ބައެއް މީހުންނަކީ އެމީހުންގެ ކިބައިގައި ހުންނަ ސުލޫކުތަކުގެ ސަބަބުން މީހުންނާ އެކުވެރިކަމުގެ ގުޅުން ބަދަހި ނުކުރެވޭ މީހުން- ގޫގުލް ފޮޓޯސް
ބައެއް މީހުންނަކީ އެމީހުންގެ ކިބައިގައި ހުންނަ ސުލޫކުތަކުގެ ސަބަބުން މީހުންނާ އެކުވެރިކަމުގެ ގުޅުން ބަދަހި ނުކުރެވޭ މީހުން- ގޫގުލް ފޮޓޯސް
އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. އެކުވެރިކަމަކީ ދެމީހެއްގެ މެދުގައި ދެމިއޮންނަ ލޯތްބާއި، ގަދަރާއި، އިހްތިރާމާއި، އިތުބާރު އަދި ގާތްކަމުގެ އިތުރުން ކުލުނު އެކުލެވިގެންވާ މާތް ގުޅުމެކެވެ. ހެޔޮލަފާ އެކުވެރިންނަކީ ދިރިއުޅުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ.

ތިމާއަށް އެންމެ ހެޔޮއެދޭނީ ތިމާގެ މައިންބަފައިންނެވެ. ދެން އެއްބަނޑު އެއްބަފާ މީހުންނެކޭ އެއްފަދައިން ތިމާއަށް ހެޔޮއެދޭނީ ތިމާގެ ހެޔޮލަފާ އެކުވެރިއާއެވެ. ބައެއް ހާލަތްތަކުގައި އެއީ އެންމެ ގާތް ލަފާދާރުންވެސްމެއެވެ. އެހެންކަމުން އިތުބާރުކުރެވޭ ރަގަޅު ހެޔޮލަފާ ރަޙްމަތްތެރިއަކު ތިމާގެ ދިރިއުޅުމުގައި ހުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. ނަމަވެސް ބައެއް މީހުންނަކީ އެމީހުންގެ ކިބައިގައި ހުންނަ ސުލޫކުތަކުގެ ސަބަބުން މީހުންނާ އެކުވެރިކަމުގެ ގުޅުން ބަދަހި ނުކުރެވޭ މީހުންނެވެ.

ގާތް ރައްޓެހިން ނުތިބޭ މީހުންނަށް އެމީހުންގެ ކިބައިގައި އެ ހުންނަ ސުލޫކުތައް ގިނަ ފަހަރަށް ނުވެސް އެނގެއެވެ. އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިން ވިޔަސް، ޝަޚުޞިއްޔަތުގެ ސިފަތަކުގެ ސަބަބުން ވިޔަސް، ނުވަތަ ވަކި އާދަތަކެއްގެ ސަބަބުން ވިޔަސް، އެމީހުންގެ ކިބައިގައި ހުންނަ މިފަދަ ސުލޫކީ މައްސަލަތަކުގެ ސަބަބުން އެދަފަ މީހުންނަށް އެހެން މީހުންނާއެކު ގާތް ރަހްމަތްތެރިކަމުގެ ގުޅުން ބަދަހި ނުވަނީއެވެ. އެގޮތުން މީހުންނާ އެކުވެރިކަމުގެ ގުޅުން ދަމަހައްޓަން ނޭނގޭ މީހުންގެ ކިބައިން ފެންނާނެ ބައެއް ކަންތައްތައް ހިމަނާލާނަމެވެ.

އެހެންމީހުންނާ އެކަހެރިވެ އުޅެން ބޭނުންވުން

އިންސާނުންގެ މެދުގައި އެކަކުއަނެކާ ގުޅުންތައް ބަދަހި ކުރެވޭނީ މުއާމަލާތް ކުރުމާއި، ގުޅިގެން އުޅުމާއި އަދި އެކުގައި ހިއްސާކުރެވޭ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށެވެ. މިހެން މިކަން އޮތް ނަމަވެސް ބައެއް މީހުންނަކީ އެކަހެރިކަމަށް ލޯބިކުރާ، އެކަނި އުޅެން ބޭނުންވާ މީހުންނެވެ. ބައެއް ހާލަތްތަކުގައި މިގޮތަށް އެކަހެރިވުމަކީ ދެމިއޮންނަ ގުޅުންތައް އުފެއްދުމަށް ހުރަހަކަށް ވެގެންދެއެވެ. އެފަދަ މީހުންނަކީ އިޖުތިމާޢީ ހަރަކާތްތަކާއި، އެއްވުންތަކާއި، ނުވަތަ އާދައިގެ މުޢާމަލާތްތަކުން ވެސް ދުރުހެލިވެ އުޅޭ މީހުންނެވެ. މިކަމުގެ ސަބަބުން އެހެން މީހުންނާ، މާނަހުރި އެދެވޭ ގުޅުންތަކެއް ބިނާކުރުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

މީހުންނާ މުއާމަލާތު ކުރަން އުނދަގޫވުން

އެހެން މީހުންނާއެކު މާނަހުރި ގުޅުންތައް ބަދަހި ކުރުމުގައި ދެން އެންމެ ބޮޑު ރޯލެއް އަދާކުރާ ކަމަކީ މުއާމަލާތު ކުރުމެވެ. އެހެން މީހުންނާ ރަނގަޅަށް ވާހަކަ ދައްކައި މުއާމަލާތު ކުރަން އެނގޭނަމަ އެފަދަ މީހުންނަށް ތަފާތު އެކިކަހަލަ އިޖްތިމާއީ ގުޅުންތައް ދަމަހައްޓަން ފަސޭހަވެއެވެ. ނަމަވެސް މުއާމަލާތު ކުރުމަކީ ބައެއް މީހުންނަށް ވަރަށް ދަތި، އުނދަގޫ ކަމެކެވެ. މިގޮތަށް މުއާމަލާތު ކުރަން ނޭނގޭ މީހުންގެ އެކުވެރިން ވަރަށް މަދުވާނެއެވެ.

މާ ބޮޑަށް އަމިއްލަ ނަފްސަށް ބަރޯސާވުން

އަމިއްލަ ނަފްސަށް ބަރޯސާވުމަކީ ވަރަށްވެސް ރަނގަޅު ސިފައެކެވެ. ނަމަވެސް މިކަމުގައި ހައްދުފަހަނަ އަޅައި ދިއުމަކީ އޭގެ ސަބަބުން ހިތި ނަތީޖާތަކެއް ނިކުމެދާނެ ކަމެކެވެ. މި ސުލޫކު ގިނަ ފަހަރަށް ފެނިގެންދަނީ ރަހްމަތްތެރިން ނެތް މީހުންގެ ކިބައިންނެވެ. އެފަދަ މީހުންނަކީ ކޮންމެ ކަމެއްގައިވެސް އެމީހުންގެ އަމިއްލަ ނަފްސަށް ބަރޯސާވާ މީހުންނެވެ. އެފަދަ މީހުންނަށް އެހެން މީހުންގެ ފަރާތުން އެހީއަށް އެދުން ވަނީ ވަރަށްވެސް ބޮޑު ކަމަކަށެވެ.

މީހުންނަށް އިތުބާރު ކުރަން އުނދަގޫވުން

ކޮންމެ ގާތް ގުޅުމެއްވެސް، އަދި އެކުވެރިކަމެއްްވެސް ބިނާ ވެގެން ދަނީ އެކަކު އަނެކަކަށް ކުރާ އިތުބާރެއްގެ މައްޗަށެެވެ. އެއާ ނުލައި އެއްވެސް ކަހަލަ ގުޅުމެއް ފުރިހަމައެއް ނުވާނެއެވެ. އަދި އެގުޅުމެއް ދެމި ނޯންނާނެއެވެ. އެހެން މީހުންނަށް އިތުބާރު ނުކުރެވޭ ނުވަތަ އިތުބާރު ކުރަން އުނދަގޫ މީހުންގެ ގާތް ރަހްމަތްތެރިންނެއް ނުތިބޭނެއެވެ. އެފަދަ މީހުން އަބަދުވެސް ތިބޭނީ އެހެން މީހުން ހިޔާނާތްތެރިވެދާނެ ކަމަށް ނުވަތަ މާޔޫސްވާފަދަ ކަމެއް ކޮށްފާނެ ކަމުގެ ބިރުގެންފައެވެ. މިކަމުގެ ސަބަބުން އެމީހުންނަށް އެހެން މީހުންނާއެކު އެކުވެރިކަން ބަދަހި ކުރުމަށް އުނދަގޫވެއެވެ.

ހެޔޮލަފާ ރަނގަޅު އެކުވެރިއެއް ނެތް ނަމަ، އަދި ތިމާއަށް އެފަދަ އެކުވެރިކަން ދަމަހައްޓަން އުދަގޫވާނަމަ، އެކަމުގެ ސަބަބު ދެނެގަނެ، އެކުވެރިން ހޯދުމުގައި މެދުވެރިވާ ހުރަސްތަކާމެދު ވިސްނައި، އެކަންކަމުން އަރައިގަންނަން މަސައްކަތް ކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން