މަރްޔަމް ނަހްދާ ވަޙީދު   26 ޖުލައި 2024 - 3:8
ބޮލުގައި ރިއްސުމާއި މައިގްރޭންގެ މައްސަލައަކީ ގިނަބަޔަކަށް ކުރިމަތިވާ މައްސަލަތަކެއް- ގޫގުލް ފޮޓޯސް
ބޮލުގައި ރިއްސުމާއި މައިގްރޭންގެ މައްސަލައަކީ ގިނަބަޔަކަށް ކުރިމަތިވާ މައްސަލަތަކެއް- ގޫގުލް ފޮޓޯސް
ބޮލުގައި ރިއްސުމާއި މައިގްރެއިން މައްސަލައަކީ ގިނަބަޔަކަށް ކުރިމަތިވާ މައްސަލަތަކެކެވެ. މައިގްރެއިން އަކީ ވަރަށް ވޭން ދެނިވި ކަމެކެވެ. ގިނަ މީހުން މައިގްރެއިން ސިފަކޮށްދެނީ ބޮލުގެ އެއްފަރާތަށް އަރާ ރިހުމެއްގެ ގޮތުގައެވެ. އަދި އެހެން މައިގްރެއިން އަންނަ ގަޑީގައި ބޮލުގެ އެއްފަރާތް އެއްޗަކުން ތަޅާހެން ހީވާކަމަށްވެސް ގިނަ މީހުން ބުނެއެވެ. މައިގްރެއިންގެ ވޭން ތަހައްމަލު ކުރަމުންދާ މީހުންނަށް ކުރިމަތިވާ ކަންކަމުގެ ތެރޭގައި މޭ ނުބައި ކުރުމާއި، އަލިގަދަ ވުމުން އުނދަގޫ ވުމާއި އަދި ހޮޑުލެވުން ފަދަ ކަންކަން ހިމެނެއެވެ.

މައިގްރެއިން ޖެހުމަށް ދިމާވާ އެކިއެކި ކަންތައްތައް ވެއެވެ. އެގޮތުން މައިގްރެއިން އެޓޭކެއް އައުމަށް މެދުވެރިވާ ސަބަބު ތަކުގެ ތެރޭގައި ވަކި ކަހަލަ ކާނާތަކެއް ކެއުމާއި، ހޯމޯންތަކަށް އެކި ކަހަލަ ބަދަލުތައް އައުމާއި އަދި މާ ބޮޑަށް ސްޓްރެސްވުން ފަދަ ކަންކަން ހިމެނެއެވެ. ގިނަފަހަރަށް ބޮލުގައި ރިއްސައިގެންފިނަމަ ނުވަތަ މައިގްރޭނެއްގެ އަސަަރުކޮށްފިނަމަ، އެންމެ ފަސޭހައިން ރަނގަޅުކޮށްލެވޭ ގޮތަކީ ތަދުކަނޑުވާ ބޭހެއް ބޭނުންކުރުމެވެ. ނަމަވެސް ބައެއް މީހުން މައިގްރެއިން އިން ލުއި ހޯދުމަށް ކޮފީ ބޭނުންކޮށްވެސް އުޅެއެވެ.

މައިގްރެއިންގެ ސަބަބުން ދިމާވާ ވޭންދެނިވި ރިހުމަށް ލުޔެއް ހޯދުމުގެ ގޮތުން ގިނަ ބަޔަކު ކޮފީ ބޭނުން ކުރި ކަމުގައި ވީނަމަވެސް މިއީ މައިގްރެއިން ރިހުން ރަނގަޅުކުރުމަށް ސިއްހީ މާހިރުން ލަފާދޭ ގޮތެއް ނޫނެވެ.

އެޗްޓީ ލައިފްސްޓައިލް އަށް ދިން އިންޓަވިއުއެއްގައި މުމްބާއީ ސެންޓްރަލްގެ ވޮކްހަރޑްޓް ހޮސްޕިޓަލްސްގެ ނިއުރޮލޮޖިސްޓް ޑރ ޝީތަލް ގޯޔަލް ވިދާޅުވިގޮތުގައި ކޮފީ ބުއިމަކީ މައިގްރެއިން އަށް އޮތް ސްޓޭންޑަޑް ފަރުވާއެއް ނޫނެވެ. އަދި މީގެ އިތުރުން އޭނާ ބުނެފައިވަނީ ބައެއް ހާލަތްތަކުގައި ކޮފީ ބުއިމަކީ މައިގްރެއިން ކުރިމަތިކުރުވާ ކަމެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކޮފީ ބުއިމުން ބައެއް ފަހަރު މައިގްރެއިން ރަނގަޅު ވީ ނަމަވެސް އެއީ މައިގްރެއިންގެ ސަބަބުން ދިމާވާ ރިހުމަށް އޮތް ދާއިމީ ފަރުވާއެއް ނޫން ކަމަށެވެ.

މި އިންޓަވިއުގައި ޑރ. ޝީތަލް ވަނީ މައިގްރެއިން ތަދު ފިލުވައިދިނުމަށް ކޮފީ އެހީވެދޭ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. މިކަމަށް އަލިއަޅުވާލަމުން ޑރ. ޝީތަލް ބުނެފައިވަނީ މައިގްރެއިން އަކީ ސިކުނޑީގައި ގުދުރަތީ ގޮތުން އުފެދޭ މާއްދާއެއް ކަމަށްވާ އެޑެނޯސިން ލެވެލްތައް އިތުރުވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމުގައެވެ. އެޑެނޯސިންއަކީ ސިކުނޑީގެ އިލެކްޓްރިކަލް ހަރަކާތްތައް ކޮންޓްރޯލް ކޮށް، ލޭ ހޮޅިތަކުގެ ހަރަކާތްތައް ކޮންޓްރޯލު ކުރުމުގެ އިތުރުން ނިދުމާއި ހަރަކާތްތެރިވުމުވެ ބައެއް ކަންތައްތައްވެސް ކޮންޓްރޯލު ކުރާ މާއްދާއެއްކަމަށެވެ.

އަދި ޑރ. އިތުރަށް ބުނެފައިވަނީ އެޑިނޯސިން މަސައްކަތް ކުރަނީ ސިކުނޑީގެ ބައެއް ސެލްތަކުގެ މަތީގައި ހުންނަ ވަކި ރިސެޕްޓަރ މޮލިކިއުލްތަކެއްގައި ތާށިވުމުގެސަބަބުންކަމަށެވެ. އަދި ކެފެއިން އިން މި ރިސެޕްޓަރތަކުގެ މަސައްކަތް ހުއްޓުވާ ކަމަށާއި، އެކަމުގެ ސަބަބުން އެޑިނޯސިންގެ އަސަރުތައް ހުއްޓުވޭނެ ކަމަށްވެސް ޑރ. ޝީތެލް ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ބައެއް ފަހަރު ކޮފީ ބުއިމުން ބޮލުގެ ރިހުން ރަނގަޅުވެ މައިގްރެއިން ރަނގަޅުވާކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް މިއީ މައިގްރެއިން އަށް އޮތް ދާއިމީ ހައްލެއް ނޫން ކަމަށްވެސް ޑރ. ޝީތަލް ބުނެއެވެ.

ކޮފީއަކީ ސިއްހީ އެތައް މައްސަލަތަކަށް އޮތް ހައްލެއް ކަމުގައިވީނަމަވެސް މާ ގިނައިން ކޮފީ ބުއިމަކީވެސް ރަނގަޅު ކަމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން