ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ރައްޔިތުން އިތުރަށް ގާތް ކޮށްދޭނެކަމަށް އިންޑިއާގެ ހައިކޮމިޝަނަރ މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރ މުނޫ މަހާވަރު މިއަދު ވަނީ އެ ރަށަށް ވަޑައިގެންފައެވެ. ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވެސް ބައިވެރިވެވަޑައިގެން މި ދަތުރުގައި އެއަރޕޯޓުގައި ހުންނަވާ ދެއްވި އިންޓަވިއުއެއްގައި ހައިކޮމިޝަނަރު ވިދާޅުވީ، އެއަރޕޯޓުގެ މަސައްކަތްތައް ކުރިއަށްދަނީ ތާވާލާއި އެއްގޮތަށް ކަމަށެވެ.

އަދި އެކަމާ އުފާ ކުރައްވާކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންގޮސް އެހެނިހެން އިގުތިސާދުތައް ވެސް ކުރިއަރައިގެން ދާނެކަމަށެވެ. އަދި އޭގެ ސަބަބުން އެ ސަރަހައްދުގެ ކަނެކްޓްވިޓީއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި މިކަމުން އިންޑިއާއާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވެސް އިތުރު ގުޅުންތައް ބަދަހިވެގެން ދާނެކަމަށް ވިދާޅުވިއެވެ.

"މި އެއަރޕޯޓްގެ ސަބަބުން ކަނެކްޓިވިޓީ ރަނގަޅުވާނެ. ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ. އަދި އެހެނިހެން އިޤްތިޞާދީ ކަންކަންވެސް ކުރިއަރައިގެންދާނެ. މި އެއަރޕޯޓުގެ ސަބަބުން މި ދެ ޤައުމުގެ ރައްޔިތުންވެސް އިތުރަށް ގާތްކޮށްލަދޭނެ." އިންޑިއާގެ ހައިކޮމިޝަނަރު މުނޫ މަހާވަރު ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓު މަޝްރޫއަކީ ރައީސް ސާލިހުގެ ސަރުކާރުގައި އިންޑިއާގެ އެހީގައި އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެސަރަހައްދުގެ ތަރައްގީގެ މުހިއްމު މަޝްރޫއެކެވެ. މި މަޝްރޫއުގެ 65 އިންސައްތައަށްވުރެ ބޮޑުބައި ނިމިފައިވާއިރު ރަންވޭގައި ކުރެހުމުގެ މަސައްކަތާއި ލައިޓް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ހުރިހާ މަސައްކަތެއްހެން މިހާރުވަނީ ނިމިފައެވެ.

އަދި އެހެނިހެން ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ނުފެށި ހުރީ ފިޔުލް ޖެޓީގެ މަސައްކަތެވެ. އެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އަމީރު މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން