ރާއްޖޭގެ 59 ވަނަ މިިނިވަން ދުވަސް މިއަދު ފާހަގަކުރާއިރު ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭތާ 14 އަހަރު ވެއްޖެ ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރެއްވި އުމަރު މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ފޭސްބުކްގައި ވިދާޅުވީ މިއަދަކީ އިންޑިޔާގެ އަސްކަރިއްޔާ ރާއްޖޭގައި ފައިހަރުކޮށްލިތާ 14 އަހަރާ، 4 މަހާ، 26 ދުވަސް ފުރޭ ދުވަސްވެސް ކަމަށެވެ.

އުމަރު ވިދާޅުވީ އިންޑިޔާގެ އަސްކަރިއްޔާ ރާއްޖެއަށް އައީ 4 މާރިޗް 2010 ވަނަ އަހަރު، އޭރުގެ ސަރުކާރާ އެކު ހެދި 2 އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކަމަށެވެ. އަދި އެ އެއްބަސް ވުމަށް 14 އަހަރު ފުރިގެން ދިޔައިރު އެމީހުންގެ އުޅަދުތަކާ، މީހުންގެ އަދަދު ދިޔައީ މައްޗައް ކަމަށާއި ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާކަން ވެސް އުމަރު ފާހަގަކުރެއްވި އެވެ.

"އެމީހުންގެ މަދަދުގައި ވެރިކަމަށް އަންނަ ޕާޓީތަކާ، އެމީހުންނަށް ފާޑުކިޔަމުން އަންނަ ޕާޓީތައްވެސް ދަނީ މި އެއްބަސްވުން ދަމަހައްޓަމުންނެވެ. ޚާރިޖީ ގުޅުންތަކާ ސަލާމަތީ ގުޅުންތަކުގައި އެންމެފަހުބަސް އަދިވެސް ބުނަނީ އިންޑިޔާ އިންނެވެ. އިންޑިޔާގެ އަސްކަރިއްޔާ ރާއްޖޭގެ ފަސްފަޑުގައި ތިބިތިބުމަކީ، ދިވެހި ރާއްޖޭގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެކެވެ." ރައީސް ޔާމިންގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު އެފަދަ އެއްވެސް ކަންބޮޑުވުމެއް ފާޅުކުރައްވާފައިނުވާ އުމަރު މިއަދު ވިދާޅުވި އެވެ.

އެހެންކަމުން ﷲގެ ވާގިފުޅާއެކު އިންޑިޔާގެ އަސްކަރިއްޔާ ރާއްޖޭން ފޮނުވާލެވި، ފުރިހަމަ މިނިވަންކަމާ އަމިއްލަވަންތަ ކަމުގައި ދެމިއޮތުމުގެ ހެޔޮތައުފީގު ދިވެހީންނަށް ދެއްވުމަށް އެދި އުމަރު ވަނީ ދުއާ ކުރައްވާފަ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް އުމަރު ވިދާޅުވި ނަމަވެސް މި ސަރުކާރުން އެކަން ދޮގު ކުރެއެވެ. އަދި މިދިޔަ ފެބްރުއަރީމަހުން ފެށިގެން ޑޯނިއާ ބޯޓުތަކާއި ހެލިކޮޕްޓަރު ދުއްވަން ތިބެނީ އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ މީހުން ވެސް ތިބޭނީ ދެ އަހަރަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން