ކެއުމުގައި ވަކި ބާވަތެއްގެ އޮށްތަކެއް ހިމެނުމަކީ ކޮގްނިޓިވް ފަންކްޝަން ކުރިއެރުވުމާއި ނިއުރޯޑިޖެނެރޭޓިވް ބަލިތަކުން ރައްކާތެރިވުމަށް އެހީވެދޭ.
ކެއުމުގައި ވަކި ބާވަތެއްގެ އޮށްތަކެއް ހިމެނުމަކީ ކޮގްނިޓިވް ފަންކްޝަން ކުރިއެރުވުމާއި ނިއުރޯޑިޖެނެރޭޓިވް ބަލިތަކުން ރައްކާތެރިވުމަށް އެހީވެދޭ.
އިންސާނާގެ ސިކުނޑިއަކީ އެއިންސާނެއްގެ މުޅި ހަށިގަނޑުގައިވެސް އެންމެ މުހިންމު ގުނަވަނެވެ. އެއީ ނާރުތަކުގެ ނިޒާމުގެ ކޮމާންޑް ސެންޓަރެވެ. އަޅުގަނޑުމެންގެ ހިޔާލުތަކާއި، ހަރަކާތްތަކާއި ޖަޒުބާތުތައް ކޮންޓްރޯލު ކުރުމުގައިވެސް އެހީތެރިވެދެނީ ސިކުނޑިއެވެ. ވީމާ ދުޅަހެޔޮ ސިއްހަތެއްގައި ދިގު އުމުރެއް ހޭދަކުރަން ބޭނުންވާނަމަ ސިކުނޑި ދުޅަހެޔޮކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދުވަހުގެ ކެއުމުގައި ވަކި ބާވަތެއްގެ އޮށްތަކެއް ހިމެނުމަކީ ކޮގްނިޓިވް ފަންކްޝަން ކުރިއެރުވުމާއި ނިއުރޯޑިޖެނެރޭޓިވް ބަލިތަކުން ރައްކާތެރިވުމަށް އެހީވެދޭ ކަމެކެވެ. އެގޮތުން މީހާގެ ސިކުނޑި ދުޅަހެޔޮކޮށް ސިކުނޑީގެ މަސައްކަތްތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުން ކުރެވިދާނެ ބައެއް އޮށުގެ ބާވަތްތައް ހިމަނާލާނަމެވެ.

ފްލެކްސް ސީޑް:

ފްލެކްސް ސީޑަކީ ފްލެކްސް ގަހުން ލިބޭ އޮށެކެވެ. ފްލެކްސް ސީޑަކީ އޭގައި ގިނަ އަދަދަކަށް އޮމެގާ 3 ފެޓީ އެސިޑްތައް ހިމެނޭ އެއްޗެކެވެ. އެގޮތުން އޭގައި ހިމެނޭ އޮމެގާ 3 ފެޓީ އެސިޑެއް ކަމަށްވާ އަލްފާ ލައިނޯލެނިކް އެސިޑް ނުވަތަ އޭއެލްއޭ އަކީ ސިކުނޑީގެ ސިއްހަތު ރަނގަޅު ކުރުމަށް އެހީވެދޭ މާއްދާއެކެެވެ. މީގެ އިތުރުން ފްލެކްސް ސީޑަކީ އެންޓި އޮކްސިޑެންޓުތަކާއި ލައިގަންތައް އެކުލެވޭ އެއްޗަކަށް ވުމުން ސިކުނޑީގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދެއެވެ. ވީމާ ފްލެކްސް ސީޑަކީ ސިކުނޑި ދުޅަހެޔޮކޮށް ބަހައްޓަން ބޭނުންވާނަމަ ކެއުން ރަނގަޅު އެއްޗެކެވެ.

ޗިއާ ސީޑް:

ޗިއާ ސީޑަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަގުބޫލު އޮށެކެވެ. މިއީ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެއްވެސް މެއެެވެ. ޗިއާ ސީޑަކީވެސް ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓުތަކާއި އޮމެގާ3 ފެޓީ އެސިޑްތައް އެކުލެވިގެންވާ އެއްޗެއް ކަމުން މިއީ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމުގައި އެހީވެދޭ އެއްޗެކެވެ. އަދި ހަމަ އެހެންމެ މީގައި ގިނަ އަދަދެއްގެ ފައިބަރު އެކުލެވިފައިވުމުގެ ސަބަބުން ހިތުގެ މަސައްކަތް ރަނގަޅުކޮށްދެއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވާގޮތް ރަނގަޅުވެ، ސިކުނޑި ދުޅަހެޔޮކޮށް ބެހެއްޓުމުގައިވެސް އެހީވެދެއެވެ.

ސަންފްލާވާ ސީޑް:

ސަންފްލާވާ ސީޑަކީ ސަންފްލާވާ ގަހުގައި އަޅާ އޮށެކެވެ. މިއީ ވަރަށް ގިނަ މީހުން އަނގަ ހަފާލަންވެސް ބޭނުން ކުރާ އެއްޗެކެވެ. ސަންފްލާވާ ގަހުގެ އޮށްތަކަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އީ އެކުލެވިގެންވާ އެއްޗެކެވެ. ވިޓަމިން އީ އަކީ ސިކުނޑި އޮކްސިޑޭޓިވް ސްޓްރެސް އިން ދުރުކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. މި އޮށަކީ ސިކުނޑީގެ މަސައްކަތްތައް ފުރިހަމައަށް ކުރުމުގައި އެހީވެދޭ މާއްދާއެއް ކަމަށްވާ ކޮލިންވެސް އެކުލެވޭ އޮށްތަކެއް ކަމުން މި ބޭނުން ކުރާނަމަ ސިކުނޑީގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށް އެހީވެދެއެވެ. އަދި ހަމަ އެހެންމެ ސިކުނޑި ދުޅަހެޔޮކޮށް ބެހެއްޓުމުގައިވެސް އެހީވެދެއެވެ.

ޕަމްޕްކިން ސީޑް:

ޕަންމްޕްކިން ސީޑް ނުވަތަ ބަރަބޯ އޮށްތަކަކީ އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ. މިއީ ސިއްހަތަށް ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވޭ އޮށެކެވެ. ބަރަބޯ އޮށުގައި ހިމެނޭ މާއްދާތައް ކަމަށްވާ ޒިންކް އާއި، މެގްނީޒިއަމް އާއި، ކޮޕާ އަދި އަޔަން އަކީ ސިކުނޑީގެ ސިއްހަތު ރަނގަޅު ކުރުމަށް އެހީވެދޭ މާއްދާތަކެކެވެ. އަދި މީގެ އިތުރުން ބަރަބޯ އޮށަކީ ގިނަގުނަ އެންޓި އޮކްސިޑެންޓުތަކެއް އެކުލެވޭ އެއްޗަކަށް ވުމުން އޭގެ ސަބަބުން ސިކުނޑީގެ ސެލްތައް ހަލާކު ވުމުން ދުރުކޮށްދިނުމަށް އެހީވެދެއެވެ. އަދި ސިކުނޑީގެ ސިއްހަތު ރަނގަޅު ކޮށްދެއެވެ.

މަތީގައި ބަޔާން ކުރެވިފައިވަނީ އަޅުގަނޑުމެންނަށް ފަސޭހައިން ލިބެން ހުންނަ އޮށުގެ ބާވަތްތަކެވެ. މި ބާވަތްތައް ކެއުމުގައި ބޭނުން ކުރާނަމަ މީހާގެ ސިކުނޑި ދުޅަހެޔޮ ކޮށްދީ ވިސްނުން ތޫނުފިލި ކުރުމަށް އެހީތެރި ވެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން