އަހަރެމެންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ އެންމެ ބޮޑު އެއް ނިޢުމަތަކީ އަހަރެމެން ބޮއިހަދައިއުޅޭ ފެނެވެ. މާތްރަސްކަލާނގެ ހުރިހައި އެއްޗެއް ހައްދަވާފައި ވަނީ ފެނުންނެވެ. އެކަލާނގެ ވަނީ ކީރިތި ޤުރުއާނުގައި މިކަން ބަޔާންކުރައްވާފައެވެ. ހުރިހައި ދިރުންތަކަށް ފެނުގެ ހާޖަތް ޒަރޫރަތްވެގެންވެއެވެ. އަހަރެމެން އިންސާނުންނަށް އަދި އެނޫން މަޚްލޫޤުންނަށް ވެސް ފެނާއި ނުލައި ނޫޅެވޭނެއެވެ.

އިހުގައި މީސްތަކުންނަށް ހީވެފައި އޮންނަ ގޮތުން ފެނަކީ ބިމުގެ އަޑީގައި ހިތަކަށް އުފެދޭ އެއްޗެކެވެ. އެކަމަކު މާތްރަސްކަލާނގެ ވަނީ އެކަލާނގެ ކުޅަދުންވަންތަކަމުން ފެން ހައްދަވާ ގޮތް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައެވެ.

އަލްޙިޖްރު ސޫރަތުގެ 22 ވަނަ އާޔަތުގައި މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ.

﴿22﴾ وَأَرْسَلْنَا الرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَسْقَيْنَاكُمُوهُ وَمَا أَنتُمْ لَهُ بِخَازِنِينَ

މާނައަކީ: "ތިމަންރަސްކަލާނގެ ވައިރޯޅިތައް ފޮނުއްވީމެވެ. (ވިލާތަކާއި ގަސްގަހާގެހި) ތަލްޤީޙް ކުރާ (އެބަހީ: ދަރިމައިކުރާ) އެއްޗެއްގެ ގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ވާރޭވެއްސެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެ ފެން ބޯންދެއްވީމެވެ. އަދި އެ ފެން ރައްކާކޮށް ޚަޒާނާ ކުރެވޭނެ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެތެވެ. (އެބަހީ، އެ ފެން، ކޯރުކޯރުގައްޔާއި، ކުޅިތަކުގައްޔާއި، ވަޅުވަޅުގައްޔާއި، ބިމުގެ އަޑީގައި ރައްކާވެފައި ހުންނަ ގޮތް މެދުވެރިކުރީ ތިޔަބައިމީހުންނެއް ނޫނެވެ. އެގޮތުގައި އެ ފެން ހުންނަ ގޮތާއި، ވެހޭ ގޮތް މެދުވެރިކުރެއްވީ ތިމަންރަސްކަލާނގެއެވެ.)"

އައްނަމްލު ސޫރަތުގެ 10 ވަނަ އާޔަތުގައި އެސުވާމީންގެ ވަޙީކުރައްވާފައިވެއެވެ.

﴿10﴾ هُوَ الَّذِي أَنزَلَ مِنَ السَّمَاءِ مَاءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ

މާނައަކީ: "ތިޔަބައިމީހުންނަށްޓަކައި، އުޑުން ވާރޭފެން ބާވައިލެއްވީ، އެކަލާނގެއެވެ. އެ ފެނުން (ތިޔަބައިމީހުންނަށް) ބުއިމެއްވެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތައް އެއިން ހުއިހައްޕާ ގަސްތަކާއި، ވިނަތައް، އެ ފެނުގެ ސަބަބުން ހެދެއެވެ."

އަލްމޫމިނޫން ސޫރަތުގެ 18 ވަނަ އާޔަތުގައި އެސުވާމީންގެ ވަޙީކުރައްވާފައިވެއެވެ.

﴿18﴾ وَأَنزَلْنَا مِنَ السَّمَاءِ مَاءً بِقَدَرٍ فَأَسْكَنَّاهُ فِي الْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَادِرُونَ

މާނައަކީ: "އަދި ތިމަންރަސްކަލާނގެ، ވަކި މިންވަރަކަށް އުޑުން ފެންބާވައިލެއްވީމެވެ. ފަހެ، އެ ފެން ތިމަންރަސްކަލާނގެ ބިމުގައި ހަރުލެއްވީމެވެ. އަދި ހަމަކަށަވަރުން، އެ ފެން (ތިޔަބައިމީހުންނަށް އަތުނުވާ ހިސާބަށް) ގެންދެވުމަށް، ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވަމެވެ."

ދުނިޔޭގައި އުޅޭ މީހުންނަށްޓަކައި އެކިއެކި ގޮތްގޮތަށް، ކޯރާއި ކުޅިއާއި ވަޅުވަޅު ކޮނެގެން ނެގޭ ގޮތަށް ބިމު އަޑީގައި ލައްވާފައިވާ ކަމީ އެސުވާމީންގެ އޯގާވަންތަކަމެވެ. އަދި ހަމަ އެހެންމެ ވެހޭ ފެނުގެ އިސްތިޢުމާލުކުރެވޭނޭ ފަދައަކުން ވާރޭ ވެއްސަވާކަމީ ކޮން ފަދަ ބޮޑު ނިޢުމަތެއްތޯއެވެ.

ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ. މާތްރަސްކަލާނގެ ބިމު އަޑީގައި ފެން ރައްކާކުރައްވާފައިވާ ފަދައިން ތެލާއި، ބޯޓުދެއްޔާއި، އެކި ޒާތްޒާތުގެ މަޢުދަންތައްވެސް ބިމު އަޑީގައި ލައްވާފައިވެއެވެ. އެހެންނަމަވެސް އެކަލާނގެ ޙިކްމަތްވަންތަކަމުން އަދި އެކަލާނގެ އޯގާވަންތަކަމުން ބިމު އަޑިއަށް އޮހިގެން ގޮސް، ބިމު އަޑީގައި ރައްކާކުރެވޭ ފެން ސާފުޠާހިރުކަންމަތީ، ބިމު އަޑީގައިވާ ތެލާއި، ބޯޓުދެއްޔާއި އަދި އެހެނިހެން ތަކެއްޗާ އެއްވެ ތަޣައްޔަރު ނުވާނޭ ފަދައިން ބަހައްޓަވާ ކަމީ ކިހާ ބޮޑު ނިޢުމަތެއްތޯއެވެ؟



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން