ވިޓަމިން ބީ ކޮމްޕްލެކްސް.
ވިޓަމިން ބީ ކޮމްޕްލެކްސް.
ވިޓަމިން ބީ ކޮމްޕްލެކްސް އަކީ 8 ވައްތަރެއްގެ ވިޓަމިނެއް އެކުލަވައިގެން ހަދާފައިވާ ބާވަތެކެވެ. މިއިން ކޮންމެ ވިޓަމިނަކީވެސް ހަށިގަނޑުގައި ތަފާތު ކަންތައްތަކެއް ކުރާ ވިޓަމިނެކެވެ. އެހެންކަމުން ވިޓަމިން ބީ ކޮމްޕްލެކްސް އަކީ ސިއްހަތައް ވަރަށް ފައިދާހުރި ބާވަތެކެވެ.

ވިޓަމިން ބީ ކޮމްޕްލެކްސްގައި އެކުލެވިގެންވާ ވިޓަމިން ތަކަކީ:

- ވިޓަމިން ބީ1 ނުވަތަ ތިއެމައިން

- ވިޓަމިން ބީ2 ނުވަތަ ރައިބޮފްލެވިން

- ވިޓަމިން ބީ3 ނުވަތަ ނިއާސިން

- ވިޓަމިން ބީ5 ނުވަތަ ޕެންޓޮތެނިކް އެސިޑް

- ވިޓަމިން ބީ6 ނުވަތަ ޕިރިޑޮކްސައިން

- ވިޓަމިން ބީ7 ނުވަތަ ބައޮޓިން

- ވިޓަމިން ބީ9 ނުވަތަ ފޮލޭޓް

- ވިޓަމިން ބީ 12 ނުވަތަ ކޮބެލެމިން

ވިޓަމިން ބީ ކޮމްފްލެކްސް އަކީ ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދޭ އެއްޗެކެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގައި ހަކަތަ އުފެއްދުމުގައި ވިޓަމިން ބީގެ ހުރިހާ ވައްތަރެއްވެސް ދައުރެއް އަދާކުރެއެވެ. އެހެންކަމުން ހަށިގަނޑުގައި ހަކަތަ އުފެއްދުމަށްޓަކައި ވިޓަމިން ބީ ކޮމްޕްލެކްސް އަކީ ވަރަށްވެސް ބޭނުންތެރި އެއްޗެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ވިޓަމިން ބީ ސަޕްލިމެންޓުތައް ބޭނުން ކުރުމަކީ ވަރުބަލިކަމުގެ އިހުސާސް ލުއިކޮށްދީ އަޅުގަނޑުމެންގެ ގައިގައި ހަކަތަ އިތުުރު ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ވިޓަމިން ބީ ސަޕްލިމެންޓުތަކަކީ އަޅުގަނޑުމެންގެ ސިކުނޑީގެ ސިއްހަތު ރަނގަޅުކޮށް އަޅުގަނޑުމެންގެ ވިސްނުން ތޫނުފިލި ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން ބީ ބޭނުން ކުރުމުން އަޅުގަނޑުމެންގެ ސިކުނޑީގެ ކޮގްނިޓިވް މަސައްކަތްތައް ރަނގަޅުވެގެން ދެއެވެ.

މީގެ އިތުރުން 50 އަހަރުން މަތީގެ މީހުން ފޮލޭޓް ބޭނުންކުރާނަމަ ހަނދާން ނެތޭ ބަލި ނުވަތަ ޑިމެންޝިއާ ޖެހުމުގެ ނުރައްކާ ކުޑަ ވާ ކަމަށްވެސް ސައިންޓިފިކް ހެކިތަކުން ދައްކައެވެ. މީގެ އިތުރުން ވިޓަމިން ބީ ސަޕްލިމެންޓުތަކަކީ މައިގްރެއިން ފަދަ ބަލިތަކަށްވެސް އޮތް ފަރުވާއެކެވެ.

ވިޓަމިން ބީ ކޮމްޕްލެކްސް ބޭނުން ކުރުމުން އެނީމިއާ ބަލި ޖެހުމުންވެސް ދުރުކޮށްދެއެވެ. އެނީމިއާ އަކީ ހަށިގަނޑުގައި ރެޑް ބްލަޑް ސެލްތައް އުފެދޭ މިންވަރު މަދުވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބެއެވެ. އޭގެ ސަބަބުން މީހާ މާ ބޮޑަށް ވަރުބަލިވެ، ބޮލުގަ ރިއްސާ އަދި މޭގައި ރިއްސުންފަދަ ކަންތައްތައް ދިމާވެއެވެ. ފޮލޭޓް އަދި ވިޓަމިން ބީ12 އަކީ މި ބަލިން މީހާ ރައްކާތެރިކޮށްދިނުމަށް އެހީވެދޭ ދެ ބާވަތުގެ ވިޓަމިނެވެ.

މީހާގެ މޫޑު ރަނގަޅުކޮށް ސްޓްރެސް ކުޑަ ކުރުމަށްވެސް ވިޓަމިން ބީ ކޮމްޕްލެކްސް ބޭނުންކުރުމުން އެހީވެދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން ބީ ސަޕްލިމެންޓުތައް ބޭނުން ކުރުމަކީ މީހާގެ ސިއްހަތު ރަނގަޅުކޮށްދީ، ސްޓްރެސް ކުޑަކޮށްދީ އަދި މޫޑު ރަނގަޅުކޮށްދޭ ކަމެކެވެ.

ވިޓަމިން ބީއަކީ މާބަނޑު އިރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް ވަރަށް ބޭނުންތެރި އެއްޗެކެވެ. ވިޓަމިން ބީއަކީ މާބަނޑު އިރު ހަށިގަނޑުގައި ރެޑް ބްލަޑް ސެލް އުފައްދަދީ، ނާރުތަކުގެ ނިޒާމް ރަނގަޅުކޮށްދީ އަދި ބަނޑުގައި އޮތް ދަރިފުޅު ހެދި ބޮޑު ވުމުގައި ވެސް ބޮޑު ރޯލެއް އަދާ ކުރާ އެއްޗެކެވެ. މިކަމުގެ ސަބަބުން މާބަނޑު އިރު ވިޓަމިން ބީ އެކުލެވޭ ސަޕްލިމެންޓުތައް ކެއުމަށް ޑޮކްޓަރުންވެސް ލަފާދެއެވެ.

ބީ-ވިޓަމިންސް ދުވާލަކު ކެއުމަށް ލަފާދެވޭ މިންވަރު މީހާގެ އުމުރާއި، ޖިންސާއި، ސިއްހީ ހާލަތަށް ބަލާފައި ތަފާތުވެއެވެ. އެގޮތުން ބަލާއިރު މާބަނޑު މީހުންނާއި ގާތުން ކިރުދޭ މީހުންނަށް ވިޓަމިން ބީ ސަޕްލިމެންޓު ބޭނުންވާ ވަރު އާންމު މީހަކާ އަޅާ ބަލާއިރު އިތުރުވެއެވެ.

ވިޓަމިން ބީ އެކުލެވޭ ކާނާ ކެއުމަކީވެސް އަޅުގަނޑުމެންގެ ސިއްހަތަށް ފައިދާ ހުރި ކަމެކެވެ. އެގޮތުން ބަލާއިރު ވިޓަމިން ބީ އެކުލެވޭ ބައެއް ކާއެއްޗެހީގެ ތެރޭގައި ބްރައުން ރައިސްއާއި، ސްޕިނެޗްއާއި، ކޭލާއި، ޔޯގަޓާއި، ކިރާއި، ޗީޒާއި، ކުކުޅާއި، ބީފާއި ކަނޑުމަސް ހިމެނެއެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކުވެސް ކެއުމުގައި ވިޓަމިން ބީ އެކުލެވޭ އެއްޗެހި ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން