ޞާދިރު ޢަލީދީދީ   14 އޯގަސްޓު 2020 - 14:14
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 16

...............

[ޚަބަރުދާރު! ދެން އަހަރެންގެ ކުރިމަތީގައި އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ. ހަމަ މިހާރު ކޮޓަރިއަށް ވަދޭ! އަހަރެންވެސް އަހަރެންގެ ދަރިޔާމެދު ކުރަނީ ވަރަށް ފޮނި އުއްމީދެއް. ކަލޭ ނުކުޅެދޭ މީހަކާ އިނދެފިކަން ރަށުގެ ރައްޔިތުންނަށް އެނގިއްޖެއްޔާ، އަހަރެމެންގެ ޢާއިލާއަށް މީހުން ހާދަ މަލާމާތެއް ކުރާނެޔޭ.] ސަޢުދުﷲ ޝެހެނާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވެއްދިއެވެ. އޭރު ޒާއިޝްވެސް ހުރީ ފެންކަޅިވެފައެވެ.

[އަޅެ....ޝެހެނާގެ ބައްޕާ....އަޅުގަނޑު ޝެހެނާ ވަރަށް އުފަލުގައި ގެންގުޅޭނޭ ކަމަށް ވަޢުދުވަން. އަހަންނަކީ ނުކުޅެދޭ މީހަކަށްވިޔަސް، ޝެހެނާއަށް އެއްވެސް ހިތްދަތިކަމެއް ނުލިބޭނެ. އާދޭހާއެކު މިއެދެނީ، އަހަރެމެންގެ ކައިވެންޏަށް ރުހި ޤަބޫލުވޭ. އަހަރެންގެ މިޙާލަކީ އަހަރެންގެ ކުށެއް ނޫނޭ ބައްޕާ.] ޒާއިޝްގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް، ސަޢުދުﷲ ޒާއިޝްގެ މޫނަށް ބަލައިވެސްނުލައެވެ.

[ވަރިހަމަ، އަހަރެންގެ ޢާއިލާގެ ނަން ހުތުރުކުރާކަށް އަހަރެން ބޭނުމެއް ނޫން. ތިޔައީ ކިޔަވައިގެން ހުރި މޮޅު މީހެއް. އެހެން ކޮންމެވެސް ކުއްޖަކު ހޯދާ....ހަމަ ރަނގަޅު ކުއްޖަކުވެސް ލިބިދާނެ....] ސަޢުދުﷲގެ މައްސަލައަކީ، އޭނާގެ ރަށު މީހުން މަލާމާތް ކޮށްފާނެތީއެވެ. އެކަމަކު ޒާއިޝްއަކީ އަމިއްލައަށް ނޫޅެވޭވަރުގެ ނުކުޅެދުންތެރި ކަމެއް ހުރި ޒުވާނެއް ނޫނެވެ. އޭނާގެ އެއްފައި ހަލާކުވުން ފިޔަވައި އެއްވެސް ޢައިބެއް ނެތެވެ. އޭނާއަށް އަމިއްލައަށް ހިނގާބިގާވެ އުޅެވެއެވެ. އޭނާއަކީ މޮޅަށް ކިޔަވައިގެން ހުރި ޑޮކްޓަރެކެވެ. އޭނާގެ މުސްތަޤްބަލަކީ ޝެހެނާގެ ބައްޕަ ހީކުރާކަހަލަ ކުރިމަގެއް ނޫނެވެ.

[ދަރިފުޅާ، ހިނގާ ގެޔަށްދާން. ދަރިފުޅަކީ ތިގޮތަށް އަންހެން ކުއްޖަކާ ހެދި ކަރުނަ އަޅަންޖެހޭވަރުގެ ކުއްޖެއް ނޫން.] ޝާޠިރު ތެދުވިއެވެ.

[ބައްޕާ....އަޅުގަނޑު ޝެހެނާދެކެ ވަރަށް ލޯބިވޭ. އަޅުގަނޑުގެ ހިތަށްއަރާ، އަޅުގަނޑުގެ މި ނުކުޅެދުންތެރިކަމަކީ، އަޅުގަނޑު އަމިއްލައަށް ހޯދައިދޭ ނިކަމެތި ކަމެއްބާއޭ. އެންމެ ރަނގަޅު ހިންގަވާ ބައްޕާ....އަޅުގަނޑު ވަރަށް ބޮޑަށް މާޔޫސްވެއްޖެ.] ޒާއިޝް އޭނާގެ ބައްޕައާއި މަންމައާއެކު ނުކުތެވެ. އޭރު ރަނާވެސް ހުރީ ޝެހެނާއާއެކު ޝެހެނާގެ ކޮޓަރީގައެވެ.

[ހިތްވަރުކުރޭ ޝެހެނާ، އޭނަގެ ހުރި އެ ނުކުޅެދުންތެރިކަމަކީ ޙަޤީޤަތުގައި އެއްވެސް މައްސަލައެއް ނޫން.] ރަނާ ޝެހެނާގެ ބޮލުގައި ފިރުމާލަމުން ޝެހެނާއަށް ހިތްވަރު ދެމުން ދިޔައެވެ. އޭރުވެސް ޝެހެނާއަށް ރޮވެނީއެވެ.

ޙަޤީޤަތުގައި ޒާއިޝްގެ ޙަޤީޤަތް އެނގުނުއިރު، އޭނާއަށް އެވަނީ ޒާއިޝްދެކެ މާބޮޑަށްވެސް ލޯބިވެވިފައެވެ. މިހާރު ޒާއިޝްގެ ހަނދާންތަކާ ދުރަށް ދިޔުމަކީ، ފަހަރެއްގައިވެސް އޭނާއަށް ކުރެވިދާނޭ ކަމެއް ކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ.

[ރަނާ، އަހަރެން ބޭނުމެއް ނޫން، ޒާއިޝް ނޫން އެހެން މީހަކާ އިންނާކަށް. އަހަރެން ވަރަށް ލޯބިވޭ އޭނާދެކެ. ޒާއިޝް އެބުނި ސަޕްރައިޒަކީ އެއީތާ.] ޝެހެނާ އަތުގެ ނުފުށުން ދެލޯ ފޮހެލައިފިއެވެ. އެއަށްފަހު އޭނާ ޒާއިޝްއަށް ގުޅިއެވެ. ނަމަވެސް ޒާއިޝް ފޯނެއް ނުނެގިއެވެ.

[ޒާއިޝް ފޯނެއް ނުނަގާ. ޒާއިޝް އަހަރެންދެކެވެސް ރުޅިއައީކަންނޭނގެ. އަޅެ ރަނާގެ ފޯނުން ގުޅާބަލަ.] ޝެހެނާ ފުން ނޭވާއެއްލިއެވެ. ރަނާ ގުޅަން ފެށިއެވެ. ރަނާ ގުޅުމާއެކުހެން ޒާއިޝް ފޯނު ނެގިއެވެ.

[ޒާއިޝް....މިއީ ޝެހެނާގެ ރަޙްމަތްތެރިޔާ ރަނާ. ޒާއިޝް ޝެހެނާ ޒާއިޝްއާ ނުގުޅިގެން ވަރަށް އެބަ ރޮއި. ޝެހެނާއާ ވާހަކަ ދައްކާލަބަލަ.] ރަނާ މިހެން ބުނެފައި، ޝެހެނާގެ އަތަށް ފޯނުދިނެވެ.

[ޒާއިޝް، އަހަރެން ގުޅީމާ ފޯނު ނުނަގަނީ، އަހަރެން ކޮން ކުށެއް ކޮށްގެންތަ؟ ބައްޕަ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކީމާ، ޒާއިޝް އަހަރެންދެކެ ރުޅިއައުމުގެ ޙައްޤަކީ ކޮބާ....އަޅެ ޒާއިޝް ބައްޕަ ކިތަންމެ ނުރުހުނަސް، އަހަރެން ބޭނުމީ ޒާއިޝް.] ޝެހެނާ ރޯންފެށިއެވެ.

[ޝެހެނާ، ޝެހެނާއާ އަހަރެން ކިތަންމެ ބޭނުންވިޔަސް، އަހަރެމެންނަކަށް ކައިވެންޏެއް ނުކުރެވޭނެ. އަދި ޝެހެނާގެ ބައްޕައަށް ވިސްނޭނެ. ތިމާއަށް ދުނިޔަވީ ޙަޔާތުގައި ކުރެވޭ ކަމެއްގެ ސަބަބުން އަނިޔާއާއި ހިތްދަތިކަން ބަރުދާސް ކުރަންޖެހޭނޭ ބަޔަކު އުޅޭނޭކަންވެސް އެނގޭނެ. ޝެހެނާވެސް އަހަރެންގެ މަތިން ހަނދާންނައްތާލާ.] ޒާއިޝްގެ އަޑުގައިވެސް އެއްވެސްވަރަކަށް ހިތާމައިގެ އަސަރެއްނެތެވެ.

[ތިހެން ނުބުނޭ ޒާއިޝް....އަހަންނަށް ޒާއިޝްގެ ހަނދާންތަކާ ދުރަކަށް ނުދެވޭނެ. ޒާއިޝްގެ މަންމަމެންވެސް ތިބީ ބައްޕަ ކަންތައް ކުރިގޮތުން ވަރަށް ހިތްހަމަނުޖެހިފަދޯ؟] ޝެހެނާއަށް ރޮވެނީއެވެ.

[އަދި އަހަރެންގެ މަންމައަކަށް އެއްވެސް ކަމެއް ނޭނގޭނެ. މަންމަ ހުރީ ރަށުގައި.....މިއަދު ތިގެޔަށް ދިޔައީކީ އަހަރެންގެ މަންމައާއި ބައްޕައެއް ނޫން. އެއީ ބަލާ ބޮޑުކޮށް، ތަޢުލީމް ހޯދައިދިން ދެމަފިރިން.] ޒާއިޝް ބުންޏެވެ.

[އެހެންތަ؟ ޒާއިޝްގެ މަންމައާއި ބައްޕަ މިރަށަށް ނާދޭތަ؟] ޝެހެނާ ރުއިން ހުއްޓާލަމުން އެއްސެވެ.

[މަންމަ މިއަދު އެބައާދޭ. އަހަރެންގެ ބައްޕަ މިހާރުވެސް މިރަށުގައި އެބައުޅޭ. އަހަރެންގެ ބައްޕައަކީވެސް ޝެހެނާގެ ބައްޕަކަހަލަ މީހެއް. އެއީ ވަރަށް އަނިޔާވެރި މީހެއް.] މިހެން ބުނެފައި، އިތުރަށް ޝެހެނާއަށް ވާހަކަ ދައްކާނޭ ފުރްޞަތެއް ނުދީ، ޒާއިޝް ފޯނު ކަނޑާލިއެވެ.

އެދުވަހުގެ ހަވީރުގެ ވަގުތެވެ. ޝެހެނާގެ މަންމަ ޢުމޭރާއާއި ބައްޕަ ސަޢުދުﷲ ސިޓިންގރޫމްގައި ތިބެ ސައްލާ ކުރަމުންދަނީ ދަރިފުޅުގެ ދިރިއުޅުމަށް އައި ޤަބޫލުކުރަން ދަތި ކަންތައްގަނޑާ ބެހޭގޮތުންނެވެ. އޭރު ޝެހެނާ ކޮޓަރީގައި އުޅެއެވެ. އެމީހުން އެގޮތަށް ވާހަކައިގައި ތިއްބާ، މީހަކު ސަލާމް ގޮވާލި އަޑަށް ސަޢުދުﷲމެން ސިހުނެވެ. އެއާއެކު ސަލާމް ބަލައިގަތުމަށްފަހު، ސަޢުދުﷲ އެދިމާއަށް އެނބުރުނެވެ. އެއާއެކު ދޮރުމަތީގައި ހުރި އަންހެން މީހާ ފެނުމުން، އޭނާގެ ދެލޯ ބޮޑުވިއެވެ. އޭރު އެ އަންހެން މީހާގެ ފަހަތުގައި އިސްޖަހާލައިގެން ޒާއިޝް ހުއްޓެވެ. ލަފާކުރެވޭގޮތުން ޒާއިޝްއާއެކު އެތާ އެހުރީ އޭނާގެ މަންމައެވެ.

[ޒޫނާ.....!؟] ޙައިރާންކަމާއެކު ބޭއިޚްތިޔާރުގައި ދޮރުމަތީގައި ހުރި އަންހެން މީހާއަށް ސަޢުދުﷲ އަށް ގޮވާލެވުނެވެ. އޭރު ޒޫނާ ހުރީ ނަފްރަތުގެ ނަޒަރަކުން ސަޢުދުﷲ އަށް ބަލާށެވެ. ސަޢުދުﷲއަށް ވަމުންދާގޮތުން ޢުމޭރާވެސް ހުރީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.

[އާނ....ޒޫނާ....މިއީ. މިދަރިފުޅާ ދިމާއަށް އަނގަ ހުޅުވުމުގެ ފުރްޞަތެއް ސަޢުދުﷲ އަކަށް ނޯންނާނެ. މިސޮރު ނުކުޅެދުނަސް، އަހަރެން މިވަނީ މިސޮރަކީ މުޖްތަމަޢު ޤަބޫލުކުރާނޭ މަޤްބޫލު ދަރިޔަކަށް ހަދާފައި. އެކަނި އަހަރެންގެ މަސައްކަތުން. ކަލޭތީ އެއްވެސް ރަޙުމެއް ނެތް އިންސާނެއް. އިންސާނެއްވެސް ނޫން. ތިޔައީ މާބުރު.....] ރުޅިއައިސްފައި ހުރި ޒޫނާގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ.

[ޒޫނާ.....އަހަންނަށް މަޢާފްކުރޭ....ތިޔައީ ޒޫނާގެ ދަރިފުޅުތަ؟] ކީއްވެތަ ކުރިން އަހަރެން ގާތު ނުބުނީ....] ސަޢުދުﷲ ބަލައިލީ ޒޫނާއާއި ޒާއިޝްގެ މޫނަށެވެ.

[ތިޔަކަހަލަ ރަޙުމްކުޑަ މީހެއްގެ ގާތު ބުނުމުގެ ފައިދާއެއް ނެތީމާ. ތިޔަކަހަލަ ރަޙުމްކުޑަ ފިރިހެނުންގެ ސަބަބުން ކިތައް ކުދިން ނިކަމެތި ޙާލުގައި ހުތުރު ލައްގަނޑާއެކު ދުނިޔޭގައި އެބައުޅޭ. އަހަރެން ބޭނުމެއް ނޫން، ތިކަހަލަ މުޑުދާރު ފިރިހެނެއްގެ މޫނު ދެކޭކަށްވެސް.....ދަރިފުޅާ އާދޭ....] ޒޫނާ އޭނާގެ ދަރިފުޅުގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

[ޒޫނާ.....މަޑުކޮށްބަލަ....] ޒޫނާ ހިނގައިގަތީމާ، ޒޫނާ ހުއްޓުވަން ސަޢުދުﷲ މަސައްކަތް ކުރިވެސްމެއެވެ. ނަމަވެސް، ޒޫނާ މަޑެއް ނުކުރެއެވެ. އޭނާ ގޮސް އެރީ ދޮރުމަތީގައި އޮތް ކާރަށެވެ.

[މަންމާ....ބައްޕަ ކުރި ކުށުގެ ހިތްދަތިކަން، ޝެހެނާއާއި އޭނާގެ މަންމައަށް ލިބިގެން ނުވާނެ.] ކާރު ދުއްވާލުމާއެކު ޒާއިޝް ބުންޏެވެ.

ޒޫނާ ދެއްކި ހުރިހާ ވާހަކައެއްވެސް އަޑުއަހަން އޭރު އެތާހުރި ޢުމޭރާ، ސަޢުދުﷲއާ ސުވާލުކުރީ ޒޫނާމެން ދިޔައީމައެވެ.

[ޒޫނާއަކީ ކާކުތަ؟ ހަމަ މިހާރު ބުނޭ، ސަޢުދުﷲ ޒޫނާ ދަންނަނީ ކޮންތާކުން؟ އޭނާ ދެއްކި ވާހަކައިން އެނގޭ، އޭނަޔާ ސަޢުދުﷲއާ ގުޅުމެއްވާކަން.] ޢުމޭރާ ހުރީ ޒޫނާމެން ނުގޮސްގެނެވެ. އޭރު ސަޢުދުﷲ އިސްޖަހާލައިގެން ހުއްޓެވެ.

[ޢުމޭރާ....އަހަންނަށް މަޢާފްކުރޭ. ޒާއިޝްއަކީ އަހަރެންގެ ދަރިއެއް.] އެއަށްފަހު، ސަޢުދުﷲ އޭނާއާ ޒޫނާއާ ބައްދަލުވިގޮތާއި، އޭނާއާ ގުޅިގެން އުޅެމުން ދަނިކޮށް ބަލިވެ އިނުމުގެ ސަބަބުން ތަފާތު ބޭސް ކާންދީ، ދަރިފުޅު ވައްޓާލަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން، އޭނާ ޒޫނާއަށް ފިލި ވާހަކަ ވަރަށް ރަނގަޅަށް ކިޔައިދިނެވެ.

އޭރު އެވާހަކަތައް އަޑުއަހަން އެމީހުންނަށް ނުފެންނާނޭހެން ޝެހެނާވެސް ހުއްޓެވެ.

ބައްޕަގެ އެވާހަކަތަކުން ޝެހެނާއަށް ވަރަށް އަސަރު ކުރިއެވެ. އެވަރަށް ބައްޕަދެކެ ރުޅިވެސް އާދެވުނެވެ. ބައްޕަގެ މުޑުދާރު ޢަމަލުތަކުގެ ސަބަބުން އޭނާއަށް ކުރިމަތިލާން ޖެހިފައި މިވަނީ ކިހާބޮޑު ލަދުވެތި ކަމެއްގައި ހެއްޔެވެ.

[ތި ޙާދިޘާއަކީ އަހަންނާ އިނުމުގެ ކުރިން ހިނގާފައިވާ ކަމަކަށްވާތީ، އަހަރެން ސަޢުދުﷲ އަށް މަޢާފްކޮށްފިން. އެކަމަކު ސަޢުދުﷲއަށް ބޭނުންވަނީ އަހަރެންގެ މަޢާފެއް ނޫން. ފުރަތަމަ އެދެކުދިންގެ ކިބައިން މަޢާފަށް އެދޭ. އެއަށްފަހު، ޒޫނާގެ މަޢާފް ހޯދަންދޭ. ހަމަ މިހާރުދޭ.....ކަލެއާ ޒޫނާގެ ސަބަބުން އެސޮރު ބަލި ކުއްޖަކަށްވީވެސް. ބަލިވެއިން ދުވަސްވަރު ފާޑުފާޑުގެ ބޭސް ކާންދީ އެސޮރު ހަލާކުކޮށްލީ.] ޢުމޭރާއަށް މިހެން ބުނެވުނު ވަގުތު ރޮމުން ގިސްލަމުން އައިސް ޝެހެނާ އޭނާގެ މަންމަގެ މޭގައި ބޯއަޅައިގެން އޮވެ ބާރުބާރަށް ރޯންފެށިއެވެ.

[ބައްޕާ.....ކީއްވެތަ، އަހަރެންގެ ބޭބެއަކު ހުންނަ ވާހަކަ ކުރިން ނުބުނީ....އަހަރެން ކިހިނެއްތަ، ބޭބެއާ ކުރިމަތިލާނީ.....] ޝެހެނާ ގިސްލަ ގިސްލާފައި ރޮނީއެވެ.

[ދަރިފުޅާ ބައްޕައަށް މަޢާފްކުރޭ. ބައްޕަ ހިއެއްނުކުރަން، ތަޤްދީރު މިގޮތަށް ރޭވިދާނޭ ކަމަކަށް. އެހެން ނޫނަސް، ޒޫނާ އެސޮރު މިރަށަށް ކިޔަވަން ފޮނުވައިގެން އުޅުނު ކަމެއްވެސް ނޭނގެ. ބައްޕަ ބޭނުން، އެސޮރު ކިބައިން މަޢާފަށް އެދެން.] މިހާރު ސަޢުދުﷲ ވެސް އެވަނީ ފެންކަޅިވެފައެވެ. ނަމަވެސް، މަޢާފަށް އެދެންދާން އެމީހުންނަކަށް ޒާއިޝްމެން އުޅޭ ގެއެއްވެސް ނޭނގެއެވެ. ވުމާއެކު، އެދުވަހާއި އެރޭ އޭނާ ކުރި މަސައްކަތުން އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

މާބޮޑަށް ލަދުގެންފައިވުމުގެ ސަބަބުން ޝެހެނާއަކަށްވެސް ޒާއިޝްއަކަށް ގުޅާކަށް ނުކެރުނެވެ.

އެދުވަހު ޝެހެނާ އެކަންތައްވީގޮތް އޭނާގެ ރަޙްމަތްތެރިޔާ ރަނާއަށް ގުޅާފައި ކިޔައިދިނެވެ. އެކަމާ ރަނާވެސް ދެރަވިއެވެ. އެހެން ނަމަވެސް، ފަހުން އޭނާ ޝެހެނާއަށް ވިސްނައިދިނީ އުފާކުރުމަށެވެ. ނޭނގިހުއްޓާ މޮޅު ތަޢުލީމީ ބޭބެއަކު ލިބުނީތީއެވެ.

[އަހަރެން އުފާކުރާށޭ ބުންޏަސް އެނގޭ އުނދަގޫވާނޭކަން. ކުރީ ދުވަހެއްގައި ޝެހެނާ ބުނީމެއްނު، ޒާއިޝް އެއްވެސް ވަރަކަށް ލޯބީގެ ވާހަކައެއްވެސް ނުދައްކައޭ. އަބަދުވެސް ދައްކަނީ ކައިވެނި ކުރާނޭ ތާރީޚުގެ ވާހަކައޭ. ޙަޤީޤަތުގައި އޭނާ ޝެހެނާއާ ގުޅީވެސް ތިޔައީ އޭނާގެ ބައްޕަގެ ދަރިއެއްކަން އެނގިހުރެ، ބައްޕައާ ކުރިމަތިލާން ފުރްޞަތު ހޯދަން ކަމަށްވާނީ.] ރަނާ ބުންޏެވެ.

[އަހަންނަށްވެސް މިހާރު ޔަޤީންވެއްޖެ. މިކަމަކީ ވަރަށް ރޭވިގެން ހިނގާފައިވާ ކަމެއްކަން. ރަނާއަށް އެނގޭތަ، އަޞްލު ބޭބެ ބަލިމީހަކަށްވީވެސް ބައްޕަމެންގެ ސަބަބުން. ބޭބެގެ މަންމަ ބަލިވެއިންދާ، ދަރި ވައްޓަން އެކިފާޑުގެ ބޭސް ކޭ ކަމަށްވަނީ. ބޭސްތައް ކައިކައި ނާކާމިޔާބުވީމާ ބައްޕަ ފިލީޔޯ. އަޅެ އަހަރެންގެ ބައްޕަ ހާދަ ގޯހޭ. އެއްވެސް ރަޙުމެއް ނެތެއްނު. އެދިޔަގޮތަށް ރަށަށް ގޮސް އަހަރެންގެ މަންމައާ އިނީ. ބޭބެގެ މަންމަ ކިހާދެރަވާނެ. ކިހާ ހިތާމަތަކެއް ކުރާނެ.] އެވަގުތު ޝެހެނާ އިތުރަށް ވާހަކަ ނުދައްކާ ފޯނު ބާއްވާލީ، އޭނާ ދެއްކި ވާހަކަތައް އަޑުއަހަން އޭނާގެ ބައްޕަ ހުރިތަން ފެނުނީމައެވެ.

[ދަރިފުޅު ތިބުނީ ރަނގަޅަށް. ބައްޕައަކީ ވަރަށް ގޯސް، އެއްވެސް ރަޙުމެއް ނެތް މީހެއް. ބައްޕައަށް ކަންތައް ކުރެވުނު ގޮތުން، މިހާރު ބައްޕަވެސް ވަރަށް ދެރަވޭ. ދަރިފުޅާ، އެސޮރަށް ގުޅާފައި، ބައްޕަގެ އަތަށް ފޯނުދީބަލަ.] ސަޢުދުﷲ ފެންކަޅިވިއެވެ. ޝެހެނާ ޒާއިޝްއަށް ގުޅިއެވެ.

މިފަހަރު ވަރަށް އަވަހަށް ޒާއިޝް ފޯނު ނެގިއެވެ. ވެދާނެއެވެ. އޭނާވެސް ހުރީ ޝެހެނާގެ ފަރާތުން މަޢާފް ހޯދަން ބޭނުންވެފައެވެ. އޭނާ ޝެހެނާއާ ގުޅަމުންދިޔައީ، އެއީ އޭނާއާ އެއްބަފާ ކޮއްކޮކަން އެނގިހުރެމެއެވެ. އޭނާ އެއްވެސް ވަރަކަށް ލޯބީގެ ވާހަކަ ނުދެއްކީވެސް އެހެން ވެގެންނެވެ.

އޭނާ ކައިވެންޏަށް ކަނޑައެޅި ތާރީޚުގައި ފިޔަވައި ޝެހެނާއާއި އޭނާގެ ޢާއިލާވެސް ބައްދަލުކުރުވަން އޭނާ ބޭނުންނުވީ އެހެންވެގެންނެވެ.

[ޝެހެނާ، ބޭބެއަށް މަޢާފްކުރޭ. ބޭބެއަށް އެންމެ ފުރަތަމަވެސް އެނގޭ، ތީ ބޭބެގެ އެއްބަފާ ކޮއްކޮއެއްކަން. އެކަމަކު ބައްޕައާ ރަނގަޅު ގޮތަކަށް ކުރިމަތިލުމަށްޓަކައި މަންމަގެވެސް އެދުމާއެކު، ބޭބެއަށް މަޖުބޫރުވީ މިގޮތް ޚިޔާރުކުރުން. ބޭބެއަށް އެނގޭ، ކޮއްކޮ ލަދުގަނެ ދެރަވާނޭކަންވެސް. ބޭބެ މިހުރީ ވަރަށް އުފާވެފައި، ރަނގަޅު ކޮއްކޮއަކު ލިބުނީތީ.] ފޯނު ނެގުމާއެކު، އެއްނޭވާއިން ގިނަ ވާހަކަތަކެއް ޒާއިޝް ދެއްކިއެވެ.

[ބޭބޭ، އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އަހަރެން ވަރަށް އުފާވެއްޖެ ބޭބެއަކު ލިބުނީތީ. ބޭބޭ ބައްޕަ މިހާރު ހުންނަނީ ވަރަށް ދެރަވެފައި. އަބަދުވެސް ރޮއިރޮއިފައި ބޭބެއާ ބައްދަލުކޮށް، މަޢާފަށް އެދެން ބޭނުން ވާހަކަ ބުނޭ. އަޅެ ބޭބޭ....މިކޮއްކޮއަށްޓަކައި ނަމަވެސް ބައްޕައަށް މަޢާފްކޮށްފައި، ބައްޕައާ ވާހަކަ ދައްކަބަލަ.....] އޭރު ޝެހެނާއާ ދާދި ގާތުގައި ސަޢުދުﷲ ހުއްޓެވެ.

[ބައްޕަ ގާތު ބުނޭ، އަހަރެން ތިގެޔަށް އެބަދަމޭ....އެކަމަކު މަންމަގެ މަޢާފް ހޯދައިދޭކަށް ބޭބެއަކަށް އެއްވެސް މަސައްކަތެއް ނުކުރެވޭނެ. މަންމަ ވަނީ ބައްޕަގެ ސަބަބުން ވަރަށްބޮޑު ހިތްދަތިކަމެއް ބަރުދާސްކޮށްފައި....ދެން ބާއްވަނީ. ބޭބެ ތިގެޔަށް ދާނަން.]

ޒާއިޝް މިހެން ބުނެފައި، ފޯނު ބޭއްވި ވަގުތު އޭނާގެ އަޑު އިވޭހާ ހިސާބުގައި، އޭނާގެ މަންމަ ޒޫނާ ހުއްޓެވެ. އޭނާ ހުރީ ރޮވިފައެވެ.

[ދަރިފުޅާ، މި މަންމަ ދަރިފުޅުގެ ބައްޕަގެ ސަބަބުން ކިތަންމެ ހިތްދަތި ކަމެއް ބަދުރާސްކޮށްފައި ވިޔަސް، ދަރިފުޅުގެ ޙައްޤުގައި މަންމަ އޭނާއަށް މަޢާފް ކުރަން ނިންމައިފިން. ހިނގާ! މަންމަވެސް ދަރިފުޅާއެކު އެގެޔަށް ދާނަން. އެކަމަކު މަންމަ މަޢާފް ކުރާނީ ޝަރުޠެއްގެ މަތިން. މަންމަ އެ ޝަރުޠު ކަނޑައަޅާނީ، އޭނާއާ ކުރިމަތިލުމަށްފަހު.....] މަންމަ ޝަރުޠެއްގެ ވާހަކަ ބުނީމާ، ޒާއިޝް ކުޑަކޮށް ހުއްޓުންއެރި ކަމުގައިވިޔަސް، އެކަމާމެދު ވިސްނަމުން އޭނާ މަންމަ ގޮވައިގެން އެގެޔަށް ދިޔުމަށްޓަކައި ނުކުތެވެ.

އެހިނދު ޒާއިޝްގެ ހިތަށްއެރިއެވެ. އަނެއްކާ މަންމަގެ ޝަރުޠަކީ ކޮބައިބާއެވެ؟ ވުމާއެކު، ކާރުގައި އިނދެ، އޭނާއަށް އެ ސުވާލު މަންމައާ ކުރެވުނުވެސްމެއެވެ.

[މަންމާ...ޝަރުޠެއްނެތި މަޢާފެއް ނުކުރާނަންތަ؟ ނޫނީ މަންމަގެ ޝަރުޠަކީ ކޮބައިކަން ބުނެދީފާނަންތަ؟] ޒާއިޝް އެދުނެވެ. މަންމަ ފިސާރި ލޯތްބާއެކު ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އެއަށްފަހު ފުން ނޭވާއެއްލިއެވެ.

[ދަރިފުޅާ....މަންމަގެ ޝަރުޠު އޭނާ ފުރިހމަކޮށްނުދޭ ކަމަށްވަންޏާ، މަންމަ އޭނައަށް މަޢާފް ކުރުމުގެ އެއްވެސް ބޭނުމެއް ނެތް. މަންމަ އެގެޔަށް ގޮސް އެންމެންގެ ޙާޒިރުގައި ބުނާނަން. މަންމަމެން އެގެޔަށްދާއިރު، އެގެޔަށް ހެކިވެރިންގެ ދެމީހަކުވެސް ދާނެ.] މިހެން ބުނެފައި، ޒޫނާ އޭނާގެ ލޮލުގައި ހުރި ކަރުނަތައް ފޮހެލައިފިއެވެ.

ބައްޕަ ހޯދުމަކީ ޒާއިޝް ވަރަށް ކުޑައިރުއްސުރެންވެސް ކުރި އުއްމީދެކެވެ. އޭނާ އޭނާގެ މަންމަ ގާތު ބުނެފައިވަނީ އޭނާގެ ބައްޕަ އޭނާ ހޯދާނޭ ކަމަށާއި، ބައްޕަގެ ލޯބިވެސް ހޯދާނޭ ކަމަށެވެ.

ޙަޤީޤަތުގައި އޭނާ މެޑިސިން ހަދަން ވިސްނީވެސް އެހެން މީހުން އިޙްތިރާމްކުރާފަދަ މީހަކަށް ވުމަށްޓަކައެވެ. މިހާރު އޭނާ އެވަނީ އޭނާގެ ހުރިހާ އުއްމީދުތަކެއްހެން ޙާޞިލްކޮށްފައެވެ. ދެން އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އޭނާގެ ޙަޔާތުގެ ބައިވެރިޔާއާ ކައިވެނި ކުރުމަށެވެ. އޭނާގެ ޙަޤީޤީ ބައިވެރިޔަކީ އޭނާއާއެކު މެލޭޝިޔާގައި ތަޢްލީމް ޙާޞިލްކުރި ސްރީލަންކާގެ އަންހެން ކުއްޖެކެވެ. ސިލޯނުގެ މުސްލިމް ޢާއިލާއަކަށް ނިސްބަތްވާ އަމީޝާއާ އޭނާ ލޯބީގެ ގޮތުން ގުޅިފައިވަނީ،މީގެ ތިން އަހަރު ކުރިންނެވެ. އޭނާއާ ޝެހެނާއާ ދިމާވިއިރުވެސް އޭނާ އުޅެނީ އަމީޝާއާއެކު ލޯބީގެ ގުޅުން ފަށައިގެނެވެ.

ޙަޤީޤަތުގައި އޭނާ ޝެހެނާއާ ވާހަކަ ދެއްކީ ބައްޕަގެ ފަރާތުން ބަދަލު ހިފުމުގެ ނިޔަތުގައެވެ. އޭނާ ބޭނުންވީ ބައްޕަ ލަދުގަންނަވާލާށެވެ. އޭނާ އެކަން ކާމިޔާބު ކުރިވެސްމެއެވެ. ތަފާތު އެތައްފަހަރަކު މަންމަ އެގޮތަށް އެކަން ނުކުރުމަށް އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

ޙަޤީޤަތުގައި ޒާއިޝް ޝެހެނާއާ ވާހަކަ ދެއްކީ، ޝެހެނާއަކީ އޭނާއާ އެއްބަފާ ކޮއްކޮކަން ހަމަ ރަނގަޅަށްވެސް އެނގިހުރެމެއެވެ. މިހާރު އޭނާގެ ކައިވެންޏަށްޓަކައި އަމީޝާވެސް އައިސް ރާއްޖޭގައި އެބައުޅެއެވެ.

ޒާއިޝްއާއި ޒޫނާއަށް ޝެހެނާމެން އުޅޭ ގެޔަށް އާދެވުނުއިރު، ގޭގައި ސަޢުދުﷲވެސް ހުއްޓެވެ. ކުއްލިއަކަށް ނުވެސް އެނގި ހުއްޓާ، ޒާއިޝްއާއި އޭނާގެ މަންމަ އައިސް ވަނުމުން، ސަޢުދުﷲގެ ދެލޯ ބޮޑުވިއެވެ. ޒޫނާ ފެނުމާއެކުހެން ސަޢުދުﷲ ޒޫނާގެ ކިބައިން މަޢާފަށް އެދުނެވެ.

[ޒޫނާ....އަހަންނަށް މަޢާފްކުރޭ. އަހަންނަށް މަޢާފްކުރޭ....ދަރިފުޅާ ޒާއިޝް ބައްޕައަށް މަޢާފްކުރޭ....މިއީ ދަރިފުޅުގެ ބައްޕަ. މިކަން ޤަބޫލުކުރޭ...ދަރިފުޅާމެދު ކަންތައް ކުރެވުނުގޮތުން، އަހަރެން ހިތާމަކުރަން.] ސަޢުދުﷲގެ ދެލޯ ފެންކަޅިވިއެވެ.

އެވަގުތު ޑޮކްޓަރ ޒާއިޝް، އޭނާގެ ބައްޕައަށް މަޢާފްކުރި ކަމުގައިވިޔަސް، އޭނާގެ މަންމަ ޒޫނާ ބުނީ، އޭނާ ސަޢުދުﷲ އަށް މަޢާފް ކުރާނީ ޝަރުޠެއްގެ މަތިން ކަމަށާއި، އެ ޝަރުޠު ފުރިހަމަކޮށްދޭން ޖެހޭނޭ ކަމަށެވެ. އެއީ ކޮންމެހެން އޭނާއަށްޓަކައި ކުރެވޭނޭ ކަމެއް ނޫން ކަމަށާއި، އެއީ އޭނާގެ ދެލޯފަދަ ދަރިފުޅުގެ ޙައްޤުގައި އޭނާ ހުށަހަޅާ ޝަރުޠުތަކެއް ކަމަށްވެސް އޭނާ ބުނެއެވެ.

[ޒޫނާގެ ކޮންމެ ޝަރުޠެއްވެސް އަހަރެން ފުރިހަމަކޮށްދޭނަން. އަވަހަށް ބުނޭ ޒޫނާ. ތިދަރިފުޅުގެ ޙައްޤުގައި އަހަރެން ކޮންމެ ކަމެއްވެސް ކޮށްފާނަން.] ސަޢުދުﷲ އޭނާގެ ލޮލުގައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން