400 މީހުން އުޅޭ ރަށެއްގެ އިންޖީނުގެއަށް 30 މީހުން ލާންވީމާ ބޮޑެއް ނޫންތޯއޭ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ސަރުކާރާ ސުވާލުކުރައްވައިފިއެވެ.

3000 މީހުންގެ އާބާދީއެއް އުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވީމާ ފުދޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވުމުން އެ ހަބަރު ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވަނީ 2000 ހަމަނުވާ ރަށެއްގެ ޒުވާނުންގެ މަރުކަޒަށް 3 ޕޮލިޓިކަލް ޑައިރެކްޓަރުން ލާންވީމާ ޚަރަދު ބޮޑެއް ނޫންތޯއޭ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

"400 މީހުން އުޅޭ ރަށެއްގެ އިންޖީނުގެއަށް 30 މީހުން ލާންވީމާ ބޮޑެއް ނޫން؟ ބޮޑުވަނީ ރައްޔިތުން އިންތިޚާބުކުރާ މަޤާމެއް ވެއްޖެއްޔާ ތޯ؟” ވައްޑެ ކުރެއްވި ޕޯސްޓުގައި ސުވާލު ކުރެއްވިއެވެ.

ވައްޑެ މި ޕޯސްޓު ކުރައްވާފައި ވަނީ ކައުންސިލުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ. އެގޮތުން ހޯމް މިނިސްޓްރީގެ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެ ވަނަ ފޭސް އިފުތިތާހުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ކައުންސިލުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެ ބަދަލުތައް ގެނައުމަށްޓަކައި ކަމާ ބެހޭ އިދާރާތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ކައުންސިލުތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށާއި 3،000 މީހުންނަށް ވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށުގައި ތިން ބޭފުޅަކު އިންތިހާބުކުރީމަ ފުދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން