މިއަދު އޮތް ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
މިއަދު އޮތް ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ދިވެހި ރައްޔިތުންނަށް އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ދިނުމުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ގައުމުން ދީފިއެވެ.

މި ކަމުގެ ޔަގީންކަން ދެއްވާފައި ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް އާއި އިންޑިއާ ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ގުޅިގެންވެސް ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބަދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި ރައީސް އިންޑިއާއަށް ވަޑައިގެންނެވީތީ ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުން އެއްބާރުލައިގެން ފައިދާހުރި އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމިއޮންނާނެ ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އިންޑިއާގެ ބޮޑުވަޒީރު ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާއިން އަދާކުރެއްވި މެހެމާންދާރީއާ ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއާ ކުރިއެރުމުގައާއި ދިވެހިރައްޔިތުން އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އިންޑިއާއިން ދޭ ސަމާލުކަމާ އަހައްމިއްޔަތުކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ އުންމީދީ ވާހަކަފުޅުތަކާއެކުއެވެ. އަދި އިންޑިއާކަނޑުގެ ޞުލްޙައާއި ހަމަޖެހުން ދެމެހެއްޓުމުގައި، މިހާރެކޭވެސް އެއްގޮތަށް، އެއް ވިސްނުމެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި، ރާއްޖޭގެ ޚާރިޖީވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން