ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

މިރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަރަދު ބޮޑުވާގޮތަށް އެންމެ އެކަށީގެން ނުވާގޮތަށް ބައެއްކަންކަން ހުރި ކަމަށާއި އެގޮތަށް ހުރި ކަންކަން އިސްލާހުކުރުމަށް މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާކަމަށެވެ.

އެގޮތުން އަޅާ އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީ ކުރިއަށް ގެންދިޔުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާދިޔުން މަޑުޖެއްސުމާއި ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގައުމުގެ ވެރިކަން ހިންގުމަށް ކަނޑައަޅާފައި ހުންނަނީ ވެސް އެންމެ މީހަކު ކަމަށާއި އެހެންކަމުން ކުދި އަދި އާންމު ސައިޒުގެ ރަށެއްގައި ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސެއް ހުރުމުން ފުދޭނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ސިޓީތައް ފަދަ ބޮޑެތި އާބާދީ ތަކަށް އެއަށްވުރެ އިތުރަށް ކައުންސިލަރުން ތިބިކަމުގައި ވީނަމަވެސް، 300، 500 ނުވަތަ 1000 މީހުން އުޅޭ އާބާދީތަކަށް ރައީސަކާއި ނާއިބު ރައީސެއް ހުރުމުން އެންމެ ރަނގަޅުވާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލްތައް ވެސް މިހާރު އެކުލެވިފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. ހާއްސަކޮށް ރަށްރަށުގެ ކައުންސިލްގެ ރައީސުން އަތޮޅު ކައުންސިލްގެ މެންބަރުންގެ ގޮތުގައި ތިއްބެވުމުން ގިނަފަހަރަށް އަތޮޅު ކައުންސިލްގައި ވެސް ވަކާލާތު ކުރެވިފައި އޮންނަނީ އަމިއްލަ ރަށުގެ މަސްލަހަތުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަތޮޅު ކައުންސިލްގެ ބައްދަލުވުންތައް ވެސް ބޭއްވުމުގައި ދަތިތަކެއް ހުންނަކަމަށާއި އެހެންކަމުން އެކަމަށް ވެސް ރަނގަޅު ބަދަލެއް ގެނައުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ދިވެހި ޒުވާނުން

10-Jul-2024

ކައުންސިލަރުންނަކީ ބޭކާރު ބައެއް



ޓްރެންޑިން