މަރްޔަމް ނަހްދާ ވަޙީދު   17 ޖުލައި 2024 - 3:30
ބައެއް ފޮނި އެއްޗިއްސަކީ ބިހަކަށްވުރެ ގިނައިން އޭގައި ޕްރޮޓީން އެކުލެވޭ ކާއެއްޗިއްސެވެ.
ބައެއް ފޮނި އެއްޗިއްސަކީ ބިހަކަށްވުރެ ގިނައިން އޭގައި ޕްރޮޓީން އެކުލެވޭ ކާއެއްޗިއްސެވެ.
ޕްރޮޓީން އަކީ ދިރިއުޅުމުގެ ބިލްޑިން ބްލޮކްތަކެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ކޮންމެ ސެލް އެއްގައިވެސް އެކުލެވޭ މާއްދާއެކެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގެ ސެލްތައް މަރާމާތުކޮށް އާ ސެލްތައް އުފެއްދުމުއްޓަކައި ޕްރޮޓީން ބޭނުންވެއެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް ވަރަށް ބޭނުންތެރި މާއްދާއެކެވެ.

އަޅުގަނޑުމެންގެ ހަށިގަނޑުގެ ބޭނުންތައް ފުއްދޭވަރަށް ޕްރޮޓީން ކެއުމަކީ ހަށިގަނޑުގެ ގިނަ މަސައްކަތްތައް ފުރިހަމަ ގޮތުގައި ކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ޕްރޮޓީން އެންމެ ފަސޭހައިން އަޅުގަނޑުމެންގެ ހަށިގަނޑަށް ލިބޭނީ ކާއެއްޗެހީގެ ޒަރިއްޔާއިންނެވެ. ބައެއް ފޮނި އެއްޗިއްސަކީ ބިހަކަށްވުރެ ގިނައިން އޭގައި ޕްރޮޓީން އެކުލެވޭ ކާނާތަކެވެ. ފޮނި އެއްޗެހި ކެއުމަށް ލޯބިކުރާ މީހުން މިފަދަ ބާވަތްތައް ކެއުމުން ހަށިގަނޑަށް ބޭނުންވާ ވަރަށް މި މާއްދާ ލިބޭނެއެވެ.

ބިހަކަށްވުރެ ގިނައިން ޕްރޮޓީން އެކުލެވޭ ބައެއް ފޮނި ކާތަކެތި

ޔޯގަޓް ޕާފެއިޓް

ޔޯގަޓް ޕާފެއިޓް ތައްޔާރުކުރުމަށްޓަކައި ބޭނުންވާނީ ގްރީކު ޔޯގަޓާއި، ފުރުޓާއި، ގްރެނޯލާއާއި އަދި ޗޮކްލެޓް ޗިޕްސް އެވެ. މި ތައްޔާރު ކުރުމުގެ ގޮތުން ކުޑަ ތައްޓެއްގެ ތެރެއަށް މި ބާވަތްތައް ލޭޔަރުކޮށް އަޅާށެވެ. އަދި އޭގެ މައްޗަށް ބޭނުން ވައްތަރެއްގެ ޓޮޕިން އެއް އަޅާލުމުން މިފޮނި ކާނާ ތައްޔާރުވާނެއެވެ. ޓޮޕިންގް ގެ ގޮތުގައި ތަފާތު ވައްތަރުތަކުގެ ބެރީސްއާއި ނަޓްސް ބޭނުން ކުރެވިދާނެއެވެ. މިއީ ވަރަށް ގިނައިން ޕްރޮޓީން އެކުލެވިގެންވާ ފޮނިއެއްޗެކެވެ.

ފްރޯޒެން ޔޯގަޓް ޕޮޕްސިކަލްސް

މިއީ ވަރަށް ފަސޭހައިން އަޅުގަނޑުމެންނަށް ގޭގައިވެސް ތައްޔާރު ކުރެވޭނެ އެއްޗެކެވެ. މި ތައްޔާރު ކުރުމަށްޓަކައި މިކްސަރު ތެރެއަށް ގްރީކް ޔޯގަޓާއި އެމީހަކު ބޭނުންވާ ކަހަލަ ފުރުޓެއް އެޅުމަށް ފަހު ރަނގަޅަށް އެއް ކޮށްލާށެވެ. އަދި ލޮލީ ހަދާ ތައްޓަކަށް އެޅުމަށްފަހު ފްރިޖްގެ ގަނޑު ކުރާ ބައިގައި ބަހައްޓާށެވެ. މިއީ ރާއްޖެ ފަދަ ހޫނު ގައުމެއްގައި އުޅޭއިރު މީހާގެ ހަށިގަނޑު ފިނިކޮށްލުމަށްވެސް ކެވޭނެ ސިއްހަތަށް ފައިދާހުރި އެއްޗެކެވެ.

ހޮޓް ޗޮކްލެޓް

ހޮޓް ޗޮކްލެޓަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކަމުދާ ބުއިމެކެވެ. މި ބުއިމަކީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ގަޔާވާ އެއްޗެއް ކަމަށްވާ ޗޮކުލެޓުން ފުރިފައިވާ އެއްޗަކަށްވީއިރު މި ތައްޔާރު ކުރުމުގައި ކިރު ބޭނުން ކުރާތީ މިއީ ޕްރޮޓީން ވަރަށް ގިނައިން އެކުލެވޭ ބުއިމެކެވެ. ހުސް ކިރުތަށި ބޯން ބޭނުން ނުވާނަމަ ޗޮކުލެޓު އަޅައިގެން ހޮޓް ޗޮކްލެޓެއް ތައްޔާރުކޮށްގެން ބުއިމުން އަޅުގަނޑުމެންގެ ހަށިގަނޑަށް ޕްރޮޓީން ލިބޭނެއެވެ.

ޗީޒް ކޭކް

ޗީޒް ކޭކްގެ އެންމެ ފޮއްޗެއްގައިވެސް ބިހެއްގައި ހުންނަ ވަރަށްވުރެ ގިނައިން ޕްރޮޓީން ހުރެއެވެ. އާދައިގެ ކޭކުތަކާ ހިލާފަށް ޗީޒް ކޭކު ހެދުމުގައި ބޭނުންކުރާ ކްރީމް ޗީޒްއަކީ ގިނަ އަދަދަކަށް ޕްރޮޓީން ހިމެނޭ އެއްޗެކެވެ. މީގެ އިތުރުން ޗީޒް ކޭކް ހެދުމަށް ބިސް ބޭނުން ކުރުމުގެ ސަބަބުން މިއީ ވަރަށް ގިނަ ޕްރޮޓީން އެކުލެވޭ ކާއެއްޗަކަށް ވެއެވެ. ޗީޒް ކޭކަކީ އަޅުގަނޑުމެން ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ.

އާންމު ގޮތެއްގައި ކައިބޮއެ އުޅޭއިރު ޕްރޮޓީން އެކުލެވޭ ބާވަތްތައް ބޭނުން ކުރަން އުނދަގޫނަމަ މަތީގައި މި ދެންނެވުނު ފޮނި އެއްޗެހި ކައިގެން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ހޯދަދެވިދާނެއެވެ. ޕްރޮޓީން ބޭނުން ކުރުމުން ހަށިގަނޑަށް ލިބޭ ފައިދާ ތަކުގެ ތެރޭގައި ބަރުދަން ލުއިކުރުމަށް އެހީވުމާއި، އަދި ހަށިގަނޑުގެ މަސްތަކާއި ޓިޝޫތައް މަރާތުކުރުމަށް އެހީވުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން