ރަހްމަތްތެރިންނަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް މުހިންމު ބައެއް.
ރަހްމަތްތެރިންނަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް މުހިންމު ބައެއް.
ރަހުމަތްތެރިންނަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ވަރަށް މުހިންމު ބައެކެވެ. ރަހުމަތްތެރިންނަކީ ތިމާއަށް ދިމާވާ އުސްމިންތަކުގައި އާއި އަޑިގަނޑުތަކުގައިވެސް އެންމެ ކައިރީގައި ތިމާއަށް ހިއްވަރު ދިނުމަށް ތިބޭ ބައެކެވެ.

އެހެންނަމަވެސް ވިސްނަންޖެހޭ އެއްކަމަކީ ތިމާގެ ވަށައިގެން، މުޖުތަމަޢުގައި އުޅޭ ގިނަ އަވަށްޓެރިންނަކީ ކިތަންމެ ދެކެފަރިތަވީ ނަމަވެސް މަދު މީހަކު ނޫނީ ތިބާ އަށް ހެޔޮއެދޭ މީހަކަށް ނުވެދާނެކަމެވެ. އަވަށްޓެރިން ރަހްމަތްތެރިކަމަށް އިޙްތިޔާރު ކުރާއިރުވެސް އަދި ތަނަކުން ބައްދަލުވެ ދެކެފަރިތަ މީހަކު ރަހްމަތްތެރިއަކަށް އިހްތިޔާރުކުރާއިރު ތިމާ ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް ވެއެވެ.

އެގޮތުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ރަނގަޅު ހެޔޮލަފާ މީހުން ދެނެގަތުމަށެވެ. އިންސާނުންގެ ތެރޭގައި އެނެއް އިންސާނާއަށް ހެވަށްނޭދޭ މީހުންވެސް ގިނައެވެ. މިއީ އިންސާނީ ތަބީޢަތެވެ. އެހެންނަމަވެސް މިއީ ހެޔޮލަފާ މީހުންގެ ތަބީއަތުގައިވާނެ ކަމެއް ނޫނެވެ.

ދިރިއުޅުމުގައި އަޅުގަނޑުމެން އެކި ކަހަލަ އިމްތިހާނުތަކާ ކުރިމަތިލާންޖެހެއެވެ. އެކި ކަހަލަ ގޮންޖެހުންތައް ބަރުދާސްތު ކުރަން ޖެހެއެވެ. ދިރިއުޅުމުގެ އެކި ދަނޑިވަޅުތަކުގައި ބޯހާސްވެ، އަމިއްލަ މައްސަލަތަކުގެ ބަރުދަން އިތުރުވާ ގަޑިތަކުގައި އެންމެ ބޭނުންވަނީ އެހީތެރިކަމުގެ އަތެެއް ދިއްލޮށްލާނެ ރަހްމަތްތެރިއެވެ.

ރަހްމަތްތެރިން ހިޔާރު ކުރާއިރު އިތުބާރު ކުރެވޭ ފަދަ މީހުން ހިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ރަނގަޅު ގާތް ރަހްމަތްތެރިންނަކީ ތެދުވެރިކަމާއެކު، އަދި ހެޔޮ ނިޔަތުގައި ތިބާއާ ވާހަކަ ދައްކާ ބައެކެވެ. އެމީހުން ކޮންމެ ކަމެއްގައިވެސް ތިބާއަށް ދޭނީ އެންމެ ރަނގަޅު ނަސޭހަތެވެ. އަދި ތިބާގެ ކިބައިގައި ހުންނަ ރަނގަޅު ކޮށްލަންޖެހޭ ސިފަތަކުގެ ވާހަކަ ފާހަގަކޮށް އިހްތިރާމާއި ލޯބިން ތިބާއަށް ކަންތައްތައް ބުނެދީ ވިސްނައިދޭނެއެވެ.

އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެހާ ހިތްދަތިކަމެއްގައި އެންމެ ގާތުން އަޅުގަނޑުމެންނާއެކު ވާންޖެހޭނީ އަޅުގަނޑުމެންގެ ރަހްމަތްތެރިންނެވެ. އެފަދަ ހާލަތްތައް ދިމާވުމުން އެމީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ހިއްވަރާއި ހެޔޮ ނަސޭހަތް ލިބެއެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިފަދަ ހާލަތްތަކުގައި ކައިރިން ނުފެންނަ ރަހްމަތްތެރިންނަކީ ތިމާއަށް ހެޔޮއެދޭ ބައެއް ނޫނެވެ. އެއީ ހަގީގީ ރަހްމަތްތެރިންނެއްވެސް ނޫނެވެ.

ރަހްމަތްތެތިން ހިޔާރުކުރުމުގައި ވަފާތެރި މީހުން ހިޔާރުކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ވަފާތެރި ރަހްމަތްތެރިންނަކީ ތިބާއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ގާތުން ތިބާއަށް އެހީތެރިވެދޭނެ ބައެކެވެ. އެމީހުންނަކީ ތިބާއަށް މެދުވެރިވާ ކަންކަމުގައި ހަގީގަތް ބަލައި ތިބާގެ ހައްގުގައި ވާހަކަ ދައްކައި ތިބާ ދިފާއު ކުރާނެ ބައެކެވެ. އަދި ތިބާއަށް އެންމެ ބޭނުންވާ ވަގުތު އަޑު އަހާނެ ކަންފަތެއް ދިއްކޮށްލަން ތިބޭނީވެސް ރަނގަޅު ވަފާތެރި ރަހްމަތްތެރިންނެވެ.

ދިރިއުޅުމުގެ ތަފާތު މަރުހަލާތަކުގައި ތަފާތު އެކިކަހަލަ އެކި މިޒާޖުގެ މީހުންނާ ދިމާވެ ރަހްމަތްތެރިކަން ބަދަހި ވެއެވެ. މިފަދަ މީހުންވެސް ތިބާގެ ހަޔާތާ ގުޅުވާއިރު އެއީ ތިމާއަށް ހެޔޮއެދޭ ބައެއްތޯ އަދި އެއީ ތިބާއަށް ކިހާ މުހިއްމު ބައެއްތޯ؟ އަމިލައްލަ ނަފްސާ ސުވާލުކޮށްލުން ބުއްދިވެރިއެވެ. އެމީހަކު ތިބާއަށް މުހިއްމުވާންވާނީ އެއީ ތިބާއަށް ހެޔޮއެދޭ އަދި ތިބާގެ ހާލުބަލައި ދިމާވާ ކަންކަމުގައި ލަފާދީ ހަދާނަމައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން