ބޮލީވުޑުގެ ތަރިން ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް
ބޮލީވުޑުގެ ތަރިން ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް
ބޮލީވުޑުގެ ނަންވިދާ ބަތަލާ ސޮނާކްޝީ ސިންހާގެ ދިރިއުޅުމުގައި ހުރި އެންމެ ބޮޑު ސަޕޯޓް ސިސްޓަމް އަކީ އޭނާގެ ފިރިމީހާ ޒަހީރް އިގްބާލް ކަމަށް ސޮނާކްޝީ ބުނެފިއެވެ.



ސޮނާކްޝާއާއި ޒަހީރް އިގްބާލް ކައިވެނި ކޮށްފައިވަނީ މިދިޔަ މަހު 23 ވަނަ ދުވަހުއެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސޮނާކްޝީ ވަނީ އޭނާގެ ޒާތީ އަދި ޕްރޮފެޝަނަލް ހަޔާތުގައި ލިބެމުން އަންނަ ކާމިޔާބީތަކުގެ ޝަރަފު އޭނާގެ ފިރިމީހާއަށް ދީފައެވެ. މީގެ އިތުރުން އޭނާ ވަނީ "ޕަބްލިކް ފިގާ" އަކަށް ވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައްވެސް ހިއްސާކޮށްފައެވެ.

އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ސޮނާކްޝީ ބުނެފައިވަނީ އޭނާގެ ފިރިމީހާ ޒަހީރަކީ އޭނާގެ ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ މީހެއް ކަމަށާއި އޭނާ ޒަހީރުއާ ކައިވެނި ކޮށްފައިވަނީ މި ސަބަބާހުރެ ކަމަށެވެ. މީގެ އިތުރުން ޒަހީރަކީ އޭނާއާއެކު އޭނާގެ ހަޔާތުގެ އެތައް އުސްމިންތަކަކާއި އަޑިގުޑަންތައް ގިރާކޮށްފައިވާ ފަރާތެއް ކަމަށާއި އެއީ އޭނާގެ ހަޔާތުގައި ހުރި އެންމެ ބޮޑު ސަޕޯޓު ސިސްޓަމް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސޮނާކްޝީ ބުނެފައިވަނީ ވަޒީފާގައި އެހާ ރަނގަޅަށް މަސައްކަތް ކުރެވެނީ އޭނާ އުފަލުގައި އުޅޭތީކަމަށާއި، އެކަން އެހެން މެދުވެރިވަނީ އޭނާގެ ފިރިމީހާ ޒަހީރުގެ އެހީތެރިކަމުގެ ސަބަބުން ކަމަށެވެ. އަދި ޒަހީރުއާއި އޭނާގެ ގުޅުން ބިނާވެފައިވަނީ ދެމީހުންވެސް ކުރިއެރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދީ ހިއްވަރުދޭ ގޮތަށް ކަމަށްވެސް މި އިންޓަވިއުގައި ސޮނާކްޝީ ވަނީ ބުނެފައެވެ.

މި އިންޓަވިއުގައި ސޮނާކްޝީ ބުނެފައިވަނީ އޭނާ ގަބޫލު ކުރާ ގޮތުގައި ވަޒީފާގައި އުޅޭއިރު އެކި ކަންކަމުގައި ބޯހާސްވީނަމަވެސް އެކަންކަމަކީ ގެއަށް ގެންނަން ނުޖެހޭ ކަންކަން ކަމަށާއި، މަސައްކަތުގެ ސްޓްރެސްތަކަކީ އޭނާ ފިރިމީހާއަށް ކޮށްދޭން ޖެހޭ ކަންތައްތައް ކުރުމުގައި ހުރަހަކަށް ވެގެންނުދާނެ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ވަޒީފާއަކީ މީހާގެ މުޅި ދިރިއުޅުން ނޫން ކަމަށާއި، ޒާތީ ކަންކަމާއި މަސައްކަތުގެ މައިދާނުގައި ދިމާވާ ކަންތައްތައް ވަކިކޮށް އެ ދެ ކަންވެސް ބެލެންސް ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ސޮނާކްޝީ ވަނީ ޕަބްލިކް ފިގާއަކަށް ވުމުގެ ސަބަބުން އޭނާއަށް ފާރަލާ މީހުން ގިނަވެ އޭނާގެ ޒާތީ ކަންތައްތައްވެސް މީހުންނަށް އެނގޭވަރު ބޮޑުކަމަށް ބުނެފައެވެ. އޭނާ ބުނެފައިވަނީ މިއީ އެކްޓަރަކަށް ވުމުން ވާންޖެހޭ ގުރުބާނީއެއް ކަމަށާއި އެކްޓަރެއްގެ ގޮތުގައި ކުރިއަށްދާން ބޭނުންވާނަމަ މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ސަންޖޭ ލީލާ ބަންސާލީގެ "ހީރަމަންޑީ" އަދި "ކަކުޑާ" ގެ ކާމިޔާބީގެ ސަބަބުން ސޮނާކްޝީއަށް 2024 މިވަނީ ވަރަށް ކާމިޔާބު އަދި ޑިމާންޑް ބޮޑު އަހަރަކަށް ވެފައެވެ. އެހެންނަމަވެސް އޭނާ ދެން ކުޅޭނެ ފިލްމެއްގެ މައުލޫމާތު އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.

ސޮނާކްޝީ އެންމެ ފަހުން ފެނިފައިވަނީ ރިތޭޝް ދޭޝްމުކް އާއި، ސާގިބް ސަލީމު ވެސް ކުޅުނު ބިރުވެރި ފިލްމު ‘ކަކުޑާ’ އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން