ރާއްޖޭގައި މިޔަރު މަސްވެރިކަން ހުއްދަ ކުރަން އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ރާއްޖޭގައި މިޔަރުގެ ބާވަތްތައް ހިފުމާއި، އެއިން އުފައްދާ ތަކެތި ބޭނުންކޮށްގެން ވިޔަފާރި ކުރުމަކީ 2010 ވަނަ އަހަރުން ފެށިގެން މުޅިން މަނާ ކަމެކެވެ. އޭގެ ކުރިން 1995 ގައި މިޔަރު ހިފުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި މަނާކޮށްފައި ވެއެވެ.

ރާއްޖޭގައި މިޔަރު މަސްވެރިކަން ހުއްދަ ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށްބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މެސެޖާއި ގުޅިގެން މަސްވެރިކަމާބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ އެފަދަ މަޝްވަރާއެއް މިވަގުތު ކުރިއަށް ނުދާ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި މިޔަރު ގިނަވޭތޯ ބެލުމަށް ދިރާސާއެއް ކުރަމުންދާ ކަމަށާއި މިޔަރުގެ އާބާދީ އިތުރުވުމަކީ މަސްވެރިކަމަށް އޮތް ނުރައްކަލެއްނަމަ އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން ދާކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.

ދާދިފަހުން މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، މިޔަރުގެ ސަބަބުން އެކިކަހަލަ އުނދަގޫތަކާއި ކުރިމަތިވާކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބެމުންދާކަމަށެވެ.

ހާއްސަ ގޮތެއްގައި މަސްވެރިންގެ ފަރާތުން އެ ޝަކުވާ ގިނައިން ލިބޭ ކަމަށާއި އޭގެ އިތުރުން މިޔަރުގެ ފަރާތުން ބައެއް އިންސާނުންނަށް ވެސް އަނިޔާލިބި ހިތާމަވެރި ހާދިސާތައް ހިނގަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން މިޔަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރަށް ކުރެވެން ހުރި ކަންކަން ބައްލަވަމުން ދާކަމަށް ވަޒީރު ޝިޔާމް ވެސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން 2010 ވަނަ އަހަރު މަނާކުރި ފަހުން އާދަޔާ ހިލާފަށް މިޔަރު އިތުރުވެފައިވާ ކަަމަށް މަސްވެރިން ދަނީ ބުނަމުން ނެވެ. އެގޮތުން ބާނާ މަސްކޮޅުގެ އެއްބައި މިޔަރު ކާލާކަމަށް މަަސްވެރިން ބުނަމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.

މަސްވެރިން އެފަދައިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް މިޔަރު ދޭ ހަމަލާތައް ރާއްޖޭގައި ވަނީ އިތުރުވެފަ އެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގައިވާ ގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން މިޔަރުގެ ބާވަތްތައް ހިފުމާއި ބޭނުމާއި މެރުން ވަނީ މަނާކޮށްފައެވެ.

އަދި ހިމާޔަތްކޮށްފައިވާ އެފަދަ ބާވަތެއް ނެގުމާއި، އެބާވަތްތަކުން ވިޔަފާރި ކޮށްފިނަމަ 5،000 ރުފިޔާ އާއި 400،000 ރުފިޔާއާއި ދެމެދުގެ ޢަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

އޭގެއިތުރުން ޙިމާޔަތް ކޮށްފައިވާ ބާވަތަކަށް ގެއްލުމެއް ދީފިނަމަ 3،000 ރުފިޔާ އާއި 300،000 ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ޤަވާއިދުގައި ކަނޑައަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން