އަޅުގަނޑުމެންގެ ކެއުމުގައި ވަކި ބާވަތްތަކެއް އެކުލަވާލުމުން ލޭގައި ހުންނަ ޕްލެޓްލެޓުގެ އަދަދު އިތުރު ކުރުމަށް އެހީވެދޭ- ގޫގުލް ފޮޓޯސް
އަޅުގަނޑުމެންގެ ކެއުމުގައި ވަކި ބާވަތްތަކެއް އެކުލަވާލުމުން ލޭގައި ހުންނަ ޕްލެޓްލެޓުގެ އަދަދު އިތުރު ކުރުމަށް އެހީވެދޭ- ގޫގުލް ފޮޓޯސް
ޕްލެޓްލެޓަކީ ލެއާއި ފުއްޕާމޭގައި ޑިސްކު ސިފައިގަައި ހުންނަ ކުޑަކުޑަ ސެލްކޮޅުތަކެވެ. އެއީ ލޭއައުން ލަސްކުރުމަށް ނުވަތަ ހުއްޓުވުމަށާއި، ޒަހަމްތައް ރަނގަޅުކުރުމަށާއި، އަދި ލޭހޮޅިތައް އުފެއްދުމަށް އެހީތެރިވެދޭ ސެލްތަކެކެވެ. ލޭގައި ޕްލެޓުލެޓުތައް މަދުވުމަކީ އޭގެ ސަބަބުން އެކިކަހަލަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

ލޭގައި ޕްލެޓްލެޓްގެ އަދަދު ދަށްވުމުން ތްރޮމްބޮސައިޓޯޕެނިއާ އޭކިޔާ ހާލަތެއް ކުރިމަތިވެ، އޭގެ ސަބަބުން ފަސޭހައިން ހަށިގަނޑުގެ ތަންތަން ކަނޑައިގެން ދިއުމާއި، ކަނޑައިގެން ދާ ތަންތަނުގައި ލޭ މަނާ ނުވުމާއި، އަދި ނޭފަތުންނާއި ހިރުގަނޑުން ލޭ އައުންފަދަ ކަންތައްތައް ކުރިމަތިވެއެވެ. އަޅުގަނޑުމެންގެ ކެއުމުގައި ވަކި ބާވަތްތަކެއް އެކުލަވާލުމުން ލޭގައި ހުންނަ ޕްލެޓްލެޓުގެ އަދަދު އިތުރު ކުރުމަށް އެހީވެދެއެވެ. އެގޮތުން ތިރީގައި މިވަނީ ލޭގައި ޕްލެޓްލެޓް އިތުރު ކުރުމަށް އެހީވެދޭ ބައެއް ބާވަތްތަކެވެ.

ފަޅޯ

ފަޅޮލަކީ އަޅުގަނޑުމެންގެ ސިއްޙަތަށް ވަރަށް ފައިދާހުރި މޭވާއެކެވެ. ފަޅޮލާއި، ފަޅޯ ގަހުގެ ފަތަކީވެސް ލޭގައި ޕްލެޓްލެޓު އިތުރުކޮށްދިނުމަށް އެހީވެދޭ އެއްޗިއްސެވެ. ފަޅޯ ފަތަކީ އޭގައި ބަޔޯ އެކްޓިވް ކޮމްޕޯނެންޓުތަކެއް އެކުލެވޭ އެއްޗެއްކަމުން އެ މާއްދާތަކަކީ ލޭގައި ޕްލެޓްލެޓްގެ އަދަދު އިތުރުކޮށްދިނުމަށް އެހީވެދޭ، އަދި ހަށިގަނޑު ދުޅަކޮށްދިނުން ހުއްޓުވައިދޭ މާއްދާތަކެކެވެ. އޭގެ ސަބަބުން ހަށިގަނޑު އިންފެކްޝަންތަކުން ރައްކާތެރި ކޮށްދީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްވެސް އެހީވެއެވެ.

އަންނާރު

އަންނާރަކީ ވަރަށްވެސް ގިނަ ބަޔަކަށް ކަމުދާ މޭވާއެކެވެ. އަންނާރަކީ އޭގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓު އެކުލެވިގެންވާ މޭވާއެއްކަމުން އަންނާރު ކެއުމުން ލޭގައި ޕްލެޓްލެޓް އިތުރު ކޮށްދިނުމަށް އެހީވެދެއެވެ. އަދި އޭގައި ގިނަ އަދަދަކަށް ވިޓަމިނާއި ޕޮލިފެނޮލް އެކުލެވޭތީ އޮކްސިޑޭޓިވް ސްޓްރެސް އިން ދުރުކޮށްދިނުމަށްވެސް އެހީވެދެއެވެ. އަންނާރަކީ މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ މޭވާއެއްވެސް މެއެވެ.

ސްޕިނެޗް

ސްޕނެޗަކީ ޑައިޓު ކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ފަތުގެ ބާވަތެކެވެ. ސްޕިނެޗަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ކޭ އެކުލެވިގެންވާ ފަތުގެ ބާވަތެއް ކަމުން ހަށިގަނޑުގައި ޕްލެޓްލެޓް އިތުރުކޮށްދީ، ލޭ ގަނޑު ކުރުމަށް އެހީވެދެއެވެ. މީގެ އިތުރުން އޭގައި އެކުލެވޭ އަޔަން އަދި ފްލޭޓަކީ ލޭގައި ރެޑް ބްލަޑް ސެލް އުފެއްދުމަށް އެހީވެދޭ މާއްދާތަކެކެވެ. އެހެންކަމުން ސްޕިނެޗަކީ ހަށިގަނޑަށް ވަރަށްވެސް ފައިދާ ހުރި ފަތުގެ ބާވަތެކެވެ.

ބަރަބޯ

ބަރަބޮލަކީ އަޅުގަނޑުމެން ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ތަރުކާރީއެކެވެ. ބަރަބޮލަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވޭ ތަރުކާރީއެއް ކަމުން ހަށިގަނޑުގައި ޕްރޮޓީން އިތުރުކޮށްދީ ލޭގައި ޕްލެޓްލެޓު އިތުރު ކޮށްދިނުމަށް އެހީވެދެއެވެ. މީގެ އިތުރުން އޭގައި އެކުލެވޭ ބީޓާ ކެރޮޓީން އަކީ އެންޓި އޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތްކުރާ މާއްދާއަކަށް ވުމުން ހަށިގަނޑުގެ ސެލްތައް ރައްކާތެރި ކޮށްދިނުމަށް އެހީވެދެއެވެ. މިއީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ތަރުކާރީއެކެވެ.

ކެރެޓު

ކެރެޓަކީ ވަރަށް ގިނަ ގޮތްގޮތަށް އަޅުގަނޑުމެންގެ ގޭބިސީތަކުގައި ބޭނުންކުރާ ތަރުކާރީއެކެވެ. ސެލެޑުތަކާއި، އަދި ފޮނި އެއްޗެތި ތައްޔާރު ކުރުމުގައިވެސް ކެރެޓު ބޭނުން ކުރެއެވެ. ކެރެޓުގައި ހިމެނޭ ވިޓަމިން އޭ އަކީ ހަށިގަނޑުގައި ޕްލެޓްލުޓް އިތުރު ކޮށްދިނުމަށް އެހީވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ކެރެޓަކީ އެންޓިއޮކްސިޑެންޓު ތަކާއި، ފައިބަރު އެކުލެވިގެންވާ އެއްޗެއްކަމުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ ހަޖަމުގެ މައްސަލަތަކުން ރައްކާތެރި ކުރުމަށްވެސް އެހީވެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން