އިތުބާރަކީ ކޮންމެ ގުޅުމެއް ދިގުދެމިގެން ދިއުމުގައިވެސް އެންމެ ބޮޑު ރޯލެއް އަދާކުރާ ކަމެއް- ގޫގުލް ފޮޓޯސް
އިތުބާރަކީ ކޮންމެ ގުޅުމެއް ދިގުދެމިގެން ދިއުމުގައިވެސް އެންމެ ބޮޑު ރޯލެއް އަދާކުރާ ކަމެއް- ގޫގުލް ފޮޓޯސް
އެކަކު އަނެކަކަށް ކުރާ އިތުބާރަކީ ކޮންމެ ގުޅުމެއް ދިގުދެމިގެން ދިއުމުގައިވެސް އެންމެ ބޮޑު ރޯލެއް އަދާކުރާ މައިގަނޑު ސަބަބެވެ. ދެމީހަކު ހަމަޖެހިގެން ލޯބިން އުޅުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ އިތުބާރު ދެމެހެއްޓުމެވެ. އިތުބާރު ގެއްލޭފަދަ ކަންކަން ނުކުރުމެވެ. ހަޔާތުގެ ބައިވެރިޔާއަަށް ޝައްކުކޮށް، އެމީހުން ނުކުރާ ކަންކަން ބޮލުގައި އެޅުވުމަކީ ދެމީހުންގެ ދެމެދުގައިވާ ގުޅުން ހީނަރުވެގެން ދިއުމަށް މެދުވެރިވާ ކަމެކެވެ.

ދެމީހަކު ލޯބިން އުޅެމުންގޮސް ބައިވެރިޔާއަށް ޝައްކު ކުރެވެން ފެށެނީ އޭނާގެ އުޅުމަށް ބަދަލު އަންނަ ކަން ފާހަގަވާ ހިސާބުންނެވެ. ބައެއް ފަހަރު މިގޮތަށް މި ކުރެވޭ ޝައްކުތަކަކީ ތެދަކަށްވެސް ވެދާނެއެވެ. އެކަމާ ގުޅިގެން ބައިވެރިޔާއާ ސުވާލު ކުރުމުން ކަންކަން ސިއްރުކުރުމުގެ ގޮތުން އެކަންކަން ފޮރުވުމަށް ދޮގު ހެދުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެގޮތުން ބައިވެރިޔާ ދޮގު ހަދާނަމަ އޭނާގެ ފަރާތުން ފެންނާނެ ބައެއް ކަންތައްތައް ތިރީގައި އެވަނީއެވެ.

- މިޒާޖަށް ބޮޑެތި ބަދަލު އައުން

ވަރަަށް ލޯބިން އެކުގައި އުޅެމުން އައި ދެ ލޯބިވެރިންގެ ތެރެއިން އެކަކުގެ މިޒާޖަށް ކުއްލިއަކަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާކަން އިހުސާސް ކުރެވޭނަމަ، އޭގައި ކޮންމެވެސް ކަހަލަ ނުބައެއް އުޅޭނެއެވެ. މިގޮތުން މިޒާޖަށް އަންނަ ބައެއް ބަދަލުތަކުގެ ތެރޭގައި ވަގުތު ދޭ ވަރު މަދުވުމާއި، ކަމަކަށްނުވާ ކުޑަކުޑަ ކަންކަމުގައި ރުޅި އިސް ކުރުމާއި، އަދި މިނޫންވެސް ކަންތައްތައް ހިމެނެއެވެ. މިގޮތަށް މިޒާޖަށް އަންނަ ކުއްލި ބަދަލަކީ ގިނަފަހަރަށް ނުރަނގަޅު ފާލެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. 

- އެހެން މީހުންގެ ފަރާތުން ބައިވެރިޔާ ބޭވަފާތެރިވާކަމުގެ އަޑުތައް އިވުން

އެހެން މީހުންގެ ފަރާތުން ބައިވެރިޔާ ބޭވަފާތެރިވާކަމުގެ އަޑުތައް އިވުމަކީވެސް ބައިވެރިޔާ ދޮގު ހަދައި، އޮޅުވާލާކަމުގެ ނިޝާނެކެވެ. ދެ ލޯބިވެރިން އެކުގައި އުފަލުގައި އުޅޭނަމަ އެކަން ހަޖަމު ނުވާ މީހުން އުޅެފާނެއެވެ. އަދި އެކަމާ ހަސަދަވެރިވާ މީހުންވެސް ވަރަށް ގިނަ ވާނެއެވެ. މިގޮތަށް ހަސަދަވެރިވާ މީހުން ތިބާގެ ލޯބިވެރިޔާއާއި ތިބާއާ ދޭތެރޭ މައްސަލަ ޖައްސައި ގުޅުން ރޫޅާލުމުގެ ނިޔަތުގައިވެސް ދޮގު ހަދާފާނެއެވެ. ނަމަވެސް މާ ގިނަ މީހުންގެ ފަރާތުން ބައިވެރިޔާއާ ބެހޭގޮތުން އެއްވާހަކަތަކެއް އިވޭނަމަ އޭގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ވުމަކީ އެކަށީގެންވާ ކަމެކެވެ.

- ބަހާއި އަމަލު ދިމާނުވުން

ބައިވެރިޔާ ދައްކާ ވާހަކަތަކާއި އޭނާގެ އަމަލުތައް ހުންނަ ގޮތާ ތަފާތުވުމަކީވެސް ބޭވަފާތެރި ބައިވެރިއެއްގެ ފުށުން ފެނިދާނެ ކަމެކެވެ. ތިބާދެކެ ލޯބިވާކަމަށް ބުނިކަމުގައި ވީނަމަވެސް އެފަދަ ބައިވެރިންގެ އަމަލަކުން މިކަމެއް ހާމާއެއް ނުވާނެއެވެ. މީގެ އިތުރުން އެފަދަ ބައިވެރިން ތިބާއަށް އޮޅުވާލައިގެން އެތައް ކަމެއް ކުރާނެއެވެ. މިސާލަކަށް ރައްޓެހިންނާއެކު ބޭރަށް ދަނީކަމަށް ބުނެ ގޮސް އެހެން ކަމެއްގައި އުޅުމަކީވެސް ބޭވަަފާތެރިވާ ބައިވެރިއަކު ކޮށްފާނެ ކަމެކެވެ. މިއީ ބައިވެރިޔާ އަށް ބޭވަފާތެރި މީހުން އެހެން މީހުންނާ ސިއްރުގުޅުން ކުރިއަށްގެންދާ ވައްތަރެވެ. ރޭގަނޑުވެސް އޮފީހަށްދާނަމުގައި ނޫނީ އޮފީސް ދަތުރެގައި ކަމަށް ބުނެ ގައުމުން ބޭރަށްވެސް އަދި އެހެން ރަށަކަށްވެސް ގޮސްދާނެއެވެ.

- ބައިވެރިޔާ ތިބާއާ ދުރު ދުރުން އުޅުން

ބައިވެރިޔާ ތިބާއާ ދުރު ދުރުން އުޅުމަކީވެސް އޭނާ ބޭވަފާތެރިވާކަމުގެ ނިޝާނެކެވެ. ތިބާގެ ބައިވެރިޔާ ތިބާއާ މާ ދުރުން އުޅޭނަމަ އޭގައި ކޮންމެވެސް ކަހަލަ ނުބައެއް ވާކަމަށް ދިރާސާތަކުން ދައްކައެވެ. ގިނަ ފަހަރު މިގޮތަށް ބައިވެރިޔާ ދުރުވަނީ އޭނާގެ ބޭވަފާތެރިކަން ފޮރުވުމުގެ ގޮތުންނެވެ. އަދި ހަމަ އެހެންމެ ބައިވެރިޔާ ތިބާއާ ދުރުހެލިވަނީ ބޭވަފާތެރި ވުމަށްފަހު އެކަމާމެދު ކޮންމެވެސް ވަރަކަށް ކަޑަވެ ގިލްޓު އިހުސާސް ކުރެވޭތީއެވެ.

- ދުވަހަކުވެސް ދޮގު ނަހަދާ ކަމަށް ބުނުން

ދޮގުހެދުމަކީ އިންސާނުންގެ ތަބީއަތުގައި ލައްވާފައިވާ ސިފައެކެވެ. ބައެއްފަހަރު ކުދިކުދި ކަންތައްތަކުގައިވެސް މީހުން ދޮގު ހަދާތަން ފެނެއެވެ. އެހެންނަމަވެސް، ތިމަންނައަކީ ދުވަހަކުވެސް ދޮގު ނުހަދާ މީހެއް ކަމަށް ބުނާނަމަ، އެއީ ދޮގެއް ހަދާފައި އެ ދޮގު ފޮރުވަން ބުނާ ބުނުމެކެވެ. އެހެންކަމުން ތިބާގެ ބައިވެރިޔާ އޭނާ ދުވަހަކުވެސް ދޮގެއް ނަހަދަމެއް ނޫންހޭ ބުނެ ދުވަހަކުވެސް ދޮގެއް ނަހަދާކަމަށް ބުނާނަމަ އެއީ އޭނާގެ ބޭވަފާތެރިކަން ފޮރުވުމަށް ބުނާ އެއްޗެއްކަން ޔަޤީން ކުރާށެވެ.

މީގެ އިތުރުން ތިބާގެ ބޮލުގައި ދޮގު ހަދާކަމުގެ އިލްޒާމް އެޅުވުމާއި، ފައިސާގެ ކަންކަމުގައި ދޮގު ހެދުމާއި، ފޯނު ފޮރުވުމާއި އަދި މީހާގެ ސިފަ މާ ބޮޑަށް ބަދަލު ކުރަން އުޅުމަކީވެސް ބޭވަފާތެރި ބައިވެރިއެއްގެ ކިބައިން ފެނިދާނެ ކަންކަމެވެ. ތިބާގެ ހަޔާތުގެ ބައިވެރިޔާއާމެދު ޝައްކު ކުރެވޭނަމަ އޭނާގެ ކިބައިގައި މި ސިފަތައް ހުރިތޯ ބަލާށެވެ. މީގެ ތެރެއިން ދެކަމެއް ފާހަގަކުރެވޭ ނަމަ ބައިވެރިޔާއަކީ ބޭވަފާތެރިއެއްކަން ޔަޤީން ކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން