[ކިހިނެއްވީ.....މާ ޙާލުބޮޑުވީތަ؟] ނާފިޒް ނަރުސް ކުއްޖާއާ ސުވާލު ކުރިއެވެ.
[މިހާރު އެއީ ބަލި މީހެއް ނޫން. މައްޔިތެއް.] ނަރުސް އަންހެން ކުއްޖާ ނާފިޒަށް ޖަވާބު ދިނެވެ. އޭރު ޑޮކްޓަރ ރިޒާވެސް އައިސް ވަދެއްޖެއެވެ.
[ނަރުސް އެ އޮތް އަންހެން ކުއްޖާއަށް ނިދާ އިންޖެކްޝަން ޖަހާފައި އިތުރަށް ނިންދަވާލާ.] ނިދިފައި އޮތް ރިޝްމީއަށް އިޝާރާތްކޮށް ޑޮކްޓަރ ރިޒާ އެދުނެވެ.
ރިޝްމީގެ ކަށުކަމާކެމީގެ ކަންތައް މަޣުރިބު ނަމާދު ވަގުތަށް ނިންމާލެވުނެވެ. ކަންތަކުގައި ޒަހީނަށް އެންމެ ބޮޑަށް އެހީތެރިވީ ނާފިޒެވެ. ހުރިހާ ޚަރަދުތައް ބެލެހެއްޓީވެސް ޚުދު ނާފިޒެވެ.
ޝިޒްނީ ހަމައަކަށް އެޅުނީ އޭގެ ދެދުވަސްވަރު ފަހުންނެވެ. އަދިވެސް އޭނާ މުޅިއަކުން ހަމައަކަށް ނޭޅެއެވެ. މިހާރުވެސް ދޭތެރެ ދޭތެރެއިން އެހަނދާންތައް އައުކޮށް ރޯން ފަށައެވެ.
[ޝިޒޫ....ކޮންމެ އެއްޗަކީވެސް ފަނާވެދާނެ އެއްޗެއް. އެހެންމެ ކޮންމެ އިންސާނަކުވެސް ފަނާވެދާނެ. އަހަރެމެނަކަށް އިންސާނެއްގެ ފުރާނައެއް ނުހިފެހެއްޓޭނެ. އެ ބާރު ލިބިގެންވަނީ މިދުނިޔެއަށް އަހަރެމެން ގެންނެވި ފަރާތަށް. އެފަރާތް ނޫން އެހެން ފަރާތަކަށް އެ ބާރު ލިބިގެނެއް ނުވޭ. އަހަރެމެން ދުނިޔެއަށް ފޮނުއްވަނީވެސް އެފަރާތުން. އެހެންމެ މަރު ގެންދަވާނީވެސް އެ ފަރާތުން.] ޒަހީން ޝިޒްނީއަށް ވިސްނައިދެވޭތޯ އުޅުނެވެ.
އެއީ ނާފިޒްވެސް އެގެޔަށް އައިސް ވަން ވަގުތެވެ.
[އަދިވެސް ހަމައަކަށް ނޭޅެނީތަ؟] ނާފިޒް އެތެރެއަށް ވަންނަމުން ވާހަކަ ދެއްކިއެވެ.
[އަޅެ ޒަހީން، ދައްތައަށް ވުރެން ކުރިން އަހަރެންގެ ފުރާނަ ގެންދެވިނަމަ.] ޝިޒްނީ އަނެއްކާވެސް ރޯން ފެށިއެވެ.
[ޝިޒޫ ދެން ހިތާމަ ނުކުރޭ. އިރާދަކުރެއްވިއްޔާ ދައްތަ ނެތްތަން ޝިޒޫއަކަށް ނުދައްކާނަން.] ޒަހީން ޝިޒްނީއަށް ވިސްނައިދިނެވެ.
[ޒަހީން ހިނގާ، މިރޭ ރިޒޯޓަށް ދާން. ޝިޒްނީވެސް ގޮވައިގެން ދާނީ. އޭރުން ހީވަނީ ތިޔަ ހުރިހާ ކަމެއްވެސް ހަމައަކަށް އެޅިދާނެހެން. މިރެއަށް ދަތުރު ރާވަންވީނު.] ނާފިޒް ލަފާދިނެވެ. ޒަހީނަށް އެ ޚިޔާލު ކަމުދިޔައެވެ.
[ރަނގަޅުވާނެ ޝިޒޫ ދާނަންދޯ؟] ޒަހީން އެހިއެވެ.
[އަޅެ މިރެއަކު ނޫން މާދަމާރޭ.] ޝިޒްނީގެ ޚިޔާލު ތަފާތުވިއެވެ. އެ ޚިޔާލު ޒަހީނާއި ނާފިޒްވެސް ޤަބޫލު ކުރިއެވެ.
ޖެހިގެން އައި ރޭ ވީ ވަރަށް ވިއްސާރަ ރެއަކަށެވެ. ދުނިޔެމަތި ބަނަވެފައި އަނދިރި ރެއަކަށެވެ.
[މަންމާ މިއުޅެނީ މިރޭ ރިޒޯޓަކަށް ދަތުރުދާން.] ޒަހީން ވާހަކަ ދެއްކީ މަންމަ ފާއިޒާއާ އެވެ.
[މިހާ ވިއްސާރަ ރެޔަކު މަންމައަކަށް ނުފެނޭ ދާކަށެއް. އެކަމަކު މަންމަ ނުހިފަހައްޓާނަން.] ދުވަހުގެ ގޮތުން ފާއިޒާ ހުރީ ހިތްހަމަނުޖެހިފައެވެ.
[އަހަރެންވެސް މިރޭ ދާހިތެއްނެތް. އެކަމަކު ނުގޮއްސިއްޔާ ނާފިޒް ރުޅިއަތުވެދާނެ. މިހާރު އޭނާ ވަރަށް ތައްޔާރުވާނެ.] ޒަހީން ނުކުންނަން ހިނގައިގަންނަމުން ބުންޏެވެ.
މަގުމަތިން ޒަހީނާއި ނާފިޒް ބައްދަލުވިއެވެ. ނާފިޒް ފެންނަނީ އެހެން ދުވަސްތަކާ ޚިލާފަށް މާބޮޑަށް އުފާވެފައި ވަނިކޮށެވެ. ހީވަނީ ކަމެއް ޙާޞިލްވެގެން އުޅޭހެންނެވެ.
[ކޮބާ! މިރެޔަށް ތައްޔާރުތަ؟] ނާފިޒް އަހާލިއެވެ.
[ތައްޔާރު. އެކަމަކު ހާދަ ވިއްސާރައޭ. މަންމަވެސް ޤަބޫލެއް ނޫން މިރޭ ދަތުރުދާކަށް.] ޒަހީން ބުންޏެވެ. ނާފިޒް ރުޅި އަންނާނެކަން އެނގި ހުރެއެވެ.
[އައްދޭ އަދިވެސް ބޮޑުނުވޭދޯ. ހީވަނީ ފިނޑި އަންހެން ކުއްޖެއްހެން. ބަލަ ވިއްސާރަ، އަހަރެމެންގެ ދަތުރަކަށް ހުރަހެއް ނައަޅައޭ.] ޙަޤީޤަތުގައިވެސް ނާފިޒް ހުރީ ރުޅި އައިސްފައެވެ. އެހެނަސް ޒަހީން ހީކުރީ އޭނާއާ ދިމާކުރީ ކަމަށެވެ.
[މިދަނީ ޝިޒޫގެ ގެޔަށް ދާން.] ޒަހީން ވާހަކަ ބަދަލުކޮށްލުމުގެ މަޤްޞަދުގައި ބުންޏެވެ.
[ގޮސް ޝިޒޫ ގާތުގައި ބުނޭ ތައްޔާރުވާށޭ.] ނާފިޒް ހިނގައިގަތެވެ.
[އާނ މިހާރު މިދަނީ.] ޒަހީން ހިނގައިގަތެވެ.
ޒަހީން ދިޔައިރު ބޮޑު ކޮޓަރީގައި ހުރި ގޮނޑިއެއްގައި ޝިޒްނީ، ދައްތަ ރިޝްމީގެ ފޮޓޯއަކަށް ބަލަހައްޓައިގެން އިނދެ ކޮންމެވެސް ވާހަކަތަކެއް ދައްކަނީއެވެ.
[ދައްތާ، އަޅެ ކީއްވެ އަހަރެން އެކަނިކޮށްފައި ދިޔައީ.] ޝިޒްނީ އިނީ ފެންކަޅިވެފައެވެ.
[ޝިޒޫ.....ޒަހީން ކިހާވަރަކަށްތަ އާދޭސް ކުރަންވީ. ދެން ދައްތަގެ ޚިޔާލު ދޫކޮށްލަބަލަ. ތިޔަހެން ހިތާމަކޮށް ތިޔަ ހަށިގަނޑާ ފުރާނަ ވަކިކުރަން މަސައްކަތް ތިޔަކުރަނީ.] ޒަހީނަށްވެސް ހުރީ ރޮވޭގޮތްވެފައެވެ.
ޝިޒްނީ ދައްތަގެ ފޮޓޯ މޭޒުމަތީގައި ބޭއްވިއެވެ. އަދި ހިނިތުންވާން މަސައްކަތް ކުރަމުން ޒަހީނާ ގާތްވެލައިފިއެވެ.
[ޝިޒޫ އަހަރެންގެ ނަޞޭޙަތް ޤަބޫލުކުރީތަ؟] ޒަހީން ޝިޒްނީ އޭނާގެ ހަށިގަނޑާލާ ބޮނޑިކޮށްލިއެވެ. ޝިޒްނީ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
[ޝިޒޫ ކޮބާ ދަތުރަށް ތައްޔާރުތަ؟] ޒަހީން ޝިޒްނީގެ ހަށިގަނޑުން ދޫކޮށްލަމުން އެހިއެވެ. މިފަހަރުވެސް ޝިޒްނީ ޖަވާބު ދިނީ ބޮލުގެ ޙަރަކާތުންނެވެ.
[ދަތުރު ގެންދަންޖެހޭ ހެދުންތައް ތައްޔާރު ކުރިންތަ؟] ނާފިޒް ވާހަކަ ދެއްކީ އޭނާގެ މަންމަ ނަޢީމާއާއެވެ.
[އާނ، ދަރިފުޅާ ހުރިހާ ކަމެއްވެސް ތައްޔާރު.] ނަޢީމާ ޖަވާބު ދިނެވެ.
އެރޭ ދަތުރަށް ފަށަން ހަމަޖެހިފައި އޮތީ އަށެއް ޖަހާއިރުއެވެ. އެހެންވެ ނާފިޒް ހަތެއްޖަހާ އެހާކަންހާއިރު ޝިޒްނީމެންގެ ގެޔަށް ދިޔައެވެ. އޭރު އަދި ޒަހީންވެސް އެގެޔަކަށް ނާދެއެވެ.
[ކޮބާ އަދި ޒަހީން ނާދޭތަ!] ނާފިޒް އެތެރެއަށް ވަންނަމުން ވާހަކަ ދެއްކިއެވެ.
ޝިޒްނީގެ ހަށިގަނޑަށް ހީވީ ފާޑެއްގެ ކަރަންޓެއް ވެރިވެގަތްހެނެވެ. މިގޮތަށް އޭނާ އެކަނި ފެނިފައިވާ ކިތަންމެ ދުވަހަކު ނާފިޒް އޭނާއާ ތަފާތު ގޮތްގޮތުން ދިމާކޮށްފައިވެއެވެ. ޝިޒްނީގެ ހަނދާނުގެ ސްކްރީނަށް އައީ އެ މަންޒަރުތަކެވެ. ހަމަ އެޔާއެކު، އޭނާގެ ހިތުގައި ވައްތަރެއްގެ ބިރުވެރިކަމެއް އުފެދުނެވެ.
[ވާހަކަ ނުދައްކަންތަ ތިޔައިނީ.] ޝިޒްނީ ވާހަކަ ނުދައްކާ އިނުމުން، ދެންވެސް ވާހަކަ ދެއްކީ ނާފިޒެވެ.
[އަހަންނާ ވާހަކަ ނުދައްކާނީތަ؟] ނާފިޒް އެތެރެއަށް ވަދެ ގޮނޑިއެއްގައި އިށީނެވެ. މިފަހަރުވެސް ޝިޒްނީ ވާހަކައެއް ނުދެއްކިއެވެ. އިންގޮތަށް އިނީއެވެ.
[ކިތަންމެ ވާހަކަ ނުދައްކަން އިނަސް އަދި އިރާދަކުރެއްވިއްޔާ ވާހަކަވެސް ދައްކާނެ....] ނާފިޒް ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލީ ޒަހީން އައިސް ވަނުމުންނެވެ.
[އައްދޭ ކޮންހާ ވާހަކައެއްތަ؟] ޒަހީން މަޖާވެލާފައި ޝިޒްނީ އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.
[ކޮން ވާހަކަތަކެއްތަ އަހަރެން ނެތިސް ތިދެއްކީ. ކޮބާ ނާފިޒް ތައްޔާރުވެގެންތަ ތިޔައައީ.] ޒަހީން އެއްސެވެ.
[އަހަރެން އެކަންޏޭ ވާހަކަ ދެއްކީ. ޝިޒޫ އެ އިންނަނީ ލަދުގެންފައި. އެހެންވެ އަހަރެން މިކިޔަނީ ޒަހީންގެ މިލްކަކަށްވީ ދުވަހަކުން އަހަންނާވެސް ވާހަކަ ދައްކާނެޔޭ.] ނާފިޒް ވާހަކަ ހަދާލިއެވެ.
[ތެދެއް!؟ ނާފިޒަކީ މިހާރު ވަރަށް ގާތް މީހެއްނު. ވާހަކަ ދައްކާ ހަދަންވެސް ވާނެއެއްނު.] ޒަހީން ޝިޒްނީގެ އަތުގައި ހިފެހެއްޓިއެވެ. ޝިޒްނީ ބޮޑަށް ޒަހީނާ ގާތްވެލިއެވެ. މަންޒަރު ބަލަންހުރި ނާފިޒްގެ މޫނު ވަގުތުން ފުސްވެގެން ދިޔައެވެ. އެކަން މިފަހަރު ޒަހީނަށްވެސް ފާހަގަކުރެވުނުހެން ހީވިއެވެ. އެހެނަސް ޒަހީން އެއްޗެކޭ ހިތަކަށް ނާރުވައެވެ. ރަޙްމަތްތެރިޔާއާމެދު އޭނާ ޝައްކެއް ނުކުރާނެއެވެ. އޭނާ ނާފިޒަށް ފުރިހަމައަށް އިތުބާރު ކުރެއެވެ.
[އަދިވެސް ދާކަށް ނުވޭތަ؟] ނާފިޒް ހަމަޖެހިލަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
[އަންހެން ކުއްޖަކު ގޮވައިގެން ދާން ކެރޭވަރަށްވުރެން، މާ ވިއްސާރައެއްނު. ކަނޑުވެސް ނުލާހިކު ގަދަވާނެ.] ޒަހީން މަސައްކަތް ކުރީ ދަތުރު ކެންސަލް ކުރެވޭތޯއެވެ.
[އައްދޭ! ޝިޒްނީއެއް ނޫޅޭނެ ބިރަކުން. އަމިއްލައަށް ބުނެބަލަ، ވަރަށް ވިއްސާރަޔޭ ތިމަންނައަށް ދާކަށް ނުކެރޭނެޔޭ.] ނާފިޒްގެ ގާތަށް މިފަހަރު ޙަޤީޤަތުގައިވެސް ރުޅިއައެވެ. އެކަން އޭނާގެ މޫނުމަތިންވެސް ފާހަގަކުރެވެއެވެ.
[އަޅެ މިރޭ އަޞްލުވެސް ދާހިތެއްނެތް.] ޝިޒްނީ ޒަހީން ދިފާޢު ކުރިއެވެ.
[ދިފާޢު ކުރީދޯ. އާނ އެންމެ ރަނގަޅޭ. އަހަރެން ދަތުރެއް ރޭވީމަ، އެކަންވެސް މިޖެހުނީ [ކެންސަލް] ކުރަން.] މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ނާފިޒް ދެރަވާ ކަމަށް ހެދިއެވެ.
[ނާފިޒް އެ ރުޅިއައީނު. ހިނގާ، ވަރިހަމަ ކިތަންމެ ވިއްސާރަޔަސް.] ޒަހީން އެންމެފަހުގެ ނިންމުން ނިންމިއެވެ.
ބަޙުޘްތަކަކަށްފަހު ދަތުރަށް ފެށުނީ ނުވައެއްވެސް ޖެހިފަހުންނެވެ. ލޯންޗް ދުއްވީވެސް ނާފިޒް އަމިއްލައަށެވެ. އޭގެ ތިންމީހުން ފިޔަވައި އިތުރު އެއްވެސް މީހަކު އެ ލޯންޗްގައި ނެތެވެ. އެ ލޯންޗަކީ ނާފިޒްގެ ބައްޕަ ނާފިޒަށްޓަކައި ގަނެފައި އޮންނަ އެއްޗެކެވެ. އެހެންވެ އޭގައި ދަތުރުކުރާނެ ދެވަނަ މީހަކު ނުހުރެއެވެ.
[ނާފިޒް ހާދަ ކަނޑުގަދަޔޭ ދޯ. ތަންކޮޅެއް މަޑުން ދުއްވަބަލަ.] ނާފިޒް ދުއްވަމުން ދިޔަލެއް ބާރުކަމުން ޒަހީންގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. ޝިޒްނީ އިނީ ބިރުން ޒަހީންގެ އަތުތެރޭގައި ރަނގަޅަށް ބޮނޑިވެގެންނެވެ. މިފަދަ މަންޒަރެއް ފެނުމުން ނާފިޒަށް ކުރާނެ އަސަރު އެ ވަގުތަކު ޝިޒްނީއަށް ތަޞައްވަރެއް ނުކުރެވުނެވެ. ވަގުތުގެ ނާޒުކުކަމުން ކަމަށްވެސް ވެދާނެއެވެ.
ނާފިޒް ލޯންޗް ދުއްވަމުންދިޔަ ނަމަވެސް، ޝިޒްނީއާއި ޒަހީންގެ ޙަރަކާތްތަކަށް ބަލައެވެ. އެ ޙަރަކާތްތަކަށް ބަލާލެވޭ ކޮންމެ ފަހަރަކު ލޯންޗްގެ ދުވެލިވެސް ބާރުވެގެންދެއެވެ.
ނަގަމުންދާ ބޮޑެތި ބާނިތައް، ދޭތެރެ ދޭތެރެއިން ލޯންޗްގެ އެތެރެއަށްވެސް ބިންދާލައެވެ. ހީވަނީ ދެންމެ ދެންމެ އެ އޮއިގަދަ ކަނޑަށް ޣަރަޤުވެދާނެހެންނެވެ.
[ނާފިޒް ތަންކޮޅެއް މަޑުން ދުއްވަބަލަ. މީގައި އަންހެނަކުވެސް އެބައިނޭ.] ނާފިޒަށް ކަމެއް ހަނދާންކޮށްލަދޭ ކަހަލަ ގޮތަކަށް ޒަހީން ބުންޏެވެ. ޙަޤީޤަތުގައި ޒަހީންވެސް ހުރީ ބިރުގެންފައެވެ.
ކުއްލިއަކަށް ނާފިޒް ލޯންޗްގެ ދުވެލި މަޑުކޮށްލިއެވެ. އެއަށްފަހު ނަގަމުންދާ ބޮޑެތި ބާނިތަކަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ހީވަނީ ކޮންމެވެސް ބޮޑު ކަންތައްގަނޑަކާމެދު ވިސްނަނީހެނެވެ. ދެން ފެނުނީ އޭނާގެ ތުންފަތްމައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިތަނެވެ.
ނާފިޒްގެ އާދަޔާ ޚިލާފް ޙަރަކާތްތައް ޒަހީނަށްވެސް ފާހަގަކުރެވިއްޖެއެވެ. އެކަން އެނގެނީ ޒަހީން އެކަމާ ބެހޭގޮތުން ނާފިޒާ ސުވާލު ކުރީމައެވެ.
[އަހަންނަށް ހީވަނީ ނާފިޒް އަހަރެންނަށް ކޮންމެވެސް ކަމެއް ސިއްރުކުރާހެން.] އޭރުވެސް ޝިޒްނީ އިނީ ޒަހީންގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓައިގެންނެވެ. ނާފިޒް ހުރީ ދެޚިޔާލެއްގެ ތެރޭގައެވެ. ހިތުގައި އުފެދެނީ ދެސުވާލެވެ. ދަތުރުގެ މަޤްޞަދު ޙާޞިލް ކުރަންވީބާއޭވެސް ބައެއްފަހަރު ހިތަށްއަރައެވެ.
އެންމެފަހުން އޭނާގެ ޚިޔާލާ އެއްގޮތަށް ޢަމަލުތައް ދަތުރުކުރަން ފަށައިފިއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ލޯންޗްގެ އިންޖީނު ނިއްވާލިއެވެ.
[ކިހިނެއް ތިޔަހެދީ. އަވަހަށް ސަލާމަތްކަމާއެކު ދެވޭތޯއެއްނު ބަލަންވީ. އަނެއްކާ ތެޔޮ ހުސްވީތަ؟] ނާފިޒް ކުއްލިއަކަށް އިންޖީނު ނިއްވާލުމުން ޒަހީން ހާސްވިއެވެ.
[ހީވަނީ އެހެންހެން.] ދަތުރަށް ފެށި ފަހުން އެއްވެސް ވާހަކައެއް ނުދައްކާހުރި ނާފިޒް ވާހަކަ ދެއްކިއެވެ.
[ތެޔޮ ހުސްވީޔޭ؟ ދެން ކިހިނެއް ހަދާނީ؟] ޒަހީނަށް ތެޅިގަނެވުނެވެ. ޝިޒްނީ ބާރަށް ރޯންފެށިއެވެ. އެހެނަސް ނާފިޒްގެ މޫނުމަތިންނާއި ޙަރަކާތްތަކުގައި އެއްވެސް ހާސްކަމެއް ނެތެވެ. ޒަހީނަށް ބަލައިލެވުނީ އަތުކުރީގައި އޮތް ގަޑިއަށެވެ.
[އޭ....ބާރަ ޖަހަނީ މިހާރު. ނާފިޒް ތިޔަ ދުއްވީ ކޮންދިމާލަކަށް.] ގަޑިއަށް ބަލާލެވުމުން ޒަހީން އިތުރަށް ކަންބޮޑުވިއެވެ.
އިރުއެރިއިރުވެސް ނާފިޒް ލޯންޗެއް ނުދުއްވައެވެ. ތިބެވުނުތަން އޭނާއަށް ރަނގަޅަށް އެނގޭތީ އިތުރު ހާސްކަމެއްނެތި ހުރީއެވެ. އޭރުވެސް ޝިޒްނީ ބިރުން ރޮމުން ދަނީއެވެ. ޒަހީން ޝިޒްނީއަށް ނަޞޭޙަތްތެރިވަމުން ދިޔައެވެ.
[ޝިޒޫ ނުރޮއި ހުއްޓާލާ. އިރާދަކުރެއްވިއްޔާ އަހަރެމެނަށް ސަލާމަތުން ރަށަށް ދެވޭނެ.] ޝިޒްނީއަށް ހިތްވަރުދެމުންދާއިރު، ޒަހީންގެ ލޮލުންވެސް ކަރުނަ އޮހެމުންދެއެވެ.
މިހާރު މެންދުރުވާން ގާތްވެއްޖެއެވެ. ތިން މީހުންގެ ހަށިގަނޑު ތެރޭގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށުނެވެ.
[ނާފިޒް، އެ ފެންނަނީ ރަށެއްނު. ނެތްތަ ފައްޔެއް ކަހަލަ އެއްޗެއް ޖަހައިގަންނަން.] ޒަހީނަށް މާދުރު ނޫން ހިސާބެއްގައި އޮތް ރަށެއް ފެނުނެވެ. އެހެނަސް އެއީ ރާއްޖޭގެ ރަށެއްކަން ނުވަތަ ނޫންކަން އެނގެނީ ނާފިޒަށެވެ. ނާފިޒަށް އެއީ ކޮން ރަށެއްކަންވެސް އެނގެއެވެ.
ކުއްލިއަކަށް ނާފިޒްގެ ޚިޔާލު ބަދަލުވެއްޖެއެވެ. ބޭނުންވި މަޤްޞަދުތައް އޮޔާ ހިނގައްޖެއެވެ. ވަށައިގެން ހޯދާ ބަލައިލުމަށްފަހު ލޯންޗްގެ އިންޖީނު ސްޓާޓް ކޮށްލިއެވެ. އެއަށްފަހު ވިހި ހިނިތުންވުމެއްގެ އަސަރު ތުންފަތްމައްޗަށް ވެރިކުރުވަމުން ލޯންޗް، އޭގެ އެންމެ ބާރު ދުވެލީގައި ދުއްވާލައިފިއެވެ. ވެގެން އުޅުނުގޮތް ޝިޒްނީއަށް ވިސްނުނެވެ. ނާފިޒްގެ މަޤްޞަދަކީ އޭނާއަށް ބިރު ދެއްކުމެވެ. އޭނާއަށް ބާރުގެ ބޭނުން ކުރެވިދާނެކަން އެންގުމެވެ.
ހަވީރުވީއިރު އެމީހުން ތިބީ ނާފިޒްގެ ބައްޕަގެ ރިޒޯޓެއް ކަމަށްވާ ރަންރިހި ޓުއަރިސްޓް ރިޒޯޓްގައެވެ.
[ޒަހީން....ޝިޒޫ ގޮވައިގެން ދާންވީނު ބީޗަށް.] ނާފިޒް ހިތް ބަދަލުކޮށްގެން ހުރެ ބުންޏެވެ.
[ވަރަށް ވަރުބަލިވެއްޖެ. ކޮޓަރީގައި މަޑުކޮށްލާހިތްވަނީ.] ޒަހީންދާ ޚިޔާލެއް ނުކުރިއެވެ.
[އެކަމަކު އަހަރެން މިދަނީ ދާން.] ނާފިޒް ކޮޓަރިން ނުކުތެވެ.
[ކޮން ތަނަކަށްތަ؟] ޒަހީންގެ ބައްޕަ ރާފިޢު ވާހަކަ ދެއްކީ ޒަހީންގެ މަންމަ ފާއިޒާއާއެވެ. އޭނާ އެ ޝަކުވާ ކުރަނީ އޭނާ ރަށުން އައިއިރު ޒަހީން ނެތީމައެވެ.
[އޭނާ ދިޔައީ ނާފިޒާއެކު ރިޒޯޓަށް.] ފާއިޒާ ޖަވާބުދިނެވެ.
[ކޮންދުވަހަކުތަ ދިޔައީ. އޭނާއާ ގުޅަންވީނު. ބުނޭ ބައްޕަ އަތުވެއްޖެއޭ. އަވަހަށް މާލެ އަންނާށޭ.] ރާފިޢު ބުންޏެވެ.
ފާއިޒާ ޒަހީނާ ގުޅިއެވެ.
[ދަރިފުޅާ ދަރިފުޅުގެ ބައްޕަ މާލެ އަތުވެއްޖެ. ދަރިފުޅު ނެތިގެން ބައްޕަ އެބަ ޝަކުވާކުރޭ.] ފާއިޒާ ކިޔައިދިނެވެ.
[އާނ މާދަމާ ދާނަން.] ޒަހީންގެ އަޑުގައި ހުރީ ފަރުވާކުޑަގޮތެކެވެ.
[ކޮންއިރަކު ބައްޕަ އައީ. އައުމުގެ ކުރީގައި އަންނާނެ ވާހަކަ ބުނިނަމަތާ....ދަތުރު ނުގޮސް ހުރެވޭނީވެސް.] ޒަހީން ހުރީ ހިތްހަމަނުޖެހިފައެވެ. ބައްޕަ އޭނާއަށް ނާންގާ މާލެ އައީތީއެވެ.
[ދަރިފުޅާ ބައްޕަ ބުނީ ކުއްލިއަކަށް އަންނަން ޖެހުނީއޭ. އެހެންވެ ނޭންގުނީޔޯ.] ފާއިޒާ ޒަހީން ހިތްހަމަޖައްސާލަދިނެވެ.
[މަންމާ އަދި މިތިބީ ވަރަށް ވަރުބަލިވެފައި. މި ނާފިޒް އަހަރެމެން ބިރުގަންނަވަން ލޯންޗްގެ އިންޖީނު ހުއްޓާލައިގެން، ތެޔޮ ހުސްވީޔޭ ކިޔައިގެން، ރޭ ހަތަރުދަން ހޭދަކުރީ ކަނޑުމަތީގައި. ބައްޕަ ކައިރީ ބުނޭ މާދަމާއޭ ދެވޭނީ.] ޒަހީން ބުންޏެވެ.
[އަހަރެމެންނޭ؟] ދަރިފުޅާ ނާފިޒާ ދެކުދިން އެކަންޏަކު ނޫންތަ، ތިޔަރަށަށް ދިޔައީކީ؟] ޒަހީންގެ ވާހަކައިގެ ތެރެއިން ފާއިޒާ ވާހަކަ ފެށިއެވެ.
[އަހަރެމެންނާއެކު ދިޔައޭ، އެ ރިޒޯޓްގައި އުޅޭ ދެތިން ކުއްޖަކުވެސް.] ޒަހީން މަންމައަށް ދޮގުހެދިއެވެ.
[އަނެއްކާ ތިޔަ ހަދަނީ ދޮގެއް ނޫންތަ؟] ނާފިޒް ވާހަކަ ދެއްކީ ޝިޒްނީއާއެވެ.
[އާނ، މިބުނީނު އަހަރެން ޒަހީންދެކެ ލޯބިވެޔޭ. އެ ލޯބި ދެވޭނެ ދެވަނަ މީހަކު މިދުނިޔޭގައި ނެތޭ.] ޝިޒްނީ އިނީ ރުޅިއައިސްފައެވެ. ޒަހީންގެ ރަޙްމަތްތެރިޔާގެ މަޤާމުގައި ހުރެ ނާފިޒް ދައްކައިގެން ނުވާ ޒާތުގެ ވާހަކަ ދައްކާތީއެވެ. އެހެނަސް އެވާހަކަ ޒަހީންގެ ގާތު ދައްކާނެ ހިތްވަރެއް އޭނާއަށް ލިބިގެނެއް ނުވެއެވެ.
[އެންމެ ރަނގަޅު ޒަހީން، ރަޙްމަތްތެރިއަކަށްޓަކައި، އޭނާގެ ލޯބި ޤުރްބާން ކުރިއްޔޯ. އޭރުން ދެން ހަދާނީ ކިހިނެއް؟] އަދި ނާފިޒް ވާހަކަ ދައްކަމުން ދަނީ ހަމައިގައި ހުރެގެންނެވެ.
[އަހަރެން ޒަހީނަށްޓަކައި ޙަޔާތް ޤުރްބާން ކޮށްލާނީ.] ޝިޒްނީ ދިނީ ފުރިހަމަ ރައްދު ޖަވާބެކެވެ. އެހިސާބުން ނާފިޒްގެ އަނގަ ބަންދުވިއެވެ.
ވާހަކަ ދައްކައިގެން ޝިޒްނީގެ ކިބައިން ކުރި ނުލިބޭނެކަން އެނގުމާއެކު، ނާފިޒް ކޮޓަރިން ނުކުތެވެ. ޝިޒްނީ ގޮނޑިން ތެދުވެ، ހާސްވުމުގެ ސަބަބުން މޫނުމަތީގައި ހިއްލާފައި ހުރި ދާތައް، އަތުގެ ނުފުށުން ފޮހެލިއެވެ. ނާފިޒް އެކޮޓަރިން ނުކުމެގެން ދަނިކޮށް ޒަހީނާ ބައްދަލުވިއެވެ.
[ހާދަ ހާސްވެފައި.] ނާފިޒްގެ މޫނުމަތިން ފާޅުވެ ފެންނަމުންދިޔަ ހާސްކަން ފާހަގަކުރެވިގެން ޒަހީން ވާހަކަ ދެއްކިއެވެ.
[އަދި ކިރިޔާތަ ތިޔަ އެނގުނީ!؟] ނާފިޒް ހުރީ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެފައެވެ.
[ކޮންކަމެއް!؟] ނާފިޒް ކީ އެއްޗެއް ޒަހީނަކަށް ނުވިސްނުނެވެ.
[ދެން އަޅާނުލާ އެވާހަކަ ހުއްޓާލާ.] ނާފިޒްގެ ޚިޔާލު ބަދަލުވިއެވެ.
[އުނހު އަޅާލާނަން. އަހަރެން ބޭނުން ނާފިޒް ތިޔަކީ އެއްޗެއް އޮޅުންފިލުވަން.] ޒަހީން ހުރީ އޮޅުންފިލުވަން ބޭނުންވެފައެވެ.
[އަހަންނަށް ހީވަނީ މީ ދައްކަން މާރަނގަޅު ވާހަކައެއް ނޫންހެން.] ނާފިޒް އަނެއްކާވެސް ހުއްޓާލިއެވެ. ޒަހީން ގޮތެއް ދުލެއް ނުކުރިއެވެ. ނާފިޒް ލައްވާ އެ ބުނަން އުޅޭ އެއްޗެއް ބުނުވަން އޭނާ ބާރުއަޅަން ފެށިއެވެ.
[އަހަންނަށް ކަންތައްތަކެއް ސިއްރު ކުރާއިރު، ކީއްވެތަ އަހަންނަކީ ރަޙްމަތްތެރިއެކޭ ކިޔަނީ؟] ޒަހީން ހުރީ ނުރުހިފައެވެ. އެކަން އޭނާގެ ވާހަކަ ދެއްކުމުގެ ރާގުން އެނގެއެވެ.
[ސިއްރު ކުރަނީވެސް ސަބަބުތަކަކާ ހެދިއެއްނު.] ނާފިޒް ޖަވާބު ދިނެވެ.
[އެންމެ ރަނގަޅޭ ކިޔާނުދިނަސް. އަހަރެންވެސް ދެނެއް އަހަރެންގެ އެއްވެސް ސިއްރެއް ނާފިޒަކަށް ކިޔައެއްނުދޭނަން.] ޒަހީން ގާތަށް ރުޅިއައެވެ.
[އެންމެ ރަނގަޅު. ސިއްރު ހާމަވާ ވަގުތު ދެ ރަޙްމަތްތެރިން ދެ ހަތުރުންނަށް ވެއްޖެއްޔާ، އެކަމުގެ ޒިންމާ އުފުލާނަންތަ؟] ނާފިޒްގެ ރޭވުންވެސް މޮޅެވެ. އޭނާ އެ އެޅީ ފުރަތަމަ ރައްކާތެރި ކަމުގެ ފިޔަވަޅެކެވެ.
[އާނ، އަހަރެން ހުރިހާ ކަމެއްގެ ޒިންމާ އުފުލާނަން. ދެން ކިޔައިދޭންވީނު.] ޒަހީންގެ ހިތް އަވަސްވިއެވެ. ނާފިޒް ދައްކަން އުޅޭ ވާހަކައާ އޭނާއާ ގުޅުމެއްވާކަން އެނގުނީމައެވެ.
[ޒަހީން ކިތަންމެވަރަކަށް އެދުނަސް މާލެ ގޮސް ނޫނީ ކިޔައެއް ނުދެވޭނެ.] ނާފިޒް ކުރިއަށް ހިނގައިގަންނަމުން ބުންޏެވެ. ޒަހީންވެސް އެގޮތް ޤަބޫލުކުރިއެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ޒަހީންމެން މާލެއައެވެ. ގެޔަށް އައިސް ބައްޕަގެ ޙާލު ބެލުމަށްފަހު، ޒަހީން ފުރަތަމަވެސް ދިޔައީ ޝިޒްނީގެ ގެޔަށެވެ.
ކޮބާ ދެން ކިޔައިދޭންވީނުދޯ.] އެގޭ ދޮރުމަތިން ނާފިޒާ ބައްދަލުވުމުން ޒަހީން ހަނދާންކޮށްލަދިނެވެ.
[ކިޔާދީފާނަން. ރިޒޯޓްގައި ކުރި ޝަރުޠު ހަނދާން އެބަހުރިތަ؟] ނާފިޒް އެއްބަސްވުމަށްފަހު ކަމެއް ހަނދާންކޮށްލަދިނެވެ.
[އާނ، ހަނދާން އެބަހުރި. ހިނގާ އެތެރެއަށް ވަންނަން.] ޒަހީން އެދުނެވެ.
[އުހުނ، އެތެރެއަށް ވަންނާނެ ކަމެއް ނެތް.] އެތެރެއަށް ވަދެ، އެވާހަކަ ދައްކަން ވެއްޖެއްޔާ މަޞްލަޙަތު ގޯސްވެދާނެކަން އޭނާއަށްވެސް އެނގެއެވެ.
[އަދިވެސް މަޥްޟޫޢަކަށް ނުދެވެއެއްނު.] ޒަހީންގެ ހިތް އަވަސްވިއެވެ. ނާފިޒް ވަށައިގެން ހޯދާ ބަލައިލިއެވެ. ހީވަނީ ކައިރި ހިސާބެއްގައި މީހަކު ހުރިތޯ ބަލާލިހެންނެވެ.
[ޒަހީން، ލޯބީގެ ނަމުގައި އަހަރެމެން ދެމީހުންނަށްވެސް ދަތުރު މިކުރެވެނީ އެއް މަންޒިލަކަށް....] ނާފިޒް ކޮށިއަރާގޮތްވިއެވެ.
[ކީ.....ކީކޭ!؟ ކީކޭ!؟] ޒަހީނަށް ޤަބޫލުކުރަން ދަތިވިއެވެ.
[އަހަންނަށް މަޢާފްކުރޭ ޒަހީން.] ނާފިޒް ހުރީ ކޮންމެވެސް ވަރަކަށް ލަދުވެސްގެންފައެވެ. އެހެނަސް އޭނާއަށް ކުރެވުނީ ކުށެއް ކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ. ސިއްރު ކޮށްގެން ޙަސަދަވެރިވެގެން ހުރުން އޭނާއަށް މާގޯހެވެ. އެހެންވެ އޭނާގެ ހިތް ސާފުކޮށް ރަޙްމަތްތެރިޔާއަށް ކިޔައިދިނެވެ.
ޒަހީންވެސް އެގޮތް ޤަބޫލުކުރިއެވެ. އޭނާއަށްޓަކައި ނާފިޒްގެ ހިތުގައި ޙަސަދަވެރިކަން ނެތްކަން އޭނާއަށް ޔަޤީންވިއެވެ. އެހެންވެ އޭނާ އިރުކޮޅަކު ވާހަކަ ނުދައްކާ ވިސްނިއެވެ.
[ނާފިޒް....ދެން އެ މަންޒިލަށް ދަތުރުކުރާނީ ހަމައެކަނި ނާފިޒް.....ރަޙްމަތްތެރިޔާގެ ޙައްޤުގައި އަހަރެންގެ ލޯބި ޤުރްބާން ކޮށްލާނަން.] ޒަހީނަށް ރޮވިއްޖެއެވެ.
ޒަހީނާއި ނާފިޒް ދައްކަމުންދިޔަ ހުރިހާ ވާހަކައެއްވެސް ދޮރާށި ކައިރީ ހުރެގެން ޝިޒްނީ އަޑުއެއްސެވެ. ޒަހީންގެ ފަހު ޖުމްލައިން ޝިޒްނީއަށް ކެތްކުރަން ދަތިވާފަދަ ވޭނީ އިޙްސާސްތަކެއް ކުރުވިއެވެ. ދެލޮލުން ހޯސްލާފައި ލޭ ކަރުނަ ފައިބަން ފަށައިފިއެވެ.
[ނޫން ޒަހީން. އަހަންނަށްޓަކައި ތިޔަ ލޯބި ޤުރްބާން ނުކުރޭ.] ނާފިޒްގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.
[އަންހެން ކުއްޖަކު ލިބިދާނެ. ތެދުވެރި ރަޙްމަތްތެރިންނަކީ މަދުން ނޫނީ ނުލިބޭނެ ބައެއް.] އެއީ ޒަހީންގެ އެންމެފަހުގެ ނިންމުމެވެ. ޒަހީން ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ފަހަތުން ވަނުމަށް ނާފިޒަށް އިޝާރާތް ކުރުމަށްފަހުގައެވެ.
ނާފިޒަކަށް ވަންނާކަށް ނުކެރުނެވެ. އޭނާ ދިޔައީ ގެޔަށެވެ.
[ޝިޒޫ....ޝިޒޫ....]
ޒަހީން އެތެރެއަށް ވަންއިރު، ޝިޒްނީ ފެންނަން ނެތުމުން، ޒަހީން އަޑުގެކޮޅަށް ޝިޒްނީއަށް ގޮވާލިއެވެ.
[އަނެއްކާ ޝިޒޫ އެދިޔައީ ކޮންތަނަކަށްބާ؟] ޒަހީންގެ ހިތުގައި ސުވާލު އުފެދުނެވެ. އެންމެފަހުން ޒަހީން އެގެއިން ނުކުތީ ހޯދާހޯދާ ޝިޒްނީ ނުފެނުނީމައެވެ. ގެޔަށް އާދެވުނުއިރު ޒަހީން ހުރީ ދާހިއްލާ ފޯވެފައެވެ. ހިތަށް ވެރިވެފައިވަނީ ނުތަނަވަސްކަމާއި މާޔޫސްކަމެވެ. ކުރެވެމުންދަނީ ތަފާތު ޚިޔާލުތަކެވެ.
ރަޙްމަތްތެރިޔާގެ ޙައްޤުގައި އަމިއްލަ ލޯބި ޤުރްބާން ކޮށްލާނެ ގޮތެވެ.
ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލުމާއެކު، ޒަހީނަށް ނިދިއްޖެއެވެ. ސިކުނޑީގައި ތަފާތު ޚިޔާލުތައް ދައުރުވަމުންދިޔަ ނަމަވެސް، އޭނާއަށް އެރޭ ނިދާލާކަށް އުނދަގޫ ކަމަކަށް ނުވިއެވެ. އެހެނަސް ވަރަށް ފަތިހާ ހޭލެވުނެވެ.
ކުޑަގޮތަކަށް ނާސްތާ ކޮށްލައިގެން މަގަށް ނުކުތުމާއެކު، ލިބުނީ އޭނާއަށް އެތައް ގޮތަކުން އަސަރުތަކެއް ކުރުވާފަދަ ޚަބަރެކެވެ.
އޭނާ އެމީހަކަށްޓަކައި ލޯބި ޤުރްބާން ކޮށްލާން އުޅުނު ރަޙްމަތްތެރިޔާ މޫދަށް ގެނބިގެން މަރުވި ޚަބަރެވެ. އެ ޚަބަރުވީ އޭނާއަށް ޤަބޫލުކުރަން ދަތި ޚަބަރަކަށެވެ.
[އޭނ....ނާފިޒް މަރުވީޔޭ....! ނުވާނެ ތިޔަހެނެއް...ކީއްވެ އޭނަ މޫދަށް ގެނބެންވީ!؟] ޒަހީން ފެންކަޅިވެއްޖެއެވެ.
[އޭނާއަށް ފަތަން ނޭނގެއެއްނުންދޯ؟ އޭނާ އަމިއްލައަށް މަރުވީ.] އެމީހާ އިތުރަށް ޒަހީނަށް އޮޅުންފިލުވައިދިނެވެ.
[ނޫން...ނޫން.....ނާފިޒް މަރެއްނުވާނެ. އާނ ނުވާނެ. އެއީ އެހެން މީހަކު ކަމަށްވާނީ....] ފިރިހެނަކަށްވިޔަސް ޒަހީނަށް ބާރަށް ރޮއިގަނެވިއްޖެއެވެ.
[ހިތްވަރު ކުރޭ ޒަހީން....] އެމީހާ ޒަހީނަށް ހިތްވަރު ދެމުން ހަމައަކަށް އެޅުވޭތޯ އުޅުނެވެ.
[ޒާހިދު.....އަހަރެން އަނބުރައިގަންނަނީ.....] ހޭވެރިކަންމަތީ ހުރެ ޒަހީނަށް ބުނެވުނީ އެހާވަރަށެވެ.
ޒާހިދު ޒަހީން ނުހިފެހެއްޓިނަމަ، އޭނާ ވެއްޓުނީހީ އެ ދޮންވެލިގަނޑު މައްޗަށެވެ. ޒާހިދު ޒަހީން އުފުއްލައިގެން ގޮސް އޭނާގެ ގެޔަށް ވެއްދިއެވެ.
[ކިހިނެއްވީ!؟] ޒަހީން އޮތްގޮތް ފެނިފައި ފާއިޒާ އެއްސެވެ. ފާއިޒާ ހުރީ ކަންބޮޑުވެފައެވެ.
[ނާފިޒް.....މަރުވިކަން ދެނަހުރިންތަ؟]
[ނާފިޒް މަރުވިއްޔޭ.......ކޮންއިރަކު؟] ފާއިޒާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ.
[ޒަހީނަށް އެންގިއިރު އަހަރެން ހިއެއް ނުކުރަން، މިހާވަރު ވެދާނެ ކަމަކަށް.] ޒާހިދުވެސް ހުރީ ދެރަވެފައެވެ.
ނާފިޒްގެ މަރުގެ ޙަޤީޤަތް އެނގެނީ ހަމައެކަނި ޒަހީނަށްކަމުން އެންމެ ބޮޑަށް އަސަރުކުރީވެސް ޒަހީނަށެވެ. އޭނާ ހަމައަކަށް އެޅުނީ އޭގެ އެއް ހަފްތާ ފަހުންނެވެ.
[ދަރިފުޅާ ޒަހީން....ދެން ހިތާމަ ކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް.] ފާއިޒާ ޒަހީނަށް ވިސްނައިދިނެވެ.
[މަންމާ މިހާރު އަހަންނެއް ނުވިސްނަމޭ.] ޒަހީން މޫނުމައްޗަށް ހިނިތުންވެލާފައި ބުންޏެވެ.
[އެހެންވީއިރު މާދަމާ އޮފީހަށް ނުކުންނަންވާނެ.] މަންމަ ބުންޏެވެ. އާއެކޭ ބުނުމަށްފަހު ޒަހީންގެ ގެއިން ނުކުތެވެ. ވަކި ޚިޔާލެއްގައި ހުރެގެނެއް ނޫނެވެ. އެހެން ނަމަވެސް، އޭނާގެ މިޞްރާބު ހުރިގޮތަށް ބަލައިލުމުން އޭނާގެ ޚިޔާލުވަނީ ޝިޒްނީގެ ގޭގައިކަން އެނގެއެވެ.
އާއެކެވެ. ޒަހީން ގޮސް ވަނީ އެގެޔަށެވެ.
[ޝިޒޫ......] ގޭތެރެއިން ޝިޒްނީގެ ހިލަމެއް ނުވުމުން، ޒަހީން ގޮވާލިއެވެ. ޒަހީން ދެން ގޮސްވަނީ ޝިޒްނީގެ ނިދާ ކޮޓަރިއަށެވެ.
އެތާކުވެސް ޝިޒްނީއެއް ނެތެވެ. މިހަފްތާގެ ތެރޭގައި އެ ކޮޓަރީގައި މީހަކު އުޅެފައި ވުމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ކުރީދުވަހު އޭނާ ވަންއިރު ދިއްލާފައި އޮތް ހޮޅިބުރިވެސް ދިއްލިފައި އޮތެވެ.
[ޝިޒޫ......] ޒަހީން އަނެއްކާވެސް ގޮވާލިއެވެ. އެންމެފަހުން އޭނާ މާޔޫސްވެއްޖެއެވެ. ނާފިޒްގެ ހަށިގަނޑާއެކު އޭނާގެ ލޯބި ކަފުން ކުރެވުނީ ކަމަށް ނިންމުމަށްފަހު، އޭނާ ނުކުންނަން ހިނގައިގަތެވެ.
ކުއްލިއަކަށް އެނދުގެ ބާލީސްމަތީގައި ފެންލައިޓުން ވަންނަމުންދާ ވަޔާއެކު ތެޅިލަ ތެޅިލާ އޮތް ކަރުދާސްގަނޑަކަށް އޭނާގެ ނަޒަރު ހުއްޓުނެވެ. އޭނާގެ ޙަރަކާތް ފިސާރި އަވަސްވިއެވެ. އަވަހަށް އެ ކަރުދާސްގަނޑު ނިއުޅާލުމަށްފަހު، އޭގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ.
[ލޯބިވާ ޒަހީން....އަހަންނަށް އަހަރެންގެ ލޯބި ނީލަމެއް ނުކިޔޭނެ. އާނ، ޒަހީން، ޒަހީންގެ ރަޙްމަތްތެރިޔާގެ ޙައްޤުގައި ލޯބި ޤުރްބާންކޮށްލި ފަދައިން، ޒަހީންގެ ޙައްޤުގައި ޙަޔާތް ޤުރްބާންކޮށްލުން އެއީ އަހަރެން އެންމެ ބޭނުންވާގޮތް. އެހެން ނޫނަސް، އަހަންނަކީ ޒަހީނަށް...އެއްވެސް ފިރިހެނަކަށް ބޭނުންތެރި މީހެއް ނޫން....އަހަންނަކީ ނުކުޅެދޭ......އަހަންނަކީ އަންހެނަކަށް ނުފުދޭ......
ޒަހީން އިތުރަށް މި ނިކަމެތި އިންސާނާ ހޯދަން މަސައްކަތް ނުކުރާނެ ކަމަށް ހީކުރަން. ޒަހީން ހީކޮށްފާނެ، އަހަރެން ޒަހީނާ ގުޅުނީ ޒަހީނަށް ލަނޑުދޭން ވެގެނޭ. އެހެން ހީކުރެވުނަސް، އެއީ ކުށެއް. އަހަރެންގެ ބައްޔާބެހޭ ލިޔުންތައް މިއެނދުގެ ގޮދަޑި ހިއްލާލުމުން ފެންނާނެ.] އެ ނޯޓް ކިޔާ ނިމުނުއިރު ޒަހީނަށް ރޮވިއްޖެއެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އޮހެން ފަށައިފިއެވެ.
[ނޫން...ޝިޒްނީ އަހަރެން ދޫކޮށްފައި ނުދޭ.....] ޒަހީނަށް އެކަނި ހުރެގެން ވާހަކަ ދެއްކުނެވެ. ދެން އަވަސްވެގަތީ ގޮދަޑި ދަށުގައިވާ ލިޔުންތައް ބަލައިލުމަށެވެ. ޒަހީން އެލިޔުންތައް ރަނގަޅަށް ކިޔާލިއެވެ. އޭގެ ކޮންމެ ލިޔުމަކީވެސް ޝިޒްނީގެ ބައްޔާ ބެހޭގޮތުން އިނގިރޭސި ބަހުން ލިޔެފައިވާ ރިޕޯޓްތަކެވެ.
ޒަހީން ބޮޑަށް ދެރަވީ އެ ލިޔުންތައް ކިޔާލެވުމުންނެވެ. އެ ލިޔުންތަކުގައިވާ ގޮތުން ބޭރު ޤައުމަކަށް ގެންގޮސް ރަނގަޅު އޮޕަރޭޝަނެއް ކޮށްފިނަމަ، ޝިޒްނީގެ ބަލި މުޅިން ރަނގަޅުވާނެއެވެ.
[ނޫން ޝިޒްނީ.....އަހަރެން ޝިޒްނީގެ ބައްޔަށް ފަރުވާ ހޯދައިދޭނަން.] ޒަހީނަށް އަމިއްލައަށް ބޮލުގައި ހިފަހައްޓާލެވިއްޖެއެވެ. އޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކޮށްފިއެވެ.
ރަޙްމަތްތެރިޔާއާއެކު ލޯބިވެސް އޭނާއަށް ގެއްލުނީއެވެ. ޒަހީނަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
ދެތިންފަހަރަކު ޝިޒްނީއަށް ގޮވާލުމަށްފަހު، އޭނާ އެގެއިން ނުކުތެވެ.
މެންދަމުން އަނބުރާ ދިޔައީއެވެ. މިހާރު ޒަހީން އެގޮތަށް ތޮށިގަނޑު މަތީގައި ހުންނަތާވެސް އިރުގަނޑެއް ވެއްޖެއެވެ. ގޮތް ހުސްވެފައިވާ ކަރުނަތައް ހިފެހެއްޓުމެއްނެތި އޭނާގެ ދެކޯތާފަތް ހުރަސް ކުރަމުންދެއެވެ. އޭނާ އިންގޮތުން އަދިވެސް ރަޙްމަތްތެރިޔާއާއި ލޯބި ގެއްލި ދިޔުމުގެ ހިތާމަތައް އުފުލާކަން އެނގެއެވެ. އެކަން އެނގެނީ އެހެން އިނދެފައި ދޭތެރެ ދޭތެރެއިން ކަރުނަތައް ފޮހެލާތަން ފެންނާތީއެވެ.
އެހެން އިންދާ އޭނާގެ ޚިޔާލު، މީގެ ދެތިން ހަފްތާގެ ކުރީގެ ރޭތަކާއެކު އޮޔާލައިފިއެވެ. ޝިޒްނީ ހަމަ މި މައިޒާނުގައި އޭނާއާ ދައްކާފައިވާ ވާހަކަތަކެވެ.
[އަހަރެންގެ ޚިޔާލުދޯ ތިޔަކުރަނީ؟] ކުއްލިއަކަށް އިވުނު ރައްޓެހި އަޑަކުން ޒަހީނަށް ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނެވެ. އޭރު ރަތް އަލިގަނޑެއް މަތިން އައިސް ގަސްތަކުގެ ތެރެއަށް ހުއްޓުނުތަން ޒަހީނަށް ފެނުނެވެ.
[ޝިޒޫ......] ބޭއިޚްތިޔާރުގައި ޒަހީނަށް ކިޔުނެވެ. ރަނގަޅަށެވެ. އޭނާގެ ކުރިމަތީގައި އޭނާއާ ދާދި ގާތުގައި އެއިނީ ޝިޒްނީއެވެ. އެހެނަސް އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ޝިޒްނީ އެތަނަށް އައިސް ހުއްޓުނުއިރުވެސް އޭނާއަށް ނުފެނުނު ކަމެވެ.
[ކުއްލިއަކަށް ފެނުމުން ވަރަށް ޙައިރާންވެއްޖެ ދޯ.] ޝިޒްނީއަށް ޒަހީންގެ ހިތުގައިވާ އެއްޗެއް އެނގުނެވެ. ތެދެކެވެ. ޒަހީން ހުރީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.
[ތިޔައީ ހަމަ ޝިޒްނީ......ތަ!] ޝިޒްނީގެ ޙަރަކާތްތަކުގައި ހުރި އާދަޔާ ޚިލާފު ގޮތެއްގެ ސަބަބުން ޒަހީންގެ ހިތުގައި ސުވާލަކަށްފަހު ސުވާލެއް އުފެދެމުން ދިޔައެވެ.
[ޤަބޫލު ނުކުރެވެނީތަ؟] ޝިޒްނީ ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިއެވެ.
[ކިހިނެއް އަހަރެން މިތާހުރިކަން އެނގުނީ.....؟] އަނެއްކާވެސް ޒަހީންގެ ސުވާލެކެވެ.
[ތިޔަ ގެޔަށް ދިޔައީމަ....ޒަހީން މަންމަ ބުނީ.....] ޝިޒްނީ ދޮގެއް ރާވާލިއެވެ.
[ދެން އެންމެ ރަނގަޅޭ. ތެދު ނުބުންޏަސް ކީއްވެ.....މިހުރިހާ ދުވަހު އަހަރެންގެ ހިތުގައި ޖެއްސީ.] ޒަހީން ޝައްކު ކުރިއެވެ.
[އަހަރެން މިއައީނު...] ޝިޒްނީ ބުންޏެވެ.
[އަހަރެން ބޭނުން....ޝިޒްނީގެ ބައްޔަށް ޝިފާ ހޯދައިދޭން.] ޒަހީން ޝިޒްނީގެ އަތުގައި ހިފެހެއްޓިއެވެ. ޝިޒްނީ، އެއް މިޔަކަނުން ހީލިއެވެ. އެހެނަސް އޭނާގެ ލޮލުގައި އާދަޔާ ޚިލާފު އަސަރެއްވާހެން ހީވެއެވެ.
[އަހަރެން މިހާރަކު ބައްޔެއް ނޫން.] ޝިޒްނީ ޒަހީނާ ހަތަރުކަޅިހަމަކޮށްލަމުން ބުންޏެވެ.
[ހިނގާ ގެޔަށް ދާން.] ދެން އިތުރަށް ވާހަކަ ދައްކާނީ ގެޔަށް ގޮސް.] ޒަހީން ތެދުވެގެން ހިނގައިގަތެވެ.
[ޒަހީން ދާނީ އަދި ގެޔަށް ވަދެފައެއްނު. އަހަރެން ދާނަން އެއޮއް މަގުން ލާފައި.] ޝިޒްނީ ބޭނުންވީ ކުޑައިރުކޮޅަކަށް ނަމަވެސް ޒަހީނާ ވަކިވެލާށެވެ. ލޮނު ފެނުގެ އަސަރު މާބޮޑަށް ކޮށްފާނެތީ، އޭނާ ބިރުގަތީ ކަމަށްވެސް ވެދާނެއެވެ.
ޝިޒްނީ ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް ގެއްލެންދެން ޒަހީން ބަލަން ހުއްޓެވެ. ޒަހީނަށް އަދިވެސް އެއީ ޝިޒްނީ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. މިފަހަރު މިފެނުނު ޝިޒްނީގެ ވާހަކަ ދެއްކުމުގެ ރާގާއި ޢަމަލުތައް ގެންގުޅުނު ގޮތް ވަރަށްބޮޑުތަން ތަފާތެވެ.
ޒަހީން ގެއަކަށްވެސް ނުދެއެވެ. އޭނާ ބޭނުންވަނީ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދާށެވެ. އެހެންވެ އޭނާ ދިޔައީ ސީދާ ޝިޒްނީގެ ގެޔަށެވެ.
[ޝިޒޫ......] ޒަހީން އެތެރެއަށް ވަންނަމުން ގޮވާލިއެވެ. ފެންނަ ހިސާބަކު ޝިޒްނީއެއް ނެތެވެ. ދެން ޒަހީންވަނީ ޝިޒްނީގެ ކޮޓަރިއަށެވެ.
[ޒަހީން.....] ދާދި ކައިރިން އިވުނު ޝިޒްނީގެ އަޑުން ޒަހީން ސިހުނެވެ.
[ކިހިނެއް މިތަނަށް ވަނީ؟] ކުއްލިއަކަށް ޝިޒްނީ ހުއްޓާ ފެނުމުން ޒަހީން އެހިއެވެ.
[ދޮރުންނެއްނު.] ޝިޒްނީ ހީލިއެވެ. އޭނާގެ ޢަމަލުތައް ސަމާސާއާ ގުޅުން ހުއްޓެވެ.
[ސަމާސާ ނުކޮށްބަލަ. މިތަނަށް ވަންއިރަކު އަހަންނެއް ނުދެކެމޭ ޝިޒްނީއެއް.] ޒަހީން ބުންޏެވެ.
[ރަނގަޅޭ އަހަރެން ފެންނާނީ އަހަރެން ބޭނުން ވަގުތަކުއޭ.] ޝިޒްނީ ފަޚުރުވެރިވެލީއެއް ނޫނެވެ. އެއީ ހަމަ ޙަޤީޤަތެވެ. އޭނާއަށް އެ ބާރު ލިބިގެންވެއެވެ.
[އެހެންވީއިރު ޝިޒްނީ ތިޔައީ އިންސާނެއް ނޫންތަ؟] ޒަހީންވެސް ޝިޒްނީގެ ސަމާސާގައި ބައިވެރިވެލިއެވެ. އޮޅުމެއްގެ ތެރޭގައި ނަމަވެސް ޒަހީނަށް ބުނެވުނީ ރަނގަޅަށެވެ. އެއީ އިންސާނެއް ނޫނެވެ. އެއީ ޒަހީނަށްޓަކައި ހަމްދަރުދީވެގެން އުޅޭ ޖިންނިއެކެވެ.
[ތިޔަ ބުނެވުނީ ހަމަ ރަނގަޅަށް.] ޝިޒްނީގެ ނަމުގައިވާ ޖިންނި އަންހެން ކުއްޖާ މަޖާވެލިއެވެ. އޭނާ ބޭނުންވަނީ ޒަހީންގެ އިތުބާރު ހޯދުމަށެވެ.
[ޝިޒޫ.....އަހަރެން މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް ޝިޒޫ އަހަރެންގެ މީހަކަށް ހަދަން. ޝިޒޫގެ ބައްޔަށް ޝިފާ ހޯދައިދޭން.] ޒަހީން މަޥްޟޫޢު ބަދަލުކޮށްލިއެވެ.
[ޒަހީން....އަހަރެންގެ އަޞްލު ނަން އަދިވެސް ޒަހީނަކަށް ނޭނގުނުދޯ. އަހަރެންގެ އަޞްލު ނަމަކީ ރާނިޔާ. ޝިޒްނީ އެއީ އަހަރެންގެ މަންމައާއި ދައްތަ ކިޔާ ނަމެއް. އެނގޭތަ މިހާރަކު އަހަރެން ބައްޔެއް ނޫނޭ.] ރާނިޔާ ރޭވުމެއް ރާވާލިއެވެ. ޝިޒްނީގެ ސިފައިގައި އުޅުނަސް، އެނަމުގައި އުޅޭކަށް އޭނާ ބޭނުމެއް ނުވިއެވެ.
[ދެން ކިހިނެއްވީ؟ މަޥްޟޫޢު ބަދަލުކޮށްލަން ނޫޅެބަލަ.] ޒަހީން ހިތްހަމަނުޖެހުނެވެ. ޒަހީން ހީކުރީ ރާނިޔާ އޭނާގެ ކައިވެންޏާ ނުރުހޭތީ ވާހަކައިގެ ކުރި މަރާލީ ކަމަށެވެ.
[ކަމެއްނުވޭ. ހިތަށްއަރާ، ޒަހީން އަހަންނަށް ރާނީއޭ ކިޔާ ގޮވާނެނަމައޭ.] ރާނިޔާ ކަރު އެލުވާލައިގެން ހުރެ ވާހަކަ ދެއްކިއެވެ.
[މައްސަލައެއް ނެތް. ތިޔައީ މި ޒަހީންގެ ރާނީ. ޝިޒްނީއެއް ނޫން.] އެއީ ރާނިޔާ ބޭނުންވާ ގޮތެވެ. އޭނާ އުފަލުން ފޮޅުނެވެ.
[ޒަހީން، އަހަރެންގެ ހިތަށްއަރާ ޒަހީނާ އިނދެގެން ޒަހީންގެ މައިންބަފައިންގެ ކައިރިއަށް އަހަންނަށް ގޮސް އުޅެވިދާނެބާއޭ......] ރާނިޔާ ވަރަށް ދުރަށް ވިސްނިއެވެ.
[ކީއްވެ ނޫޅެވެންވީ. ރާނީ ތިޔައީ ހުރިހާ މީހުނާވެސް ގުޅޭ ކުއްޖެއްނު.] ޒަހީން އޭނާގެ ރާނީއަށް ތަޢުރީފު ކުރިއެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު