އިގުތިސާދީ ހާލަތު އެކަށީގެންވާ ވަރަށް ރަނގަޅުވުމުގެ ކުރިން ބުރިޖުން ޓޮލް ފީ ނުނަގާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ބުރިޖާއި ހައިވޭތައް ދެމެހެއްޓެނިވި ގޮތަށް ބެލެހެއްޓުމުގެ ގޮތުން އެ ތަންތަނުން ދަތުރުކުރާ އުޅަނދުތަކުން ޓޮލް ފީ ނަގަން ނިންމިކަން ސަރުކާރުން ހާމަކުރީ ރޭ "މާލެ ފެހި" ޕްރޮގްރާމް އިފްތިތާހްކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެގޮތުން ޓޮލް ފީ ކަނޑައަޅާނީ ކަމާ ބެހޭ ފަރާތްތަކާއި ދައުލަތުގެ ހުރިހާ އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށްވެސް ރޭ ހާމަކޮށްފައި ވެއެވެ.

ޓޮލް ފީ ނަގަން އުޅޭތީ އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ރައީސް ޑރ. މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ބްރިޖުން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއްނޫން ކަމަށެވެ.

އަދި ރޭ ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވާކަން ސަރުކާރުން ހާމަކުރީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލުވުމުގެ ކުރިން އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވަން." ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ސިނަމާލެ ބުރިޖުން ދަތުރުކުރާ ވެހިކަލްތަކުން ފީއެއް ނެގުމާމެދު ވާހަކަ ދެކެވުނެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނުގެނެ އެވެ.

އަދި އޭގެ ފަހުން އެމްޑީޕީ ވެރިކަމުގައި ވަނީ އެފަދަ ފީއެއް ނުނަގަން ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން