ކުޑަ ކުދިންނުންނާއި، ޒުވާނުންގެ އިތުރުން ދޮށީ އުމުރުފުރައިގެ މީހުންވެސް ވީޑިއޯ ގޭމު ކުޅެއެވެ.
ކުޑަ ކުދިންނުންނާއި، ޒުވާނުންގެ އިތުރުން ދޮށީ އުމުރުފުރައިގެ މީހުންވެސް ވީޑިއޯ ގޭމު ކުޅެއެވެ.
ވީޑިއޯ ގޭމަކީ އަޅުގަނޑުމެން ދިވެހީންގެ މެދުގައި ވަރަށްވެސް މަގުބޫލު އެއްޗެކެވެ. ކުޑަ ކުދިންނުންނާއި، ޒުވާނުންގެ އިތުރުން ދޮށީ އުމުރުފުރައިގެ މީހުންވެސް ވީޑިއޯ ގޭމު ކުޅެއެވެ.

ވީޑިއޯ ގޭމް ކުޅުމަކީ މާ ގިނައިން އެކަން ކުރާނަމަ މީހާ އެކަމަށް ދެވިހިފާ ކަމެކެެވެ. މިއީ ކުޑަކުދިންގެ ފަރާތުން ފެށިގެން ބޮޑެތި މީހުންނާ ހަމައަށް ހުރިހާ އުމުރު ފުރައެއްގެ މީހުންނަށްވެސް ކުރިމަތިވާ މައްސަލައެކެެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ވީޑިއޯ ގޭމް ކުޅުމަށް މީހުން ދެވިހިފާ މައިގަނޑު ސަބަބަކީ ގޭމު ކުޅެގެން މޮޅުވުމުން ސިކުނޑީގައި ޑޮޕެމިން އުފެއްދުމަށް އެހީތެރިވެދޭތީ އެވެ. އެގޮތުން މި ލިޔުމުގައި މި ހިމަނާލަނީ ގޭމު ކުޅުމަށް އެޑިކްޓު ވެފައި ހުންނަ މީހެއްގެ ކިބައިން ފެންނާނެ ބައެއް ސިފަތަކެވެ.

- ހަމަ ނިދި ނުލިބުން ނުވަތަ ނިދާ ހޭލާ ގަޑިތަކަށް ބަދަލު އައުން:

ނިންޖަކީ ކޮންމެ މީހެއްގެވެސް ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި ވަރަށްވެސް މުހިންމު ކަމެކެވެ. ގޭމު ކުޅުމަށް ދެވިހިފުމަކީ މީހާގެ ނިންޖަށް ބޮޑެތި ބަދަލުތަކެއް އަންނަން މެދުވެރިވާ ސަބަބެކެވެ. ގޭމަށް ދެވިހިފާފައިވާ މީހުންނަށް ގިނަ ފަހަރު ހަމަ ނިދި ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި މީގެ އިތުރުން ގޭމު ކުޅެން ހޭދަވާ ވަގުތު ދާ ގޮތް ނޭނގި، އާންމުކޮށް ނިދާއުޅޭ ގަޑިތަކަށް ބުރޫއެރުމަކީ ވެސް ވެދާނެ ކަމެކެވެ. ގޭމު ކުޅޭ މީހެއްގެ ނިންޖަށް ބޮޑެތި ބަދަލު އަންނަތަން ފެންނަ ނަމަ އެއީ އެކަމަށް ދެވި ހިފާފައި ހުރި ކަމުގެ އަލާމާތެކެވެ.

- ކިޔެވުމުށް ސަމާލުކަން ނުދެވުން:

ގޭމު ކުޅުމަށް ދެވިހިފާފައިވާ ފަރާތްތަކުން އިތުރު އެހެން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވެއެވެ. ކިޔަވާ ކުދިން ގޭމު ކުޅުމަށް ދެވިހިފުމަކީ އެކުދިން ކިޔެވުމަށް ސަމާލުކަން ދޭވޭ މިންވަރު ކުޑަ ކޮށްދޭ ކަމެކެވެ. އަދި ސްކޫލުގައި ކިޔަވައިދޭ އެއްޗެއް ރަނގަޅަށް ފަހުމު ނުވުމުގެ ސަބަބުން އެކުދިންގެ ނަތީޖާއަށްވެސް އަސަރުކުރުވާ ކަމެކެވެ. ވަރަށް ރަނގަޅަށް ކިޔަވަމުން އައި ކުއްޖަކު ކުއްލިއަކަށް ކިޔެވުން މަތިން ފޫހިވެ، އަބަދު ގޭމު ކުޅެން އިންނަ ނަމަ އެއީ ދެވިހިފާފައިވާ ކަމުގެ ނިޝާނެކެވެ.

- ވަޒީފާގެ މައިދާނުގައި ގޮންޖެހުންތަކާ ކުރިމަތިލުން:

ވަޒީފާގައި އުޅޭ މީހަކު މާ ބޮޑަށް ގޭމު ކުޅުމަށް ދެވިހިފުމަކީ އޭގެ ސަބަބުން އޭނާ މަސައްކަތަށް ފަރުވާ ކުޑަ ކުރުމަށް މެދުވެރިވާ ކަމެކެވެ. އެފަދަ މީހުންނަށް ވަޒީފާގެ މައިދާނުގައި ދެވޭ މަސައްކަތްތަކަށް އެހާ ސަމާލުކަމެއް ނުދެވެއެވެ. އަދި ސުންގަޑި ތަކަށް މަސައްކަތްތައް ނިންމުމަށްވެސް އުނދަގޫ ވެއެވެ. ވަޒީފާއެއްގައި އުޅޭ މީހަކު މަސައްކަތަށް ފަރުވާކުޑަކުރަން ފަށައި ގިނަ ވަގުތު ގޭމު ކުޅުމުގައި ހޭދަ ކުރުމަކީ އޭނާ ގޭމު ކުޅުމަށް ދެވިހިފާފައި ހުރިކަމުގެ ނިޝާނެކެވެ. މިކަމާ ހެދި ބައެއް މީހުންގެ ވަޒީފާތައް ގެއްލިފައިވެސް އެބަ ހުއްޓެވެ.

- ހަޔާތުގެ ބައިވެރިޔާއާއި މައްސަލަ ޖެހުން:

ގޭމު ކުޅުމަށް ދެވިހިފާފައިވާ މީހަކު އެމީހެއްގެ ހުރިހާ ވަގުތެއް ހޭދަ ކުރާނީ ގޭމު ކުޅުމުގައެވެ. ގޭމު ނުކުޅޭ މަދު ވަގުތު ކޮޅުގައި ބެލޭނީ ނިދޭތޯއެވެ. މިކަމުގެ ސަބަބުން ހަޔާތުވެ ބައިވެރިޔާއާއެކު ހޭދަކޮށްލާނެ ވަގުތެއް މިފަދަ މީހުންނަކަށް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ލޯބިވެރިޔާ ނުވަތަ ހަޔާތުގެ ބައިވެރިޔާގެ ޝަކުވާ ތައް ގިނަވެ، ދެމީހުންގެ ދެމެދުގައި ކޯޅުންތަކާއި އަރައިރުންވުންތައް ގިނަވެއެވެ. އަދި މައްސަލަތައް ގިނަވެ، ބައެއްފަހަރު ގުޅުން ނިންމާލަން ޖެހޭތަންވެސް އާދެއެވެ.

- ގޭމަށް ހަރަދުކުރުން:



ގޭމު ކުޅުމަށް ދެވިހިފާފައި ހުންނަ މީހެއް ނަމަ، އެމީހަކަށް ލިބޭ ހުރިހާ ފައިސާއެއް ހަރަދު ކުރާނީ ގޭމަށެވެ. އޮންލައިނުކޮށް ކުޅެވޭ ގިނަ ވީޑިއޯ ގޭމު ތަކަކީ އެއަށް ފައިސާ އެޅުމުން ތަފާތު އެކިކަހަލަ އަޕްގްރޭޑުތައް ކުރެވޭ އެއްޗިއްސެވެ. މިސާލަކަށް އާ ކެރްކްޓާއެއް ގަންނަން، ނުވަތަ ހެދުމެއް، ކާރެއް ގަންނަން ފަދަ ކަންކަން ލާރި އަޅައިގެން ކުރެވޭނެއެވެ. މިފަދަ މީހުން ބޭނުންވާނީ ގޭމުގައި އެންމެ މޮޅެތި އަޕްގްރޭޑުތައް ކުރުމަށެވެ. އޭގެ ސަބަބުން ލިބޭ ހުރިހާ ލާރިއެއް ގޭމަށް ހަރަދުކޮށް ހުސްކޮށްލައެވެ.

ވީޑިއޯ ގޭމް ކުޅުމަށް ދެވިހިފުމަކީ އެކަމުގެ ސަބަބުން ދިރިއުޅުމުގެ އެކި ކަންކަމަށް ވަރަށް ނޭދެވޭ އަަސަރުތަކެއް ކުރާ ކަމެކެވެ. މިކަމުން އަރައިގަތުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ހުރެއެވެ.

ނަފްސާނީ ބަލީގެ މާހިރުން ލަފާ ދޭ ގޮތުގައި މި ބަލިން އަރައިގަތުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ކަސްރަތު ކުރުމާއި، ބޭރަށް ނިކުމެ ހެލިފެލިވެ އުޅުމާއި، ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ ނެގުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން