image ގައްދޫ ރަޝީދު   14 އޯގަސްޓު 2020 - 4:14
[ޖަޔާއެވެ.] ފާރުގެ ނިވަލުން ސިއްރުން މީހަކު ގޮވާލިއަޑު އިވުނެވެ. މިއަޑަށް ނާޖިޔާ ދޯޕައްޓާ ހިއްކަން އަޅަން ހުރެފައި ސިހިއްޖެއެވެ. އޭނާގެ އަތަށް ހުއްޓުން އަރައިފިއެވެ. އަދި ހިތަށްވެސް އެވަގުތު ހުއްޓުންއެރި ކަހަލައެވެ.

[ޖަޔާއެވެ......] އަނެއްކާވެސް އަޑު އަތުވެއްޖެއެވެ.

ޖަޔާ ފިނި ނޭވާއެއް ދޫކޮށްލިއެވެ. އަދި އަވަސްވެފައިވާ ނޭވާހަމައަކަށް އެޅުމުން އެނބުރި ބަލާވެސްނުލާ ކާކުހޭ ބުނެފިއެވެ.

މިއަޑު އޭނާ ނުވެސް ދަންނަ ކަހަލައެވެ. ފާރުގެ ނިވަލުގައި ހުރި މީހާ ސިހިއްޖެއެވެ. އޭނާ ތަންކޮޅެއް ބާރަށް ބުންޏެވެ..... [އަހަންނަށް ހުރިހާކަމެއް އެނގެއެވެ. ޖަޔާއެވެ...... މިރޭ މަތީބުރިއަށް އައިސް ދީބަލާށެވެ. މިތަނަށެވެ. އަހަރެން ވާހަކައެއް ބުނެލަންވެފާ އެބައޮތެވެ. އަންނާނަންދޯއެވެ.....]

ޖަޔާ ރޯނުގައި ދޯޕައްޓާ ހިއްކަން އަޅާފައި މަޑުމަޑުން ދޫކޮށްލިއެވެ. އަދި ވައިގެ ތެރެއަށް ދޫކޮށްލާފައިވާ އިސްތަށިގަނޑު އެއްކޮށްލިއެވެ. ދެން މަޑުމަޑުން އެނބުރި ބަލާލިއެވެ. ފާރުކައިރީގައި މީހަކު ނެތެވެ. އޭނާ އެތައް އިރެއް ވަންދެން ފާރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަޑު މެސެޖްދީފައި ހިނގައްޖެއެވެ. ހަމަގައިމުވެސް މިހާރު އެތާނގައި އެއްވެސް މީހަކު ނެތެވެ.

ޖަޔާ ފެންވަރައިގެން މައްޗަށް މިއައީ ދޯޕައްޓާ ހިއްކަން އަޅަންވެގެންނެވެ. މިއަދު ހަވީރު އޭނާގެ އެކުވެރި ސާއިރާގެ ގެއަށް ސަޔަށް ދާންވެފާ އޮތީމައެވެ. އޭނާ ހަވީރު އަޅަން ގަސްތުކުރީ ތާނިޔާ ދައްތަގެ ދޯޕައްޓާއެވެ. އެކަމަކު ދާވެފާ އޮތުމުން ރީތިކޮށް ދޮވެލައިގެން ހިއްކަން އަޅަން މައްޗަށް އައީއެވެ. އޭނާގެ ތެތް އިސްތަށިގަނޑު ފުރަގަހަށް ދޫކޮށްލާފައި އޮތެވެ. ރީތި ކަޅު އިސްތަށިގަނޑު އަވީގެ ތެރޭގައި ވިދަވިދާ އޮތެވެ. ފެންވަރާލުމުން އޭނާގެ ދޮންކަން އިހުނަށްވުރެވެސް ގަދަވެއްޖެއެވެ. އޭނާގެ ލޮލުގެ ކަޅި ފިނިފެންމަލުގެ ކުލައަށް ބަދަލުވެފާވެއެވެ. އޭނާ ލައިގެން ހުރީވެސް ފިނިފެންމަލު ކުލައިގެ ހެދުމެކެވެ. އެއްވެސް މޭކަޕެއް ނެތެވެ.

އެކަމަކު..... ކަލާނގެ ދެއްވާފައިވާ ރީތިކަމުގެ މައްޗަށް އެއްވެސް މޭކަޕެއް ބޭނުމެއް ނުވެއެވެ. އޭނާއަށް ބަލާލުމުން ހީވަނީ އުޑުން ކޮންމެވެސް މަޚްލޫޤަކު ސިއްރުން ބިމަށް ފައިބައިގެން އުޅެނީ ހެންނެވެ.

ނޮވެމްބަރމަހުގެ ހޫނު ދުވަހެކެވެ. އެއްވެސް ފިނިކަމެއް ނެތެވެ. އެކަމަކު ފިނިފެނުން ފެންވެރުމުން ހިސާބެއްގެ ހީކެރުވުމެއް ހަށިގަނޑުގައި އުފެދިފާވެއެވެ. ނާޖިޔާ މައްޗަށް އައީ އިރުކޮޅަކު އަވީގައި މަޑުކޮށްލުމުގެ ނިޔަތުގައެވެ. އޭނާގެ އެހެން ކޮއްކޮއިން އެކުއްޖެއްގެ މަސައްކަތުގައި ތިއްބެވެ. ތާނިޔާ ބަދިގޭގައި މެންދުރަށް ކައްކަނީއެވެ. މަންމަ ދިޔައީ އަވަށްޓެރިއެއްގެ ގެއަށެވެ. އެހެންކަމުން މިއަދު ކެއްކުމަކީ ތާނިޔާގެ މަސައްކަތެކެވެ. ޖަޔާ މައްޗަށް އައީ ފެންވަރައި ގެންނެވެ. އެކަމަކު އޭނާގެ ޟަމީރު އޭނާގެ ގަޔަށް ހިރަފުސް ބުރުވައިފިއެވެ.

ތާނޫ ދައްތައާމެދު އޭނާ ވަރަށް ދެރަވެއެވެ. އޭނާގެ ރާނޫ އުޅެނީ އިއްޔޭން ފެށިގެން ހުމާއެވެ. އެކުއްޖާފުޅު އުރަންވެގެން އަބަދާ އަބަދު ރޮނީއެވެ. އޭނާ އުރައިގެން ތާނޫއަށް އެއްކަމެއްވެސް ނުކުރެވެއެވެ. އޭނާ ކައިރީގައި ހުރި ގޮނޑިއެއްގައި ދަރިފުޅު ބައިންދާފައި ދޮލަނގަކަށް ބަތްއަޅައިފިއެވެ. ދަރިފުޅު ހަމަރޮނީއެވެ.

ތާނިޔާ ހަމަ މިހާރު މިއުރަނީއޭ ބުނެ ދަރިފުޅު މަތަކުރެވޭތޯ ބެލިއެވެ. އެހެން ނަމަވެސް ރުއިމުގެ އަޑު ހައްތާ ގަދަވަނީއެވެ. އަދި ޖަޔާ ދޯޕައްޓާ ހިފައިގެން ސިޑިން އަރައިގެން ދިޔައިރު ތާނޫ އެކުއްޖާގެ ގައިގާ ބޮނޑިއެއް އަޅާލުމާއިއެކު ހަޅޭލަވައިގަތެވެ.]

ރުޅިއާއި ހިތާމައިގެ އަސަރު ޖަޔާގެ ހިތް ތަޅުވާލައިފިއެވެ. ތާނޫގެ މަޖްބޫރީ އަދި ހިތްދަތިކަން ޖަޔާއަށް ވަރަށް ފުރިހަމައަށް އިޙްސާސް ކުރެވެއެވެ. ތާނޫ ކުޑަކޮއްކޮ ގައިގާޖެހީ ކޮންފަދަ ޖަޒުބާތެއްގެ ދަށުންކަން އޭނާއަށް އެނގެއެވެ. ހަޅޭލައިވައިގަތީ ކޮންފަދަ މާޔޫސީ ޙާލަތެއްގެ ދަށުންކަން ވަޒަން ކުރެވެއެވެ.

[ތާނޫއަކީ ކިހާ ހިތްދަތި އިންސާނެއް ހެއްޔެވެ.] އޭނާ މައްޗަށް އައިސް ފުރަތަމަ ފަހަރަށް ސީރިއަސް ކަމާއެކު ވިސްނާލިއެވެ. މަންމަ ހެނދުނު ދިޔައީ ރައިޙާނު ގާތުގައި ގުއްޑޫ ރާނީ ޑޮކްޓަރަށް ދައްކާފައި ބޭސްނަގަން ބުނެފައެވެ. އެހެން ނަމަވެސް އޭނާ ހެނދުނު ނާސްތާއަށްފަހު ރައްޓެހި ކުދިންނާއެކު ބޭރަށް ހިނގައްޖެއެވެ. ތާނޫ ދައްތަ އަތުގާ ފައިސާފޮއްޗެއްވެސް ނޯވެއެވެ. ކަމަކު ޖެހިއްޖެއްޔާ އޭނާ ފައިސާއަށް ބުނަން ޖެހެނީ މަންމައާ ބައްޕަ ގާތުގައެވެ.

ދައްތަގެ ޙާލާމެދު ޖަޔާގެ ހިތަށް ތަދުވެއްޖެއެވެ.... ދައްތައަށްޓަކާ އޭނާއަށް ކޮންމެވެސްކަމެއް ކޮށްދެވޭނެ ނަމަ ކޮންފަދަ ހެއްޔެވެ. އޭނާގެ މިވިސްނުން އެންމެފަހުން އައިސް ހުއްޓުނީ ކޮންމެވެސް ތާކަށް ޓިއުޝަން ދޭން ދިއުމަށެވެ. ތާނޫ ދައްތައަށް ކޮންމެވެސް ވަރަކަށް ފައިސާ ހޯދާ ދިނުމަށެވެ. އޭނާގެ ކްލާސް ކުއްޖަކުވެސް ޓިއުޝަންގެ ވާހަކަ ދައްކާފައިވެއެވެ. ހަވީރު ދެގަނޑިއެއްހާއިރު އޭނާގެ ދެކޮއްކޮއަކަށް ޓިއުޝަން ދޭން އަންހެން ކުއްޖަކު ބޭނުންވެގެން އުޅޭވާހަކަ ދެތިން ދުވަހަކު ދައްކާފައިވެއެވެ....... މިވަޒީފާ ލިބިއްޖެއްޔާ ކޮންމެވެސް ވަރަކަށް ތާނޫ ދައްތަގެ ދަތިތައް ފިލުވާ ދެވިދާނެއެވެ.

ޖަޔާއަށް ނަވީދުގެ އަޑުއިވުނީ މިޚިޔާލުގައި ގެއްލިފާ ހުއްޓައެވެ. އޭނާ ދޯޕައްޓާ ހިއްކަން އަޅާލާފައި އައިސް އެތާނގައި ހުރި އަށިގަނޑެއްގައި ދަތްދޮޅީގައި އަތް ވިދެލައިގެން އިށީނދެއްޖެއެވެ.

ޖެހިގެން ހުރީ އޭނާގެ ޙަޤީޤީ ބޮޑުބޭބެގެ ގެއެވެ.

މާމަ މަރުވުމަށްފަހު މިގެ މިއޮތީ ބަހާފައެވެ. މަގަތުން އޮތް ދެބައި ދެފިރިހެން ކުދިންނަށެވެ. ބިއްދޮށުބައި ތިން އަންހެން ކުދިންނަށެވެ. ޖަޔާގެ ބޮޑުބޭބެ ފަޔާޒު އަޙްމަދު މިހާރު އޮތީ ތިން އަންހެން ކުދިންގެ ބައިވެސް ގަނެފައެވެ. މިގޮތުން އެގެ މިހާރު ވަރަށްބޮޑު ވެއްޖެއެވެ. ފަޔާޒު އަޙްމަދު ކުރީގައި ކުރަމުން އައީ ދަނޑުވެރިކަމެވެ. އޭނާ ރިޔާޟް ގާތުގާވެސް ބުނަނީ ކޮންމެވެސް މަސައްކަތެއް ފެށުމަށެވެ. އެހެން ނަމަވެސް ރިޔާޒް މިކަން ޤަބޫލުނުކޮށް މިލްޓްރީ ކާތިބެއްގެ ވަޒީފާ އަދާކުރަން ފެށިއެވެ. އެންމެފަހުން ޕެންޝަން ހަމަވަގެން ގެއަށް އައީއެވެ.

ނާޖިޔާގެ ބައްޕަ ރިޔާޟާއި އޭނާގެ ބޮޑުބޭބެ ފަޔާޟްގެ މާލީ ޙާލަތު އުޑާބިމާހާ ތަފާތެވެ. ފަޔާޒަކީ ފުދޭވަރެއްގެ ފައިސާ ވެރިއެކެވެ. އޭނާގެވެސް އަށް ކުދިން ތިބެއެވެ. ހުރިހާ ކުދިންނަކީވެސް ފައިސާ ލިބޭ ކުދިންނެވެ.

މާމަގެ ޙަޔާތުގައި ދެބޭން އުޅެމުން އައީ އެކުގައެވެ. ކެއިންބުއިމާއި ހުރިހާކަމެއް ހުންނަނީ އެކުގައެވެ. އެހެން ނަމަވެސް ގިނަ ދުވަސްތަކެއްނުވެ ދެބޭންގެ ދެއަނބިންގެ މޫޑު ގޯސްވެ އަރާރުން ހަދާލައިފިއެވެ. މިކަން މިގޮތަށް ދިމާވި ކަމުގައިވިޔަސް ދެބޭންގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ.

ބޮޑުބޭބެގެ ތިންވަނަ ފިރިހެން ދަރިފުޅު ނަވީދުއާއި ޖަޔާއަކީ އެންމެ ކުޑައިރުއްސުރެ ދެ އެކުވެރިންނެވެ. އެކުގައި ކިޔަވަމުން ބޮޑުވަމުން އައި ދެބޭންނެވެ. އެ ދެކުދިންނަކީ ރެޔާއި ދުވާލު އެކުގާ އުޅުމަށް އާދަވެފައިވާ ދެކުދިންނެވެ. ދެފަރާތުގެ މައިންބަފައިންވެސް މިކަމާ އިޢުތިރާސް ނުކުރަނީ ކަންނޭގެއެވެ. އެހެންކަމުން ދެކުދިން އެއްވެސް ފިކުރެއްނެތި ބައްދަލުވަމުން އައެވެ.

ޙަޔާތުގެ ދުވަސްތައް އޮއިދެމޭ ކޯރެއް ފަދައިން ދެމިދެމި އޮއްވާ މާމަ މަރުވެއްޖެއެވެ.

ދެން ގެއާ މުދާ ބަހާލެވިއްޖެއެވެ.

ބައިކޮށްލި ހިސާބު ތިރިންފެށިގެން އެންމެ މައްޗާހަމައަށް ފާރެއްލެވިއްޖެއެވެ. މިއީ ކޮންކަހަލަ ފާރެއްކަމެއްވެސް ނޭނގެއެވެ. ހަމަ ކުއްލިއަކަށް އެދެމެދަށް ހުރަސްވީ ފާރެކެވެ.

ފަޔާޟް އަޙްމަދު އޭނާގެ އެއްބަނޑު އެއްބަފާ އަންހެން ކުދިންނަށް ވީބައި ގަނެގެން ވަރަށް ރީތިކޮށް ހަދާލައިފިއެވެ. އެތައްތަނެއް ތަޅާ ކުދިކުދިކޮށް އަލުން ހެދިއެވެ. އެތައްތަނެއް މަރާމާތު ކުރިއެވެ. މުސްކުޅިގޮތަށް ހުރި ހުރިހާ ބޮޑުދޮރުތަކާ ކުދިދޮރުތައް ނެގިއެވެ. އަދި އޭގެ ބަދަލުގައި އެންމެ މިހާރުގެ ދޮރާއި ޖާލީ ހަރުކުރިއެވެ.

މިހާރު ދެފަރާތުގެ ގުޅުން އޮންނަނީ ހަމައެކަނި ދެއްކުމެއްގެ ގޮތުގައެވެ. ފަޔާޟް އަޙްމަދުގެ އަންހެނުން ރާޝިދާ އެއްދުވަހަކު ބުންޏެވެ. [އަހަރެމެންގެ ފިރިހެން ކުދިންނަށްޓަކާ މުއްސަނދި ގޭގޭގެ އަންހެން ކުދިން ކާވެންޏަށް އެދި އާދޭސް ކުރަމުން އެބަދެއެވެ. ޚާއްޞަކޮށް ޕޮލިސް އިންސްޕެކްޓަރެއްގެ ވަޒީފާގައި އުޅޭ އަހަރެމެންގެ ނަވީދުއާ އިންނަން އެތައް ކުދިންނެއް ތައްޔާރަށް އެބަތިއްބެވެ. އާއެކޭ ބުނެފަ ނުބުނާނީ ކޮންކުއްޖަކު ގާތުގައި ހެއްޔެވެ؟]

މިއަޑު އަހާފައި ޙާމިދާއަށް ނުރައްކާތެރިކަމުގެ ވަސް ދުވައިފިއެވެ. ވަރަށް ހިތްދަތިވިއެވެ. އެކަމަކު އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވައިފިއެވެ. ކުދިން އެގެއަށް ދިއުން ވަގުތުން މަނާކޮށްފިއެވެ. ހުރިހާ ކުދިންގެ ގާތުގައިވެސް އެގެއަށް ނުދިއުމަށް ބުންޏެވެ. ޚާއްޞަކޮށް ނާޖިޔާ އެގެއަށް ދިއުން މަނާކުރިއެވެ.

ނާޖިޔާގެ ކުލަ ފަނޑުވެއްޖެއެވެ. ލޮލުގައި ހިތްދަތިކަމުގެ ރާޅު ބާނީ އުފެދިއްޖެއެވެ.

އެކަމަކު މިއީ ވަގުތީ ކަމެކެވެ.

އޭނާއަށް ނަވީދުގެ ޖަޒުބާތުތައް ރަނގަޅަށް އެގެއެވެ. އޭނާއަކީ ބަސްމަދު މީހެކެވެ. އެކަމަކު ކަމަކާއި ޖެހިއްޖެއްޔާ އަޑުހަރު އިންސާނެކެވެ. ނަވީދުގެ ލޮލުގައިވާ ތެދުވެރި ލޯބީގެ އަސަރުތައް ނާޖިޔާ ވަޒަންކުރެއެވެ. އެއީ ލޯބީގެ މީރުވަހުގެ އިޙްސާސެވެ.

އެދުވަސްކޮޅު ނަވީދުހުރީ ރާވަލްޕިންޑީގައެވެ. ދެމަހުން ތިންމަހުން ރަށަށް އާދެއެވެ. އަންނަ ކޮންމެ ފަހަރަކުވެސް އޭނާ މިގެއަށް އައިސްގޮސް ހަދައެވެ. އެއްވެސް ޖެހިލުމެއްނެތި ފާޅުގައި އެގެއަށް ދެއެވެ. އަދި ޖަޔާއަށް އޭނާގެ ހިމޭން ސިއްރު ލޯބީގެ އިޙްސާސް ކޮށްދެއެވެ.

ދެކުދިންވެސް އެކަކު އަނެކަކަށް ސިއްރުން ލޯބިވެއެވެ. އެކަކުވެސް ލޯބި ފާޅެން ނުކުރެއެވެ. ދެކުދިން އެކަނިވާ ވަގުތު ތަކުގާވެސް ލޯބީގެ ފަރުދާ ކަހާލާކަށް ގަސްތެއް ނުކުރެއެވެ. އެކަމަކު ލޯބިވެއެވެ. ލޯތްބަކީ ތެދުވެރި ކަމެކެވެ...... ޙަޤީޤަތެކެވެ.... ހަނދު ސާބިތުކުރުމަށް ބޭނުންނުވާ ފަދައިންނެވެ. އިރު ސާބިތުކުރުމަށް ބޭނުންނުވާ ފަދައިންނެވެ. ހަމަމިގޮތަށް ލޯތްބަކީވެސް ސާބިތުކުރުމުގެ ބޭނުމެއް ނުވާ އެއްޗެކެވެ.

ވަގުތު ފާއިތުވަމުން ދިޔައެވެ. ޢާއިލީ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔައެވެ. ނަވީދުގެ ކާވެނި ނާޖިޔާއަށް ދޭން ޖެހިދާނެތީ ރާޝިދާ ހުންނަނީ ރުޅިއައިސްގެން ކެކިކެކިއެވެ. އެހެންކަމުން އޭނާ ހަނގުރާމައިގެ ހުރިހާ ހުނަރެއް ބޭނުންކުރަމުން ދިޔައެވެ. ހިތުގެ ހުރިހާ ހިރަފުހެއް ޠޫފާނަކަށް ބަދަލުވެގެން ދާފަދަ މަޅިތައް ޖަހަމުން ދިޔައެވެ.

ރިޔާޟް އަޙްމަދުގެ ދެމަފިރިން މިހުރިހާ މަންޒަރެއް ދެކެއެވެ. އަޑު އަހައެވެ. ޖަޔާވެސް މިވާހަކަތައް އަހައެވެ. އެކަމަކު އޭނާ ނަވީދަށް އިތުބާރު ކުރެއެވެ. އޭނާ މިކަމާބެހޭ ގޮތުން ސީރިއަސްކޮށް ފަހަރެއްގައިވެސް ނުވިސްނައެވެ. އޭނާގެ ލޯތްބަށް އިތުބާރު ކުރެއެވެ.

އެކަމަކު.......... ހުސްވިމަހު އެންމެންގެ މެދުގައި ފަހަރި އޭނާ ލަދުގަންނަވާ ލައިފިއެވެ. ކޮންމެވެސް މީހަކު މަރުވެގެން މީހުން ޖަމާވެފައި އޮތްތަނެއްގައި އޭނާ ޙާމިދާއަށް އަޑުއިއްވަމުން ނަވީދުގެ ކާވެނީގެ ވާހަކަ ދެއްކިއެވެ. އެވަގުތު ޖަޔާގެ ބޮޑުދައިތަ ބުންޏެވެ.

[ނަވީދާއި ޖަޔާ ކާވެނި ކުރުވުމަކީ މަންމަގެ އެދުމެކެވެ. މަންމަ އޮތީ މަރުމަތީގައިވެސް މި ކާވެނީގެ ވާހަކަ ދައްކާފައެވެ.]

[ތިޔަހެނެއް ނުވާނެއެވެ....] ރާޝިދާ ފުންމައިގަތެވެ. [އެއްވެސް މީހަކު ތިޔަކަހަލަ ވާހަކައެއް އަހަންނަށް އަޑު އިއްވައިގެން ނުދައްކާށެވެ. ޢާއިލާ ހަލާކުކުރާކަހަލަ އަންހެން ކުދިން އަހަރެން ބޭނުމެއްނޫނެވެ. ތިޔައީ މީހުން އިންނަން ކަމުދާ ކަހަލަ ކުދިންނެއް ނޫނެވެ...... ތާނިޔާއަށް ނިކަން ދެކިބަލާށެވެ..... ހަގަށްހުރި އަންހެން ކުއްޖާވެސް ވާނީ ހަމަ އެހެންނެވެ.]

ޙާމިދާއަކަށް ކެތެއް ނުކުރެވުނެވެ..... މޭގައި ލޯވަޅު އެޅިއްޖެއެވެ..... އެތެރެ ހަށީގައި ޠޫފާން އުފެދިއްޖެއެވެ..... މެޔަށް ތީރުހެރުމުން ކެތެއް ނުކުރެވުނެވެ. ގަދަޔަށް ދެފަހަރިންގެ މެދުގައި އަރާރުން ހިނގައިފިއެވެ. ރާޝިދާ ނާޖިޔާގެ ބޮލުގައި ތުހުމަތު އަޅުވާކަށްވެސް ފަހަކަށް ނުޖެހުނެވެ.

[ތިޔަކުއްޖާ އުޅެނީ އަހަރެންގެ ދަރިފުޅުގެ ފަހަތުގައި އަޅައި ގަނެގެންނެވެ. އަހަރެން ދިރިހުރިހާ ހިނދަކު ތިޔަހުވަފެން ފުރިހަމަވިޔަކަ ނުދޭނަމެވެ.]

މިކަން އާދައިގެ ކަމަކަށް ނުވިއެވެ.

ލަދުގެ މައްޗަށް ލަދެވެ. ޣަރީބުންގެ އަތުގައި އަމިއްލަ ނަފްސުގެ ޢިއްޒަތްތެރިކަން ފިޔަވާ އޮންނާނީ ކޮން އެއްޗެއްތޯއެވެ...... ދެފަރާތުގެ ގުޅުން ކެނޑިއްޖެއެވެ. ރާޝިދާއާ އެއްވެސް ގުޅުމެއް ނުބަހައްޓަން ޙާމިދާއާ ރިޔާޟް އަޙްމަދު ހުވާކޮށްފިއެވެ. ކާވެނީގެ ސުވާލެއްވެސް މިހާރަކު ނެތެވެ.

ނާޖިޔާ މަތި ބަލާލިއެވެ. ހިތާމައިގެ ނޭވާއެއް ދޫކޮށްލިއެވެ. ދެން އެނބުރިލާފައި ގޭގެ އިންފާރަށް ބަލާލިއެވެ. އެކަމަކު މިހާރު އެފާރު ހިލަ ފަރުބަދައަކަށް ވެއްޖެއެވެ. ދަގަނޑަށް ވެއްޖެއެވެ. ފާރުގެ އެފަރާތުގައިވަނީ ލޭގެ އޮލަ އަލިފާނެވެ. އެފަރާތަށް ދިއުން ކީއްކުރަން ހެއްޔެވެ. ބަލާލުމަކީވެސް ޤިޔާމަތަށް ދަޢުވަތު ދިނުމަށްވުރެ ކުޑަކަމެއް ނޫނެވެ..... ނަވީދު ހުރީ އެފަރާތުގައެވެ. ޖަޔާހުރީ ހިތާމައާ ވޭނުގެ ޠޫފާނާ ހަނގުރާމަ ކުރުމަށްފަހު ޙަޤީޤަތާމެދު ހިތްހަމަ ޖައްސާލައިގެންނެވެ. ފަހަރީގެ ވާހަކަ ހުރިގޮތުން އޭނާގެ ޒުވާން ލެޔަށްވެސް ކިލަނބުކަން އައެވެ...... ވީދެރަޔާއި ރުޅީގެ ސަބަބުން އެތައް ދުވަހެއް ވަންދެން އޭނާގެ އަތެރެހަށި ކެކެމުން ދިޔައެވެ. އެންމެފަހުން އޭނާ މަޖްބޫރީ ޙާލަތާމެދު ހިތްހަމަ ޖައްސާލައިގެން ޢިއްޒަތުން ނަފްސު ސަލާމަތް ކުރީއެވެ. ނަވީދުގެ ޚިޔާލު ހިތުން ނެރެލުމަށް އޭނާ ޢަޒުމް ކަނޑައަޅައިފިއެވެ. އަނދަމުންދާ ޖަޒުބާތުތައް ހިތުގައި އޮބަހައްޓައިފިއެވެ.

ނަވީދު ރާވަލްޕަންޑީން އައީ އިއްޔެއެވެ. އޭނާ މަގުމަތީން ނަވީދު ދުއްޓެވެ. އެހެންނަމަވެސް ހިތްވަރާއެކު އަދަމުންދާ ހިތް ކޮންޓްރޯލް ކުރިއެވެ. ލޮލުގައި ދޮންވެލި ޖެހެމުން ދިޔަ ކަހަލައެވެ. އެކަމަކު އެއްވެސް މީހަކަށް އޭނާގެ ހިތުގެ ކެކުޅުން ފާޅެއް ނުކުރެއެވެ.

އެންމެފަހުން މިއަދު.......

މިއަދު ނަވީދު އޭނާއަށް ގޮވީއެވެ. ގަޑިއަކަށް އިންތިޒާރު ކުރަން ބުނީއެވެ. ބައްދަލުވުމަކަށް އެދުނީއެވެ.

އޭނާގެ ފައިއޮޅެން ފަށައިފިއެވެ. މަޤްޞަދު އޮޅިއްޖެއެވެ. އޭނާ ވިސްނާލިއެވެ. ނަވީދުގެ އެއްވެސް ކުށެއްނެތެވެ. މިރޭ އޭނާއާ ބައްދަލުކުރުން ކިހިނެއްވާނެ ބާވައެވެ.

އޭނާ ހިތާ ދެކޮޅަށް ތެދުވެއްޖެއެވެ. އަދި ބަރުހެލި ފިޔަވަޅު ތަކަކާއެކު ސިޑިން ފައިބަން ފަށައިފިއެވެ. ތާނިޔާ ދައްތަ އަދިވެސް ރޮށިފިހަނީއެވެ. އަދި އިރުއިރުކޮޅުންް ގުއްޑޫ ލޮއްސަން ހޫނ ހޫނވެސް ކިޔާލައެވެ. މޫނުމަތިން ނުކުޅެދުމުގެ އަސަރު ފެންނަން ހުއްޓެވެ. ނާޖިޔާ، ތާނިޔާއަށް ބަލާލިއެވެ. ދެން ގުއްޑޫ އުރާލިއެވެ.

[ތާނޫ ދައްތާއެވެ. ދައްތަ ގުއްޑޫ ގޮވައިގެންގޮސް އިށީންނާށެވެ. އަހަރެން ތިޔަކަން ކޮށްފާނަމެވެ.]

ތާނިޔާ ޙައިރާން ކަމާއެކު އޭނާގެ މޫނަށް ބަލާލިއެވެ.

[ނާޖީ........ ނާޖީ ރޮށި ފިހެފާނަން ހެއްޔެވެ. ކައްކަފާނަން ހެއްޔެވެ؟]

ނާޖިޔާ ހިނިތުންވާން މަސައްކަތް ކުރަމުން ތާނިޔާ ދައްތަ އަތަށް ގުއްޑޫދީފައި ބަދިގެއަށް ވަދެއްޖެއެވެ.

އެދުވަހު ހަތަރުދަމު ނާޖިޔާ އުޅުނީ މަސައްކަތުގައެވެ. ސާއިރާގެ ގެއަށްވެސް ދިޔައެވެ. އަދި ރޭވުމުން ހަގަށް ތިބިކުދިންނަށް ވާހަކަ ކިޔާދީ ހެދިއެވެ. އެކަމަކު މިހުރިހާ މަސައްކަތެއްގެ ނިވަލުގައި އޭނާގެ ވިސްނުން ފޮރުވިފައި އޮތެވެ. ނަވީދާ ބައްދަލުކުރަން ދިއުމުގެ ޚިޔާލު އޭނާ ހާސްކޮށްފައިވެއެވެ. އޭނާ އެހުންނަނީ އާއެކޭ ބުނުމާ ނޫނެކޭ ބުނުމާ ދޭތެރޭގައެވެ. ޢިއްޒަތުން ނަފްސުގެ އިތުރުން ގޭމީހުންގެ އަބުރާ މެދުގައިވެސް ވިސްނަން އެބަޖެހެއެވެ.

އޭނާ އެނދުގައި އޮށޯތްއިރު ސިކުނޑި ވަރުބަލި ވެފާވެއެވެ.

އޭނާ އެތައް ފަހަރަކު މައްޗަށް ދިއުމުގެ ނިޔަތުގައި ކޮޅަށް ތެދުވިއެވެ. އެކަމަކު ގޯތި ތެރޭގައި ހިނގާލާފައި އެނބުރި އަންނަނީއެވެ. ދެފަހަރެއްގެ މަތިން ސިޑިއަށްވެސް އެރިއެވެ...... އެހެން ނަމަވެސް މަޑު ފިޔަވަޅު އަޅަމުން އައިސް އޮށޯންނަނީއެވެ.

[ނޫނެކެވެ........ ނޫނެކެވެ.......] އޭނާ ބޯހޫރުވާލިއެވެ. އޭނާއާ ނަވީދުއާ ދެމެދުގައި ހުރީ ހިލައިގެ ފާރެކެވެ. ލޭގެ އޮލަ އަލިފާން ގަނޑެކެވެ. އޭނާއަށް އެސަރަޙައްދީ ރޮނގު ހުރަހެއް ނުކުރެވޭނެއެވެ.

ހުރަހެއް ނުކުރެވޭނެއެވެ.

މައްޗަށް ނުދިއުމަށް މުޅިންނިންމައިގެން އޭނާ އެނދުމައްޗަށް ބަނޑުން ވެއްޓިގެންފިއެވެ. އަދި ބޭއިޚްތިޔާރުގައި ކަރުނަ އޮހޮރުވަން ފަށައިފިއެވެ. އަދި ލޮލުން ދިލަނަގާ ވަރަށް އޭނާ އެގޮތަށް ރޮއިފިއެވެ. ބޯ އަޅައިގެން އޮތް ބާލީސް ކަރުނައިން ފޯވެއްޖެއެވެ. ލޮލުގެ ބޮނޑި ދުޅަވެއްޖެއެވެ.

**********************

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން