އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ
އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ
އިންޑިޔާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި މަޝްހޫރު ބޮލީވުޑުފިލްމީތަރި އަނުޝްކާ ޝަރުމާގެ ދެމަފިރިން ދިރިއުޅުން ލަންޑަނަށް ބަދަލުވާން އުޅޭކަމުގެ އަޑު މީސް މީޑިއާގައި ފެތުރެން ފަށައިފިއެވެ.

ވިރާޓްއާއި އަނުޝްކާއަށް ސަޕޯޓުކުރާ ފޭނުން ވަނީ އެދެމަފިރިން ލަންޑަނުގައި ވަޒަންވެރިވާން އުޅޭ ކަމަށް ހީވާ އެކި ސަބަބުތައް ބުނެފައެވެ. އެގޮތުން މިހެން ހީވުމަށް މެދުވެރިވާ އެންމެ މައިގަނޑު ސަބަބަކީ ވިރާޓު ކްރިކެޓް ކުޅުމުން ރިޓަޔާވުމެވެ.

އަނުޝްކާ ޝަރުމާ އާއި ވިރާޓު ވަނީ އެމީހުންގެ ކުޑަ ދަރިފުޅު އަކާއީ އުފަންވުމުގެ ކުރިން ލަންޑަނުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފަ އެވެ. އަދި އަނުޝްކާ އޭނާގެ ކުޑަ ދަރިފުޅު އަކާއީ ވިހެއީވެސް ލަންޑަނުގައެވެ. އަކާއީ އުފަންވުމަށް ފަހުވެސް 2 މަސް ވަންދެން ވިރާޓު ވަނީ އަނުޝްކާއާއި، އޭނާގެ ދެ ދަރިންނާއެކު ލަންޑަނުގައި ވަގުތު ހޭދަ ކޮށްފައެވެ. އަދި ވިރާޓު އިންޑިއާއަށް ގޮސްފައިވަނީ ވޯލްޑް ކަޕް ގައި ކުޅެންވެގެންނެވެ. ޓީ20 ކަޕަށްފަހު ވިރާޓް ވަނީ އަނެއްކާވެސް ލަންޑަނަށް ގޮސްފައެވެ.

ސަޕޯޓަރުންނާއި ނެޓިޒެނުން ބުނާގޮތުގައި އަނުޝްކާ އާއި ވިރާޓް އެހާ ގިނައިން ލަންޑަނުން ފެނިފައިވަނީ، ލަންޑަނުގައި ވަގުތު ހޭދަ ކުރުމަކީ އެ ދެމަފިރިން މާ އުފާވާ ކަމެއް ކަމުގައި ވާތީއެވެ.

މީގެ އިތުރުން މީސް މީޑިއާގައި ދައުރުވަމުންދާ ރެޑިޓް ޕޯސްޓެއްގައިވެސް ލިޔެފައިވަނީ ވިރާޓް ރިޓަޔާ ވުމުން ދެން އޭނާ އާއި އާއިލާ ވަޒަންވެރިވާނީ ލަންޑަނުގައި ކަމަށެވެ. އަދި އެމީހުން އެހާ ލަންޑަނާ ގަޔާވާ ސަބަބަކީ އެތާގައި ގިނަ މީހުންނަށް އެމީހުން ނޭނގުމާއި، އޭގެ ސަބަބުން ދަރިންނަށް ނޯމަލް ދިރިއުޅުމެއް ހޯދަދެވޭނެތީ ކަމަށް ވިރާޓް މީގެ ކުރިން ބުނެފައިވާކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.

އިންޑިއާއާއި ހިލާފަށް ލަންޑަނުގައި މިނިވަން ކަމާއެކު ކުދިން ގޮވައިގެން މި ދެމަފިރިންނަށް ބޭރަށްގޮސް އުޅެވޭނެއެވެ. މި ދެމަފިރިން ބޭނުންވަނީ އެމީހުންގެ ދަރިން މީޑިއާ އާއި ވީހާވެސް ދުރުގައި ބޮޑުކުރުމަށެވެ.

މީސް މީޑިއާގައި މިހެން މިވާހަކަ ދެކެވޭ ކަމުގައި ވީނަމަވެސް ވިރާޓްއާއި އަނުޝްކާ އަދި މިކަމަށް އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން