މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ) ގެ ޗެއަރމަން ލުުއޯ ޖާއޮހުއިއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކާގުޅޭ ގޮތުން މަޝްވަރާކުރައްވައި، ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ އަދާހަމަ ހިއްސާކޮށްފައިވެއެވެ.

މިނިސްޓަރ ޒަމީރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ސިޑްކާ އާދެމެދު އޮތް ގުޅުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ސިޑްކާގެ އެހީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ސިޑްކާ އާއެކު ގުޅުން ބަދަހިކުރެވޭނެ އައު ފުރުޞަތު ތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިގްތިސާދީ ކުރިއެރުމަށް، މަޝްރޫއުތައް ތަންފީޒުކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުންވެސް ދެފަރާތުން ވާހަކަ ދެއްކެވިއެވެ.

މިބައްދަލުވުމުން ނިންމަވާލައްވަމުން، ސިޑްކާ އާއެކު ގުޅުން އިތުރަށް ބަދަހިކޮށް، މުސްތަޤްބަލުގައި ދެޤައުމަށް ފައިދާހުރި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެފަރާތުން އެރުވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު ސިޑްކާގެ އެހީގައި ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިއްމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ "ލެޓާސް އޮފް އެކްސްޗޭންޖް" ގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޒަމީރު ބައިވެރިވެވަޑައިގަތެވެ. މި "ލެޓާސް އޮފް އެކްސްޗޭންޖް" ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްތަލިބް އެވެ. އަދި ސިޑްކާގެ ފަރާތުން ސޮއި ކުރެއްވީ ޗެއަރމަން ލުއޯ ޖާއޮހުއި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން