ކުދި އާބާދީގެ ރަށްރަށަށް ފަސް ކައުންސިލަރުންގެ ބަދަލުގައި ތިން ކައުންސިލަރުން ނުވަތަ ކައުންސިލްގެ ރައީސާއި ޒުވާނުންގެ ރައީސް އަދި އަންހެނުންގެ ރައީސް ހުންނަނިކޮށް ފުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ނާރެސް ޕޯޓަލާއި އޮޕަރޭޝަން ކުރަނގި ފޭސް 2 އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އާބާދީއަށް ނުބަލައި ގިނަ އަދަދެއްގެ ކައުންސިލަރުން އިންތިހާބު ކުރުމުގެ ސަބަބުން ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އަދި އެކަމުން އެދެވޭ ނަތީޖާއެއް ވެސް ނުނިކުންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އާބާދީ ކުޑަ ރަށްރަށުގައި ތިން ކައުންސިލަރުން ހޮވުމަށް ދިރާސާ ކުރުމާއި އެކަމަށް ބޭނުންވާ މަޝްވަރާތައް ކުރިއަށް ގެންދަވަން ވިސްނާވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން 3000 މީހުންނަށްވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރަށުގައި ތިން ބޭފުޅަކު އިންތިހާބު ކުރީމަ ފުދޭނެ. ކައުންސިލްގެ ރައީސްއަކާ އަދި އިތުރު ދެ ބޭފުޅުން. އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިޚާބު ކުރާ އަންހެނުންގެ ރައީސާއެއް." ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، ތިން ކައުންސިލަރުންގެ ތެރެއިން ދެން ހުންނާނީ ޒުވާނުންގެ ފަރާތުން އިންތިހާބު ކުރެވޭ، ޒުވާނުންގެ ރައީސް ކަމަށެވެ. އަދި ކައުންސިލްގެ ނައިބު ރައީސް ހޮވާނީ، ކައުންސިލްގެ ރައީސް ފިޔަވައި ދެން ތިއްބަވާ ދެ ބޭފުޅުންގެ މެދުގައި ވޯޓުލައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، 3000 މީހުންނަށްވުރެ ކުދި އާބާދީ ތަކަށް ތިން ކައުންސިލަރުން އިންތިހާބު ކުރާއިރު، 10،000 މީހުންނަށްވުރެ ކުދި އާބާދީތަކަށް ފަސް ކައުންސިލަރުން ތިބޭގޮތަށް އުސޫލު ބަދަލު ކުރުމަކީ ރަނގަޅު ބަދަލަކަށް ވާނެ ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ނިންމާނީ ފަންނީ ދިރާސާ ތަކަށް ފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން