މަސް ކިރާތާ ދެ ހަފްތާގެ ތެރޭގައި ދެން މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ވެރިކަމަށް އައިފަހުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުން ލަސްވެ އެތައް ފަހަރަކު މަސްވެރިން މުޒާހަރާކޮށްފައި ވެއެވެ.

ނަމަވެސް ބައިބަޔަށް ބަހާލައިގެން ކުރިން ނުދީ ހުރި ފައިސާ ދީ ނިންނާފައި ވާއިރު މި ސަރުކާރުން ދޫކުރި ފައިސާގެ އަދަދު މިހާރު ވަނީ ބިލިއަން ރުފިޔާ ފަހަނައަޅައިފަ އެވެ.

ރޭ އެސްއެސްޓީވން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ މިހާރު މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގް އެއްކޮށް ކްލިއާކޮށްފައިވާ ކަމަށެވެ.

"މިހާރު ދެން ކޮންމެ ދެ ހަފުތާއަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައި އެ ގޮތަށް ގަވާއިދުން ފައިސާ ދެވެމުން އެބަ ދެވޭ،" ޝިޔާމް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް އޮތީ ވައުދުވެފަ އެވެ.

ޝިޔާމް ވިދާޅުވީ އެކަން އެގޮތަށް ނުވެ މި ސަރުކާރުގެ ކުރީ ކޮޅު ފައިސާ ދެއްކުމުގައި ލަސްތަކެއް ދިމާވީ ކުރީ ސަރުކާރުން މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރުމުން ކަމަށާއި އެއާއެކު މިފްކޯގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވި ކަމަށެވެ.

ޝިޔާމް ރޭ ވިދާޅުވީ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރެވޭވަރު ވާނީ ދުނިޔޭގެ ބާޒާރަށް ޕްރޮސެސްކޮށްފައިވާ މަހުގެ އުފެއްދުންތައް ނެރޭ ނިސްބަތް އިތުރުކޮށް ރަނގަޅު އާމްދަނީއެއް މިފްކޯއެއް ލިބެން ފެށުމުން ކަމަށެވެ.

އަދި ސަރުކާރުގެ އަމާޒަކީ މިފްކޯ އެފަދަ ކުންފުންޏަކަށް ހެދުން ކަމަށާއި މިސްރާބު މިހާރު ހުރީ އެގޮތަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން