ބޮލީވުޑްގެ ތަރިން ތާޕްސީ ޕަންނޫ އާއި ވިކްރަންތު މާސޭ- ގޫގުލް ފޮޓޯސް
ބޮލީވުޑްގެ ތަރިން ތާޕްސީ ޕަންނޫ އާއި ވިކްރަންތު މާސޭ- ގޫގުލް ފޮޓޯސް
ތާޕްސީ އާއި ވިކްރަންތުގެ ފިލްމު "ޕިރް އާއޭ ހަސީން ދިލްރުބާ" ގެ ޓެރެއިލާ ނިކުމެއްޖެ!

ބޮލީވުޑުގައި މިހާރު އެންވިދުންގަދަ އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ތާޕްސީ ޕަންނޫ އާއި ވިކްރަންތު މާސޭގެ ކުރިއަށް އޮތް ފިލްމު "ހަސީން ދިލް ރުބާ" ގެ ޓްރެއިލަރ ނިކުމެއްޖެއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ޕިރް އާއެ ހަސީން ދިލްރުބާ" ގެ ޓްރެއިލަރު ނެރެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ފިލްމަކީ ވަރަށް ގިނަ މިހުންގެ މަގުބޫލުކަން ލިބުނު ފިލްމެއް ކަމަށްވާ "ހަސީން ދިލްރުބާ"ގެ ދެވަނަ ބައެވެ. މި ޓްރެއިލާއިން ފެންނަ ގޮތުގުގައި މި ފިލްމަކީ ލޯތްބާއި ހިޔާނާތުގެ މުޅިންވެސް ތަފާތު ކަންތައްތަކެއް ފެނިގެންދާނެ މޮޅުފިލްމެކެވެ.

ފިލްމުގައި ތާޕްސީ ކުޅޭނީ ރާނީގެ ރޯލަށް ވީއިރު ވިކްރަންތު ކުޅޭނީ ރިޝޫގެ ރޯލެވެ. މި ފިލްމުގެ ޓްރެއިލާއިން ރާނީ އާއި ރިޝޫ އެމީހުންނަށް މާޒީގައި ދިމާވެފައިވާ އެކި ދަތި އުނދަގޫތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއި، އެމީހުންނަށް ދިމާވާ އެކި ގޮންޖެހުންތައް ފެނިގެން ދެއެވެ. އެމީހުންގެ ދިރިއުޅުން ހަމެޖެހިލެވޭއިރަށް ސުނީ ކޯޝަލްގެ ކެރެކްޓަރު އަބިމަންޔޫ އައުމުން އަނެއްކާވެސް އެމީހުންގެ ދިރިއުޅުމުގައި އުނދަގޫތަކެއް ތަހައްމަލު ކުރަންޖެހޭތަންވެސް މި ފިލްމުގެ ޓްރެއިލަރުން ފެނެއެވެ.

މިފިލްމު އިތުރަށް ފުރިހަމަވެގެންދަނީ ޖިމީ ޝޭގްރިލްގެ ކެރެކްޓަރު ކަމަށްވާ މޮންޓޫ ޗާޗާ ގެ ސަބަބުންނެވެ. އޭނާ އަކީ އަމިއްލަ ކޮންމެވެސް މަގްސަދެއް ހާސިލްކުރުމަށް ރާނީ އާއި ރިޝޫގެ ސިއްރުތަކާއި ދޮގުވާހަކަތައް ފަތުރުމަށް މަސައްކަތް ކުރަމުންގެންދާ ފުލުސް އޮފިސަރެކެވެ. ދެންފެންނަނީ ފުލުހުން އެމީހުންގެ ފަހަތުން ނުނެއްޓި އުޅެންފެށުމުން، އިތުބާރު ކުރާނެ އެހެން މީހެއް އެއްވެސް އިތުރު މީހެއް ނެތި ރާނީއާއި ރިޝީ އަނެއްކާވެސް އެމީހުން ކުރިން ތަހައްމަލް ކުރަންޖެހުނު ދަތި އުދަގޫތަކާ ކުރިމަތިލާ ތަނެވެ.

https://youtu.be/4DjDs9Ir9es?si=JQvPPoI3mUypT--s

މި ޓްރެއިލާ ބެލުމަށް ފަހު ބެލުންތެރިން ތިބީ ލޯތްބައްޓަކާ ކިހާ ހައްދަކަށް އެދެމީހުން ދާނެ ކަމާމެދު ސުވާލު އުފެދި، ފިލްމު ނިކުންނާނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދު ވެފައެވެ.

ފިލްމާ ބެހޭގޮތުން ޕިންކް ވިލާގައިވާ ރިޕޯޓްކޮށްފައި ގޮތުގައި ރާނީގެ ރޯލު އަނެއްކާވެސް ކުޅުމުގެ ފުރުސަތު ލިބުމުން ތާޕްސީ ހުރީ އެކަމާ ވަރަށް އުފާވެފައެވެ. އަދި މި ފިލްމަށް ލިބުނު ތަރުހީބާއި ލޯބީގެ ސަބަބުން އޭނާގެ ހިތް ފުރިފައިވާ ތަފްސީ ބުނެފައިވާ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

މީގެ އިތުރުން މިފަހަރު އޭނާ ފެނިގެންދާނީ މާ ވަރުގަދަ، އަދި ބިރުކުޑަ ކެރެކްޓަރެއްގެ ގޮތުގައި ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ. ތާޕްސީގެ އިތުރުން ވިކްރަންތުވެސް ވަނީ އޭނާގެ ކެރެކްޓަރާމެދު މިފަދަ ޝުއޫރުތަކެއް ހިއްސާކޮށްފައި ކަމަށެވެސް ރިޕޯޓުގައި ވެއެވެ.

ޖޭޕްރަދް ދޭސައި ޑައިރެކްޓުކުރާ މި ސީކުއެލް ފިލްމު ނެޓްފްލިކްސް އިން ޕްރިމިއާ ކުރަން ހަމަޖެހިފައިވަނީ މި އަންނަ އޮގަސްޓު މަހުގެ 9 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން