ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
ކަންކަމާ ކެރިގެން ކުރިމަތިލައި ހިތްވަރާއެކު ކުރިއަށް ދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް ޑރ. މުއިއްޒު އެފަދައިން އިލްތިމާސްކުރެއްވީ ރޭ ހުރަވީ ސުކޫލުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

ރައީސް ޑރ. މުއިއްޒު ރޭ ވިދާޅުވީ ދިރިއުޅުން ކުރިއަށްދާ އިރު އަބަދަކު އުފާވެރި ކަންކަމެއް ދިމައެއް ނުވާނެ ކަމަށެވެ. އަދި އެކި ކަހަލަ ގޮންޖެހުންތައް ދިމާވެ މާޔޫސްކަން ކުރިމަތިވާފަހަރުވެސް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު، ހަށިފޮޅާލާފައި ތެދުވެ ކުރިއަށް ދާންވީ ކަމަށާއި ކުށް ކުރެވޭނީވެސް ކަންކަން ކުރަން އުޅޭ މީހުންގެ އަތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކަމެއް ނުކޮށް ގޭގައި އޮންނަ މީހެއްގެ ދައްކާނެ އެއްވެސް އުނި ސިފައެއް ނޯންނާނެ. ކަންކަން ކުރުމުގައި އުޅޭ މީހުންގެ ކިބައިން ފެންނާނީވެސް ކަންކަން. ކަންކަން ކުރުމުގައި، ކަމެއް ކުރުމުގައި، ނަތީޖާ ނެރެދިނުމުގައި، ޢަޒުމެއް ކަނޑައަޅައިގެން މަސައްކަތުގެ މާހައުލުގައި އުޅޭ، މީހެއްގެ ކިބައިން ފެންނާނީވެސް، އުނި ސިފަތައް. އެހެންނޫންތޯ ވާނީ! އޭނާ ކަމެއްގައި އުޅެނީ. އެހެނެއް ނޫން، އެއްވެސް ކަމެއް ނުކޮށް، ދުރުގައި، މައިދާނުން ދުރުގައި، އުޅޭ މީހެއްގެ ކިބައިން ނުފެންނާނެ އެއްވެސް ކަހަލަ އުނި ސިފައެއް. އެއްވެސްކަހަލަ މައްސަލައެއް. އެހެންވީމާ، މި އޮތީ ޗޫޒްކުރަން ދެ ޕާޓް." ރައީސް ވިދާޅުވި އެވެ.

އެެހެންކަމުން ކަންކަން ކުރާ މީހަކަށް ވުމުގެ އަޒުމް އަޅުގަނޑުމެން ކަނޑައަޅަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކަންކަން ކުރަން ނުކުތީމާ، ކާމިޔާބުވާ ފަހަރާއި، ކާމިޔާބު ލިބޭ ފަހަރާއި، ނުލިބޭ ފަހަރު އަންނާނެ ކަމަށާއި ކާމިޔާބު ނުލިބޭ ފަހަރަކީ، އިތުރަށް އަޒުމް ވަރުގަދަކޮށް، އަނެއްކާވެސް ކުރިއަށްދާން އަޒުމް ކަނޑައަޅަންޖެހޭ ފަހަރު ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން