗަށް ދަޢުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ 29 އޭޕްރީލް 2024 ވަނަ ދުވަހުގެ 07:00 ހާއިރު މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ދުއްވުމަށް ހާއްސަކޮށްފައިވާ ކާރެއް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓްރާންސްޕޯޓް އެންޑް ފެރީ ސާރވިސް ބިލްޑިންގގައި ޕާކްކޮށްފައި އޮއްވާ ވަގަށްނެގި މައްސަލައިގައި ދެމީހެއްގެ މައްޗަށް ދަޢުވާކުރުމަށް 27 ޖޫން 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި ދަޢުވާ އުފުލާފައިވަނީ މ. ސީނީއަސުރުމާގެ، މުޙައްމަދު ޚައިޝަމްއާއި، މ. މޮޑަންކޮމެޓް، އަޙްމަދު ނިޡާމްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ކަމަށެވެ.

މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 311 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، އެއްވެސް މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާ ވެސް މ. މޮޑަންކޮމެޓް، އަޙްމަދު ނިޡާމްގެ މައްޗަށްވަނީ އުފުލާފައެވެ. އެއީ ކާރު ވަގަށް ނަގައިގެންގޮސް، އޭގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލައި، އެ އުޅަނދުގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައި ވާތީއެވެ. މި ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ހަމައެއާއެކު މުދަލަށް ގެއްލުންދިނުމުގެ ދައުވާވެސް ނިޒާމްގެ މައްޗަށް އުފުލާފައިވެއެވެ. އެއީ، ކާރުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާއި، އެ އުޅަނދަށް ގެއްލުން ދީފައިވާތީއެވެ. މި ކުށުގެ އަދަބަކީވެސް ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ޕީޖީ އޮފީހުން ބުނީ މިދެމީހުން ވަގަށް ނަގާފައިވާ ކާރުގެ އަގަކީ 34560 އެމެރިކާ ޑޮލަރު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން