ރާއްޖޭގެ 20 އިމާމަކު ތަމްރީނު ކުރުމަށް މި މަހު ބުރޫނާއިއަށް ފޮނުވަން ތައްޔާރުވެފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ 20 އިމާމަކު މިމަހު 15 ގައި ތަމްރީނު ވުމަށް ބުރޫނާއި ދާރުއްސަލާމަށް ފުރާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ލިބިގަތުމުގެ ފުރުސަތުގެ ދަށުން ފުރުވާ އިމާމުންތަކެއް ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމް އޮންނާނީ ބުރޫނާއި ގެ ޤައުމީ އިސްލާމީ ޔުނިވަރސިޓީ، ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީގައި ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. މީގެ ކުރިންވެސް ރާއްޖޭގެ އިލްމުވެރިންނާއި އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން ސައުދީއަށް ވަނީ ފޮނުވާފައެވެ.

ތަޖުރިބާއާއި ތަމްރީނުގެ ދަތުރުތަކަށް މިއަހަރު އިމާމުންނާއި ހަތީބުން، ސައުދީގެ އިތުރުން މިސްރު، މެލޭޝިޔާ، ބުރޫނާއި. އިންޑޮނޭޝިޔާއަށް ވެސް ދަތުރުކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ވަނީ ބުނެފައެވެ. ދާދި ފަހުން އެ ވުޒާރާއިން ވަނީ އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއެއް ވެސް އިފްތިތާހުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި 700 އިމާމުންނަށް ތަޖުރިބާ އާއި ތަމްރީން ދިނުމެވެ. އެގޮތުން އިމާމުންނަށް މާސްޓާސް އަދި ޕީއެޗްޑީއަށް ވެސް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށް ދިނުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން