މަސްވެރިން ބާނާ މަސް ގަތުމަށްފަހު އެ ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވަމުންދާތީ އައްޑޫގެ މަސްވެރިން ސިލްސިލާކޮށް ކުރަމުން ގެންދިޔަ މުޒާހަރާތައް ހުއްޓާލައިފިއެވެ.

މިފްކޯއިން ބުނީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިއަދު ޖަމާކުރަން ފަށާފައިވުމާއިއެކު މަސްވެރިންގެ މުޒާހަރާތައް ހުއްޓާލާފައިވާކަމަށާއި ޖުމުލަ 53 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދާކަމަށެވެ.

ފައިސާ ޖަމާކުރަން ފެށުމުގެ ކުރިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ދިޔައީ މުޒާހަރާ ކުރަމުންނެވެ.

މިފްކޯއިން އިއްޔެ ބުނެފައިވަނީ މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫންކަމަށެވެ.

އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގެއްގައިކަމަށް މިފްކޯއިން އިއްޔެވަނީ ބުނެފައެވެ.

މިފްކޯއިން ބުނީ ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގު ކޮންމެ ހަފްތާއަކު އާންމުކޮށް މިފްކޯއިން އިޢުލާން ކުރަމުންގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން