ހަނޑޫ ފެން ނުވަތަ ރައިސް ވޯޓާ
ހަނޑޫ ފެން ނުވަތަ ރައިސް ވޯޓާ
ރައިސް ވޯޓާރ ނުވަތަ ހަނޑޫ ފެނަކީ ދެކުނު އޭޝިއާގެ މީހުން ހަންގަނޑު ރީތި ކުރުމަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ.

ހަނޑޫ ފެނަކީ ހަންގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އަދި މިއީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެއްވެސް މެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ހަނޑޫ ފެނަކީ ހަންގަނޑުގެ ކުލަ އަލިކޮށްދޭ އެއްޗެކެވެ. ހަނޑޫ ފެނަކީ އޭގައި އެކި ކަހަލަ އެންޓިއޮކްސިޑެންޓުތަކާއި ވިޓަމިން އެކުލެވިގެންވާ އެއްޗެކެވެ. އަދި އެއީ ގުދުރަތީ އެކްސްފޮލިއެންޓެއް ކަމުން އެ ބޭނުން ކުރުމުން ހަމުގައިވާ މަރުވެފައި ހުންނަ ސެލްތައް ނައްތާލަދީ ހަންގަނޑު އުޖާލާ ކޮށްދެއެވެ.

ޑާމެޓައިޓިސްފަދަ ހަންގަނޑުގެ ބަލިތަކުން ޝިފާ ހޯދުމަށް ވެސް ހަނޑޫފެން ބޭނުން ކުރެވިދާނެ އެވެ. ހަނޑޫ ފެނުގައި އެކުލެވޭ ސްޓާޗް އަކީ އެކްޒީމާ ފަދަ ހަމުގެ ބަލިތަކަށް އޮތް ފަރުވާއެއް ކަމަށްވެސް ދިރާސާ ކުރާ މީހުން ބުނެއެވެ.

ހަނޑޫފެނަކީ ހަންގަނޑުގެ ތެޔޮކަން ކުޑަކޮށްދިނުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ. ހަނޑޫފެން ބޭނުންކުރުމުން މޫނުގައި ލޭ ދައުރުވުން ރަނގަޅު ކޮށްދީ ކޮލާޖެން އުފެއްދުމަށް އެހީތެރިވެދެއެވެ. އަދި މީގެ އިތުރުން ގަވާއިދުން ހަނޑޫ ފެން ބޭނުން ކުރާނަމަ ހަންގަނޑު އޮމާންވެ ރީތިވެގެން ދެއެވެ.

ހަނޑޫފެނަކީ އިރުގެ ނުރައްކާތެރި ދޯދިތަކުންވެސް ހަންގަޑު ރައްކާތެރި ކޮށްދޭ އެއްޗެކެވެ. އޭގައި އެކުލެވިގެންވާ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަނޑޫ ފެން ގުދުރަތީ ސަންސްކްރީނެއްގެ ގޮތުގައި ހަރަކާތްތެރިވެއެވެ. އަދި ހަނޑޫފެން ބޭނުންކުރާ ނަމަ ހަންގަނޑު ދުޅަވުމާއި ރަތްވުން ކުޑަކޮށްދެއެވެ.

ސްކިންކެއާ ޕްރޮޑަކްޓު ތަކަކީ މިހާރު އަތްފޯރާ ފަށުގައި ލިބޭ އެއްޗިއްސެއް ނޫނެވެ. އެހެންކަމުން ކޮންމެ މީހަކަށް އެފަދަ ތަކެތި ނުގަނެވިދާނެއެވެ. ނަމަވެސް ހަނޑުލަކީ ހެޔޮއަގުގައި ފަސޭހަކަމާއެކު ކޮންމެ މީހަކަށްވެސް ލިބެން ހުންނަ އެއްޗެކެވެ. ހަނޑޫ ފެނުން ހަންގަނޑަށް މިހާ ގިނަ ފައިދާ ލިބޭއިރު މިއީ ބޭނުން ނުކޮށް ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. ހަނޑުލަކީ ގިނަ ގޭގެ ބަދިގެތެރޭ އަބަދުވެސް ހުންނާނެ ބާވަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން