ކޮންމެ ދުވަހަކު ސަންސްކްރީން އުނގުޅުން މުހިންމު- ގޫގުލް ފޮޓޯސް
ކޮންމެ ދުވަހަކު ސަންސްކްރީން އުނގުޅުން މުހިންމު- ގޫގުލް ފޮޓޯސް
ބޯދާ ޒަމާނުގައި ދިވެހިން ގަބޫލު ކުރަމުން އައިސްފައިވަނީ ސަންސްކްރީނަކީ ދޮން ވުމަށް މީހުން ބޭނުންކޮށް އުޅޭ އެއްޗެއް ކަމުގައެވެ. ނަމަވެސް ޓެކްނޮލޮޖީގެ ގޮތުން އަޅުގަނޑުމެން ކުރިއަރައިގޮސް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވެ ދުނިޔެއަށް ލޯ ހުޅުވެން ފެށުމާއެކު އަޅުގަނޑުމެން ދިވެހިންވެސް މިވަނީ މި ބޯދާ ވިސްނުން ދޫކޮށްލާފައެވެ.

ސަންސްކްރީނަކީ ކޮން ކަމަކަށް ބޭނުން ކުރާ އަދި ކިހާ ފައިދާހުރި އެއްޗެއްކަން ނޭނގޭ މީހުން މިހާރު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަދުވާނެއެވެ. ސަންސްކްރީންގެ މައިގަނޑު ބޭނުމަކީ އިރުގެ ދޯދިތަކުން ފޮނުވާ ވިހަ މާއްދާ (ޔޫވީ ރޭސް) ތަކުން މީހާގެ ހަންގަނޑު ރައްކާތެރިކޮށް ސަލާމަތް ކުރުމެވެ. ގަވާއިދުން ސަންސްކްރީން ބޭނުން ނުކުރާނަމަ ހަންގަނޑަށް ވަރަށް ގިނަ ގެއްލުންތައް ލިބެއެވެ. އެގޮތުން ސަންސްކްރީން ބޭނުން ނުކުރާނަމަ ލިބޭ ބައެއް ގެއްލުންތައް ބަލާލާނަމެވެ.

ސަންސްކްރީން ބޭނުން ނުކުރާނަމަ ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިވެއެވެ. އިރުގެ ވިހަ ދޯދިތަކުން ރައްކާތެރި ވުމަށް އެއްވެސް ކަހަލަ ފިޔަވަޅެއް ނާޅާ ބޭރަށް ނިކުމެ އަވީގައި އުޅޭނަމަ ހަމުގެ ކެންސަރަށް ފުރުސަތު ބޮޑުވެއެވެ. ހަމުގެ ކެންސަރު ޖެހުމަކީ އިރުގެ ވިހަ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ގެއްލުމެވެ.

އިރުގެ ގަދަ އަވީގެ ހޫނުން ފިހި، މީހާގެ ހަންގަނޑު އެނދުމަކީވެސް ސަންސްކްރީން ބޭނުން ނުކުރާނަމަ ލިބޭ ގެއްލުމެކެވެ. ސަންސްކްރީން ބޭނުން ނުކޮށް އަތްވަތް ނިކުންނަ ނަމަ ހަންގަނޑު ރަތްވެ، އަނދައި، ދިލަ ނަގާގޮތް ވެއެވެ. ހަންގަނޑު އެނދުމަކީ ވަރަށް ވޭން އަޅާ ކަމަކަށްވީއިރު މިކަމުން ރައްކާތެރިވުމަށްޓަކައި ސަންސްކްރީން ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ސަންސްކްރީން ބޭނުން ނުކުރާނަމަ އުމުރުން ދުވަސްވުމުގެ އަލާމާތްތައް ޒުވާން ދައުރުގައި ފެންނަން ފަށާނެއެވެ. އިރުގެ ވިހަ ދޯދި ތަކުގެ ސަބަބުން ހަންގަނޑުގައި ހުންނަ ކޮލާޖެންއާއި އިލާސްޓިން ފައިބަރުތައް ހަލާކުވެއެވެ. އަދި މިކަމުގެ ސަބަބުން ހަންގަނޑުގައި ރޫޖެހި، ހަންގަނޑުގެ އެކި ތަންތަން ކަޅު ވުމަށްވެސް މަގުފަހިވެއެވެ.

ސަންސްކްރީން ބޭނުން ނުކުރާނަމަ ދިފާއީ ނިޒާމު ބަލިކަށިވެ އެކި ކަހަަލަ އިންފެކްޝަން ތަކަށްވެސް ހަށިގަނޑު ހުށަހެޅިގެން ދެއެެވެ. އިރުގެ ވިހަ ދޯދިތަކަކީ މީހާގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ އެއްޗެކެވެ. އޭގެ ސަބަބުން ހަށިގަނޑު އެކިކަހަލަ އިންފެކްޝަން ތަކަށާއި، ހަންގަނޑަށް ޖެހޭ އެކި ކަަހަލަ ބަލިތަކަށް ފަސޭހަކަމާއެކު ހުށަހެޅިގެން ދެއެވެ.

މި ދެންނެވުނު ނުކުތާތަކުގެ އިތުރުންވެސް އިރުގެ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ވަރަށް ގިނަ ގެއްލުން ހުރެއެވެ. މި ހުރިހާ ކަމަކުން ރައްކާތެރި ވުމަށް ސަންސްކްރީން ބޭނުން ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން