ގުރުއާން ކޯސްތައް އޮންލައިންކޮށް ހިންގޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އުސޫލު ބަދަލުކޮށްފި އެވެ.

އެމްކިއުއޭއިން މީގެ ކުރިން ކަނޑައަޅާފައިވާ ގަވާއިދު ބުނާގޮތުން ގުރުއާނުގެ ކޯސްތައް އޮންލައިންކޮށް ކިޔަވައި ނުދެވޭނެ އެވެ. ނަމަވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ މަޝްވަރާ ކުރުމަށްފަހު އެމްކިއުއޭއިން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އީ-ލާނިން މޮޑެލްގެ ދަށުން ގުރުއާނާއި އެއާ ގުޅުން ހުރި މާއްދާތައް ކިޔަވައި ދިނުމުގެ ހުއްދަ ދެވިދާނެ ކަމަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އޮގަސްޓް 2022 ގައި އެމްކިއުއޭ އިން ގެޒެޓުކުރި ގައިޑްލައިންގައި ވަނީ އީ-ލާނިން ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމަށް ޝަރުތުހަމަވާ ކޯސްތަކާއި އެ ގޮތަށް ކިޔަވައިނުދެވޭނެ ކޯސްތައް ވަކިން ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ގުރުއާން އަދި އެއާ ގުޅޭ ދާއިރާތައް ހިމެނެނީ އޮންލައިންކޮށް ކިޔަވައި ނުދެވޭ ކޯސްތަކުގެ ގޮތުގައެވެ.

އެމްކިއުއޭއިން ބުނީ އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި މިހާރުން މިހާރަށް ވެސް މައާނިލް ގުރުއާން އަދި އުލޫމުލް ގުރުއާން ފަދަ މާއްދާތައް އަދި ވަކި އުސޫލުތަކެއްގެ މަތިން ތިލާވާ އަދި ހިފްޒު ކިޔަވައި ދެވިދާނެ ކަމަށެވެ. އަދި އެގޮތަށް ކިޔަވައިދިނުމުގެ ކުރިން ހުއްދަ ނަގަން ޖެހޭނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

އޮންލައިންކޮށް ކިޔަވައިދިން ނަމަވެސް އިމްތިހާނު ހަދަން ޖެހޭނީ ފޭސް-ޓު-ފޭސް ކޮށް ކަމަށް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި ގުރުއާންގެ ކޮންމެ ޕްރޮގްރާމެއް ވެސް، އެ ޕްރޮގްރާމެއްގައި ކިޔަވައިދެވޭ މާއްދާތަކަށް ރިއާޔަތްކޮށް ވަކި އުސޫލުތަކެއްގެ ތެރެއިން އީ ލާނިން މޮޑިއުލްގައި ކިޔަވައިދިނުމަށް ހުއްދަ ދެވިދާނެ ކަމަށް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން