އެމް.ޑަބްލިޔު.އެސް.ސީ ގެ "ވޯޓަރ ސެކިއުރިޓި ޕްލޭން" ގެ ދަށުން، ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢުގައި ހިމެނޭ، މާލޭ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މާލޭގެ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރެވެނީ ރައީސުލްޖުމްހޫރިޔާ އޮފީހުގެ ނާރސަރީ ގެ މަސައްކަތް ކުރިން ކުރަމުން އައި މާލޭގެ 64 ނަމްބަރ ކޮށީގައެވެ. މި މަސައްކަތް ނިންމާލުމަށް ތާވަލު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. މި މަސައްކަތަށް ޖުމްލަ 3.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާ ކުރެވެއެވެ.



ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢަކީ، އެމް.ޑަބްލިޔު.އެސް.ސީ ގެ "ވޯޓަރ ސެކިއުރިޓި ޕްލޭން" ގެ ދަށުން 2016 ވަނަ އަހަރު ފެށުމަށްފަހު އެކިސަބަބުތަކާހުރެ މިހާތަނަށް މަޑުޖެހިފައިއޮތް މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް އަލުން ފަށައިގަނެ މާލޭގެ ޕަމްޕްސްޓޭޝަންގެ މަސައްކަތް ނިމުމާއިއެކު ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅިމެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލެވޭނެއެވެ. މި ކަމުގެ ސަބަބުން މާލޭ ސަރަޙައްދުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފޯރުކޮށްދޭ ސާފު ބޯފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެއެވެ.

މާލޭގައި ޤާއިމްކުރެވޭ މި ޕަމްޕް ސްޓޭޝަންގެ އިތުރުން މި މަޝްރޫޢުގައި ހިމެނޭ އެހެން ބައިތަކަކީ ސިނަމާލެ ބްރިޖް މަތީގައި އަޅާފައިވާ 225 ކިލޯ މީޓަރުދިގު ހޮޅިލައިންއާއި، ހުޅުމާލޭގައި ޤާއިމް ކުރެވޭ ޓްރާނސްފަރ ޕަމްޕް ސްޓޭޝަނެވެ. މީގެތެރެއިން، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމާއި، ޕްރެޝަރ ޓެސްޓްކުރުމުގެ މަސައްކަތްވަނީ ނިމިފައެވެ. އަދި ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައްވެސް ވަނީ ފެށިފައެވެ.

ހުޅުމާލެއާއި މާލޭގެ ފެނުގެވިޔުގަ ގުޅާލުމުގެ މަޝްރޫޢު މުޅިންނިމި ޚިދުމަތަށް ގެނައުމަށް އަމާޒު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. މި މަޝްރޫޢު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަމްޕުކުރުމުގެ ގާބިލްކަން އެމްޑަބްލިޔުއެސްސީ އަށް ލިބިގެންދާނެއެވެ.

މިއީ މާލޭގައި ފެން އުފެއްދުމާއި ފެން ރައްކާކުރުމާއި ފެން ފޯރުކޮށްދިނުމުގެ ޤާބިލްކަން އިތުރުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީން ފަށާފައިވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން