ބޮލީވުޑުގެ ބަތަލުން ސޮނާކްޝީ ސިންހާއާއި ޒަހީރު އިގްބާލް- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ ބަތަލުން ސޮނާކްޝީ ސިންހާއާއި ޒަހީރު އިގްބާލް- ގޫގުލް ފޮޓޯސް
ފިރިމީހާ، ޒަހީރް އިގްބާލްއާއި އޭނާއާ ދެމެދު ދީނީ ގޮތުން އެއްވެސް ޚިޔާލުތަފާތުވުމެއް ނުއުފެދޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ ބުނެފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލުން ކަމަށްވާ ސޮނާކްޝީ ސިންހާ އާއި ޒަހީރް އިގްބާލް ކައިވެނި ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 23ގައެވެ. ޒަހީރް އަކީ މުސްލިމަކަށްވުމުގެ ސަބަބުން އިންޓަނެޓުގައި މި ޖޯޑާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ވަނީ މީގެ ކުރިން ދެކެވިފައެވެ.

ދާދި ފަހުން އީޓީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި މި ދެމެފިރިން ވަނީ އެމީހުންގެ ދެމެދުގައި ދީނާ ބެހޭ ގޮތުން އެއްވެސް މައްސަލައެއް ނުޖެހޭކަމަށް ބުނެފައެވެ. އަދި ހަމައެހެންމެ ދީނާ ބެހޭ ގޮތުން އެއްވެސް ކަހަލަ އަރައިރުމެއްވެސް، ދެބަސްވުމެއްވެސް ނުވާ ކަމަށް މި ދެ މީހުން ވަނީ ބުނެފައެވެ.

ސޮނާކްޝީ ބުނެފައިވަނީ ތަފާތު ދެ ސަގާފަތަކުން އައިސްފައިވުމުގެ ސަބަބުން ކައިވެނި ކުރުމަށްފަހު އެކަކު އަނެކަކުގެ ސަގާފަތް ދަސްކުރަމުން އަންނަކަމަށެވެ. އަދި ތަފާތު ދެ ސަގާފަތެއްގައި ބޮޑުވީނަމަވެސް އެދެމެފިރިންނަކީ އެކަކު އަނެކަކާ އެހާ ތަފާތު ބައެއް ނޫން ކަމަށްވެސް ސޮނާކްޝީ ވަނީ ބުނެފައެވެ. އަދި އޭނާ ބުނެފައިވަނީ އެމީހުންގެ މައިންބަފައިން އެމީހުންނަށް ދަސްކޮށްދީފައިވަނީ ރަނގަޅު އިންސާނުންނަށްވެ، އެހެން މީހުންނަށް އިހްތިރާމް ކުރާ އަދި އޯގާތެރި މީހުންނަށް ވުމަށް ކަަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސޮނާކްޝީ ބުނެފައިވަނީ ހަތް އަހަރު ދުވަހު ރައްޓެހިވެގެން އުޅުނު އިރުވެސް ދީނުގެ ކަންކަމާމެދު ބަހުސްކޮށްނަހަދާ ކަމަށާއި، އެ ދެމަފިރިންވެސް އެކަކު އަނެކެއްގެ ދީނަށް އިހްތިރާމް ކުރާ ކަމަށެވެ. ޒަހީރުވެސް ބުނެފައިވަނީ އެހެން ކޮންމެ ކަމަކާމެދު ދެބަސްވީނަމަވެސް ދީނާ ބެހޭ މައްސަލައެއްގައި ދުވަހަކުވެސް އަރައިރުން ނުވާނެ ކަމަށެވެ.

ސޮނާކްޝީއާއި ޒަހީރު ކައިވެނި ކޮށްފައިވަނީ އެމީހުން ރައްޓެހިވެގެން އުޅޭތާ 7 އަހަރު ވީދުވަހުއެވެ. ސޮނާކްޝީއަށް ޒަހީރު ތައާރަފް ކޮށްދީފައިވަނީ ޕާޓީއެއްގައި ސަލްމާން ޚާންއެވެ. ސޮނާކްޝީއާއި ޒަހީރު ލީޑް ރޯލުން ފެނިފައިވަނީ ހުމާ ކުރޭޝީ ކޯޕްރޮޑިއުސް ކޮށްފައިވާ ފިލްމު "ޑަބަލް އެކްސްއެލް" އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން