ހޮންކޮންގް އެއާރލައިންގެ ދަތުރުތައް ހޫނުމޫސުމާއި ދިމާކޮށް އަނެއްކާވެސް ރާއްޖެއަށް ފަށައިފިއެވެ. މެދުކެނޑުމަކަށް ފަހު މިއަދު ފެށި ހޮންކޮންގް އެއާރލައިންގެ ދަތުރުތައް ރާއްޖެއަށް ކުރަނީ ޗައިނާގެ ހޮންގކޮންގ އިންޓަނޭޝަނަލް އެއާރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށެވެ.

ހޮންކޮންގް އެއާރލައިން އިން އުތުރު ހޫނުމޫސުމާއި ދިމާކޮށް މި ފެށި ދަތުރުތަކުގެ ފުރަތަމަ ޝެޑިއުލް ފުލައިޓް އެޗްއެކްސް 791 ރާއްޖެއަށް ޖައްސާފައި ވަނީ ރާއްޖެ ގަޑިން މިއަދު 18:24 ހާއިރުގައެވެ.

އަދި މިއަދުން ފެށިގެން އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަފްތާއަކު 4 ދަތުރު ރާއްޖެއަށް ބާއްވާނެ ކަމަށް އެ އެއާރލައިނުން ބުނެއެވެ. މީގެ އިތުރުން ޖުލައި މަހުގެ 21 އިން 25 އޮގަސްޓާއި ދެމެދު ކޮންމެ ދުވަހަކު 1 ދަތުރު ރާއްޖެއަށް ބާއްވާނެ ކަމަށް ވެސް ހޮންކޮންގް އެއާރލައިނުން ހާމަކޮށްފައިވެއެވެ.

ހޮންކޮންގް އެއާރލައިނުން ރާއްޖެއަށް މި ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ330 މަރުކާގެ ބޯޓެވެ.

3 އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާގެ އައު އަހަރާއި ދިމާކޮށް މި އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުވެސް ހޮންކޮންގް އެއާރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށިއެވެ. ނަމަވެސް އެ ދަތުރުތައް ފެބްރުއަރީ މަހުގެ ތެރޭގައި ހުއްޓުނު ކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން