ބަރުދަން ލުއި ކުރުމަށް ބޭނުންކުރާ ބޭސް އޮޒިމްޕިކް އަށްވުރެ އަލަށް އުފައްދައިގެން އުޅޭ ބޭހެއްކަމަށްވާ މައުންޖާރޯ ރަނގަޅު ކަމަށް ދިރާސާތަކުން ދައްކާ،
ބަރުދަން ލުއި ކުރުމަށް ބޭނުންކުރާ ބޭސް އޮޒިމްޕިކް އަށްވުރެ އަލަށް އުފައްދައިގެން އުޅޭ ބޭހެއްކަމަށްވާ މައުންޖާރޯ ރަނގަޅު ކަމަށް ދިރާސާތަކުން ދައްކާ،
ބަރުދަން ލުއި ކުރުމަށް ބޭނުންކުރާ ބޭސް އޮޒިމްޕިކް އަށްވުރެ މިހާރު އަލަށް އުފައްދައިގެން އުޅޭ ބޭހެއްކަމަށްވާ މައުންޖާރޯ ރަނގަޅު ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

މި ދެ ބޭހަކީވެސް ޖީއެލްޕީ-1 އެނަލޮގްސްގެ ނަމުން މަޝްހޫރު ކްލާހަކަށް ނިސްބަތްވާ ދެ ބޭހެވެ. އަދި މި ދެ ބޭހަކީވެސް ގުދުރަތީ ގޮތުން އުފެދޭ ހޯރމޯނެއް ނަކަލުކޮށް، ނުކެޔަސް ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރުވައިދޭ ދެބޭހެވެ. ދާދި ފަހުން ޝާއިއު ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެލީ ލިލީގެ އާ ބޭސް މައުންޖާރޯ ބޭނުންކުރާ މީހުންގެ ބަރުދަން ލުއިވާވަރު ނޮވޯ ނޯޑިސްކްގެ އޮޒެމްޕިކް ބޭނުންކުރާ މީހުންނަށް ވުރެ މާ ބޮޑެވެ.

ދިރާސާކުރާ މީހުން ވަނީ މި ނަތީޖާއަށް ވާސިލް ވުމަށްޓަކައި 2022 ވަނަ އަހަރުގެ މެއި މަހާއި ސެޕްޓެމްބަރު 2023 އާ ދެމެދު އެމެރިކާގެ 18،000 އަށް ވުރެ ގިނަ މީހުންގެ އިލެކްޓްރޯނިކް ހެލްތު ރެކޯޑްތައް ތަހުލީލުކޮށް، މި ދެ ބޭސް ބޭނުންކޮށްފައިވާ މީހުންގެ ނަތީޖާ އަޅާކިޔާފައެވެ. މި ދިރާސާގައި ހިމަނާފައިވަނީ 52 އަހަރުގެ މީހުންނެވެ. އަދި އެ މީހުންގެ ތެރެއިން 70 އިންސައްތައަށްވުރެ ގިނަ މީހުންނަކީ އަންހެނުން ކަމަށްވީއިރު އެމީހުންގެ އެވްރެޖް ބޭސްލައިން ބަރުދަނަކީ 110 ކިލޯއެވެ. މީގެ އިތުރުން އެމީހުންގެ ތެރެއިން 52 އިންސައްތަ މީހުންނަކީ ޓައިޕް 2 ހަކުރުބަލި ތަހައްމަލު ކުރާ މީހުންނެވެ.

މި ދިރާސާގައި ހިމެނިފައިވާ ގިނަ މީހުންނަށް އަހަރެއްތެރޭ 5 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑަށް ބަރުދަން ލުއިވެފައިވީ ނަމަވެސް މައުންޖާރޯ ބޭނުން ކުރި މީހުން ބަރުދަން ލުއިވި އަދަދު އިތުރުވެފައި ލުއިވި މިންވަރުވެސް އަވަހެވެ.

މި ދިރާސާއަށް ޖުމްލަގޮތެއްގައި ބަލާއިރު، މައުންޖާރޯ ގްރޫޕްގެ ގާތްގަނޑަކަށް 82 އިންސައްތަ މީހުންގެ ބަރުދަން ފަސް ޕަސެންޓް ނުވަތަ އެއަށް ވުރެ ބޮޑަށް ލުއިވެފައިވާއިރު، އޮޒެމްޕިކް ގްރޫޕްގެ މީހުންގެ ތެރެއިން ފަސް ޕަސެންޓު ނުވަތަ އެއާ ގާތް ކުރާ ވަރަށް ލުއިވެފައިވަނީ 67 އިންސައްތަ މީހުންނެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ލޭގައި ހަކުރު ކޮންޓްރޯލް ކުރުމާއި ބަރުދަން ލުއިކުރުމަށް އޮޒެމްޕިކް އަށް ވުރެ މައުންޖާރޯ މާ ރަނގަޅެވެ. މިއީ މައުންޖާރޯ ބޭނުން ކުރުމުން ބަރުދަން ލުއިވާ މިންވަރު ބޮޑުވުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ.

މި ދެ ބޭހަކީވެސް ޖީއެލްޕީ އެނެލޮގްތަކެއް ކަމަވާތީ ދިރާސާތަކުން ދައްކާ ގޮތުގައި މި ދެ ބޭސް ބޭނުން ކުރުމުންވެސް މީހާގެ ހަށިގަނޑަށް ބައެއް ނޭދެވޭ އަސަރުތައް ކުރެއެވެ. އެގޮތުން ދިމާވާ ބައެއް ކަންތައްތަކުގެ ތެރޭގައި ހަޖަމުގެ މައްސަލަތަކާއި، ބޮލަށް އެނބުރުން އެރުމާއި މީގެ އިތުރުން ހިތް އަވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ގޮހޮރު ބެދުމާއި، ޕެންކްރިއަޓައިޓިސް ޖެހުމަށްވެސް މަގުފަހިވެއެވެ.

ހަމައެހެންމެ މި ދެ ބޭހަކީވެސް ބޭނުން ކުރުމުން ހަށިގަނޑަށް ފައިދާތަކެއް ލިއްބައިދޭ ދެބޭހެވެ. އެގޮތުން ބަލާއިރު މި ބޭސްތައް ބޭނުން ކުރުމުން ހާޓް އެޓޭކާއި ސްޓްރޯކް ޖެހުން ފަދަ ކަންކަމުން މީހާ ދުރުކޮށްދިނުމަށް އެހީވެދެއެވެ. މީގެ އިތުރުން މާ ބޮޑަށް ފަލަވުމުގެ ސަބަބުން ޖެހުމަށް މެދުވެރުވާ ކެންސަރުތަކުންވެސް މީހާ ސަލާމްތް ކޮށްދެއެވެ.

އެމެރިކާގައި އޮޒެމްޕިކް ބޭނުން ކުރުމަށް ހުއްދަ ދީފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި މުއަންޖާރޯ ބޭނުން ކުރުމަށް ހުއްދަ ދީފައި ވަނީ 2022 ގައެވެ. މި ދެ ބޭހަކީވެސް ބަރުދަން ލުއިކުރުމަށް ވަރަށް ގިނަ މީހުން ބޭނުންކުރާ ދެ ބޭހެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން