ކިހިލިފަތް ދުޅަވެ, ބޮޑެތި ބިހިތައް ނަގުމަކީ އެއީ މީހާއަށް ވަރަށް ވޭން ހުރި ކަމެއް
ކިހިލިފަތް ދުޅަވެ, ބޮޑެތި ބިހިތައް ނަގުމަކީ އެއީ މީހާއަށް ވަރަށް ވޭން ހުރި ކަމެއް
ކިހިލިފަތްދޮށުގައި ގޮށްލައި، ދުޅަވުމަކީ އަޅުގަނޑުމެން އެންމެންވެސް އެކަމާ ހާސްވެ ކަންބޮޑުވާ ކަމެކެވެ. ކިހިލިފަތް ދޮށުގައި މިގޮތަށް ދުޅަވެ ގޮއްލުމަކީ ބައެއް ފަހަރަށް ވަރަށް ވޭން ހުރި ވެސް ކަމެކެވެ.

ކިހިލިފަތްދަށުގައި ބިހިތައް ނެގުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ކިހިލިފަތްދަށުގައި ހުންނަ އިސްތަށިތައް ބޭލުމެވެ. އިސްތަށިބޭލުމުން ގިނަފަހަރަށް މިގޮތަށް އެ ނަގާ ބިހިތައް ނުވަތަ ދުޅަވާ ތަންތަން ވަރަށް އަވަހަށް ރަނގަޅުވެސް ވެދެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިގޮތަށް ބިހި ނެގުން ނުވަތަ ދުޅަވުމުގެ ފަހަތުގައި އަޅުގަނޑުމެންނަށް ނޭނގޭ ބޮޑެތި މައްސަލަތަކެއް ވެއެވެ. އެގޮތުން ބައެއް ހާލަތްތަކުގައި މިއީ އުރަމަތީ ކެންސަރު ފަދަ ބޮޑެތި ބަލިތަކުގެ ސަބަބެއް ކަމުގައިވެސް ވެެދެއެވެ. އެހެންކަމުން މިގޮތަށް ކިހިލިފަތްދަށުގައި ބިހި ނަގައި ދުޅަވުމުގެ އަސްލު ދެނެގަތުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ކިހިލިފަތްދަށުގައި ގޮއްލައި ދުޅަވަނީ ކީއްވެ؟

ކިހިލިފަތްދަށުގައި ގޮއްލައި ދުޅަވުމަށް މެދުވެރިވާ މައިގަނޑު ތިން ސަބަބެއް ވެއެވެ. އެގޮތުން ކިހިލިފަތްދަށުގައި ސިސްޓު އުފެދުމާއި، ލިންފް ނޯޑުތައް ދުޅަވުމާއި، އަދި މީގެ އިތުރުން އެކިކަހަލަ އިންފެކްޝަންތައް އުފެދުމަކީވެސް ކިހިލިފަތްދޮށުގައި ގޮއްލުމަށް މެދުވެރިވެދާނެ ކަންކަމެވެ.

ކިހިލިފަތްދަށުގައި ބިހި ނެގުމަށް މެދުވެރިވާ ބައެއް ސަބަބުތައް؛

އުރަމަތީ ކެންސަރު ޖެހުން

ކިހިލިފަތްދޮށުގައި ގޮއްލުމަކީ އުރަމަތީ ކެންސަރުގެ އަލާމަތްތަކުގެ ތެރެއިން އަލާމާތެކެވެ. އެގޮތުން ކިހިލިފަތްދޮށުގައި ގަނޑު ގަނޑަށް ދުޅަވެފައި ހުންނަ ލިންފް ނޯޑްތައް އުރަމައްޗަށް ފެތުރި ކެންސަރަށް ބަދަލު ވުމަކީ ވަރަށް ގާތް ކަމެކެވެ. އެހެންވީމާ މިގޮތަށް ދުޅަވެ ބޮޑުވާ ލިންފްނޯޑް ތަކަށް ފަރުވާތެރިވެ އޭގެ ހާލަތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެ ލިންފް ނޯޑްތައް ޓެސްޓްކޮށް ބަލައި އޭގެ އަސްލު ދެނެގަތުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

އުރަމަތީގެ އިންފެކްޝަންތައް

އުރަމަތީގެ އިންފެކްޝަންތަކުގެ ސަބަބުންވެސް ކިހިލިފަތްދޮށުގައި ގޮށްލައި ދުޅަވުމަށް މެދުވެރިވެއެވެ. އުރަމަތީގެ އިންފެކްޝަންތަކުގެ ސަބަބުން އުރަމަތީގެ ޓިޝޫ ތަކުގައި ޖަރާސީމު އުފެދި އޭގެ ސަބަބުން ކިހިލިފަތްދޮށުގައި ލިންފް ނޯޑުތައް ދުޅަވެއެވެ.

ސިސްޓު އުފެދުން

ކިހިލިފަތްދޮށުގައި އެކި ތަންތަން ދުޅަވުމަށް މެދުވެރިވާ އަނެއް ސަބަބަކީ ކިހިލިފަތްދޮށުގައި ސިސްޓު އުފެދުމެވެ. ކިހިލިފަތްދޮށުގައި ސިސްޓު އުފެދުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ކިހިލިފަތްދޮށުގައި ހުންނަ އިސްތަށީތައް ބޭލުމެވެ. މީގެ އިތުރުން ފާޑުފާޑުގެ އެންޓިޕާސިސްޓެންޓުތައް (ދާހިއްލުން ކުޑަކޮށްދިނުމަށް ބޭނުންކުރާ ތަކެތި) ބޭނުން ކުރުމަކީވެސް ކިހިލިފަތްދޮށުގައި ސިސްޓު އުފެދުމަށް މެދުވެރިވާ ސަބަބެކެވެ.

ލިޕޯމާ އުފެދުން

ލިޕޯމާ އުފެދުމަކީވެސް ކިހިލިފަތްދޮށް ދުޅަވުމަށް މެދުވެރިވާ ސަބަބެކެވެ. ލިޕޯމާއަކީ ފެޓު އެކުލެވިގެންވާ ޓިއުމަރު ތަކެކެވެ. މިފަދަ ޓިއުމަރު ތަކަކީ ކެންސަރަށް ބަދަލު ނުވާ ކަހަލަ ޓިއުމަރެވެ. ކިހިލިފަތުގައި ލިޕޯމާ ނެގުމުން އެ ސަރަހައްދު ހުންނާނީ ރަތްވެ ދުޅަވެފައެވެ. އަދި އޭގެ ތެރޭގައި ދޮސްވެސް އުފެދޭނެ އެވެ.

ކިހިލިފަތްދޮށުގައި ބިހިތައް ނެގުމަށް މެދުވެރިވާ ސަބަބު ދެނެގަނެވޭނެ އެކި ގޮތްތައް ހުރެއެވެ. އެގޮތުން އެ ތަނެއް ރަނގަޅަށް އެގްޒަމައިން ކުރުމާއި، އެތަނުން ޓިޝޫ ނަގައި ބައޮޕްސީ ހެދުމާއި، އެކްސްރޭ އަދި އެމްއާރްއައި ހެދުން ހިމެނެއެވެ.

ކިހިލިފަތްދޮށުގައި ނަގާ ބިހިތަކަށް ފަރުވާ ދެވޭނީ އޭގެ އަސްލު ސަބަބު ދެނެގަނެވިގެންނެވެ. ބައެއް ހާލަތްތަކުގައި ކިހިލިފަތްދޮށް ދުޅަވެ ބިހި ނެގުމުން ކިހިލިފަތުން އިސްތަށި ބޭލުން ދުވަސްކޮޅަކަށް ހުއްޓާލާށެވެ. އަދި ބޭނުން ކުރަމުން އަންނަ އެންޓިސިސްޓެންޓުތައް ބަދަލު ކުރާށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިފަދައިން ނަގާ ބިހިތައް ސާރޖަރީ ކޮށްގެން ނަގަން ޖެހޭ ފަހަރުވެސް އާދެއެވެ. އެހެންކަމުން ވީހާ އަވަހަކަށް ޑޮކްޓަރަށް ދައްކައިގެން މި ގޮށްތަކަކީ ކޮންކަހަލަ ސިއްހީ މައްސަލައެއްތޯ ދެނެގަނަން ޖެހޭނެއެވެ.

ޑޮކްޓަރީ ފަރުވާ

މިކަމަށް އާންމުކޮށް ދެވޭ ފަރުވާއަކީ ދުޅަވެފައި ހުންނަ ލިންފް ނޯޑް ތަކުގެ ތެރެއިން ގޯސް ލިންފް ނޯޑްތައް ނެގުމެވެ. މައްސަލައިގެ އަސްލު ދެނެގަނެވޭނީ އޭރުންނެވެ. ކެންސަރަށް ބަދަލު ނުވަނީސް އަވަހަށް ފަރުވާ ހޯދާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން