މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިއްކަމުންދާ ގުޅިފަޅާއި ގިރާވަރު ފަޅު އަދި ދަނޑުވެރިކަމަށް ތަރައްގީކުރާ އުތުރުތިލަފަޅު ބުރިޖަކުން ގުޅާލަން ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކުރުމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލު ކުރުމަށް މިރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ގުޅިފަޅުން އުތުރުތިލަފަޅާއި ހަމައަށް ގުޅާލުމަށް ނިންމަވާ 2026 ވަނަ އަހަރު އެކަމުގެ އަމަލީ މަސައްކަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާކަމަށެވެ.

އަދި ސަރުކާރުން ތަރައްގީކުރާ ބުރިޖުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުނިތަކާއިއެކު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ވެސް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އާޒިމް ވިދާޅުވީ, ލާމަރުކަޒީ ގާނޫނު ބުނާގޮތުން އެފަދަ މަސައްކަތްތައް ހިންގަންޖެހެނީ ކައުންސިލްތަކުން ކަމަށް ވީނަމަވެސް, އެފަދަ ބިޔަ ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލުކަން ކައުންސިލްގެ ބަޖެޓުގައި ނުހުންނަކަމަށެވެ. އެހެންކަމުން މިފަދަ މަޝްރޫއުތައް މައި ސަރުކާރުން ކުރިއަށް ގެންދާއިރު ވެސް ގެންދަންވާނީ ސިޓީ ކައުންސިލާއި ގުޅިގެންކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

އަދި އެކަމުގެ ޔަގީންކަން މިހާރު ވެސް ސަރުކާރުން ދެއްވާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ, އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފައްޓަވާނެ ކަމަށާއި އެތަނުގައި ސަރުކާރުން ތަރައްގީކުރާ އެކި ބާވަތުގެ ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ގުޅިފަޅުން އުތުރުތިލަފަޅާއި ހަމައަށް ބުރިޖަކުން ގުޅާލުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުއިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ރަސްމާލެ ތަރައްގީކޮށް ކަނޑުއަޑީގެ ޓަނަލަކުން މާލެއާއި ގުޅާލައްވާނެކަމަށް ކުރިން ރައީސް ވިދާޅުވުމާއި ގުޅިގެން އާޒިމްވަނީ, އެކަމަށްވުރެ މިހާރުން މިހާރަށް އެންމެ ބޭނުންވާނީ މާލެ ސަރަހައްދުގެ ރައްޔިތުން އާބާދުކުރުމަށް މިހާރު ހިއްކަމުންދާ ރަށްތަކަށް ފަސޭހައިން ދަތުރު ކުރެވޭގޮތަށް ބުރިޖަކުން ގުޅާލެވޭނެގޮތް ހެދުންކަމުން އެކަމަށް އިސްކަން ދިނުމަށް އާޒިމް އެކި ހަފްލާތަކުގައި ތަކުރާރުކޮށް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން